އާޒިމް ނެތް ފުރަތަމަ ސީޒަންގައިވެސް ނިއުރޭޑިއަންޓް ހުސްއަތާ

މުހައްމަދު ޝަނޫން އޮކްޓޫބަރ 6 2009، 16:14 0 ޚިޔާލު

ކުރިއަށް އޮތް 4 އަހަރަށް ނިއުރޭޑިއަންޓްގެ ހިންގާ ކޮމެޓީ ހޮވުމަށް މިއަހަރުގެ ޖެނުއަރީ 26ވަނަ ދުވަޖހުގެރޭ ހެންވޭރު ބޯޅަގޭގައި ބޭއްވި ޖަލްސާގައި ކުރީގެ ޗެއާމަން އަދި މިހާރު އެފް އޭ އެމުގެ ޕްރެޒިޑެންޓް އަލީ އާޒިމް ގަނޑުތަކެއް ބެއްސެވިއެވެ. ”ގަދަ ޓީމުތަކުގެ ސަފުން ނިއު ބާކީވަނީ“ މި ސުރުހީގެ ދަށުގައި 2001ވަނަ އަހަރު އުދަރެސް ނޫހުގައި ލިޔެފައިވާ އެ އާޓިކަލާ ބެހޭ ގޮތުން އާޒިމް ވިދާޅުވިއެވެ. ”އަޅުގަނޑު ކްލަބް ހިންގުމާ ހަވާލުވާން ނިންމި އެންމެ ބޮޑު ސަބަބަކީ އެއީ. އެގޮތަށް އެ ލިޔުމުގައި ސިފަކޮށްފައިވުމުން އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކާ“ އާޒިމް ކްލަބްގެ ކަމަކުން އެންމެ ފަހުން ފެނުނު ބައްދަލުވުމުގައި ނޫސްވެރިންގެ ކުރިމަތީގައި ވިދާޅުވިއެވެ.

މިއަހަރަކީ ފާއިތުވެދިޔަ އަށެއްކަ އަހަރުގެ ތެރޭގައި އާޒިމް ނެތި ނިއު ކުރިމަތިލި ފުރަތަމަ ސީޒަނެވެ. ނަމަވެސް ނިއުއަށް ސީޒަން ނިމިގެން ދިޔައީ އެޓީމުގެ 20 އަހަރުގެ ހަޔާތުގައިވެސް އެންމެ ނާކާމިޔާބު ސީޒަންގެ ގޮތުގައި ސިއްކަ ޖެހިގެންނެވެ. ކުރިން ރެލިގޭޝަން ކުޅެން ޖެހި މިއަހަރު ރެލިގޭޝަން ކުޅެން ނުޖެހި ”ކިރިޔަ ކިރިޔާ“ ސަލާމަތްވުމަކީ އެޓީމަށް އޮތް ހިތްހަމަ ޖެހުމެއް ނޫނެވެ. އެއަށްވުރެ އެޓީމަށް ލިބުނު ނާކާމިޔާބީތައް މާގިނައެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ބައްޓަން ވެގެން ދިޔައީ މައިގަނޑު ތިން މުބާރާތަކަށެވެ. ދިވެހިލީގާއި އެފް އޭ ކަޕްގެ އިތުރުން ދެން އޮތީ ޕްރެޒިޑެންޓްސްކަޕެވެ. މިއިން ކޮންމެ މުބާރާތަކުންވެސް ނިއުއަށް ލިބުނީ 4ވަނަ މަޤާމެވެ. މިއީ ނިއުގެ ހަޔާތުގައިވެސް ގޮސްފައިވާ ހިސާބެއް ނޫނެވެ. ނިއު ބަލިވި މެޗުތަކުގެ އަދަދުވެސް އެހެން އަހަރުތަކާ އަޅާ ބަލާއިރު މާބޮޑުތަން ވަނީ އިތުރުވެފައެވެ.

އެފް އޭ ކަޕްގައި އެޓީމު ކުޅުނު ތިންމެޗުގެ ތެރެއިން 2 މެޗުން ވީ ބައްޔެވެ. މޮޅުވެވުނީ ކުއާޓަރ ފައިނަލުގައި ތިމަރަފުށީ ޔޫތު ކްލަބް އަތުން އެކަންޏެވެ. ޕްރެޒިޑެންޓްސްކަޕްގައި އެޓީމު ކުޅުނު ހަމައެކަނި މެޗުގައި މާޒިއާ އަތުން ވަނީ ބަލިވެ ކަޓައިގެން ގޮސްފައެވެ.

އެންމެ ބޮޑު މުބާރާތެއްގެ ގޮތުގައި މިއަހަރު ކުރިއަށް ދިޔައީ ކޮންމެ ޓީމެއް 18 މެޗު ކުޅެން ޖެހުނު ވަތަނިއްޔާ ދިވެހިލީގެވެ. ލީގުގައި ނިއު ކުޅުނު 18 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ 6 މެޗުންނެވެ. 5 މެޗު އެއްވަރުވިއިރު 7 މެޗުން ވަނީ ބަލިވެފައެވެ. 31 ގޯލު ޖެހިއިރު 32 ގޯލު ވަނީ ބައިކޮޅަށް ވަދެފައެވެ.

މުޅި ސީޒަންގައި ނިއުގެ ޕާފޯމަންސަށް ބަލާއިރު 22 މެޗު ސީޒަންގައި ކުޅުނުއިރު މޮޅުވެފައިވަނީ އެންމެ 7 މެޗުންނެވެ. 5 މެޗު އެއްވަރުވިއިރު 10 މެޗުން ވަނީ ބަލިވެފައެވެ. މި ނަތީޖާތަކުގެ ސަބަބުން ނިއުއަށް މިއަހަރުގެ ރޭންކިންގައި ގަދަ 10ގެ ތެރެއިން ޖާގަ ލިބޭނެ ކަމުގެ އުއްމީދުވެސް ވަރަށް ކުޑައެވެ.

މިސީޒަންގައި ނިއުއަށް ވީބީ އާއި މާޒިއާ އަތުން މޮޅުވެވިފައެއް ނެތެވެ. މާޒިއާ އަތުން ޖެހިޖެހިގެން ތިންބަލިވެފައިވާއިރު ވީބީ އަތުން ވަނީ ދެމެޗުން ބަލިވެފައެވެ. ވިކްޓަރީ އަތުން ތިން މެޗުން ބަލިވެފައިވާއިރު ނިއު ވަނީ އެއް މެޗުން މޮޅުވެފައެވެ. ނަން މަޝްހޫރު ޓީމުތަކުގެ ތެރެއިން ނިއު އަތުން މޮޅުނުވެވޭ ޓީމަކީ ވެލެންސިއާ އެވެ. ލީގުގައި ކުޅުނު ތިންމެޗުގެ ތެރެއިން ދެމެޗުން ނިއުއަތުން ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އޭވައިއެލާ ދެކޮޅަށް ތިންމެޗު ކުޅުނުއިރު އެއްމެޗުން ބަލިވެ އަނެއް މެޗުން މޮޅުވެ އަދި އަނެއް މެޗު ވަނީ އެއްވަރުވެފައެވެ.

ސީޒަންގެ މެދު ތެރޭގައި ކްލަބަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކޯޗު ސްޓޮއިކޯފް ޚަރަދު ކުޑަކުރުމުގެ ގޮތުން ފޮނުވާލަން ޖެހުމެވެ. އޭނާގެ މަޤާމާ ހަވާލުވީ ކުރިން ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރި މުހައްމަދު ޝިޔާޒު(މޯހަން) އެވެ. ނަމަވެސް މޯހަންގެ ކޯޗުކަމުގައި ކްލަބަށް އެދެވޭ ކާމިޔާބަކާ ހަމައަށް ވަނީ ދެވޭ ގޮތް ނުވެފައެވެ.

ނިއުއަށް ސީޒަން ނިމުނު މެޗަށް ފަހު މޯހަން ބުނެފައިވަނީ މިއަހަރަކީ ނިއުއަށް އިބްރަތްތަކެއް ހާސިލުވާނެ އަހަރެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ތައްޔާރުވާއިރު އެކަން މިސާލަކަށް ބަލަން ޖެހޭނެ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ނިއުއަށް ކުޅުމަށްފަހު މުސާރަ ނުދީގެން ޖުލައިމަހު ވެލެންސިއާއަށް ބަދަލުވި އަހްމަދު ތާރިގް(ޓޮމް) ބުނީ ނިއުއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ފައިސާގެ މައްސަލަ ކަމަށެވެ. ”ކުޅުންތެރިންނަށް މުސާރަ ނުދެވުން. ކޯޗު ސްޓޮއިކޯފް ފޮނުވާލަން ޖެހުން. ރަނގަޅު ކުޅުންތެރިން ކްލަބްގައި ނެތުން. މިއީ ކްލަބަށް ދިމާވި އެންމެ ބޮޑު ތިން މައްސަލައަކީ.“ ޓޮމް ބުނީ މުސާރަ ނުދޭތީ ވަކި ހިސާބަކުން ކުޅުންތެރިން ޕްރެކްޓިހަށް ނުކުތުންވެސް ހުއްޓާލި ކަމަށާއި ފަހުން މެޗުތައް ކުޅުނީ ޕްރެކްޓިހެއް ނެތި ކަމަށެވެ. ”ކުޅުންތެރިންނާއި މެނޭޖްމަންޓާ ދެމެދު ފަހުން އެއްވެސް ގުޅުމެއްވެސް ނެތް. މުސާރަ ނުދެވެންޏާ އޮންނާނީވެސް ކޮން ގުޅުމެއް؟“ ޓޮމް ބުންޏެވެ.

ވީބީ ފިޔަވާ ފުރަތަމަ ޑިވިޝަންގެ ހުރިހާ ކްލަބަކަށްވެސް މުސާރައިގެ މައްސަލަތައް ޖެހުނެވެ. އެފް އޭ ކަޕް ހޯދާ އަދި ލީގުގެ ދެވަނަ ހޯދާ މީގެ އިތުރުން ޤައުމީ ފައިނަލަށްވެސް ގޮސްފައިވާ ވިކްޓަރީއަކީވެސް ނިއުއެކޭ އެއްވަރަށް ނުވަތަ ފައިސާގެ ގޮތުން އެއަށްވުރެވެސް ހާލުގައި އުޅޭ ޓީމެކެވެ. ނަމަވެސް އެޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓާ ދެމެދު ގުޅުން ނުކެނޑޭ ކަމަށް ބައެއް ކުޅުންތެރިން ބުނެއެވެ.

ކޮންމެ ގޮތަކަށް ބެލި ނަމަވެސް މިއަހަރަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް އަދި ރާއްޖޭން ބޭރުގައި އެންމެ ބޮޑު ކާމިޔާބީ ހޯދާފައިވާ ކްލަބަށް ހިތްދަތި އަހަރެކެވެ. އެކަމާ އެންމެ ހިތްދަތިވާނެ އެކަކަށް ހަމަ ޔަޤީނުންވެސް އާޒިމް ވާނެ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv