

ގިރާވަރު މީހުން ޒުވާބު
އޯކޭ ޒާހިރު
މިއަދަކީ ދިވެހި ރައްޔަތުންނަށް ފުރިހަމަ ދާޚިލީ މިނިވަންކަން ޤާނޫނީ ހަމަތަކުން ލިބި ދިވެހި ތާރީޚު ހެކިދޭގޮތުން ދިވެހިންނަށް މިނިވަންކަން ހޯދާ ދިނުމަށް އެމީހެއްގެ މުޅި ޖިސްމު ގުރުބާން ކުރި މިނިވަންކަމުގެ ބާނީ ދިވެހި ޤައުމުގެ ހުންގާނުގައި ހުރެ އެމިނިވަންކަމުގެ ރަހަ ރަގަޅު ގޮތުގައި ބޭނުންކޮށް ވިސްނުންތެރިކަމާއި އެކު އެބައިމީހުންގެ ކުރިމަގުގެ ބިންގާ އަޅާ އޭގެމައްޗަށް ބިނާތަށް ކުރުމަށް މިނިވަން ފުރުސަތެއް ލިބުނު ދުވަހެވެ. ޙުދުމުޚުތާރު ކަމާއި ދަގަޑު ދަހަނާއިން ޖަރީވެފައިތިބި ބައެއްގެ ހިތުގެ އުދާސްތަކުގެ ސަބަބުން މިއަދު މިފެންނަނީ ލިބުނު މިނިވަންކަން އެއީ އެހެންމީހުންގެ ޙައްގެއް އޮތްތޯ ބަލާނުލާ ހިތަށް އެރި ގޮތަކަށް ހަމައެކަނި މިނިވަންކަމުގެ ހައްގު އޮތީ ތިމާގެ ކަމުގައި ދެކި ވެރިކަމުގެ ބޭނުމުގައި ހިތުގައި އެހެން މީހުންގެ މައްޗަށް އަދަމުންދާ ގަދަ އަލިފާން ގަނޑުގެ ހުޅުގަޑު ނޭވާޔާ އެކީ ހަށިގަޑުން ބޭރަށް ނުކުންނަމުން ދާތަނެވެ.
މިދެންނެވި މީހުންގެ އިތުރަށް ބައެއް ޓީވީ ތަކާއި ރޭޑިޔޯ ތަކުން ކުޅެމުން ގެންދާ ރޯލަކީ ވަރަށް ނުރައްކާތެރި ރޯލެކެވެ. އަޅުގަނޑު ސިފަކުރާ ގޮތުގައި މިދެންނެވި މީޑިޔާ ތަކުން އެބައިމީހުންގެ އެއަރ ޓައިމު ފުރާލަމުން ދަނީ ޕްރޮގްރާމު އުފެއްދުމަށް އެއްވެސް ޚަރަދެއް ނުކޮށް ބާޒާރު މަތިންނާއި މައިޒާން ތަކުން ކަޑައެޅި އަދި އެކަމަށް ތައްޔާރު ކޮށްފައި ތިބި ބަޔަކު ތަކުރާރުކޮށް ބާޒާރު ބަހުންނަމަ ގެރި ޒުވާބު ކުރުވައިގެންނެވެ. ނަމަވެސް ދުނިޔޭގެ ނަން ހިނގާ މީޑިޔާ ތަކުން މިބާވަތުގެ ހާޑް ޓޯކް ކުރިއަށް ގެންދާތަން ފެންނަނީ ޤައުމުތަކުގެ ވެރިން ނުވަތަ އެފެންވަރުގެ ޢިއްޒަތް ތެރިންގެ މެދުގައި ޕްރެޒެންޓަރ އާއި އެކު ބާއްވާ އެޤައުމެއްގައި އެވަގުތަކު ދިމާވެފައިވާ ކަންކަމާއި މެދު މުހިންމު ސުވާލު ތަކަށް އަޙުލާޤީ މިންގަޑާއެކު ޖާވާބުދެމުން ގެންދާ ތަނެވެ.
ހިތާމައާއި އެކު ފާހަގަކުރަން ޖެހެނީ މި ޤައުމުގައި އުފެއްދުންތެރި ޢިލްމީ ފެންވަރު ހުރި ބަހުސްތައް އިވެމުން ފެންނަމުން ދަނީ ވަރަށް މަދުންކަމެވެ. ނުވަތަ ނުވެސް ފެންނަކަމެވެ. ހިތާމަ އަކީ އިސްލާމީ އަޚުންތެކެއްގެ މެދުގައި ފިތުނަވެރިކަމާއި ނޭތްގާނީކަން އަށަގަނެ ވެރިކަމުގެ ދަހިވެތިކަމުގައި ތިމާގެ އަޚާގެ މަސްކައި ހަދަމުން ގެންދާއިރު ތިމާގެ ދީނަކާއި ސުންނަތެއްވާކަން ކުޑަކޮށްވެސް ވިސްނާލުމެއް ނެތެވެ. ރައްޔަތުންގެ މަޖިލީހުންވެސް ފެންނަމުންދަނީ މަސްވާރާގެ މަތިން ކަންކަން ކުރުމަށް ﷲ ތަޢާލާ އަންގަވާ ފައިވާ ބަސްފުޅު ކުރިމަތީގައި ބަހައްޓައިގެން ﷲ ތަޢާލާގެ އަމުރުފުޅާ ކަޑައެޅިގެން ޚިލާފަށް ބިނާކުރަނިވި ޚިޔާލު ތަކުގެ ބަދަލުގައި ބަޑުހައިވެފައިވާ ސިންގާ ތަކެއް ޖަންގަލީގެ ފުށްލާ އަކާއި ކުރިމަތިލައިގެން އެއް ސިންގާ އަނެއް ސިންގާގެ ކިބައިން ސަލާމަތް ނުވެގެން އުޅެމުންދާ ބާވަތުގެ މަންޒަރެވެ.
މިގޮތުން ރައްޔިތުންގެ މަޖިލީހުގައާއި އެހެނިހެން މާލަމު ތަކުގައި އެއްބަޔަކު ދައްކަމުން ދަނީ ކުރީގެ ސަރުކާރުން ރައްޔަތުންނަށް ވެފައިވާ ޚިޔާނާތާއި އަނިޔާއާއި ބޭ އިންސާފާއި ދޯދިޔާ މާލީ ސިޔާސަތުގެ ސަބަބުން ޤައުމުގެ ޙަޒާނާގެ ފޫ ނެތް ވާހަކަ އާއި އަދި ޒުވާނުން ޑްރަގް ވަބާގައި ޖައްސާ އަޚުލާގު އޮޔައި ދުއްވާލި ވާހަކައާއި ކުރީގެ ރައީސްގެ އަނިޔާވެރި ކަމުގެ ޝަރީޢަތުން އެއްކިބާ ކުރުމަށް ބާރުއަޅާ އަދި އެ ރައީސް އަށް ކަޑައަޅަން ޖެހޭ ޢިނާޔަތުގެ ބޮޑުކަމުގެ ވާހަކައެވެ. ގެންނަން އުޅޭ ބަޤާވާތުގެ ހުވަފެނީ ސަރުކާރުގެ ޢިއްޒަތްތެރި ޒުވާން މިނިސްޓަރުން ދައްކަމުން ދަނީ މިހާރުގެ ސަރުކާރު ނުކުޅެދޭ ވާހަކައާއި ސިޔާސީ ޤާބިލް ކަމެއް ނެތް އަދި މިއަދުގެ ސަރުކާރު ހަމައާއި އިންސާފުގެ ބޭރުން ބަޤާވާތަކުން ވައްޓާލާނެ ކަމުގެ އުންމީދުން ފުރިފައިވާ ފޮނި ވާހަކަތަކެވެ.
ހަމަ އެއާއެކު އަނެއްބަޔަކު ބުނަނީ މިއަދު ފެންނަމުން މިދަނީ އަދުގެ ސަރުކާރުން ވެފައިވާ ވަޢުދު ފުށްދަމުން ދަތުރު ފަތުރުގެ ނިޡާމުން ރަށް ތައް ގުޅި ރިސޯޓެއްގައި ހުރި މާމަ ، ކާފަގެ ދަރި އަށް ސަލާން ޖަހަމުން ދިޔަ ކާފައާއި މާމަ އަދި މަންމަ އާއި ބައްޕަ މިއަދު ސަލާމަށް އަތް ދިއްނުކޮށް ފުދުން ތެރިކަމާއި އެކު މާމަ އާއި ކާފަގެ ލޯބިން ކުދި ދަރިންކޮޅާއި އެކު އަމިއްލަ ފުދުންތެރިކަމުގައި ލޯބީ ގުޅުން ޤާއިމު ކުރަމުން " ލޯބި ދެމުން ގެންދާތަނެވެ.“ އަނެއް ބަޔަކު ބުނަމުންދަނީ އެއީ ދުވަސްވީ މީހުންނަށް ހެވެއް އެދިގެން މުޖުތަމަޢުގެ ފައިދާ އަށް ސަރުކާރުން ކުރިކަމެއް ނޫން ކަމާއި އެއީ ސިޔާސީ ބޭނުމަކަށް ސަރުކާރުން ކުރިކަމެއް ކަމަށެވެ.
ތެދެކެވެ. އޭގައި ސިޔާސީ ބޭނުމާއި މުޖުތަމަޢުގެ ފައިދާ އެބައޮތެވެ. ސިޔާސީ ބޭނުމަކީ ސިޔާސީގޮތުން ވެފައިވާ ވަޢުދެއް ފުއްދުމެވެ. މުޖުތަމަޢު އަށް ލިބުނު ފައިދާ އަކީ ދުވަސްވީ މީހުން ގެ ބެލެނިވެރިކަން ސަރުކާރު ހަވާލު ވުމުން މުޖުތަމަޢު އަށް ލިބޭ އަމާން ކަމާއި ހިތް ހަމަޖެހުމެވެ. އެހެންކަމުން ހަނދާނަށް އަންނީ ދެކުނުގެ ރަށްރަށުގައި އަންހެންވެރިން ޒުވާބުކުރާއިރު ޒުވާބުގެ ފޯރި ގަދަވެގެން ކަލެއަށްވުރެ މަގޭ ބޮޑޭ ގޮވާ އަދި ވެރިކަން ކުރާ މާލޭގެ " މިލްކުވެރިކަމާއި މެދު ދަޢުވާ ކުރާ " ގިރާވަރު މީހުން ޒުވާބެވެ. އެއީ އެމީހުން އަރާރުން ވާއިރު އެންމެ ފަހުން ޒުވާބު ނިމޭނީ ކަރޯ އަމާ ކަރޯ ބަފާ ކިޔާލަ ކިޔާލަ ތިބެ ނޭވާ ހުސްވެގެންނެވެ.
ޝާޢިރު ވިދާޅުވަނީ " ހާމަވީ ރީތި މަންޒަރު ތަކޭ ނެތި ދަނީ ، މާމަލުން އޭގެ ތާޒާކަމޭ ގެއްލެނީ "