

އަޙުމަދީނިޖާދާ ދެކޮޅަށް މުޒާހަރާކުރި ތިންމީހުންނަށް މަރުގެހުކުމްއިއްވައިފި
އީރާނުގައި މިދިޔަ މޭމަހު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު އެގައުމުގެ ރައީސް މަޙުމޫދު އަޙުމަދީނިޖާދާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި ތިންމީހެއްގެ މައްޗަށް އީރާނުގެ ކޯޓަކުން މަރުގެހުކުމް އިއްވައިފިއެވެ. މިތިންމީހުންނަށް މަރުގެ ހުކުމް އިއްވާފައިވާކަން އީރާނުގެ ޖަސްޓިސްމިނިސްޓްރީގެ މީޑިއާ އޮފިސަރު ޒާހިދު ބަޝީރީ ރާދު ކަށަވަރުކޮށްދެއްވާފައިވާކަމަށް އީރާންގެ އައި.އެސް.އެންއޭ ނޫސްއެޖެންސީއާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ.
އިއްޔެ މަރުގެ ހުކުމް އިއްވި ތިންމީހުންގެ މައްޗަށް އެފަދަ ހުކުމެއް އިއްވި ސަބަބު ކިޔައިދިންކަމަށް ވިޔަސް އެތިންމީހުންގެ ފުރިހަމަ ނަން ހާމަކުރުމުގެ ބަދަލުގައި ޒާހިދު ބަޝީރީ އެމީހުންނާ ބެހޭ ގޮތުން ވާހަކަދެއްކެވުމުގައި ބޭނުންކުރައްވާފައިވަނީ ރަމްޒުއަކުރުތަކެކެވެ.
ބަޝީރީ ވިދާޅުވިކަމަށް އަލްޖަޒީރާ ބުނާގޮތުގައި އެމް.ޒެޑްއާއި އޭ.ޕީގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ އޭދެމީހުންނާ އީރާންގެ ސަރުކާރާ ދެކޮޅު ޖަމާޢަތެއްކަމަށްވާ ކިންގޑަމް އެސެމްބްލީ އޮފް އީރާންއާ ގުޅުން އޮންނަކަން ސާބިތުވެގެންނެވެ. އަދި ތިންވަނަމީހާކަމަށްވާ އެން.އޭގެ މައްޗަށް މަރުގެހުކުމް އިއްވާފައިވަނީ އޭނާ ޕީޕަލްސް މުޖާހިދީން ނަމަކަށްކިޔާ ޖަމާޢަތަކަށް ޖާސޫސްކޮށްދީފައިވާކަން ސާބިތުވެގެންނެވެ.
އީރާންގެ ރައީސް މަޙުމޫދު އަޙުމަދީނިޖާދާ ދެކޮޅަށް މުޒާހަރާކުރަނިކޮށް ހައްޔަރުކުރި މިތިންމީހުންގެ މައްޗަށް މިފަދަ ކުށްތަކެއް ސާބިތުކޮށްފައިވީނަމަވެސް އެމީހުންގެ ބަޔާންތައް ނަގާފައި ވަނީ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކެއްދީގެން ގަދަކަމުންކަމަށް އިންސާނީހައްގުތަކަށް މަސައްކަތްކުރާ އިރާންގެ ޖަމާޢަތްތަކުން ތުހުމަތުކުރެއެވެ.
އީރާންގެ މިތިންމީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުން ބާތިލްކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އީރާންސަރުކާރަށް ގޮވާލާފައެވެ.
އީރާންގެ ޖަސްޓިސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މުޒާހަރާކުރި ތިންމީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަކީ އަދި އެންމެ ފަހުގެ ނިންމުމެއްނޫނެވެ. އެހެންކަމުން އަދި އެނިންމުން ބަދަލުވެސް ވެދާނެއެވެ.