
ފްރާންސާއި ޕޯޗުގަލް އުއްމީދު އާކޮށްފި
ރޭ ކުޅެވުނު ވާރލްޑްކަޕް ކޮލިފައިން މެޗްތަކަށްފަހު ފްރާންސާއި ޕޯޗުގަލްވެސް މުބާރާތުން ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފިއެވެ.
އެއްވަނަ ޓީމުގެ ގޮތުގައި އޮޓަމެޓިކުން ކޮލިފައިވުމުގެ ފުރުޞަތު ގެއްލިފައިވާ ފްރާންސް ރޭ އާދައިގެ ޓީމެއް ކަމަށްވާ ފާރޯ އައިލެންޑްސް ބަލިކޮށްފައިވަނީ 5-0ގެ ބޮޑުތަފާތަކުންނެވެ. މިމެޗުގައި ފްރާންސަށް ގިނަޗް 2 ލަނޑު އަދި ގަލާސް، އަނެލްކާ އަދި ބެންޒެމާ ކުރެން ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކޮށްދިނެވެ.
ފްރާންސަށް ސަރބިއާގެ ފަހަތުން މިގްރޫޕްގެ ދެވަނަ ލިބިފައިވަނީ 18 ޕޮއިންޓާއެކު އެކުއެވެ. މިނަތީޖާއާއެކު ފްރާންސަށްވަނީ ދެވަނަ ޓީމުގެ ގޮތުގައި ފްލޭއޯފް ކުޅުމުގެ ފުރުޞަތު ތަނަވަސްވެފައެވެ.
ގިނަ މައްސަލަތެއް ކުރިމަތިވެ އަންނަ އަހަރުގެ މުބާރާތުން ނުފެނުމުގެ ބިރާ ކުރިމަތިވެފައިވާ ޕޯޗުގަކްވެސް ރޭ ވަނީ 3-0ން ހަންގެރީ ބަލިކޮށް ގްރޫޕްގެ ދެވަނައާއި ޕްލޭއޯފް ކުޅުމުގެ އުއްމީދު އާކޮށްފައެވެ.
މިމެޗުގެ 27ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަނިޔާވުމުގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފައެވެ. ރޮނާލްޑޯ ފޭބުމުން ޓީމުގެ އެޓޭކް ދަށްވެގެން ދިޔައެވެ.
މިމެޗުން މޮޅުވުމުން ޕޯޗުގަލް މިހާރުވަނީ ސްވިޑްން އަށްވުރެ އެއް ޕޮއިންޓް ކުރިއަށް ޖެހިލާ 16 ޕޮއިންޓާއެކު 2ވަނަ މަޤާމަށް އަރާފައެވެ. މިދެޓީމަށްވެސް އަދި މެޗެއް އެބައޮތެވެ. މިމަހުގެ 14ގައި ސްވިޑްން އަލްބޭނިއާއާއި ބައްދަލުކުރާއިރު ޕޯޗުގަލް އަމިއްލަ ރަށުގައި ކުޅޭނީ މޯލްޓާއާ އެކުގައެވެ.