ކިޔުންތެރިއެއްގެ ގަލަމުން ~ ޑިމޮކްރަސީ އާއި މިނިވަންކަމުގެ ނަމުގައި ”ރޯކުރަމުންދާ ފިތުނަވެރިކަމުގެ އަލިފާންގަނޑު“

އޮކްޓޫބަރ 4 2009، 16:03 2 ޚިޔާލު

-އޯކޭ ޒާހިރު-

ޑިމޮކްރަސީ އާއި މިނިވަންކަމާއި އެއްވެސް ގުޅުމެއް ވާކަމަކަށް އަޅުގަނޑު ނުދެކެމެވެ. އެގޮތަކީ ޑިމޮކްރަސީ އަކީ ޑިމޮކްރެޓިކް މިބަހުން ނެގިފައިވާ ބަހެއްކަމުން ޑިމޮކްރަސީއަކީ ރައްޔިތަކު އެބައިމީހުންގެ ޤައުމުގައި ގިނަބަޔަކުގެ ރުހުމާއި އެކު އެބައެއްގެ މެދުގައި ގެންގުޅޭނެ ވެރިކަމުގެ ނިޒާމަށް ކިޔާނަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގައި މިރާއްޖެ ފެށުނީއްސުރެން ހިގަމުންއައީ ރައްޔިތުންގެ އަގުލަބިއްޔަތު ލިބިފައިވާ މަސްވަރާގެ މަތިން ހިގަމުން އަންނަ ސަރުކާރެއް ކަމާއި މެދު ސުވާލު އުފުދެއެވެ. އެގޮތަކީ ރަސްކަލުންގެ ޒަމާނުގައިވެސް ރައްޔަތުން ރޭގަޑުގެ ނިދިން ހޭލެވޭއިރު އެބައިމީހުންގެ ރަސްގެފާނު ވަނީ ބަދަލުވެފައެވެ. ތާރީޚުން އެގޭގޮތުގައި ދިވެހިންނަށްވުރެ ބޮޑަށް ވެރިކަން ބޭނުން ރައްޔަތަކު ދިރިއުޅޭ ޤައުމެއް މިދުނިޔެއިން ފެންނާކަން ނެތެވެ.

ތާރީޚުން އެގޭގޮތުގައި ރަސްގެފާނުގެ އެންމެ ކައިރީގައި އުޅުއްވާ ބޭފުޅުންނާއި ފަޑިޔާރުންނާއި ރަސްގެފާނުގެ ޅިޔަން ފަހަރިން އަދި ދަރި ދަރިކަބަލުން ރަސްކަން ބޭނުންވެގެން އަބަދުމެ ވެރިކަމުގެ ދަހިވެތިކަމުގައި ރަސްގެފާނު އަވަހާރަ ކޮށްލަން ތައްޔާރަށް ތިބޭ ތަން ފެނިފައިވަނީ މަދެއްކޮށްނޫނެވެ. އަދި ހަމަ އެފަދައިން އެޤައުމެއްގެ ރައްޔަތުންގެ މިނިވަންކަން ދެމިގެން ދާނީ އެއިރަކު ހުންނެވި ރަސްގެފާނު ނުވަތަ ރައީސްގެ ޚުލްގު ގެ މައްޗަށެވެ. ޤާނޫނުތަކާއި އަސާސް އޮންނަނީ މަތާރަންފިލާ މަތީގައެވެ. ހަމަ އެހެންމެ ދުލާއި ޤަލަމުގެ މިނިވަންކަމަކީ ﷲ ތަޢާލާ އިންސާނުން ނަށް އެ ތަޢާލާ ދެއްވައިފައިވާ އެންމެ ބޮޑު އެއް ނިޢުމަތް ކަމަށް ވާއިރު ދިވެހި ރައްޔަތުންނަށް ލިބެންޖެހޭ މިނިވަންކަން ދިވެހިރާއްޖޭގައި ހިގާދިޔަ ގާތްގަޑަކަށް 84 ރަސްކަމާޢި ރިޔާސީ 3 ދައުރުގައި ލިބިފައިވަނީ މަލިކާއި، ފޯއްމުލަކާއި، ގޮއިދޫގެ އެކަނިވެރި ނިކަމެތި ކަމާއި ވިލިގިލި، ގާމާދޫ، ދޫނިދޫ، މާފުށީގެ ކުދި ގޮޅިތަކުންނޭ ލިޔެލާފައި ހުއްޓައިނުލައިފިނަމަ އަޅުގަނޑުގެ ކޮމްޕިއުޓަރ "ދެލި" ހުސްވާއިރުވެސް ނުލިޔެވޭ ވަރަށް މަޢުލޫމާތު ދިވެހި ކޮންމެ އަފުރާދެއްގެ ކިބައިގައިވާނެއެވެ. އަދި އަޅުގަނޑުގެ މަޢުލޫއަކީވެސް އަނިޔާވެރިކާއި ބޭއިންސާފު ކަމަށް ނުވާތީ އެބައި ދޫކޮށްލާނީ ކިޔުންތެރިން ނަށެވެ.

ޑިމޮކްރަސީއާއި މިނިވަން ދަވްލަތެއްގެ ނަމުގައި ހިންގި ތިރީސް އަހަރުގެ އަނިޔާވެރި ޚުދުމުޚުތާރު އަދި އިޤުތިޞާދު ފޫ ގޮސްފައިވާ ސަރުކާރު ބަދަލުކޮށް ހަވާލުވި ނުވަމަހުގެ ސަރުކާރެއްގެ ނުކުޅެދޭ ވާހަކަ ދައްކަން "ފީ ޖޭމާ ވަނދު ކަރާ" އޮޅުދޫ ކަރައިގައިވާ އެކުވެރި ޤައުމުތަކުގެ ޑިޕޮލިމޭޓުން ނާއި ބައްދަލުކޮށް ދެއްކި ދޮގު ވާހަކަތައް ޤަބޫލު ނުކުރީ، މިދެންނެވި ޑިޕޮލޮމޭޓުން ނަކީ ދުނިޔެ ހިގާ ގޮތާއި ޚާއްސަ ކޮށް ދިވެހިރާއްޖެގައި ހިގަމުން ދާ ކަންކަން ވަރަށް ކައިރިން ބަލަމުންދާ ބައެއްކަމުންނެވެ. އެހެން ކަމުން ކުއްލިއަކަށް ހިތަށް މިއަރަނީ އިސްލާމީ ތާރީޚްގައިވާ މައްކާގެ އަހުދުނާމާގެ މުއްދަތު އިތުރުކުރުމަށް އަބޫ ސުފުޔާން ކުރި މަދީނާ ދަތުރެވެ. އެދަތުރުގައި އަބޫސުފުޔާން ފާތުމަތުގެ ފާނުގެ މަލާމާތުގެ ބަސް ޤަބޫލުކުރައްވާ އޭނާ އަމިއްލައަށް އެގްރީމަންޓްގެ މުއްދަތު އިތުރުކުރުމަށް ރުހިގެން އައިސް އަންހެނުންގެ ކައިރީގައި އެވާހަދެއްކުމުން އަންހެނުން ބުނީ ކަލޭ ތިޔައައީ ހާސިމު ވަންހައިގެ ޅަފުރައިގެ އަންހެން ކުއްޖެއްގެ މަލާމަތް ލިބި ފަލީޙަތްވެގެން ކުރެވޭ ނުކުރެވޭ ކަމެއް ނޭގިތާއެވެ. މިހެން ބުނުމުން އަބޫސުފުޔާން ލަދުން ގެއިން ނުނިކުމެ ހުރިފަދައިން މިމީހުންވެސް އޮޅުދޫ ކަރައިގެ ދަތުރު ނިންމާފަ ގަތް ލަދުން މިޖެހުނީ ތިބެންތާއެވެ.

އަބުރުވެރި ސިޔާސީ މީހުންނަކީ އެބަޔަކު ދިރިއުޅޭ ވެށީގެ ތާރީޚާއި ސަގާފަތާ ހިގާފައިވާ ހާދިސާތައް ދިރާސާ ކޮށްގެން އޭގެ އަލީގައި މުސްތަޤުބަލް ބިނާ ކުރަންޖެހޭ ބައެއްކަމަށް ވާއިރު އަށްޑިހައިގެ އަހަރުތަކުގައި އެކުސްޕޯޓް ކުރި މުދަލެއްގެ އަގަށް ނޫނީ މުދާ އެތެރެ ނުކުރެވުނުކަން އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެލްސީއަށް ނޫނީ މުދާ އެތެރެ ނުކުރެވުނުކަން ހަދާން ހުރިމީހުންގެ ތެރޭގައި އަޅުގަނޑުވެއެވެ. މިދުވަސްވަރު ދުނިޔެއަށް ދިމާވި އިޤުތިޞާދީ ހީނަރު ކަމުގެ ސަބަބުން ދިވެހިރާއްޖޭ އަށް ޓޫރިސްޓުން އަންނަ މިންވަރު މަދުވެގެން ދިޔައީ ކޮންމެ ސަތޭކައަކުން އަށް މީހުންނެވެ. މިއީއަކީ ޑޮލަރގެ އަގު މިހާވަރަށް އުފުލެންވީ ސަބަބެއް ނޫނެވެ. އެގޮތަކީ ރާއްޖޭއަށް އަންނަ ޓޫރިސްޓަކު ހޭދަކުރަންޖެހޭ މިންވަރަކީ ލަންކާ އަދި ސިންގަޕޫރު ފަދަ ޤައުމުތަކަށް ވެސް ޚަރަދު ކުރަން ނުޖެހޭ މިންވަރެވެ. އެހެނަސް ގިނަ ރިސޯޓް އޯނަރުންގެ "ގޮޑިކޮށްކޮ ސަރުކާރު" ބަދަލުވުމާއި ގުޅިގެން އެ ސަރުކާރުން ރިސޯޓްތައް ލިބިފައިތިބި ގިނަބަޔަކު އަލަށް ހަވާލުވި ސަރުކާރަށް ފިއްތުން އިތުރު ކުރުމަށް ރޭވިގެން ޑޮލަރު ހިފަހައްޓާ އަގު ބޮޑުކުރީ ހަމަ ގަސްތުގައި ކަމުގައި މިދަންނަވަނީ މިއަދުވެސް ފަނަރަ ރުފިޔާއަށް ޑޮލަރެއް ގަންނަން ހުށައަޅައިފިނަމަ ދެލައްކަ ޑޮލަރ ވިޔަސް ހޯދުމަކީ ފެންތައްޓެއް ބޯލުންފަދަ ފަސޭހަ ކަމަކަށްވާތީއެވެ. އެހެނަސް ލަންކާ، ސިންގަޕޫރު ފަދަ ޤައުމަކުން ކިތަންމެ ބޮޑު އަގެއް ހުށައެޅިއަސް ދެލައްކަ ކޭސް ޑޮލަރ

އެއްފަހަރާ އެކެއްގެ އަތުން ހޯދުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. މިއިން އެގެނީ ޑޮލަރު އަގު އުފުލުނީ ޑޮލަރު ނެތިގެން ނޫންކަމާއި އޭގެ އަގުއަރުވާ ނުޙައްޤު މަންފާ ހޯދާ ސަރުކާރަށް ޢާންމު ރައްޔަތުންގެ ނުރުހުން ރައްދު ކުރުން ކަމެވެ.

ބައެއްފަހަރަށް ވިޔަފާރިން ނުވަތަ ކުރާ މަސައްކަތުން ފޭލްވާ ފަދައިން ސިޔާސީ ރޭހުން ފޭލްވެ ޕާޓީ ރޫޅުމުން ރައްޔަތުންގެ ޙައްޤުގައި ސިފައިންނާއި، ފުލުހުންގެ ވަޡީފާއޭ އަދި އެމީހުންގެ މުސާރައޭ ކިޔާ ސިޔާސީ ބުރަދަނެއް ނެތް ޑޮކުޓަރުންނާއި މަހުޖަނުން އަދި އެކިބާވަތުގެ އަނިޔާތައް ކޮށް އަދި ރައީސްކަމަށް ކުރިމަތިލާ ސަތޭކައަކުން އެންމެ މީހެއްގެ ވޯޓްވެސް ނުލިބުނު މީހުން ނުކުމެ ޤައުމު ފަސާދަ ކުރާއިރު އެމީހުންގެ އެނުބައި ޢަމަލު ވިސްނާދީގެން ނުހުއްޓުވާ ތިބުމަކީ އަޅުގަނޑުމެން ފާފަވެރިވާނެ ފަދަ ކަމެއްކަމުގައި ދެކެމެވެ. ދިވެހިރައްޔަތުން ނަށް އަޅުގަނޑު ގޮވާލަނީ މިފަދަ އަނިޔާވެރި ފާސިޤުންނަށް ވިސްނާދީގެން ހަމަމަގަށް އެމީހުން ސީދާ ކުރުވުމަށެވެ. ތިޔަބޭފުޅުންގެ ވިސްނުންފުޅަށް ދިވެހިރާއްޖެ ހަގުރާމައިގެ ވިލާގަޑެއްގެ ދަށުގައި މި މަޢުލޫއަށް މުޙަންމަދު އަމީން ލިއުއްވާފައިވާ ތިރީގައި މިދަންނަވާ ޢިބާރާތް ކޮޅު ލިޔެލާނަމެވެ.

މުޙަންމަދު އަމީން ރަޙިމްޙުލްﷲ ލިޔުއްވައިފައިވަނީ "1361ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 22ވަނަ ދުވަހަކީ، އަޅުގަނޑުމެންގެ އެކެއްގެ ހިތަކުން ވެސް ފަސޭހައެއް ކޮށް ކެހިގެން ދާނެ ދުވަހެއް ނޫނެވެ. ..... އާދެ ދަވުލަތު ފަރާތުން، މުސާރައިގެ ގޮތުންނާއި، ވަޡީފާގެ ގޮތުން ދެވޭ ޢަދަދު ތަކުން 5/1 ބައި، ކަޑައިލުމަށް އަޅުގަނޑުމެން ޤަސްތު ކުޅައީ، އެދުވަހުއެވެ. ކަމަކީ، އަޅުގަނޑު، ނުވަތަ، ދަވްލަތުގައި ކުރިއަށް ތިއްބެވި އެހެން ބޭފުޅުން ކުރާ ހިތްވީ ކަމެއް ނޫނެވެ. ކުރާން ފަސޭހަކަމެއް ވެސް ނުމެ ނޫންމެއެވެ. ނަމަވެސް ހަގުރާމައިގެ ސަބަބުން މެދުވެރިވި ހާސްކަން ކުޑަކޮށް ނަމަވެސް ފިލާން އައީ، އަޅުގަނޑުމެން ދަވްލަތުގެ އެހީގައި އުޅެމުން އަންނަ މީހުން ޤުރުބާން ވެގެންނެވެ. އެއުފާތައް ކަމުގައި އަޅުގަނޑުމެން ދެކޭ ބައެއް އުފާތައް، އަޅުގަނގަޑުމެން ދޫކޮށްގެންނެވެ. ދިރިއުޅުމުގެ ޡޮރޫރުކަމުގައި، އަޅުގަނޑުމެން ހަދައިގެން އުޅޭ ބައެއް އަރާމުތަކާއި ވަކިވެގެންނެވެ. މުސާރައިން 5/1 ބައި، ކަޑައި ލުމާއި އެކު، ބައެއްގެ ހިތުގައި ރޯވާނެ ފިތުނަވެރިކަމުގެ އަލިފާންގަޑުގަޑު، އަޅުގަނޑުގެ ހިތަށް އައެވެ. ރާއްޖޭގެ ޚާއްސަ ކޮށް މާލޭގެ އެތަން މިތަނުން ކިޔައި ގަންނާނޭ އަޑު، އަޅުގަނޑުގެ ހިތަކުން ކެހިގެނެއް ނުދެއެވެ."

މަތީގައި އެވަނީ 1361ގައި ދިވެހި ޤައުމު ހިންގެވުމާއި ޙަވާލުވެ ހުންނެވި ޢިއްޒަތްތެރި ވަޒީރުލް ދާޚިލިއްޔާ އަދި ވަޒީރުލް މާލިއްޔާ ގެ ލިޔުއްމުމެކެވެ. މިއަދުގެ ރައީސްގެ ޚުލްގެ ހެޔޮކަމުން ރައީސް އޮފީސް ކައިރިއަށް އެއްވެ ހިތަށް އެރި އެއްޗެއް ގޮވަމުން ދާއިރު ޕާޓީގެ ސިޔާތުގެ ދަށުން އިދިކޮޅު ޕާޓީތަކުން ވެރިކަމުގެ ބޭނުމުގައި މޫނުމަތިން މުސާރަ ކުޑަކުރުމާއި ވަޡީފާގެ މުހިންމުކަން ދައްކައިގެން "ފިތުނަވެރިކަމުގެ އަލިފާންގަޑުގަޑު" އެންދުމަށް ކުޅެމުންދާ ޑްރާމާތަކުގެ ހެކި ރައްޔަތުން ދެކޭތަނެވެ.

އެހެންކަމުން ޑްރާމާ ނިމެމުން ދިޔައިރު ފެންނަމުން ދިޔައީ ޑީއާރުޕީގެ ޒަޢީމު އާއި ޕީއޭގެ ލީޑަރ ވެސް އެތަނަށް އެއްވާން ކެރިވަޑައިނުގަތުމުން މިދެމީހުން ވަށައިގެން ބެދި އެންމެފަހުން އެސް.އޯ.އެސް އަޅައިގެން ފުލުހުންގެ އެހީއަށް ގޮވާ ސަލާމަތަށް އެދި އާދޭސް ކުރި މަންޒަރެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އޭރު ނިއުމަތުގެ ވާރޭއަށްވި ކަންތައްތައް މިހާރު މި ސައިޓްގައި ފިތުނައިގެ އަލިފާންގަނޑަކަށް ވެގެން ދިއުމަކީ ނިހާޔަތަށް ދެރަވާންޖެހޭ މައްސަލައެކެވެ. މިނިންވަންކަންމަތީ ރައްޔިތުންގެ ހެވާލާބައަށް މަސައްކަތްކުރާ ބަޔަކު އެބައިމީހުންގެ މަސައްކަތްތަކަށް، ހެޔޮއެދޭ ކިޔުންތެރިން، ލިޔުންތެރިން، ފާޑު ކިޔުން ތެރިންނޭ ކިޔާއިގެން ލިޔާ ފާޑުފާޑު ލިޔުން ތަކަށް އިޖާބަދޭ ހިތެއް ނުވެއެވެ. މިއީ މިނިވަން ނޫސްވެރިކަމޭކިޔައިގެން ބަޔަކު މީހުން (ޙާއްޞަކޮށް ޖަޒީރާ ސައިޓުން) ރާވާ ހިންގާ ޕްރޮޕެގެންޑާ އެކެވެ. މިބައި މީހުންނަށް ﷲ ހެޔޮވިސްނުން ދެއްވާށި އަދި ރައްޔިތުންގެ ވިންދު ދަނެގެން ޑީ.އާރު.ޕީގެ ޒުވާން ފަހުލަވާނުން އެކުރާ ބުރަ އަދި އަގުހުރި މަސައްކަތްކަށް މާތްﷲ ކާމިޔާބީ މިންވަރު ކުރައްވާށިއެވެ. އާމީން.

    ހޯމަ، އޮކްޓޫބަރ 5 2009، 10:38
  2. މިހާރުގެ ސަރުކާރުގެ ފޮރުވިފައިވާ ސިޔާސަތުތައް ވަރަށްގިނައެވެ. އެގޮތުން ފުރަތަމަ އެޅި ފިޔަވަޅަކީ އަދާލަތު ޕާޓީގެ އަޑު ކަނޑުވާލުމެވެ. ޢަދާލަތު ޕާޓީގައި ރާއްޖޭގެ ގިނަ ޝޭޚުން ހިމެނޭކަމުން ޢަދާލަތުޕާޓީގެ އަޑު ކަނޑުވާލުމަކީ އެންމެ މުހިއްމު ފިޔަވަޅުކަމަށް މިއަދުގެ ސަރުކާރުން ދެކި އެކަން ކާމިޔާބުކުރިއެވެ. އަދި އިޒްރޭލާއެކު ގުޅުން ޤާއިމުކުރިއެވެ. އެންމެ ފުރަތަމަ ބޭނުމަކީ ދިވެހިންގެ ރައްދު ބެލުމެވެ. ގިނަދިވެހިން އެކަމަށްދިނީ ފިނި ރައްދެއްކަމުން ދެން ފެނިގެންދާނީ ޑިމޮކްރަސީގެ ނަމުގައި ފައްޅިއެއް އަޅާތަން ނޫންބާއެވެ. -sumbolo.blogspot.com-

    ހޯމަ، އޮކްޓޫބަރ 5 2009، 10:39
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv