
20ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ވިކްޓަރީ އުފުލާލައިފި
-އާދަމް ރިފާއު-
ފައިނަލްގައި ރޭ 2-1ން ވީބީ ބަލި ކުރުމަށް ފަހު ވިކްޓްރީ ސްޕޯޓްސް ކުލަބް ޕްރެޒިޑެންޓްސް ކަޕް ވިހި ވަނަ ފަހަރަށް އުފުލާލައިފިއެވެ.
މެޗްގެ ލީޑު ވިކްޓަރީ ފުރަތަމަ ހޯދައިދިނީ ފުރަތަމަ ހާފްގެ 15ވަނަ މިނެޓްގައި ވީބީގެ ދެ ޑިފެންޑަރުން ކައިރިން ކަޓުވާލުމަށް ފަހު ވީބީގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެން ޑެނިއަލްއެވެ. އޭގެ 21 މިނެޓް ފަހުން ވިކްޓްރީގެ މުޚުތާރު ނަސީރު ނެގި ކޯނަރެއްގައި ޑެނިއަލް ދެވަނަ ލަނޑުޖެހީ ބޮލުންޖަހާ ފޮނުވާލި ބޯޅައިންނެވެ. ހާފުގައި ލިބުނު އެންމެ ރަނަގަޅު ފުރުސަތުގައި ޑެނިއަލް ހުރަސްކޮށްލި ބޯޅަ ގޯލުކުރިމަތީ ހުރި މުޚްތާރަށް ފޮނުވާލެވުނީ ކީޕަރު ޝިނާނުގެ އަތަށެވެ.
މިހާފުގައި ވީބީގެ ކެޕްޓަން އަލީ އަޝްފާގް(ދަގަނޑޭ)އަށް ލިބުނު ރަނގަޅު ފުރުސަތުގެ ބޭނުން އޭނާއަށްވެސްވަނީ ހިފޭގޮތް ނުވެފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައިރު ވީބީން ވިކްޓްރީގެ ގޯލަށް އެންމެ ހަމަލައެއް ފިޔަވައި މާބޮޑު ނުރައްކަލެއް ކުރިމަތި ކުރެވިފައެއް ނުވެއެވެ.
މެޗްގެ ދެވަނަ ހާފްގެ ކުޅުން ކުރިއަށް ގެންދިޔަ އިރު ވިކްޓްރީގެ ގޯލަށް ކޮންމެވެސް ވަރަކަށް ވީބީން ދިޔައީ ނުރައްކާ ކުރަމުންނެވެ. ނަމަވެސް ހުނަރުވެރި ކީޕަރ އިމްރާން މިހުރިހާ ހަމަލައެއް ވަނީ ދިފާއު ކޮށްފައެވެ.
ވީބީގެ ސުންކަނޑުވާލަދިން ލަނޑު ޖަހާފައިވަނީ މެޗްގެ 75ވަނަ މިނެޓްގައި ވިކްޓްރީގެ އުމައިރު ދަގަނޑޭ އަށް ކުރި ފައުލް އަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ނިޔާޒްއެވެ.
މިގޯލަށް ފަހު ވީބީގެ ކުޅުން ރަނގަޅު ވެގެން ދިޔަ ކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އިތުރު ގޯލެއް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. ދެވަނަ ހާފުގައި ލީޑު ފުޅާކުރުމަށް ވިކްޓަރީގެ ޑެނިއަލް، އައްމަޓީ އަދި މެސީއަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މިމެޗުން ވީބީ ބަލިވުމުން މިއީ މި ސީޒަނުގައި ޖެހިޖެހިގެން ތިންބަލި ޓީމެއްވީ ފުރަތަމަ ފަހަރެވެ.
މެޗް ނިމުމުން ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް މެޑަލް އާއި ތަށި ހަވާލު ކޮށްދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެވެ.