ގާސިމާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން އުޅޭ ކަމަށާއި އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެކަމަށް އިއްތިހާދު ބުނެފި

އަބްދުﷲ ފާއިގް ޖެނުއަރީ 24 2008، 17:27 17 ޚިޔާލު

ރައްޔިތުންގެ ހާއްޞަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް އިތުބާރު ނެތްކަމަށް ޑީއާރުޕީން ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ ދެކޮޅަށް ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށް ގައުމީ އެއްބައިވަންތަކަމުގެ އިއްތިހާދުން ބުނެފި އެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ގުޅުމުން ދެކުނު އަރުމާޒުގެ ނަމުގައި ދެކުނުގެ ރަށްތަކަށް މިހާރު ކުރަމުންދާ ދަތުރުގައި ލ ގަމު, މުކުރިމަގު އަވަށުގައި ހުންނަ ހުމަދު ބިން ހަލިފާ އަލް ސާނީ ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ދިވެހިރައްޔިތުންގެ ޑިމޮކުރެޓިކް ޕާޓީ(އެމްޑީޕީ) ނާއިބު ރައީސް އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވީ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ތިއްބެވި ދިވެހިރައްޔިތުންގެ ޕާޓީ(ޑީއާރުޕީ) ނިސްބަތްވާ މެންބަރުން ގާސިމް އިބްރާހިމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ތައްޔާރު ވަމުންދާ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ގައުމީ ފެންވަރުގައި ކުރާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްއާ ނުކުޅެވޭނެ ކަމަށާއި މަޖިލީހުގެ ރައީސަކީ މަޖިލީހުގެ މެންބަރުގެ ތާއީދު ލިބިގެންވާ އެމީހުން ހޮވާފައިވާ ބޭފުޅެއް ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ ހާއްސަ މަޖުލީހުން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތަށާއި އަދި ގާސިމް އިބުރާހިމް އަޒުމް ފުޅާ ކުޅުމަށް ޑީއާރުޕީން އުޅޭ ކަމަށާއި އެމަޖުލީހުގައި އެފަދަކަމެއް ކާމިޔާބު ވިޔަ ނުދޭނެ ކަމަށެވެ.

މައުމޫނަށް އިސްލާހީ ބަދަލުތަކެއް ގެނެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ފައިދާ ހުރި އިސްލާހީ ބަދަލުތަކެއް ގެނެވޭނީ އިންތިގާލީ ސަރުކާރެއް ގާއިމު ކުރެވިގެން ކަމަށް ޒަކީ ވިދާޅުވި އެވެ. އަދި ރައީސް މައުމޫނަށް ވެރިކަމުގައި ހުރެގެން އެކަންކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.

ޑީއާރުޕީ އަކީ ޑިމޮކްރަސީގެ އުސޫލުތައް ގެންގުޅެމުންދާ ޕާޓިއެއް ނޫންކަމަށާއި އެޕާޓީގައި ހިގަމުންދާނީ މައުމޫނާ އެނާގެ ދުވަސްވީ އެކުވެރިންގެ ބާރުކަމަށް ޒަކީ ވިދާޅުވި އެވެ. އެހެންކަމުން ޑީއާރުޕީން ރަނިން މޭޓެއް ނުނެރެވިގެން އުޅެނީ އެ ސަބަބަށްޓަކާ ކަމަށާއި އެފަރާތުގައި އޮތީ އެންދެރިމާގެ އާއިލާ ކަމަށެވެ. އަދި އަނެއް ފަރާތުގައި އޮތީ ކާމިނީގެ އާއިލާކަމަށް ވެސް ޒަކީ ވިދާޅުވި އެވެ. ޒަކީގެ ވާހަކައިގައި މައުމޫނު މިގައުމުގެ ވެރިކަމަށް ވަޑައިގެންފައި ވަނީ ރައްޔިތުންގެ ތާއިދު އޮވެގެން ނޫން ކަމަށާއި ބަޔަކު އެނާ އެތަނަށް ލީ ކަމަށެވެ.

ރޭގެ ޖަލްސާގައި އިންތިގާލީ ސަރުކާރަކާއި ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާއި ދިނެވެ. އޭގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގއ އަތޮޅުގެ މެންބަރު އަދުނާނު ހަލީމާއި އިސްލާމިކު ޑިމޮކުރެޓިކް ޕާޓި(އައިޑީޕީ) ގެ ދެކުނު ސަރަހައްދުގެ ރައީސް އިސްމާއިލް ހަސަން މަނިކާއި އަދި އެމްޑީޕީގެ ޗެއާރޕާޝަން މުހައްމަދު ނަޝީދު( އަންނި ) ވަނީ ވާހަކަދައްކާ ފަ އެވެ. ރޭ ގެ މިޖަލްސާގައި ގަމުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ޒަކީ މައުމޫނަށް ސަނާ ކީ މީހެއް. މިއަދު މައުމޫނާ އިދިކޮޅުވެގެން އުޅެނީ ވަޒީރު ކަމުގެ މަސްއޫލިއްޔަތާއި މުޖުތަމައު ގަބޫލް ނުކުރާ ފެންވަރަށް ތިމާގެ އަޚުލާގު ދަށް ވުމުގެ ސަބަބުން ވަޒީރު ކަމުގެ ގޮނޑިން ބޭރުކޮށްލީމާ...

    ބުރާސްފަތި، ޖެނުއަރީ 24 2008، 18:20
  2. މައުމޫނު އަށް ކާބަފަ އިން އަދިބަފައިންވެސް ސަނާކީ ކުރިން . މިހާރު އެންމެން ވެސް ގޮވަނީ މައުމޫނު އިސްތިއުފާ ކީއްވެބާ މުޖުތަމައުން މައުމޫނު ގަބޫލުކުރޭބާ ؟؟؟؟

    ބުރާސްފަތި، ޖެނުއަރީ 24 2008، 19:06
  3. ގައުމުގައި މަސްތުވާތަކެއްޗާ، ފޭރުމާ، ވައްކަމާ ކަޓަރުއެޅުން ފެތުރިގެން ދިޔައީ މައުމޫނު ވެރިކަމުގަ. ކިހިނެއްދެން މުޖުތަމައު ގަބޫލުކުރާނީ މައުމޫނު. ނުކުރާނެ. އަދި އަމުދުން އަޅުގަނޑުމެން ޒުވާން ޖީލެއް ނުކުރާނަން މައުމޫނެއް، އަދި ޒަކީއެއްވެސް ގަބޫލެއް. އެމް ޑީ ޕީ އިން ސުޢޫދު މެން ކަހަލަ ހަރުދަނާ މީހަކު ކުރިމަތިލާބަލަ ރައީސްކަމައް އޭރުން އަޅުގަނޑުމެން ވޯޓް ލާނަން. މުނައްވަރު ކަމަކު ނުދޭ =ނައިންޓެ=

    ބުރާސްފަތި، ޖެނުއަރީ 24 2008، 21:14
  4. ގާސިމަކީ ހަރުދަނާ ލީޑަރެއް. ހަރުދަނާ ޕާޓީއަކައް ވަންޏާ އެފަދަކަމެއް ކޮއްގެން ނުވާނެ =9=

    ބުރާސްފަތި، ޖެނުއަރީ 24 2008، 21:21
  5. ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް މީހުން ސަނާކިޔާ. އެންމެވެސް މައުމޫނަށް ސަނާ ކިޔަނީ މަޤާމާއި ޖާހާއި ޢިއްޒަތް ލިބެނީ އެކަން ކުރުމުންކަމަށްވާތީވެ. މައުމޫނު ޢަބްދުލްޤައްޔޫމު ދިވެހިނަށް ދައްކައިދިނީ އެގޮތްނޫން ގޮތަކުން ކުރިމަގެއް ނެތްކަން. މިހާރު އިސްތިއުފާދިނުމަށް ގޮވާލަމުން އެގެންދަނީ ސަނާކިޔާކިޔާ މީހުންތަށް ފޫހިވެގެން. އަބަދު އެކަޗެއް ކިޔަންވީމާ ފޫހިވާނެނޫންތޯ. އެބޭފުޅާއަށް މިހާރުހުންނާނީ އެއްފަހަރަކަށް ވާވަރަށް ރައީސްކަން ކުރެވިފައި. އަޅުގަނޑުވެސް މިގޮވާލަނީ މައުމޫނު ޢަބްދުލްޤައްޔޫމް އިސްތިއުފާދެއްވާށޭ. މިހާރު މަނިކުފާނަށް ޤައުމުގެ ރައީސްކަން ކުރެވިއްޖެއޭ. =ދިވެހިދަރިއެއް=

    ބުރާސްފަތި، ޖެނުއަރީ 24 2008، 21:52
  6. ޒަކީ ދައްކާވާހަކަ ކުޑަކުދިންވެސް ގަބޫލު ނުކުރާނެ. މީހާގެ އަހުލާގީ ފެންވަރު ވަރަށްވުރެ ދަށްވީމަ މިހެންވާނެ. އަައްބާސް އާ ދެކޮޅަށް އިތުބާރު ނެތްކަމަށް ވޯޓް ނެގިއިރު އެއީ މެންބަރުން ހޮވާފައި ހުރި މީހެއް ކަމެއް ޒަކީ އަކަށް ނޭގުނުދޯ.

    ބުރާސްފަތި، ޖެނުއަރީ 24 2008، 22:55
  7. އަހުލާގުގެ ވާހަކަ ނުދައްކާ. މިވެރިކަމާ ހުރެ ގައުމުގެ މީސްތަކުން ނަށް ހިނގެނީ ޒާތަކަށް. އެއް ބަޔަކު ޑްރަގާ ހުރެ . އަނެއް ބަޔަކު އަރިސް ވެގެން ގޮސް އަބުއި ވެ އަމައްޔާތް ވެގެން ދިޔައީ.. ރީތި ވާހަކަ ދައްކާނަމޭ ހިތާ އެބައުޅޭ ނުން.

    ހުކުރު، ޖެނުއަރީ 25 2008، 01:34
  8. ޒަކީ އާއި މުނައްވަރު މެންގެ ދައްކާ ވާހަކަ ގަބޫލް ކުރާނީ ޑިމޮކްރަސީ އާ ދެކޮޅު ހުދުމުހުތާރަށް ތާއިދު ކުރާ މީހުން.އެހެނީ މައުމޫނު ގެ ވެރިކަމުގައި އަނިޔާވެރި ކަމާ ކޮރަޕްޝަން އެންމެ މަތީ ގައި އުޅުނުއިރު ކެބިނެޓް ގައި ތިބެ އަމަލީ ގޮތުން ބައިވެރިވެފައި ތިބި މީހުން މިހާރު އަގަ ފަޅައި ފައި ވާތީވެ.

    ހުކުރު، ޖެނުއަރީ 25 2008، 01:37
  9. އެއްވެސް ހާލެއްގައި ގާސިމް އިބްރާހިމާއި ދެކޮޅަށް ވޯޓެއް ނުނެގޭނެ. އަދި ނެގުނަސް ފާހެއްވެސް ނުވާނެ. ޒަކީ މައުމޫނުގެ ތުރާލުން ނިކުމެ މިއަދު ރައްޔިތުންގެ އިހްސާސްތަކާއިގެން އުޅޭކަމަށްޓަކައި އަޅުގަނޑުމެން ޒަކީއަށް ތައުރީފުކުރަން. -މުނައްވަރުގެ ސަޕޯޓަރެއް-

    ހުކުރު، ޖެނުއަރީ 25 2008، 15:18
  10. ޒަކީ އަކީ އަބދުވެސް މަސްތުގައި ހުންނަވާ ބޭފުޅެއް. އެހެންވީމާ ދެއްކޭވާހަކަޔެއް ރަގަޅަށް އެގިވަޑަޔެއް ނުގަންނަވާވެ. ޤާސިމް އިބްރާހީމް އަކީ މަޖްލިސްގެ މެމްބަރުން ހޮއްވަވާފައި ހުންނެވި ރައީސެއް. މަޖްލިސްގެ މެމްބަރުންގެ އަޣުލަބިއްޔަތުން އެމަޤާމުން ފައިބަން ހަމަޖެހިއްޖެނަމަ އެކަންވެސް ވާނެ. އެކަމަކަށް ޒަކީ އަކަށް މަށަކަށް ކުރެވޭނެ ކަމެއްނެތް. ޤާސިމްގެ ސަޕޯރޓް މަޖްލީހުގައި ބޮޑިއްޔާ މިކަމެއްނުވާނެ.

    ހުކުރު، ޖެނުއަރީ 25 2008، 17:23
  11. ގާސިމް ވިޔަސް އޭނާގެ އަމިއްލަ އެޖެންޑާ ނުވަތަ ވަކިބަޔަކަށް ވަކިކޮޅަކަށް ޖެހިގެން ގިނަބަޔަކަށް އެކަން އެގޮތަށްވިސްނެންޏާ ހަމަވޯޓްވެސްނަގަންވީ،ތިޔަވަނީ ހަމަ މައުމޫނާދޭތެރޭވެސްވީގޮތް، އަޅުގަނޑަށްހީވަނީ ހުދުމުހުތާރުކަމަށްބަލާ މިންގަނޑެއް ކަނޑައަޅަންވެއްޖެހެން.ހަމަމީހަކު ހުދުމުހުތާރޭބުނާއިރަށް ހުދުމުހުތާރުވީކަމަކަށްނުބެލެވޭނެ.ކަމެއްގޯސްވެފައިއޮތީވިއްޔާގޯސްކޮށްފައިއޮތީ ކުރިންސަރުކާރުގައި އިސްމަގާމުތަކުގައިތިބިމީހުން.މިއަދުނުކުމެ ހޯބޯލެވިއަކަސް ރައްޔިތުންނެއްބަލައެއްނުގަންނާނެ. އަޅުގަނޑުމެން ޑިމޮކުރެސީގެ ވާހަކަ ދައްކާއިރު، ޑިމޮކްރަސީ އަންނަނީ ރައްޔިތުންގެ ކިބައިންކަންއެގޭ އެހެންވީއިރު ގިނަބަޔަކުތީބީ ކޮންޕާޓީއެއްގައިތޯ ވިސްނާލަންޖެހޭ!!!! ގާސިމާއި، ޒަކީމެންގެފަތްފުށްރަގަޅަށްދަންނަމީއެއް.

    ހުކުރު، ޖެނުއަރީ 25 2008، 19:30
  12. މައުމޫނަށް ރަޔިތުންގެ ތާއީދާއެކު ވެރިކަން ކުރެވިޖެނޫންތޯ؟ ކުރިޔަށްވުރެ ހޭލުންތެރި ތަޢުލީމީ މީހުން މިހާރު އެބަތިބި. އަލަށް އުފަންވާ މީހުންނަށްޓަކައި ވެސް، އަދި ގައުމުގައި ނުވެހުރި ކަންތައްތައް ނިންމުމަށްޓަކައިވެސް ހަމަ އެމަނިކުފާނު ތޯއެވެ؟ ރައްޔިތުންނަށް ކުރައްވާފައިވަޢުދުތައް ފުއްދުމަށްޓަކައި އަދި އެއްދައުރު ފުރިހަމަ ކުރައްވަންޏާ އެދައުރުގައިވެސް އިތުރު ވަޢދުތަ ކުރެއްވުމުގެ ފުރުޞަތު އޮންނާނެނޫންތޯ؟ އެހެން މީހަކަށްވެސް ވަޢުވެފައި އެވަޢުދު ފުއްދުމުގެ ފުރުޞަތު ދެއްވުން ކީއްތޯ؟ ގިނަބައެއްގެ ނުރުހުމާ ދެކޮޅަށް އަދިވެސް ވެރިކަން ހޯއްދަވައިގެން ވެރިކަމުގައި ދެމިހުންނެވުމުގެ ބޭނުންފުޅަކީ ކޮބައިތޯ؟ ސިޔާސަތަށް ތާއީދުކުރައްވާ އައު ބޭފުޅުންނަށް ރަނގަޅުވާނީ އެގޮތް. އޭރުން މަތީ މަޤާމާ ޢިއްޒަތް ލިބޭނެނޫތޯ؟ ޤައުމުއޮތީ އައިސީޔޫގައިވިޔަސްއެވެ.

    ހުކުރު، ޖެނުއަރީ 25 2008، 19:35
  13. ގާސިމަކީ އޭނާގެ އަމިއްލަ އަންބޮޑި ބޮޑުކުރަން އުޅޭމީހެއް. ރައްޔިތުންނަށް އަދިއެކަންނޭގެނީ. ދޮންކެއުކޭވަރު އެގޭނީ ބިތުފަންގިނެގީމަ. މިދުވަސްއަދި ވަރަށްއަވަހަށް ރައްޔިތުންނަށް ފެނިގެންދާނެ. ކަންކަން ވަރަށްރަގަޅަށް ހޯދާބަލާމީހެއް.

    ހުކުރު، ޖެނުއަރީ 25 2008، 19:36
  14. ކުރާނެ ކަމެއްނެތްދެން؛؛؛ ބާއޮޑި ތިޔަހުރެގެން ފެތެމުން ދަނީ... އަވަހަށް އާއޮޑިއަށް އަރަމާ ބަހީ....

    ހުކުރު، ޖެނުއަރީ 25 2008، 20:06
  15. ބުނާ މީހާއަށް ނުބަލާ ބުނާ އެއްޗަކަށް ބަލާ. ޒަކީ ބުންޏަސް އެވާހަކައަށް ތާއީދު.

    ހުކުރު، ޖެނުއަރީ 25 2008، 20:07
  16. ހާއްސަ މަޖުލީހުން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތަށާއި އަދި ގާސިމް އިބުރާހިމް އަޒުމް ފުޅާ ކުޅުމަށް ޑީއާރުޕީން އުޅޭ ކަމަށާއި އެމަޖުލީހުގައި އެފަދަކަމެއް ކާމިޔާބު ވިޔަ ނުދޭނެ މުނައްވަރުގެ ސަޕޯޓަރެއް

    ހޮނިހިރު، ޖެނުއަރީ 26 2008، 00:25
  17. ގާސިމާ ދެކޮޅައް އެ އުޅެނީ މޮޔައިންތަކެއް. އެމީހުންނަކަށް އެކަމެއް ނުވާނެ. އަޅުގަނޑު ބުނެލަންއޮތި ތިކަމާނޫޅެ ޑީ އާރު ޕީ އިން ކޮންމެވެސް އެހެން ކަމަކާ އުޅޭށޭ. =9=

    ހޮނިހިރު، ޖެނުއަރީ 26 2008، 02:54
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv