

އިގްތިސާދާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހާއްސަ ފޯރަމެއް އާދިއްތަ ދުވަހުގެ ރޭ ބާއްވަނީ
އިގްތިސާދާ ބެހޭ މައުލޫމާތު ދިނުމުގެ ފޯރަމެއް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަން ގުޅިގެން އާދީއްތަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން އާންމުންނަށް ހުޅުވާލައިގެން އިނގިރޭސި ބަހުން ބާއްވާ މި ފޯރަމް އޮންނާނީ ފެކަލްޓީ އޮފް މެނޭޖުމަންޓް އެންޑް ކޮމްޕިޔުޓިންގެ އޮޑިޓޯރިއަމްގައި އާދީއްތަ ދުވަހުގެ ރޭ 8:30އިން 10:30އަށެވެ.
މި ފޯރަމްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އިގްތިސާދީ އަދި އާންމު ސިޔާސަތުތައް އެކުލަވާލުމުގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޕްރޮފެސާ ހިލްޓަން އެލް ރޫޓްއެވެ.
އިކޮމޮމިކް މިނިސްޓްރީން ބުނީ މި ފޯރަމްގައި މައުލޫމާތު ދޭނީ ”ހުޅުވާލެވިފައިވާ އިގްތިސާދެއްގައި ކޯޕަރޭޓް ގަވަނަންސް އާއި އިޖުތިމާއީ ޒިންމާ“ އަދި ”ދެމެހެއްޓެނިވި ތަރައްގީ އާއި ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރާ“ ބެހޭ ގޮތުން ކަމަށެވެ.
ޕްރޮފެސާ ރޫޓް އަކީ އެމެރިކާގެ ”ޖޯޖް މޭސަން ޔުނިވާސިޓީގެ“ ސްކޫލް އޮފް ފަބްލިކް ޕޮލިސީގެ ޕްރޮފެސާ އޮފް ޕަބްލިކް ޕޮލިސީގެ ވަޒީފާ އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޒަރީ އަދި ސްޓޭޑް ޑިޕާޓްމަންޓަށް ފަންނީ ލަފާދެއްވުމުގެ އިތުރުން ބައިނަލް އަގުވާމީ އަދި ސަރަހައްދީ ޖަމިއްޔާތަކަށް ވެސް އޭނާ ލަފާ ދަނީ ދެއްވަމުން ނެވެ.