އެއްފަސް ކުރުމާއި ގުޅުން އުފެއްދުން - އެއްފައިސާ ފޮށްޗެއްގެ ދެ ފުށް

މުހައްމަދު އަފްރާޙް އޮކްޓޫބަރ 10 2009، 18:03 4 ޚިޔާލު

ސުނާމީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި އެއްރަށަކީ ރ. އަތޮޅު ކަނދޮޅުދޫއެވެ. މަތިން ބަލާއިރު އަލިފާން ފޮށިތަކެއް ފަދައިން، ގެތައް ތޮށްޖެހިފައިވާ މިރަށަށް ސުނާމީގެ ރާޅު އަރައިގެން އައި ގޮތް މިއަދުވެސް އެމީހުންގެ ހިތުގައިވަނީ ބިރުވެރި ހުވެފެނެއް ފަދައިން ބިންވަޅު ނެގިފައެވެ. މިއަދު އެރަށު ރައްޔިތުން އަމިއްލަ ”އާރަށަކަށް“ ބަދަލުވެފައި ތިއްބަސް އެއީ އެމީހުންގެ ހިތުން ފިލައިގެން ދާނެ ދުވަހެއް ނޫންނެވެ.

ސުނާމީގެ ސަބަބުން ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބި އެހީއަށް އެންމެ ބޭނުންވި ވަގުތު އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އެ އަތޮޅު އުނގޫފާރު މީހުންނެވެ. އެރަށު މީހުން އެވަގުތު ދެއްކި އަހުވަންތަ ކަމުގެ ރީތި މިސާލަކީ އެއްބައިވަންތަ ކަމުގެ ރީތި ނަމޫނާއެކެވެ. އެދުވަހު ދައުވަތުދީގެން އެރަށަށް ގެނައި ގިނަ އާއިލާތައް އާއިލީ ގުޅުމުން، ގުޅިލާމެހިގެން ދިޔައެވެ. މިގޮތުގައި ދުވަސްކޮޅަކު ތިބުމަށްފަހު މަޑުމަޑުން މަންޒަރު ބަދަލުވަމުން ދިޔަ ގޮތަކީވެސް ތަފާތު ކަމެކެވެ.

އުނގޫފާރަށް މެހުމާނުންގެ ގޮތުގައި އައިސްތިބި ކަނދޮޅުދޫ މީހުންނާ ރަށުގެ ރަށްވެހިން ކަމުގައި ވާ އުނގޫފާރުގެ ރައްޔިތުންނާ ދެމެދު ޒުވާބުތައް ހިނގަން ފެށިއެވެ. އެންމެ ފަހުން އެޒުވާބުތައް ތަޅާފޮޅުން ތަކަށް ބަދަލުވެގެން ދިޔައެވެ. އަދި ދެ ”ގަބީލާ“ގެ ގޮތުގައި ސިފަ ކުރެވި ދެ ރަށުގެ މީހުންގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. އެ ގޮތުން ހިނގި އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ރ. އަތޮޅު އަތޮޅުވެރިޔާ އަބްދުﷲ މުހައްމަދަށް ދިން ހަމަލާއެވެ. ބަޔަކު އުނގޫފާރު އަތޮޅުގޭގެ ތެރެއަށް ވަދެ ދިން މިހަމަލާގައި އަބްދުﷲ މުހައްމަދުގެ ބޯފަޅައިގެން ގޮސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

މިއީ ކަނދޮޅުދޫ ރައްޔިތުން އެކަނި ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އެގޮތައް ހިޖުރަކުރި ގިނަ އާބާދީތަކަށް އެންމެ ފަހުން ޖެހެނީ މިދަތުރެއެވެ. ދުވަސް ކޮޅަކު އެކު އުޅުމަށްފަހު އެންމެ ފަހުން ދެ ގަބީލާ ފަދައިން އުޅެން ފަށަ އެވެ. އެއީ ކީއްވެގެން ވާ ގޮތެއް ބާއެވެ.؟

ބައެއް އިޖްތިމާއީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އާބާދީއާއި ތަރައްގީ އެއްފަސް ކުރުން ނުވަތަ ހިޖުރަކުރުމުގައި އޮތް އެންމެ ބޮޑު ޑިސް އެޑްވާންޓޭޖަކީ އެއީ އެވެ.

”އިމާރާތްތައް ހެދުމުން އެއީ އުމްރާނީ ގޮތުން އެތަނަކަށް ލިބޭނެ ތަރައްގީއެއް ކަމަށް ބެލިދާނެ. ނަމަވެސް ފަހުން އެ އިމާރާތްތަކަށް ވަންނަ ބައެއްގެ މެދުގައި ގުޅުމެއް ނެތްނަމަ އެއީ އެތަނެއްގެ ކުރިއެރުން ކަމަކަށް ނުބުނެވޭނެ. އޭރުން އެވާނީ އިޖްތިމާއީ ބޮޑު ބަލިމަޑު ކަމަކަށް. ހިޖުރަކުރުވުމުން އުފެދޭ އެންމެ ބޮޑު ބައްޔަކީ އެއީ“

މިނިސްޓަރ އޮފް ހައުސިން ޓްރާސްޕޯޓް އެންޑް އެންވަޔަރުމަންޓް މުހައްމަދު އަސްލަމް ވިދާޅުވީ ގެއެއް އަޅާފަ އެގެއަކަށް ދާށޭ ބުނުމުން މީހުން ވަރަށް ފަސޭހައިން އެގެއަކަށް ދާނެ ކަމަށާއި ނަމަވެސް ސޯސަލް އިންޓަގްރޭޝަން [އެއްބަޔަކު އަނެއް ބަޔަކާ ގުޅުވުން] އެއީ އެހާފަސޭހަ ކަމެއް ނޫން ކަމަށެވެ.

”މީގެ ކުރިން ރަށްރަށަށް ބަދަލުވި މީހުންނަށް ވެގެންދިޔަ ގޮތަށް ބަލާލުމުން އެކަން އެނގިގެންދޭ. ދުވަސް ކޮޅަކު އެކުލަވާގެން އުޅުމަށްފަހު ފަހުން ދެ އާބާދީއެއްގެ ގޮތުގައި ވަކިވެގެންދޭ. އެއީ އަޅުގަނޑުމެންގެ ކަށީގަ ހަރުލާފައި ހުރި ކަމެއް. އަޅުގަނޑުމެންނަކީ ވަކި ރަށްތަކަށް ނިސްބަތްވާ ވަކިބައެއް.“ އަސްލަމް ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް ފެނުނީ އާބާދީއާ ތަރަށްގީ އެއްފަސް ކުރުމުގެ ތެރެއިން ހުރިހާ ހިދުމަތެއް އެންމެންނަށް ފޯރުކޮށްދިނުން އެއީ ވާނެ ކަމެއް ނޫން ކަމަށް.“

އަސްލަމް ވިދާޅުވީ ހުރިހާ ހިދުމަތެއް ހުރިހާ ރަށްރަށަކަށް ނުދެވޭތީ އެކަން ކުރުމަށް ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ އާބާދީއާ ތަރަށްގީ އެއްފަސް ކުރުން ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ފަހުން ގިނަ މައްސަލަތަކެއް ނުކުން ކަމަށެވެ.

~ އެހެންވީއިރު ދެން އޮތީ ކޮން ގޮތެއް؟

ވ. އަތޮޅުގެ މުޅި އާބާދީގައި 2,300 މީހުންވެސް ހަމަނުވެއެވެ. އަތޮޅުގައި ފަސްރަށް އޮތް އިރު، އެންމެ މީހުންމަދު ރަކީދޫގައި ހުރި ގިނަ ގޭގޭގައި ހަމައެކަނި ހުރީ ހަތަރު ފާރާއި ފުރާޅެކެވެ. ގިނަ ގެތައް ހުރީ ފަޅަށެވެ. ރަށް އޮތީ ތޮށްޖެހިފަ އެވެ. މުޅިރަށުގެ ދިރުންވަނީ ގެއްލިފައެވެ. އެހެންވީ ރަށުގެ އާބާދީ ކުޑަކަމާއެކު ބޭނުންވާ ހިދުމަތް ހޯދަން މާލެއަށް މީހުން ހިޖުރަކުރަން ޖެހުމުންނެވެ. މިފަދަ ރަށްރަށުގެ މީހުންގެ ވޭންތައް އެނގޭނީ ހަމައެމީހުން ނަށެވެ.

”އަހަރެމެން ވަރަށް ހާލުގަ މިއުޅެނީ. އެހެން ރަށަކަށް ބަދަލުކުރަން ކިޔާތާ ލައްކަ ދުވަސް ވެއްޖެ. މިހާރު އަނެއްކާ މިކިޔަނީ އެކަން ވާންނެތް ވާހަކަ.“ ރަކީދޫ މީހަކު ނޫހުގައި ނަންޖުހުމަށް ޝަރުތުކޮށް ބުންޏެވެ.

~ އެއްފަސް ކުރުމަށް އާ ވިސްނުން: މަގުސަދު ހާސިލްވާނެ ތަ؟

މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރުން ރަށްރަށުގައި ގެތަށް އެޅުމަށްފަހު މީހުން ހިޖުރަކުރުވުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ކަނެކްޓިވިޓީ އާއި މޮބިލިޓީ [ހެލިފެލިފެ އުޅެވޭނެ ގޮތަކާ ގުޅެވޭނެ ގޮތް] ހަދައި ދިނުމެވެ.

”އަޅުގަނޑުމެން ވިސްނީ ދެން ކޮން ގޮތެއް ތޯ އޮތީ؟ އެގޮތުން ހިދުމަތްތައް އެކިރަށްރަށުގައި ހުއްޓަސް އެރަށް ރަށާ ހަމައަށް މީހުންނަށް ދެވޭނެގޮތް ދައްކަދީފައި، އަތް ފޯރާ ފަށުގައި ދަތުރުފަތުގެ ހިދުމަތް ދިނީމާ އަޅުގަނޑުމެން ދެކެނީ މީހުން އެތަންތަނަށް ދާނެ ކަމަށް ޚިދުމަތް ހޯދަން. އޭރުން ޚިދުމަތް ލިބިގަނެވޭނެ ކަމަށް“ އަސްލަމް ވިދާޅުވިއެވެ.

”އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ގަބޫލުކުރީ މިއީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލަވިފައި އޮތް ގައުމެއް ކަމަށް. މިގައުމަކީ އެއް ބައްރަކަށް އޮތް ގައުމެއް ނޫންންކަމަށް. މިގައުމުގެ ރައްޔިތުން މުސްތަގުބަލުގައިވެސް ދިރިއުޅެމުން ގެންދާނީ ޖަޒީރާ ރަށްތަކެއްގައި ކަމށް. މިގައުމުގެ ރައްޔިތުންގެ ސިކުނޑީގައި ހަރުލާފައި ހުންނާނީވެސް އަޅުގަނޑުމެން ކަހަލަ ގައުމެއްގެ އާބާދީއެއްގައި އުޅޭ ބައެއްގެ ސިކުނޑީގައި ހަރުލާފައި ހުންނަ ކަހަލަ ކަންތައް ތަކެއް. އަޅުގަނޑުމެންގެ ހުންނާނީ ވަކިކަހަލަ ވިސްނުން ތަކެއް. ވަކިހަހަލަ ގޮތް ގޮތަކަކަށް ދެކޭ ބައެއް އަޅުގަނޑުމެން ނަކީ. އެއީ އަޅުގަނޑުމެން މިދިއުޅޭ މާހައުލު އުފެދިފައި އޮތް ގޮތާ ގުޅިފައި އޮތް ކަމަކަށް ވާތީ“

މިހާހިސާބުން އުފެދޭ ސުވާލަކީ ސަރުކާރުން އެ ވިދާޅުވާ ހެލިފެލިވެ އުޅެވޭނެ ގޮތަކާ ގުޅެވޭނެގޮތް ނުވަތަ ތިލަބަހުން ބުނާނަމަ ދަތުރުފަތުގެ ނިޒާމުން އެއްފަސް ކުރިވިދާނެ ބާއެވެ؟ ބޭރުގެ ގައުމުތަކުގެ ތަޖުރިބާއަށް ބަލާފައި ބުނެވޭނީ ގައުމެއް ތަރައްގީވެ ދިއުމަށް ޓްރާސްޕޯޓް ވިއުގެއެއްގެ މުހިންމުކަން ބޮޑު ކަމެވެ. ފެރީއެއް ދުއްވައިގެން ގެތަކެއް ނޭޅުނަސް ކޮންމެ ދުވަހަކު ކަނޑައެޅިފައިވާ ގަނޑިތަކެއްގައި ދަތުރުތަކެއް އަގު ހެޔޮކޮށް އޮންނަމަ ރަށުގައި ހުރެ ތިމާ ހައްދާ ދަނޑުވެރިކަމުގެ ސާމާނު އެހެން ރަށްރަށް ގެންދިއުމުން އެއީ ތިމާގެ ޖީބަށް ލިބިގެންދާނެ ”ހެވަކަށް“ވާނެ އެވެ. އެކަމުން އުފެދިގެން ދާ ގުޅުން ވެގެންދާނީ ވަރުގަދަ ގުޅުމަށްކަން ޔަގީނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ކޮންސެޕްޓުގައި ހުރިމައްސަލައަކީ ހަމައެކަނި ޓްރާންސްޕޯޓް ވިއުގައަކުން ނައްތާލެވޭނެ މައްސަލަތަކެއްނޫން. އަޅުގަނޑުމެން އެންމެންނަކީ ދިވެހިން ކޮންސެޕްޓް ދިވެހިންނަށް ބިނާކުރުން މުހިންމު. ހަމަޔަގީނުންވެސް އެގޭކަމަކީ ސިޓީސެންޓަރ ތަކެއްނަހަދާ ތަރަށްގީނުކުރެވޭނެކަން. ހިދުމަތްދިނުނުމުގެ އަގުތައް ކުޑަނުކޮށް ރަށްޔިތުންނަކަށް ހުދުމަތްތައް އެންޖޯއިއެއް ނުކުރެވޭނެ. ހިދުމަތްދިނުމުގައި އިކޮނޮމީސް އޮފް ސްކޭލަށް ބަލަންޖެހެނީ. 200 ރަށުގައި މީހުން ބައިތިއްބައިގެން އިތުރު ތައްގީއެއް ނުލިބި މިހާރު ތިބިވަރުގައި ފަފަރެއްގައި ބޭތިއްބިދާނެ. މިއަށްތަރަށްގީއޭކިޔަންޔާ ކިޔަންވީ. އަސްލަމް ފަދަބޭފުޅުންނަށް މިކަންކުރެވިދާނެ. ކުރީސަރުކާރުގެ ޕްލިސީ ފެއިލްވީ ކީއްވެތޯ ދިރާސާކުރަންޖެހޭ އެއައްފަހު މިސަރުކާރުގެ ޕޮލިސީ ހެދުންމުހިންމުކަމަށް އަޅުގަނޑަށް ފެނޭ. އިއްބެ

    އާދިތްތަ، އޮކްޓޫބަރ 11 2009، 12:37
  2. އަސްލަމްގެ ވާހަކައަށް އަޅުގަނޑު ތާއީދުކުރަން. އެއީ ވަރަށް ގިނަ ކަންކަމުގެ ހައްލަށް ވެގެންދާނެކަން ޔަގީން. ރައީސް އެވިދާޅުވާ "ދަތުރުފަތުރުގެ ނިޒާމަކުން" ރަށްތައް ގުޅުވާލެވިއްޖެނަމަ ހީނުކުރާހާ ފައިދާކުރާނެ. ބައްލަވާ އަވައްޓެރި އިންޑިއާއަށް. އިންޑިއާގެ ޓްރާންސްޕޮޓޭޝަން ސިސްޓަމް އެކުލަވާލާފަ އޮތް ގޮތުން، އެންމެ ފަގީރު މީހާއަށްވެސް ސިޓީގަ ހުރި ކޮންމެ ތަނަކަށް ދިއުމަކީވެސް ވަރަށް ފަސޭހަކަމެއް. ބަސްތައް ނުދާ ހަމަ އެއްމެ މަގެއްވެސް ނޯންނާނެ. އެހެންކަމުން އެންމެ އާދައިގެ މީހާވެސް ދާން ބޭނުން ކޮންމެ ވަގުތަކު ކޮންމެ ޚިދުމަތެއް ހޯދަންވެސް ދާންވީ. އެމީހަކު އުޅޭ ހިސާބުން ޚިދުމަތް ލިބެން ނެތޭ ކިޔާފަ ހުންނާކަށްނުޖެހޭ. މިސާލަކަށް ބެންގަލޫރުގަ، ސިޓީތެރޭގެ ހުރިހާ ހިސާބަކަށްވެސް އެންމެ ދުރުގައުޅޭ ފަގީރުމީހާވެސް އެއްވެސް ދަތިކަމެއްނެތި ގޮސްއުޅޭނެ. ތެދެއް، ރާއްޖެއަކީ ޖަޒީރާ ގައުމެއް. އެކަމު އެކަން އެގޮތަށް ވީ މިސަރުކާރު އައިފަހަކުން ނޫން ދެއްތޯ؟ ކޮންމެ ރަށެއްގަ ހެލްތުޕޯސްޓެއް އަޅަން ކުރި ހޭދަ ހަމަ ފެރީ ނިޒާމެއް ގާއިމުކުރަންވެސް ކުރެވުނީސް. އެކަމު ބޭނުންނުވީ ރައްޔިތުންނަށް ފަސޭހައެއްވާން. މިހާރު އެފަސޭހަ ހޯދަދޭން އުޅޭތީވެސް ކަމަކުނުދިޔަ. އިންޑިއާ ސަރުކާރު މުއްސަނދިވީމައެއް ނޫން މިކަން ކޮށްފަ މިއޮތީކީ. ރާއްޖެއަށްވެސް ބޭނުންނަމަ ކުރަންވީތާ ކިތަމެ ޒަމާނެއް. ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުދެވިގެން ޚުދު އަޅުގަނޑުމެންގެ ރަށުގަވެސް މާބަނޑު ކިތައްމީހުންތޯ މަރުވެގެން ދިޔައީ؟ ކާކުތޯ މިކަންކަން އޭރު އަޑުއެހީ؟ އޭރުވެސް މިފަދަ ނިޒާމެއް އޮތްނަމަ މިހެން އަޅުގަނޑަށް ބުނެވޭނެތޯ؟ ކައިރި ރަށަކުން، އަޅުގަނޑަށް އަޅުގަނޑު ބޭނުން ހޮސްޕިޓަލަކަށް ދިއުމުގެ ފުރުސަތު އޮންނާނެ. އިންޑިއާ އަކީ ފަގީރުން ގިނަ ގައުމެއް. ނަމަވެސް އެމީހުންގެ ދުރުވިސްނޭކަމުން އެމީހުން ކޮށްފައެއޮތް މަސައްކަތަށް ހަމަ ސެލިއުޓް ކުރަން. އަޅުގަނޑަށް ޔަގީން ނަޝީދު ސަރުކާރުންވެސް މިކަން ފުރިހަމަ ކުރާ ދުވަހު މުޅި ދިވެހި ގައުމު ސަރުކާރަށް ސެލިއުޓްކުރާނެކަން.

    އާދިތްތަ، އޮކްޓޫބަރ 11 2009، 13:32
  3. މިހާރުވެސް ޑިޒާސްޓާއިން އުގޫފާރު ރައްޔިތުންގެ އިންޖީނުގެއަށް 2008 ސެޕްޓެމްބަރ އޮކްޓޯބަރ ނޯވެމްބަރ ޑިސެމްބަރ ގެ ޓެންޓުތަކުގެ ކަރަންޓް ބިލުތަކައް ލިބެންޖެހޭ ޖުމްލަ: ހަމިލިޔަން އަށްޑިހަ ދެހާހައްވުރެ ގިނަ ރުފިޔާ ދަރާ އޮތްއިރުވެސް ސަގަރުސާހިދު ހިތައް ޗުންމެންހިތައް އަރާވަރުވެސްނާރަ؛ އަދި މިކަންތައް މަޖިލިހައްދާވާހަކަ އުގޫފާރުގައި އެބަދައްކާ؛ ހެޔޮވެރިކަމަކީ ވަރައް ރައްޔިތުންނައް ވިސްނާކަމެއްކަން މިކަމުންދޭހަވާނެ > ހުވަދުމާގޭ ލަތީފު

    އާދިތްތަ، އޮކްޓޫބަރ 11 2009، 13:42
  4. މިސަރުކާރުން ދެން ފޮނި ނުކެނޑުމަށް އެނދެން، އަހަރުމެން ރަށުގައި ޔުނިވާރ ސިޓީއެއް އަޅައި ދޭނަމޭ ކިޔާފައި، ބޭރުން އައި މީހުންކަމަށްބުނެ އެތާ ކައިރީގައި އޮތް ރިސޯޓަކުން ގެސްޓުންތަކެއް ފޮނުވީ، އެކަން އެނގުނީ އެމީހުން މިދިޔަ ރަމްޞާން މަހު ދުވާލުކާން ތިއްބައި ރައްޔުން ނުކުމެ އެމީހުންގެ ގައިގައި ތަޅައި ގަންނަ ހިސާބަށް ދިޔުމުން އެމީހުން އެގޮތަށް އެއްބަސްވީ

    އާދިތްތަ، އޮކްޓޫބަރ 11 2009، 15:12
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv