ދަތުރު ފަތުރު ނިޒާމަކުން ރާއްޖެ ގުޅާލުން : ”ޚިދުމަތް ދޭ ފަރާތްތަކަށް ދޭ ވަސީލަތްތަކާ ނުލާވެސް ހަރަދު ކަނޑާ ފައިދާ ވާނެ“

މުހައްމަދު އަފްރާޙް އޮކްޓޫބަރ 8 2009، 16:46 0 ޚިޔާލު

ދިވެހިރާއްޖެ ”ލާމެހިފައިވާ“ ދަތުރުފަތުގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް ހަވާލުކުރާ ފަރާތްތަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ހިދުމަތްތަކާއި ނުލާވެސް އެ އެފަރާތްތަކަށް ”ހަރަދު ކަނޑާ“ ފައިދާވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް، އެންޑް އެންވަޔަރުމަންޓް މިނިސްޓަރ މުހައްމަދު އަސްލަން ވިދާޅުވެއްޖެއެވެ.

މެދުދެކުނު ޕްރޮވިސްގައި ހިމެނޭ (ފުވައްމުލަކާއި އައްޑޫ) ދަތުރުފަތުގެ ވިއުގަޔަކުން ގުޅާލުމުގެ މަސައްކަތް އެމްވީކޭއާއި ހަވާލު ކުރުމުގެ އެބަސްވުމުގައި ސޮއިކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ”މިހާރު ހިދުމަތް ދެމުން ގެންދާ ލ. އަދި ތ. އަތޮޅުގައި ކަންތައް ވަމުންދާ ގޮތައް ބަލާއިރު، މިވަގުތު ހިދުމަތް ދޭ ފަރާތްތަކަށް ކްރޮސް ސަބްސިޑީއެއްގެ ގޮތުގައި ދޭ އިންސެންޓިވް ތަކާ ނުލައިވެސް ފައިދާވާނެ ކަމުގެ ޔަގީންކަން އެބައޮތް“ ކަމަށެވެ.

” ދުވަހުން ދުވަހަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަތައް އެބަފެނޭ. ޑިމާންޑް ބޮޑުވަމުން އަންނަތައް އެބަފެނޭ. މިހިދުމަތަކީ ހިދުމަތް ދެމިއޮތް ކަމަށްވާނަމަ ޑިމާންޑް އިތުރުވަމުން ދާފަދަ ހިދުމަތެއް. މިއަދު ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރައްވާނެ އަޅުގަނޑުމެން ދެއްކީ ރަނގަޅުވާހަކަ އެއްކަން. މިއަދު އެބައެނގޭ މިބާވަތުގެ ކަންތައްތައްކަން މުސްތަގުބަލަށްޓަކައި ކުރަންވީ.“ އަސްލަމް ވިދާޅުވިއެވެ.

ދަރުބާރުގޭ ”ބިއްލޫރި“ މާލަމުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަސްލަމްއެވެ. އަދި އެމްވީކޭ ކުންފުނީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ(ސީއީއޯ) އިބްރާހިމް ޝަފީގް އެވެ.

އެމްވީކޭއިން ފުވައްމުލަކާއި އައްޑޫ ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލުގައި ބަހުގެ ހިދުމަތުގެ އިތުރުން ފެރީވެސް ބޭނުން ކުރާނެއެވެ.

ބައިގަރުނަށް (50 އަހަރަށް) އެކުންފުންޏާއި އެކު ވެވުނު އެއްބަސްވުމަށްފަހު ވާހަކަ ދައްކަމުން ސީއީއޯ އިބްރާހިމް ޝަފީގް ވިދާޅުވީ މިއަދާއި ހަމައަށްވެސް އެތަށް ބަޔަކު ޓްރާސްޕޯޓުން މަހުރޫމު ވެފައި ތިބި ނަމަވެސް މުސްތަގުބަލުގައި އެކަމަށް ނިމުމެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

”މިކަމުގައި އަޅުގަނޑުމެން ބޭނުންވަނީ ފުވައްމުލަކުން އަދި އައްޑޫގެ ރައްޔިތުންގެ ސަޕޯޓު. އަޅުގަނޑު ދައްނަވާނީ ޔަގީންކަމުގައި ތިއްބަވާށޭ. ގަމުގެ ވައިގެ ބަނދަރުގައި އަޅުގަނޑުމެން ގާއިމްކޮށްފައިވާ ތަންތަން ގެންދިޔަ ފެންވަރަށް މި ހިދުމަތްވެސް ތަރައްގީ ވެގެންދާނެ ކަމަށް. އެތަނުގައި މިހާރުވެސް މާލޭ އެއާޕޯޓުގައި ހަދާފައި ހުންނަ ރެސްޓޯރެންޓްތަކަށްވުރެ މާ ފެންވަރު ރަނގަޅުކޮށް އެތަނުގައި ރެސްޓޯރެންޓްވެސް ހަދާފައި ހުންނާނެ. އެފެންވަރަށް ހަތަރެއް ނުވަތަ ފަސް އަހަރުގެ ތެރޭގައި ޓްރާންސްޕޯޓުގެ ހިދުމަތްވެސް ގެންދެވޭނެ.“ ސަފީގް ވިދާޅުވިއެވެ.

ސަރުކާރުންވަނީ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުވާ ފަރާތްތަކަށް ތަފާތު ވިޔަފާރިތައް ހިންގުމަށް ބިން ދިނުމަށް ނިންމާފައެވެ. އެގޮތުން ސުޕަމާޓް އަދި ރެސްޓޯރެންޓްފަދަ ތަންތަން ހެދުމުގެ ފުރުސަތު އެފަރާތްތަކަށް ލިބިގެން ދާނެ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv