

ޕްރެޒިޑެންޓްސް ކަޕް އެންމެ ފަހުގެ ކުރިމަތިލުމަށް ދެބާރު ނުކުންނަނީ
-އާދަމް ރިފާއު-
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށް ވީބީ އާއި ވިކްޓްރީ މިރޭ ނުކުންނާނެއެވެ.
މިރޭގެ މެޗަށް ދެޓީމް ނުކުންނަ އިރު އަނިޔާގެ މާބޮޑު މައްސަލަ އެއް ދެޓީމަށްވެސް ކުރިމަތި ވެފައެއް ނުވެއެވެ.
މިމުބާރާތުގެ ފައިނަލަށް ވިކްޓްރީ ދަތުރުކުރީ ސެމީ ފައިނަލްގައި ވީބީ ބަލިކުރުމަށް ފަހުގައެވެ. ވީބީ ފައިނަލަށް ގޮސްފައިވަނީ ސެމީފައިނަލް ދެވަނަ މެޗްގައި ނިއުރޭޑިއެންޓާއި މާޒިޔާ ބައްދަލުކޮށް އެމެޗުން މާޒިޔާ މޮޅުވުމުން ސެމީ ފައިނަލް ތިންވަނަ މެޗްގައި މާޒިޔާ ބަލިކޮށްގެންނެވެ.
ޕުރެޒިޑެންޓްސް ކަޕްގެ އަލަތު ފައިނަލަށް ވީބީ މިރޭ ނުކުންނަ އިރު އެޓީމްގެ ކޯޗް ލާސްލޯ ކިސް އަށް ލިބޭނެ އެންމެ ބޮޑު ހިތް ހަމަ ޖެހުމަކީ އޭނާގެ ޓީމް ފިޓްކޮށް އޮތުމެވެ. ވިކްޓްރީ އެޓީމާއި ބައްދަލު ކުރި އެންމެ ފަހު ދެމެޗް ކާމިޔާބު ކޮށްފައިވާ އިރު ކިސް ބުނެފައިވަނީ ވިކްޓްރީ އާއި ދެކޮޅަށް ކުޅެން ކެތް މަދު ވެފައިވާ ކަމަށެވެ.
ވިކްޓްރީގެ ޓީމްމިރޭގެ މެޗަށް ނުކުންނަ އިރު އެޓީމުގެ ކޯޗް ސުޒޭން ބުނެފައިވަނީ ފައިނަލް ގައި މޮޅުވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި، ކުޅުންތެރިން ވެސް ތިބީ މިކަމަށް ތައްޔާރު ވެގެން ކަމަށެވެ.
މިރޭގެ މެޗް ކާމިޔާބު ކުރާ ޓީމެއް މިސީޒަނުގެ އެންމެ ގިނަ މުބާރާތް ކާމިޔާބު ކުރިޓީމަކަށް ވެގެން ދާނެއެވެ.