
ޠާލިބާނުންގެ ކޮމާންޑަރެއް މަރާލެވިއްޖެކަމަށް އިސްތިޢުމާރީން ބުނެފި
އަފްޣާނިސްތާން އަޅުވެތިކޮށްގެން ތިބި އިސްތިޢުމާރީބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރާ ޠާލިބާންޖަމާޢަތުގެ އިސްކޮމާންޑަރަކު މަރާލެވިއްޖެކަމަށް އަފްޣާނިސްތާންގައި ތިބޭ އެމެރިކާއާއި ޔޫރަޕްގެ އިސްތިޢުމާރީން މިއަދު ބުނެފިއެވެ.
އެމެރިކާއާއި ޔޫރަޕްގެ ލަޝްކަރުތަކުގެ އިސްމީހުންނާ ހަވަލާދީ އަލްޖަޒީރާ ބުނާގޮތުގައި އެމީހުންގެ ހަމަލާއެއްގައި މަރުވި ޠާލިބާނުންގެ ކޮމާންޑަރަކީ އަފްޣާނިސްތާންގެ ހެރަތުގައި ހަރަކާތްތެރިވާ ޠާލިބާނުންގެ ވެރިޔާ މުއްލާ ޣުލާމް ޔަޙުޔާ އަކުބަރީއެވެ. އިސްތިޢުމާރީން ކުރިން ހާމަކޮށްފައިވާ ގޮތުގައި ހެރަތު ޕްރޮވިންސްގައި އެމީހުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ ފަހަތުގައި ހުރީ ޣުލާމް ޔަޙުޔާއެވެ.
ކާބުލްގައި ހުރި މުރާސިލް ޒައިނާ ޚޮދުރުއާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުގައި މުއްލާ ޣުލާމް ޔަޙުޔާ އަކުބަރީ މަރާލިކަމަށް ވިޔަސް އަފްޣާނިސްތާންގެ ހެރަތުޕްރޮވިންސަކީ އެމެރިކާއާއި ޔޫރަޕްގެ ސިފައިންނަށް ރައްކާތެރިތަނަކަށް ވާނެކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ.
އެމެރިކާއާއި ޔޫރަޕްގެ ސިފައިން އަފްޣާނިސްތާނަށް ވެރިވެގަތްތާ އަށްއަހަރު ވެފައިވާއިރު އެމީހުންނަށް އެގައުމުގައި ދަނީ ބޮޑެތިނާކިޔާބުތައް ކުރިމަތިވަމުންނެވެ.