އެސްޓީއޯއަށް ތެޔޮ ހިފައިގެން އައިބޯޓް ފިލައިގެން ދިޔަ މައްސަލަ : މައްސަލައަށް ގޮތެއް ނިމެންދެން ބޯޓާއި ބޯޓްގެ ކެޕްޓަން ރާއްޖެއިން ފުރިޔަ ނުދީ ހިފަހައްޓައިފި

މިއުސަމް އައްބާސް އޮކްޓޫބަރ 11 2009، 18:28 0 ޚިޔާލު

އެސްޓީއޯ އަށް ޖެޓް ފިއުލް ގެނައި ބޭރުގެ ބޯޓެއް ކަމަށްވާ އެމްވީ ވިންޓާގެ ކެޕްޓަނާ ދެކޮޅަށް އެސްޓީއޯ އިން ކުރަމުންދާ ދައުވާގެ ޝަރީއަތް ނުނިމެނީސް އެބޯޓާއި ބޯޓުގެ ކެޕްޓަން ރާއްޖެއިން ފުރިޔަ ނުދީ ހިފެހެއްޓުމަށް މަދަނީ ކޯޓުން މިއަދު އަމުރު ނެރެފި އެވެ.

ކަސްޓަމުގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ އެސްޓީއޯއިން އެދިފައިވާ ގޮތަށް ބޯޓު ފުރައިގެން ގޮސްފިނަމަ ބޯޓުގެ އިހުމާލުން އެސްޓީއޯއަށް ލިބިފައިވާ ގެއްލުމުގެ ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް ޝަރީއަތަށް ފެންނާތީ ބޯޓު ރާއްޖެއިން ފުރައިގެން ދިޔަ ނުދިނުމަށެވެ. އަދި އެ އަމުރުގައި ވަނީ ބޯޓުގެ ކެޕްޓަން ޑަމްކޮނޮކްސް ވްލާޑިވްސްލަވްސް ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށްވެސް އަންގާފައެވެ.

އެސްޓީއޯ އިން ބޯޓުގެ ކެޕްޓަން ޑަމްކޮނޮކްސް ވްލާޑިވްސްލަވްސްއާ ދެކޮޅަށް ދައުވާކުރަނީ ތަޣައްޔަރުވެފައިވާ ތެޔޮ ގެނައި ކަމަށް ބުނެ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެސްޓީއޯގެ ދައުވާގައި ބުނެފައި ވަނީ ދުބާއީގެ އެމިރޭޓްސް ނެޝަނަލް އޮއިލް ކޮމްޕެނީން (އިނޮކް)އިން އެ ކުންފުނިން އޯޑަރު ކުރި ތެޔޮ ގެނައުމަށްޓަކައި އެމްވީ ވިންޓާ ޗާޓަރު ކުރި ކަމަށާއި ބޯޓަށް ތެޔޮ އަރުވަން ފަށާފައި ވަނީ މިދިޔަ މަހު ފަހުކޮޅު ކަމަށެވެ. ބޯޓަށް ލޯޑް ކުރި ޖެޓް އޭ ވަން ފިއުލް ލޯޑްކުރަން ފެށުމުން ދެ ފަރާތުން އެއްބަސްވި މިނިވަން ސާވޭއަރެއް ތެލުގެ ކޮލެޓީ ބެލުމަށްޓަކައި ސާވޭ ކުރުމުން އެ ތެޔޮތައް ތަޣައްޔަރުވެފައިވާކަން އެނގުނު ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.

އެގޮތުން ޖެޓް ފިއުލް އަކީ ވަރަށް ފަރުވާތެރިކަމާ އެކު ރައްކާކުރަންޖެހޭ ތެލެއް ކަމުން ބޯޓުގެ ޓޭންކުތައް ސާފު ކުރާނެ ގޮތުގެ ޕްރޮސީޖާއެއް ބޯޓާއި ހަވާލުކޮށްފައިވާނޭ ކަމަށާއި ތެޔޮ ތަޣައްޔަރުވީ އެގޮތަށް އަމަލު ނުކުރުމުން ކަމަށް އެސްޓިއޯގެ ދައުވާގައި ބުނެ އެވެ. ތެޔޮ ތަޣައްޔަރުވެފައި ހުރުމުން އިތުރަށް ތެޔޮ ލޯޑްކުރުން ހުއްޓާލައި ބޯޓު މާލެ ގެނައީ ކަމަށް އެސްޓީއޯގެ ދައުވާގައި ބުނެ އެވެ. އަދި ތެލުގެ އަގު ދައްކައި ތެޔޮ ތަޣައްޔަރުވުމުން ލިބުނު ގެއްލުމަށް ޒިންމާވާންޖެހޭނެ ކަމަށް ބުނުމުން ކަސްޓަމްސްގެ ކްލިއަރެންސް ވެސް ނުހޯދައި ގެނައި ތެލާ އެކު ބޯޓު ފިލަން މަސައްކަތްކުރީ ކަމަށް ދައުވާގައި ބުނެ އެވެ.

އެސްޓީއޯއިން އެދިފައި ވަނީ ތަޣައްޔަރުވި ތެލުގެ އަގަށްވާ 330,662 ޑޮލަރާއި އެހެން ބޯޓެއް ޗާޓަރު ކުރަންޖެހުމުން ހަރަދުވި 340,000 ޑޮލަރާއި ޑެޑް ފްރައިޓަށް އެސްޓީއޯ އިން ދެއްކި 127,380 ޑޮލަރާއި އެކު ޖުމްލަ 10.25 މިލިއަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv