އާބާދީގެ 50 ޕަސެންޓް، ފެރީގެ ނިޒާމަކުން ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ

މުހައްމަދު އަފްރާޙް އޮކްޓޫބަރ 7 2009، 16:02 6 ޚިޔާލު

މެދުއުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް، ރާއްޖޭގެ އާބާދީގެ 50 ޕަސެންޓް ފެރީގެ ވިއުގައިން އަންނަ ހަފްތާ ގުޅައިލުމުގެ އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މެދުއުތުރު ޕްރޮވިސްގައި ހިމެނޭ (މާލެ، މާލެ އަތޮޅު، އއ. އދ އަދި ވ. އަތޮޅު) ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމުގެ ގޮތުން އެމްޓީސީސީއާއި އެކު ސަރުކާރުން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓްރާސްޕޯޓް އެންޑް އެންވަޔަރުމަންޓް މިނިސްޓަރ މުހައްމަދު އަސްލަމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަސީމް (ނަފާ) އެވެ.

ދަރުބާރުގޭގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ”މިއަދަކީ ވަރަށް އުފާވާ ދުވަހެއް ކަމަށާއި ތާއީދު ކުރާ މީހުންވެސް އުފާވާނެ، އަދި ތާއީދު ނުކުރާ މީހުން ބަލައިގަންނާނެ ދުވަހެއް “ ކަމަށެވެ.

”މިއަދަކީ އަޅުގަނޑުމެން ވެފައިވާ ލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލުމުގެ ވައުދަށް ބޮޅެއް އިތުރުވެގެންދާ ދުވަހެއް. ލ. އަދި ތ. އަތޮޅުގައި ވަރަށް ރަނގަޅަށް ދަތުރުފަތުރުގެ ނިޒާމުގެ ކަންތައްތައް ކުރިއަށް އެބަދޭ. ލ. އަދި ތ. އަތޮޅުގައި 28,000 މީހުން ދިރިއުޅެމުން ގެންދޭ.“ އަސްލަމް ވިދާޅުވިއެވެ.

”ލ. އަތޮޅު، ތ. އަތޮޅު، އއ. އަދި އދ. އަތޮޅާއި ވ. އަތޮޅު ލުމުން އޭރުން ރާއްޖޭގެ އާބާދީގެ 16 ޕަސެންޓް މީހުން ގުޅުވާލަ ދެވުނީ. މިއީ މާލެ ނުލާ 29,000 މީހުންގެ އާބާދީއެއް އޮންނަ ޒޯނެއް. މި ޕްރޮވިސްގައި މާލެވެސް ހިމެނޭ. އެހެންވުމުން މާލެ ހިމަނާނަމަ ރާއްޖޭގެ އާބާދީގެ 50 ޕަސެންޓް މީހުން ދަތުރުފަތުރުގެ ނިޒާމުން ގުޅާ ލެވިފައި މިވަނީ. އޭގެ މާނައަކީ އަޅުގަނޑުމެން ވެފައިވާ އެއް ވައުދު ކަމަށްވާ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުމުގެ ވައުދު ފުއްދުމުގައި 50 ޕަސެންޓް އެޗިވްމަންޓާއި ހަމައަށް މިއާދެވުނީ އޭ.“

ރާއްޖޭގައި ފަތުރުފަތުރުގެ ހިދުމަތް ދެމުން ގެންދާތާ 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަސީމް (ނަފާ) ވިދާޅުވީ އެކުންފުންޏަކީ ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ޕޮލިސީއަށް ތާއީދު ކުރާ ކުންފުންޏެއް ކަމަށާއި އެހެންކަމުން އެމްޓީސީސީން ހިދުމަތް ދޭނީ ޕްރައިވެޓް [އަމިއްލަ] ފަރާތްތަކާ ގުޅިގެން ކަމަށެވެ.

އެއްވެސް ޕްރައިވެޓް [އަމިއްލަ] ފަރާތެއް ނުވިސްނާތީ އެމްޓީސީސީއާ މި ހިދުމަތް ހަވާލުވީމަ އެބޭފުޅާގެ ވިޔަފާރި ގެއްލިގެން ދާނެ ކަމަށް. އަޅުގަނޑުމެން ތިބޭނީ މިހިދުމަތް ރަނގަޅަށް ދީ އިންތިޒާމުކޮށް ރާވާ ބަޔަކަށް. ހިދުމަތް ދެއްވަން އަދިވެސް ތިއްބަވާނީ ޕްރައިވެޓް ފަރާތްތައް. ތިލަބަހުން ދަންނަވާނަމަ މިހާރު އެހުރި ފެރީދޯނި ފަހަރާއި އޭގޭ ފަޅުވެރިންވެސް ބާކީއެއް ނުވާނެ. އެކަމަށް އަޅުގަނޑު ގެރެންޓީ ދެން.“ ނަފާ ނަސީމް ވިދާޅުވިއެވެ.

ނަފާ ނަސީމް ވިދާޅުވީ އަންނަ ހަފްތާގައި އެކުންފުނީގެ މުޅިދަތުރުފަތުރުގެ ހިދުމަތް އާ ނަމަކާއި ލޯގޯ އަކާއިއެކު އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ހިދުމަތް ލިބޭ މީހުންނަށް ދެވޭ ހިދުމަތުގެ ފެންވަރުވެސް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

”ދިވެހި ސަރުކާރުން މިކަންތައް އެމްޓީސީސީއަށް އިތުބާރު ކުރައްވާ އަޅުގަނޑުމެންނާއި ހަވާލު ކުރެއްވީތީ ޝުކުރުވެރިވަން. ސަރުކާރުން މިކަން ފެށުމުގެ ގޮތުން މިކަން ރާވާފައި ހުރި ގޮތަށްވުރެވެސް މޮޅަށް މިކަން ރާވައި ޕްލޭންކޮށްގެން ކުރިއަށް ގެންދާނަން. ކުރިއަށް އޮތް ހަފްތާގައި މިކަން ރަސްމީކޮށް ފަށާނަން. ފަށާއިރު މީޑިއާ މެދުވެރިކޮށް އަގުތަކާ މަންޒިލްތަކާ އެކު އިއުލާނު ކުރާނަން.“ ނަފާ ނަސީމް ވިދާޅުވިއެވެ.

އެމްޓީސީސީން މިއަދު ވަނީ އެކުންފުނީގެ ހިދުމަތަށް ގެނައުމަށް ހަމަޖެހިފައިވާ ”ބަދަލު“ގެ ކުރު ތަފްސީލެއްވެސް ދީފައެވެ. އެގޮތުން މުސްތަގުބަލުގައި ފެރީޓާމިނަލްތަކުގައި ބޭރުގެ ގައުމުތަކުގައި ހުންނަ ފަދަ މީހުން ވަދެ ނުކުމެ ވާ ގޮތަށް [އެކްސެސް ގޭޓް] ގާއިމް ކުރުމާއި މިހާރު ބޭނުން ކުރަމުން ގެންދާ ކަރުދާސް ޓިކެޓުގެ ބަދަލުގައި އިލެކްޓޯނިކް [އީ] ޓިނެޓް ތައާރަފު ކުރުމަށް ވިސްނާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

”ފެންވަރު ރަނގަޅު ފެރީތަކެއް ހޯދުމުގެ މަސައްކަތްވެސް އެބަކުރަން. އެއީ ދަތިކަމެއް ނޫން. ދުނިޔޭގެ ގައުމުތަކުގައި އެ ފަދަ ފެރީތައް އެބަހުރި. ނަމަވެސް އަޅުގަނޑުމެންނަށްވެސް މިވަގުތު ދިމާވެފައިވާ މައްސަލައަކީ ކުންފުނީގެ މާލީހާލަތު ހުރި ގޮތުން އެހާބޮޑު އިންވެސްޓްމަންޓެއް ކުރެވެން ނެތީ. އެހެންވެގެން މަޑުކޮށްލައިގެން މި ތިބެނީ. ނަމަވެސް އިރާދުކުރެއްވިޔާ ކުރިއަށްއޮތް މަހެއްހާ ދުވަސް ތެރޭގައި މި ހިދުމަތް ފުޅާވެ ތަނަވެސް ވެގެންދާތަން ފެންނާނެ. ބޭންކުތަކާއި ވާހަކަ ދައްކައިގެން ލޯނުތަކެއްވެސް ހަމަޖެހެމުން ދަނީ. ހަމަޖެހޭއިރަށް އެ އުޅަނދުފަހަރު ގެންނާނަން.“ ނަފާ ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އެމްޓީސީސީ އާ ހިދުމަތް ދިނުމަށް ހަވާލުވެފައި ވީ ކަމުގައި ވިއަސް ”މިއީ ސަރުކާރުން އަލުން ހިދުމަތް ސަރުކާރުގެ ދަށަށް ނެގުމެއް ނޫން ކަމަށެވެ.

”އަޅުގަނޑުމެން ހުޅުލެއާ މާލެ އާ ދެމެދުގައި ފެރީ އޮޕަރޭޓް ކުރާނަން. ނަމަވެސް އެމްޓީސީސީން ފެރީތަކެއް ބަންދެގެންނެއްނޫން އެކަން ކުރާނީ. މިހާރުވެސް ހިދުމަތް ދޭ މީހުންނާ އެމްޓީސީސީއާއި ދެމެދު ޖޮއިންޓް ހިދުމަތް ތަކެއް ހަދާނީ.“

” އަތޮޅުތަކުގައި ރައްޔިތުންވެސް ބޮޑެތި އިންވެސްޓްމަންޓް[ވިޔަފާރިއަށް ހޭދަ]ތަކެއް ކޮށްގެން ފެރީތައް ހަދާފައި އެބަހުރި. އެއީވެސް ސަރުކާރާއި ދިވެހިރައްޔިތުންގެ ލާރި. އެހެންވުމުން އެމްޓީސީސީއަކުން ނުވިސްނަން މި ކުންފުނިން އެތަނަށް ފެރީއެއް ގެންގޮސްގެން އެ ފެރީ ބާކީ ކުރާކަށް. އެފަދަ ފެރީތައް ގެންގުޅޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެފެރީ މި ޕޫލްގެ ތެރެއަށް ނަގާނީ.“ ނަސީމް ވިދާޅުވިއެވެ.

އެމްޓީސީން ބުނީ ދަތުރުފަތުރުގެ ނިޒާމުގެ މަސައްކަތް ފެށުމާއި އެކު ކުރިން ޓިކެޓް ގަންނަ [ލޯ ކޯސްޓް] ނިޒާމެއް ގާއިމް ކުރުމަށް ވިސްނާފައިވާ ކަމަށެވެ.

”ސިންގަޕޫރު ތަންތާގައި އޮންނަ ނިޒާމެއް އެއީ. ލޯ ކޯސްޓް އެއާލައިންތަކުގައި އޮންނާނީ ހަމަސް ކުރިން ޓިކެޓް ގަންނަ ނަމަ 30 ޑޮލަރަށް ލިބޭނެ. ނަމަވެސް ވަގުތުން ގަންނަ ނަމަ ލިބޭނީ 140 ޑޮލަރަށް. މި ފަދަ ހިދުމަތެއް ތައާރަފު ކުރުމުން ރައްޔިތުންނަށް ފަސޭހަވާނެ ކުރިން ޕްލޭންކޮށްގެން ދަތުރު ކުރަން. މިސާލަކަށް ބުނާނަމަ އީދުގެ ދެ މަސްކުރިން ޓިކެޓް ގަންނަ މީހެއް ނަމަ ވަރަށް ބޮޑު ޑިސްކައުންޓެއް ލިބޭނެ.“

ނަސީމް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކީ ހީވެސް ނުކުރާވަމުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި ހިދުމަތް ފަށާތާ ފުރަތަމަ ހަތަރު އަހަރު ހިދުމަތް ދެމުން ގެންދާނީ ގެއްލުމުގައި ކަމަށެވެ.

”މިސާލަކަށް ބުނާނަމަ 75 މީހުންގެ ފެރީއެއް ނަމަ އެއީ ގާތް ގަނޑަކަށް 12ވަރަކަށް މިލިއަން ރުފިޔާ. ކުރިމަގުގައި ހުންނަ ފެރީތައް މިހަދަން ޖެހޭނީވެސް ދެ އިންޖީނު ލައިގެން. އެއީ ކަނޑުމަތިން ކަމެއް ދިމާވިޔަސް ރައްކާތެރިވުމަށް.“

”އަޅުގަނޑުމެންގެ ބޭނުމަކީ ކުންފުންޏަށް ބޮޑު ފައިދާއެއް ނެގުމެއް ނޫން. ފަސްވަނަ އަހަރުން ފެށިގެން ފައިދާވާން ފަށާނީ.. އެއްޗެއްގެ އަގެއް ކަނޑައަޅާނީ އެ އެއްޗަކަށް ދާ ހަރަދަށް ބަލާފައި. އެއީ ވިޔަފާރީގައި ކަންތައް އޮންނަ ގޮތް. މިއީ ސީދާ ރައްޔިތުންނާއި ގުޅިފައި ހުންނަ ހިދުމަތްތަކަށް ވުމުން މީގައި މާ ބޮޑު ފައިދާއެއް ނޯންނާނެ. އޮޕަރޭޝަން ތެރޭގައި ގެއްލުން ނުވާކަމަށް ވާނަމަ އަގު ބޮޑެއް ނުކުރާނެ. ނަމަވެސް އޮޕަރޭޝަން ތެރޭގައި ގެއްލުން ވާނަމަ ޖެހޭނީ އަގު މައްޗަށް ޖައްސާލަން. މިސާލަކަށް ބުނާނަމަ ތެލުގެ އަގު ބޮޑު ވީ އެހެން ވެއްޖެނަމަ އައިލެންޑް އޭވިއޭޝަނުން ހަދާ ގޮތަށް ސާރޗާޖުން ދެ ރުފިޔާ ވަރު މައްޗަށް ޖައްސާލާނީ.“ ނަސީމް ވިދާޅުވިއެވެ.

އެމްޓީސީސީން ބުނީ އެކުންފުނިން ދެމުން ގެންދާ ހިދުމަތް ދެ ފެންވަރެއްގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ އާދައިގެ މީހުންނާއި އެއަށްވުރެ ތަނަވަސް މީހުންނަށް ކަމަށެވެ.

”ހިދުމަތް އޮންނާނެ ދެ ލެވެލްއެއްގައި އެއީ ކުޑަ އަގުގައި ތަންކޮޅެއް ލަހުންދާން ބޭނުންވާ މީހުންވެސް ތިބޭނެ. އެމީހުންނަށް އޮންނާނެ ދޯނި ފަހަރު. ދެންތިބޭނެ ފުދުންތެރި ރައްޔިތުން ބޮޑު އަގުގައި އަވަހަށް ދާން ބޭނުންވާ މީހުން. އެހެންވީމަ ދެ ހިދުމަތް އޮންނާނެ އެއީ ދޯންޏާއި ލޯންޗް. އަދި މާލެ އަކީ ސެންޓްރަލް ޒޯން ކަމަށް ވުމުން މާލެއިން ހުރިހާ އަތޮޅުތަކަށް ބޮޑެތި ލޯންޗްވެސް ފޮނުވާނަން. އެހެންވީމަ މިގެންނަނީ 100 މީހުން 75 މީހުންނަށް އެރޭވަރުގެ އެއްޗިހި.“ އޭނާ ވިދާޅުވިއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ރައީސްކަންކުރީތީވެ އެތައްބަވަރެއް ލިބެންޖެހޭ އެހެނަސް ރައީސްކަމުގަހުރެ ކުރިނުރަގަޅު ކަންކަމުން ރެކެންޖެހޭ އެއްޗެއްނަމަ ކެވެންޖެހޭ ކަމެއްނަމަ ރެކެންޖެހޭ ވާ! ވާ! ވާ! މީ ކޮންއެއްޗެއްބާ؟ ކުޜީގެ ރައީސް މައުމޫނަށް ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމަށް ޑީ.އާރު.ޕީން ފާސްކުރަން އުޅޭބިލު މިބިލުގައިވާގޮތުން ކުރީގެ ރައީސް ކިތަންމެ ބޮޑެތި ޖަރީމާތަކެއް ހިންގައި ކިތައްމެ ބޮޑަތި ޙިޔާނާތްތަކެއްވެފައިވީ ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ތަޙްޤީގެއް އަދި ޟަރީއަތެއް ނުހިންގޭ! މިކަމަކީ ޟަރުޢީ ޤާނޫނީ ތޮބީއީ އަދި ދުނިޔެވީ ހަމަތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަދި އިންސާފާ ދިމާ އިދިކޮޅޫ މުޅީން ބާތިލުކަމެކެވެ. ޟަރީއަތާއި ޤާނޫނަށްވުރެ މަތީގައިވާ އެއްވެސް އިންސާނަކު ހުރެގެންނުވާނެއެވެ ވެރިންލައްވާ ހެޔޮގޮތުގައި ވެރިކަންކުރުމަށް ރައްޔިތުންނަށް ލިބިފައިވާ އެންމެ ވަރުހުރި ވަސީލަތަކީ ޤާނޫނެވެ. ވެރިއަކަށް ޤާނޫނުން އެއްކިބާވެވޭނޭ ގޮތްގޮއް ހަމަޖެއްސުނަކީ ޤާނޫނުގެ ބާރުކަނޑުވާލުމެވެ. ޚުދުމުހުތާރު ވެރިކަމަށް ޖާގަދިނުމެވެ. ބޮޑުވަރު ދަތުރުފަތުރަށާއި، ބޭސްފަރުވާއަށާއި، ސެކިޔުރިޓީއަށް ދައުލަތުން ޚަރަދުކުރަންޖެހޭ ފައިސާއާއެކު ކޮންމެ މަހަކަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ މައުމޫނަށް ޚަރަދުކުރަންޖެޙޭ! ކުރީގެ ރައީސްގެ އަމިއްލަ ކިތައްމެ ގޯއްޗެއް އޮތްނަމަވެސް ދިރިއުޅޭނޭ ތަނެއް ހަމަޖެއްސުމަށް ކަމަށް ބުނެ ދައުލަތުން ކޮންމެ މަހަކު މަދުވެގެން -/ 000 50ރ ދޭންޛެހޭ! ބޮޑުވަރު ނަގުދު ފައިސާއިން ކޮންމެ މަހަކު މަދުވެގެން-/ 000 3000ރ ދަޢުލަތުން މައުމޫނަށް ދޭންޖެހޭ! މިއަށްވުރެ މި ފައިސާ މަދުވެގެން ނުވާނެކަމަށްވެސް ޑީ.އާރު.ޕީގެ ބިލުގައިއޮވޭ!

    ބުދަ، އޮކްޓޫބަރ 7 2009، 17:43
  2. މިހާރުވެސް ބައެއް ޕްރޮވިންސްތަކުގައި ފެރީގެ ނިޒާމު ތަޢާރަފްކުރެވިފައިވާކަން މިއާރޓިކަލްއިން އެގެން އެބައޮތް. އެހެނަސް އެއްވެސް ޕްރޮވިންސްގެ އަގު މިއާރޓީކަލް ކިޔާ ނިމުނުއިރުވެސް ނެތްކަން ފާހަގަކުރަންޖެހެނީ ހިތާމަޔާ އެކުއެވެ. އާރޓިކަލްގެ ސުރުޚީއަށްވުރެ ބޮޑަށް ރައްޔިތުން ބޭނުންވާނީ މިހާރު ގާއިމު ކުރެވިފައިވާ ފެރީތަކުގެ އަގު ހުރިގޮތެއް ބެލުންކަން ޔަގީން. ހަމަ އެގޮތަށް މިހާރު ފެރީ ޚިދުމަތް ދެމުން ގެންދާ އަތޮޅުތަކުގައި ފެރީއަށް ބޭނުންކުރަނީ ދޯނިތޯ ނޫނީ ލާންޗްފަހަރުތޯ އެގޭކަތްވެސް މިލިޔުމަކުން ނެތް. އަދި މިނިޒާމް އެކުލަވާލުމުން ރައްޔިތުންނަށްވީ ފަސޭހަތޯ ނޫނީ ދަތިތޯވެސް ބަލާލެވިފަނެތް. މީގެ އިތުރުން ޚިދުމަތް ހޯދަމުންދާ ރައްޔިތުންގެ ބަހެއްވެސް ހިމެނިފައިނެތް. ނޫސްވެރިންވެސް މިހާރަށްވުރެ ތަންކޮޅެއް ޒިންމާދާރުވާކަތް ނުވޭތޯއެވެ. ސަލީމް

    ބުދަ، އޮކްޓޫބަރ 7 2009، 19:01
  3. tިތިނިޒާމުގެ ބޭނުން ކިތައްމީހުން ހިފާތޯއެވެ، އަޑުއަހަނީ ތިޚިދުމަތުގެ ދޯހަޅިކަމާއި ލަސްކަމާހުރެ ތިޚިދުމަތް ބޭނުންނުހިފާވާހަކައެވެ.

    ބުދަ، އޮކްޓޫބަރ 7 2009، 21:01
  4. ހަރަގަޅަށް މިހިރަކަންކަން ކުރާވާހަތަށްދެއްކިޔަސް ވެރިކަމާއިހެދި މޮޔަބޮޑުވެގެން ވަކިތާރީޚެއް ކަޑައަޅައިގެން މިސަރުކާރުވައްޓާލަން އުޅޭމީހުންނަކަށް މިކަމެއްވާނެކަމަކަށް އެއްބަހެއްނުވާނެ ، މިހާރުވެސް ތއަތޮޅުގައި ފެރީގެނިޒާމު ގާއިމުވެ ފެރީގެ ޚިދިދުމަތްލިބެންފެށުމުން މިބައިގަޑުކިޔާތިއަދުއިވެނީ އެޚިދުމަތްފޯރުކޮށްދޭންތިބޭ މުއައްޒިފުންނަށް މުސާރަނުލިބޭވާހަކަ ، މިހުރިހާވާހަކަތަކެއްދައްކަނީ ވަރަށްބޮޑަށް ދުނިޔޭގެ މިހިގާއޮއިވަރު ރަގަޅަށް ނޭގޭ ދިއުޅިއެއްނުވާ ތާކުންތާކުނުޖެހޭ މީހުންދައްކާ ބަހަނާ ، މާތްﷲ ގެ ވާގިފުޅާއިއެކު މިރާއްޖޭގެ މިތިބި ހުރިހާރައްޔިތުން އެމް ޑީ ޕީގެ ސަރުކާރެއްގައި ވަރަށް އުފާފާގަތިކަންމަތީ ދަތުރުކޮށް އެއްރަށުން އަނެއްރަށަށްގޮސް އެކަކުއަނެކާއިބައްދަލުކޮށް އުޅެމުންދިއުމުގެ މަގުފަހިކޮށްދެއްވުމަށް ކެޑިނޭޅިސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ކުރައްަވމުންގެންދަވާ މަސައްކަތް ކާމިޔާބުލިބޭނެމަގުދައްކަވާށި ، އަދި މިގައުމުގެ އެއްމެހާރައްޔިތުން މިވޭތުވެދިގުމުއްދަތުގައި އުޅެމުންއައިހިތްދަތިކަމުން ސަލާމަތްކުރައްވިކަމަށްޓަކައި ނިހާޔަތަށް މާތްﷲގެކިބަފުޅަށް ޝުކުރުވެރިވާހާލުހުރެ ކުރުކުރީމެވެ . = އޭސް =

    ބުދަ، އޮކްޓޫބަރ 7 2009، 22:49
  5. ދޯހަޅިވާނެކަމާ ލަސްވާނެކަން މައުމޫނުގެ ސަރުކާރަށް އެނގިފަ އޮތީތީ މިކަން އެއްވެސް ސިފައެއްގަ ނުފަށާން ތިބީ ޖެޓްބޯޓްގަ ހިލޭ މިކަންކޮށްދޭންތާއެވެ. ދިވެހިންނަށް ޖެޓްބޯޓްވެސް ލަސްވާނެއެވެ. ހިތަށް އަރާއިރަށް ހުންނަންވާނީ ""ދެވިފައެވެ"" މިދުނިމަތީގަ އެވަރުވާނެހެއްޔެވެ.

    ބުރާސްފަތި، އޮކްޓޫބަރ 8 2009، 07:43
  6. ޝުކުރިއްޔާ ރައީސް ނަޝީދު!! އދިކޮޅު ފަރާތްތަކަށް ކިތައްމެ އަސަރެއް ކުރިއަސް ރައީސް ނަޝީދުގެ ވަޢުދުތައް އެމަނިކުފާނު ފުއްދަވާދެއްވާނެ ދައުރު ނިމެންވާއިރަށް. ވައުދުވެލެއްވީ 3 މަސް ނުވަތަ 6 މަސް ތެރޭ ހުރިހާ ކަމެއް ކޮށްދެއްވާކަށް ނޫން. 5 އަހަރު ދުވަހުގެ ތެރޭ ކޮށްދެއްވަން. އެހެންވީމަ ހުރިހާ ރައްޔިތުންނަށްވެސް ކެތްތެރިވެ ލެއްވުމަށް ގޮވާލަން. މިވީ 30 އަހަރު ދުވަހުގެ ތެރޭ އެއް ރަށުން އަނެއް ރަށަށް ގޮސް ލާނެ ފެރީ އެއް ނުލިބުނު ތާނގަ ބާ ބޮއްކުރާ ގަނޑެއްވެސް ލިބިފައެއް ނެތް!!!

    ބުރާސްފަތި، އޮކްޓޫބަރ 8 2009، 11:34
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv