އަވަށްޓެރިންނާ އަދުއްވުން އަދި އަޚުންނާއި ގުޅުން ބަދަހި ކުރުންވެސް މައްސަލައަކަށް؟

މުހައްމަދު އަފްރާޙް އޮކްޓޫބަރ 6 2009، 16:24 4 ޚިޔާލު

ސޯވިއެޓް ޔޫނިއަނުން މިނިވަންކަން އިއުލާނުކޮށްފައިވާ ކޮސޯވޯއަށް ނޭޓޯގެ ގުޅިފައިވާ ލަޝްކަރުތަކުން ވައިގެ މަގުން ބޮން އަޅަންފެށީ 24 މާޗް 1999ވަނަ ދުވަހުއެވެ. އެއީ މަޝްހޫރު ބޮސްނިޔާގެ ގަތުލްއާމްގައި މުސްލިމުންގެ އެތައް ސަތޭކަ ބައެއް މަރަމުން ދާތީ މަޝްހޫރު ހަނގުރާމައިގެ ކުށްވެރިއެއް ކަމަށްވާ ސޮލޮބޮޑާން މިލޯސޮވިޗް އާއި ދެކޮޅަށެވެ.

ބޮސްނިޔާގައި މިލޯސޮވިޗްގެ ސިފައިންނާއި ނަސޯރާ ހަނގުރާވެރިން ހިންގާފައިވާ ގަތުލް އާންމުތަކަކީ ދުނިޔޭގެ ތާރީހީ ފަތްފުށްތަކުގައި ރަތް އަކުރުން ލިޔެފައިވާ އަނިޔާވެރި ކަންތައް ތަކެކެވެ. އަންހެނުންގެ އިއްފަތް ފޭރުމާއި މައިންގެ، ކުރިމަތީގައި އެމީހުންގެ ދަރިން މެރުންފަދަ ކަންތައްތަކަކީ މިލޯސޮވިޗްގެ ސިފައިން އެންމެ ގަޔާވެގެން ކުރި ކަންތައް ކަމަށް ހެދިއެވެ.

ނޭޓޯގެ ސިފައިން މިލޯސޮވިޗްގެ ސިފައިންނާއި ދެކޮޅަށް ބޮން އަޅަން ފެށުމާއި އެކު މިލޯސޮވިޗް މުސްލިމުންނާއި ދެކޮޅަށް ކުރި ހަނގުރާމަ ހުއްޓާލީ 1992ވަނަ އަހަރުއެވެ. ހަނގުރާމަ ނިމުނު އިރު މުސްލިމުންގެ ދެ މިލިއަން އާބާދީ އޮންނަ ކޮސޯވޯއިން 200,000 މުސްލިމުން ވަނީ މިލޯސޮވިޗްގެ ރަހުމެއްނެތް ގަތުލް އާއްމުތަކުގައި މަރާލާފައެވެ.

އެދުވަހުން ފެށިގެން ބައިނަލް އަގުވާމީ މުޖުތައުގެ އެހީތެރިކަމާއިއެކު ކޮސޯވޯއިން މަސައްކަތް ކުރަމުން ދިޔައީ އަވައްޓެރި ބާރުތަކާއި އިނދިކޮޅަށް ނަމަވެސް މިނިވަންކަން އިއުލާނު ކުރުމަށެވެ. އެގޮތުން މިދިޔަ އަހަރުގެ 17 ފެބްރުއަރީގައި ކޮސޯވޯއިން މިނިވަންކަން އިއުލާނުކުރިއެވެ. މިނިވަންކަން އިއުލާނު ކުރުމާއި އެކު ކޮސޯވޯގެ އެންމެ ހަތުރުވެރި އެއް އަވައްޓެރިޔާ ކަމަށްވާ ސާބިޔާއިން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

ކޮސޯވޯއިން މިނިވަންކަން އިއުލާނު ކުރުމާއި ވިދިގެން މުސްލިމުންގެ އަޚުންތަކެއް ދިރިއުޅެމުން ގެންދާ މުސްލިމު ގައުމެއް ކަމަށްވާ ކޮސޯވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ގަބޫލުކުރިއެވެ. އެގޮތުން ރާއްޖެ ވެގެން ދިޔައީ ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރި 55ވަނަ ގައުމަށެވެ. ދިވެހިރާއްޖެ ކޮސޯވޯއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ވެގެން ދިޔައީ އަވައްޓެރި ގައުމުތަކަށްވެސް ”ހައިރާން“ކަން ލިބިގެން ދިޔަ ކަމަކަށެވެ. އެއީ މިސަރަހައްދުގެ އެއްވެސް ގައުމަކުން އަދި ކޮސޯވޯ ގަބޫލުކޮށްފައި ނުވުމެވެ.

”މިސަރަހައްދުގެ ގައުމުތަކުން ކޮމަން ފޮރިން ޕޮލިސީއެއް ނުގެން ގުޅޭ. އެހެންވުމުން ހުރިހާ ގައުމުތަކުން އެއްކަހަލަ ނިންމުންތަކެއް ނިންމާކަން ނުޖެހޭ.“ ފޮރިން މިނިސްޓަރ ޑރ ޝަހީދު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުން ވެގެންދިޔައީ މިހާތަނަށް ދިވެހި ތާރީހުގައި ގައުމެއްގެ މިނިވަންކަން ގަބޫލުކުރުމާއި ގުޅިގެން އެންމެ ”ހޫނު“ވެގެންދިޔަ އެއް މައްސަލައަށެވެ. ދިވެހިރާއްޖޭގެ މި ފިޔަވަޅާއި ގުޅިގެން ސިޔާސީ ފަރާތްތަކުން ސަރުކާރުގެ ބައެއް އިސްވެރިންނަށް ރިޝްވަތުގެ ”އިނގިލި“ ދިއްކުރަން ފެށިއެވެ. އެގޮތުން ސިޔާސީ ޕާޓީއެއް ކަމަށްވާ އައިޑީޕީންވަނީ ދިވެހިރާއްޖެއިން ކޮސޯވޯ މިނިވަން ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރުމުގައި ކޮސޯވޯގެ އިނދިކޮޅު ޕާޓީއެއް ކަމަށްވާ ”ނިއު ކޮސޯވޯ އެލަޔަންސް“ގެ ލީޑަރު ބެޖެޓް ޕަކޯލީ އަތުން ދެ މިލިއަން ޑޮލަރުގެ ރިޝްވަތެއް ނަގާފައިވާ ކަމަށް ބުނެފައެވެ. މި މައްސަލައާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދު އެކަން ތަހުގީގު ކުރުމަށް ފުލުންނަށް އެންގެވިއެވެ. ތަހުގީގު ތަކަށްފަހު ފުލުހުންވަނީ އެކަމުގައި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށް ބުނެފައެވެ.

މި މައްސަލަ އޮބުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ ދިވެހިންގެ ޒަމާނީ އަވައްޓެރި ގައުމެއް ކަމަށްވާ އިންޑިޔާއާއި ގުޅުން ބަދަހި ކުރުންވެސް ”މައްސަލައަކަށް“ ވެގެންދިޔަތަން ވަނީ ފެނިގެން ގޮސްފައެވެ. ޒަމާނީ އަވައްޓެރި ގައުމު އިންޑިޔާއިން، އިންޑިޔާ ކަނޑުގައި ގާއިމް ކުރަން މައްސަކަތްކުރާ ”އަސްކަރީ ފިޔަ“ގައި ރާއްޖެ ހިމަނާފައިވާ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި ހަބަރާއި ގުޅިގެން އަނެއްކާވެސް ސިޔާސީ ލީޑަރުންގެ ”ހެލިފެލިވުން“ އިތުރުވެގެން ދިޔައެވެ. އެގޮތުން އިންޑިޔާއިން ބައެއް އަސްކަރީ ސާމާނާއި އެހީދޭނެ ކަމަށް ބުނުމާއި ގުޅިގެން އެކަން ގައުމީ ”ބޮޑު ބަހުސަކަށް“ ވެގެން ދިޔައެވެ. އަދި ބައެއް ތަޖުރިބާކާރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން އިންޑިޔާގެ ”ގާތްވުމުގެ“ ސަބަބުން ކުރީގެ ސަރުކާރުން ޒަމާނުންފެށިގެން ގެންގުޅެމުން ދިޔަ ހަމަހަމަ ސިޔާސަތު ނިމުމަކަށް އަންނާނެ ކަމަށް ބުނަމުން ގޮސްފައިވެއެވެ. އެކަމުގެ ސަބަބުން އަސްކަރީ އެހީތައް ލިބުން ހުއްޓިދާނެ ކަމަށް ބުނަމުން ދިޔައެވެ. ނަމަވެސް މާގިނަ ދުވަހެއްނުވެ އެމެރިކާއިން ރާއްޖެއަށް އަސްކަރީގޮތުން އެހީވުމަށް ރައީސް ބަރަކް އޮބާމާ ނިންމެވި ނިންމުން ވެގެން ދިޔައީ ކުރިން ދެއްކި ވާހަކަ ތަކުގައި ހުރި ”ބުރަދަން“ އެނގިގެން ދިޔަ ކަމަކަށެވެ.

ރާއްޖޭގެ ތާރީހުގައިވެސް ހާރިޖީގޮތުން ކުރަން އުޅޭ ކަމަކާއި ގުޅިގެން އެންމެ ހޫނުކޮށް ބަހުސެއް ހިންގަމުންދާ އެއް ދުވަސްވަރަށް ދިވެހިރާއްޖެ އިނގިރޭސިންގެ އަތުން މިނިވަންވުން ފިޔަވައި މިދުވަސްވަރު ވެގެން ދާނެކަން އެއީ ޔަގީން ކަމެވެ.

މުސްލިމުންގެ ޒަމާންވީ ހަތުރެއްގެ ގޮތުގައި ”ލޭބަލް“ ވެފައިވާ ޒަޔަނިސްޓް ދައުލަތް އިޒްރޭލާއި މެދު ދިވެހި ސަރުކާރުން ގެންގުޅޭނެ ސިޔާސަތު ފޮރިން މިނިސްޓަރ ޑރ ޝަހީދުވަނީ ސެޕްޓެމްބަރު 15ވަނަ ދުވަހު ”ފަންސަވީސް މާލަމުގައި“ ވަނީ އިއުލާނު ކުރައްވާފައެވެ. އެދުވަހު ޑރ ޝަހީދު ވިދާޅުވީ އިޒްރޭލާއިއެކު ސިޔާސީ ގުޅުން ”ބަދަހި ކުރަމުން“ ގެންދާ ކަމަށެވެ.

”އެންމެ ފުރަތަމަ 1956ގައި ފަތްކޮޅު ހިފައިގެން ވަޑައިގެންނެވީ އިޒްރޭލުގެ ސަފީރު. އަޅުގަނޑުމެންގެ ހާރިޖިއްޔާ އެއްވެސް ރެކޯޑެއް ނެތް އިޒްރޭލާ ގުޅުން ކަނޑާލިކަމުގެ. ވަރަށް މަސައްކަތްކޮށްފިން އިޒްރޭލާ ގުޅުން ނެތް ކަމުގެ ރެކޯޑެއް ލިބޭތޯ.“

ފޮރިން މިނިސްޓަރުގެ މިވާހަކައާއި ގުޅިގެން އިޒްރޭލު މައްސަލަ ”ބޮޑު މައްސަލައަކަށް“ ވެގެން ދިޔައެވެ. ޝަބްރާއާއި ޝާތިލާފަދަ ތަންތާގައި ގަތުލް އާންމުތައް ހިންގާ އަދި މިހާރުވެސް ހިންގަމުން ގެންދާ އިޒްރޭލުގެ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވާކަން ފާޅުކުރަން ފެށިއެވެ. އަދި އެފަދަ ގުޅުމެއް ނުބޭއްވުމަށް ސަރުކާރުން ހިންގާ ޕާޓީން އާއި ގުޅިފައިވާ ގިނަ ދީނީ އިލްމުވެރިންގެ ތަކެއްގެ މައްޗަށް އެކުލެވިފައިވާ އަދާލަތު ޕާޓީންވެސް ވަނީ ގޮވާލާފައެވެ.

ނަމަވެސް އިޒްރޭލު މައްސަލާގައި ސިޔާސީ ގޮތުން ”އެޑްވާންޓޭޖް“ ނަންގަވަން އިނދިކޮޅު ފަރާތްތަކުން މަސައްކަތް ފަށާފައިވަނީ ރައީސް މުހައްމަދު ނަޝީދު އެ މައްސަލާގައި ވާހަކަފުޅު ދެއްކެވުމާއި ގުޅިގެން ނެވެ.

ނިވްޔޯކްގައި ބޭއްވި ސަމިޓަށް ވަޑައިގެންނެވުމަށްފަހު ރާއްޖެ ވަޑައިގެން މީޑިޔާއަށް މައުލޫމާތު ދެމުން ރައީސް ނަޝީދު ވިދާޅުވީ އިޒްރޭލާއިއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށް ދެ ގައުމުގެ ދެމެދުގައި އަދި ސަފީރުން ބަދަލުކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެއްވެސް ގައުމަކާ ގުޅުން ބަދަހި ނުކޮށް ތިބުމަކީ ”ވަރަށް ހައްދުފަހަނައަޅާ ވިސްނުމެއް ކަމަށާއި ގައުމެއްގެ ސިޔާސަތުގައި އެ ފަދަ ވިސްނުމެއް ގެންގުޅުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.“

”އިޒްރޭލާއި އަރަބިންނާ ދެމެދު އޮންނަ ގުޅުން އެއީ އަރަބިންގެ ސިޔާސީ މައްސަލައެއް. އެ ސިޔާސީ މައްސަލައިގައި ހައްލެއް ލިބުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރަނގަޅު ހޫނު ހަނގުރާމައެއްތޯ؟ މިސްރު އެ ހަނގުރާމަ ކުރަން ތައްޔާރަށް ތިބި ނަމަ އަދި ސީރިޔާ ވެސް އެ ހަނގުރާމަ ކުރަން ތައްޔާރަށް ތިބި ނަމަ ދެން އަޅުގަނޑުމެންނަށް އެހެން ގޮތްގޮތަށް ވެސް ދެކެވިދާނެ.“ ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސްގެ މިވާހަކަ ފުޅާއި ގުޅިގެން މަޖިލީހުގައިވެސް ހޫނު ބަހުސަކަށްވަނީ މިކަންތައް ވެފައެވެ.

އިނދިކޮޅު ފަރާތްތަކުންވަނީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ މަޖިލީހުގެ ތަޅުމަށް ވައްދާފަ އެވެ.

ޓީވީއެމް ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ ޝަހީދު ވިދާޅުވީ މުސްލިމުންނާއި ގުޅުން ބަދަހި ކުރުމުން ވެސް ކަމަކު ނުދިޔަ ކަމަށާއި މިހާރު އިޒްރޭލާއި މެދު ސަރުކާރުން ގެންގުޅޭނެ ގުޅުންތައް އިއުލާނު ކުރުންވެސް އެކަން މައްސަލަ އަކަށް ހަދާފައިވާ ކަމަށެވެ.

”ކުރިން ސަރުކާރުން ސިއްރު ގުޅުންތައް ބާއްވާފައިވޭ. ކުރިންވެސް ގެންގުޅުނު ގުޅުންތަކެއް މިހާމަ ކުރަނީ. އަދި ސިޔާސީ ގުޅުން އިޒްރޭލާއިއެކު ގާއިމް ކުރީއެއްވެސް ނޫން. އަޅުގަނޑު މާކުރިންވެސް މި ގުޅުމުގެ ވާހަކަތައް ދެއްކިން. ނަމަވެސް މިހާރު އިޒްރޭލުގެ ވާހަކަ ބޮޑުކޮށް ގެން އުޅެނީ ނިޔުޔޯކަށް ރައީސް ނަޝީދު ކުރި ދަތުރުކުރުގައި ލިބުނު ކާމިޔާބީ ތަކަށް ހިރުފުސް ބުރުވުމަށް.“ ޑރ ޝަހީދު ވިދާޅުވިއެވެ.

އެމްޑީޕީ އިއްތިހާދުގެ ސަރުކާރު ވެރިކަމަށް އައުމާއިއެކު ފޮރިން ޕޮލިސީތައް ދަނީ ހާމަ ކުރަމުން ނެވެ. އަދި ގިނަ ގުޅުންތަކެއްވެސް ދަނީ ގާއިމް ކުރަމުންނެވެ. ނަމަވެސް ފެންނަމުން ދަނީ ”އަވައްޓެރިންނާ ރަހުމަތްތެރިން، އަދުއްވުންނާއި އަދި އަހުންނާ ގުޅުން ބަދަހި ކުރުންވެސް“ މައްސަލައަށް ވެފައިވާ ތަނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ކަންކަން މައްސަލައަކަށްވަނީ މައްސަލައަކަށްވާގޮތަށް ފޮރިން މިނިސްޓަރުގެ އަމަލުހުންނާތީ. ކޮސޮވޯ އާއި ގުޅުން ބަދަހިކުރުމަކީ ދިވެހިންނަށް މައްސަލައެއްނޫން. އެކަމަކު ރިޝްވަތުދިނުމަށް މައްޝޫރު ކޮސޮވޯ އިދިކޮޅު ލީޑަރު ޕްކޯލީ އާއި ޑރ ޝަހީދު އެމެރިކާގައި ބައްދަލުކުރައްވާ އެއައްފަހު ކޮސޮވޯސަރުކާރު ބަދުނާމުވާގޮތަށް ޕަކޯލީއަށް އީމޭލްފޮނުއްވާ އެއީމޭލް ކޮސޮވޯގެ ނޫހެއްގައާއި ޕަކޯލީ ޕާޓީގެ ވެބްސައިޓުގައި ޖެހީމއަ އެއީ މައްސަލައެއް. މިއީ ރާއްޖޭގެ ޚާރިޖީ ވއޒީރަކު ކަންކުރަންވާނެގޮތެއްނޫން. މިކަންކުރި އިރު ތިޔަވިދާޅުވާ ހުޅުވިފައިވާ ސިޔާސަތެއް ވީތަނެއްނޭނގެ. ދިވެހިން މިވާހަކަތައް ކިޔަންޖެހުނީ ކއންވިތާ އެތައްދުވަހެއްފަހު އަލްބޭނިޔާ ނޫހަކުން. ދެން އިވުނީ އިޒްރޭލްވާހަކަ. މިކަމުގައިވެސް އެއްފަހަރު މިކަންކުރީ ފަލަސްތީނު މިނިވަންކުރުމަށް ބާރުއަޅާށޭ، އަނެއްފަހަރު މިކަންކުރީ ވާހަކަނުދައްކާބަޔަކާ ވާހަކަދައްކާ ހިތްހަލާލުކުރާށޭ، އަނެއްފަހަރު ނުކުރާ އެއްވެސް އާކަމެއްނުކުރަމޭވިދާޅުވެ ވާހަކަދައްކަވަމުން ގެންދެވީމާ ކޮސޮވޯ މައްސަލަހެން މިކަމުގައިވެސް ފޮރުވިފައިވާ ސިއްރު ކަންތައްތަކެއް އެބައޮތްކަން އެންމެނަށްވެސް އެނގޭ. މީކަންވާގޮތަކީ. މީހުންނާ ގުޅުން ބަދަހިކުރާތީއެއްނޫން މައްސަލައަކީ ކަންކުރާގޮތުން ނިޔަތްރަނގަޅުނޫންކަން އެނގޭތީ.

    އަންގާރަ، އޮކްޓޫބަރ 6 2009، 18:34
  2. ނިޔަތް ރަނގަޅު މީހުން މިޤައުމުގައި ވެރިކަން ކުރީމަތާ މިޤައުމުގެ ނިޔަތް މިހާރު ގޯސް ވެގެން މިއުޅެނީ.. ދުވހަކުވެސް ބަޔަކު ބުނާ އެއްޗެއް ވިސްނައިގަންނަށް ނޭގޭ މަރުހަލާގައި ތިބި ބަޔަކަށް މީހަކު ކިޔާ އެއްޗެއް ވެސް ނޭގޭނެ. އަނެއްކާ މިބޭފުޅާއަށް މީހުންގެ ނިޔަތް އިނގުމަކީ އާދައިގެ އިންސާނަކަށް ލިބިދީފައިވާ ބާރަކަށް ވުރެން މަތީ ބާރެއް ލިބިދީފައި ވާތީތާ.. ސިއްރު އޮންނާނީ ފޮރުވިފަ ކަންކަން ހާމަ ނުކުރީމަ. ކަންކަން ހާމަ ކުރީމަ ސިއްރު ފޮރުވިފަ އޮންނަަކަން ވެސް މިއީ އަރަތެއް އަނެއްކާ. ނިޔަތް ވެސް އިގެޔޯ ސިއްރު ހާމަ ކުރީމަވެސް ސިއްރަކަށް މިވަނީ.. ދަރަނި ފާޓީ ޑީ.އާރ.ޕީ ގެ ކެހިވެރި ވިސްނުމުން ވިސްނާ މީހުން ދައްކާނީ ހުސް ދެކޮޅު ނުޖެހޭ ވާހަކަ.. ދޮގެއްތޯ މިއީ އަނެއްކާ.. ސޭޓް

    އަންގާރަ، އޮކްޓޫބަރ 6 2009، 20:35
  3. މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ތައުރީފް ހައްގު. ތިޔަގޮތުގައި ކުރިޔަށް ވަޑައިގަންނަވާ. ވެރިކަމަށް ދެވިހިފާފައިވާ ފަރާތްތަކާއެފަރާތް ތަކުގެ ޕަޕެޓުން ދައްކާވާހަކަތަކަށް ވިސްނެވުމުގެ ބޭނުމެއް ނެތް.-ހެޕީ- މެލޭޝިޔާ-

    ބުދަ، އޮކްޓޫބަރ 7 2009، 00:35
  4. މައްސަލައަކީ ތިޔައެއްވެސް ނޫން. މައްސަލައަކީ މިގައުމުގެ ރައްޔިތުން މިގައުމުގައި ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން އައި ސަރުކާރު މިދިޔައިންތިޚާބުގައި ފެއިލްކޮށްލާ ޑިމޮކްރެޓިކް ސަރުކާރަކަށް ވޯޓުދީ އާސަރުކާރެއް އުފެއްދުމުން އެކަން ގަބީލު ނުކުރެވިގެން އަދިވެސް ވެރިކަމުގައި ދަހިވެތިކަމުގައި ބަޔަކުމީހުން އުޅޭތީ މައްސަލައަކީ

    ބުދަ، އޮކްޓޫބަރ 7 2009، 01:15
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv