ތަރުބިއްޔަތުގެ މާނައާއި އިސްލާމީ ތަރުބިއްޔަތުގެ މާނައަކީ ގައުމީ މަހާސިންތާގެ ބައިވެރިންނަށް މުހިއްމު އެއްޗެކެވެ.

ސެޕްޓެމްބަރ 30 2009، 17:17 0 ޚިޔާލު

-އައްޝައިޚް ނަސްރުﷲ މުސްތަފާ-

ތަރުބިއްޔަތުގެ މާނައާއި އިސްލާމީ ތަރުބިއްޔަތުގެ މާނައަކީ ޤައުމީ މަހާސިންތާގެ ބައިވެރީންނަށް މުހިއްމު އެއްޗެކެވެ.

އެއްޗެއް ވިސްނިގެންމެނުވީ އެއެއްޗެއްގެ ޙަޤީޤަތެއް ނޭނގޭނެއެވެ. އަދި ރަނގަޅަށް ބައްޓަން ކުރަންވެސް ނޭނގޭނެއެވެ. އިސްލާމީ ތަރުބިއްޔަތަށް ފާޑު ކިޔާފައިވާ ފާޑު ކިޔުންތަކަށް ބަލާއިރު އެ ފާޑު ކިޔުންތެރީންގެ ބީރައްޓެހިކަން ފާހަގަކުރެވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެއްޗަކަށް ޖާހިލުވެއްޖެނަމަ އެއެއްޗަކަށް ޢަދާވާތްތެރި ވާނެކަން ކަށަވަރެވެ. އެހެންވެ ދެން މިބަލައިލާނީ އިސްލާމީ ތަރުބިއްޔަތުގެ މާނައަށެވެ.

ލުޣަވީ މާނަ:

ލުޣަވީ ގޮތުން ބަލާއިރު اَلتَّرُِبيَّة މިބަސް ތިން މާނައެއްގައި އިސްލާމީ ޢިލްމުވެރީން ބޭނުންކުރައްވާފައިވެއެވެ. އެއީ:

1- އިތުރުވުން، ބޮޑުވުން މިމާނަ ނަގާފައިވަނީ رَبَا يَرْبُوا އިންނެވެ. މާނައީ: އިތުރުވުމާއި ބޮޑުވުމެވެ.

އައްރޫމް ސޫރަތުގެ 39 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: “މީސްތަކުންގެ މުދަލުން ގިނަކޮށް އިތުރުކުރުމަށްޓަކައި، ތިޔަބައިމީހުން ދިން ރިބާއަކީ ފަހެ، ﷲގެ ޙަޟްރަތުގައި ގިނަވެ އިތުރުވެގެންވާ މުދަލެއްނޫނެވެ.”

2- ތަރައްޤީވުން، ކުރިއެރުން މިމާނަ ނެގިފައިވަނީ رَبَا يُرْبي އިންނެވެ. މާނައީ: ތަރައްޤީވުމާއި ކުރިއެރުމެވެ.

1- އިސްލާޙް ކުރުން. މިމާނަ ނެގިފައިވަނީ رَبُّ يُرَبُّ އިންނެވެ.މާނައީ: އިސްލާޙުކުރުން، އޭނާގެ ކަންތައް ބެލެހެއްޓުމާއި ޙަވާލުކުރުން. މީގެ އިތުރަށްވެސް އެހެނިހެންމާނަތައް އައިސްފައިވެއެވެ.

އިސްލާމީ ތަރުބިއްޔަތުގައި އިސްލާޙުކުރުމާއި ހެދި ބޮޑުވުމާއި ތަރައްޤިވުންވެސް ހިމެނިފައިވެއެވެ.

އިޞްޠިލާޙީމާނަ:

މަތީ ބަޔާންކުރެވިފައިމިވާ ތަރުބިއްޔާގެ ލުޣަވީ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ތަރުބިއްޔާގެ އިސްޠިލާޙީ މާނައެއްވެސް ބައެއް ކަމާއި ބެހޭ ސްޕެޝަލިސްޓުން ގެންނަވާފައިވެއެވެ. އެކަން ބޮޑަށް ފާހަގަ ކުރެވެނީ ހުޅަނގުގެ ތަރުބިއްޔަތުންނެވެ. އެމީހުންގެ ތަރުބިއްޔަތުގައި ރޫޙާނީ ބަޔަށް ދެވިފައިވާ އަހައްމިއްޔަތު ކުޑަކަމުން ޢަމަލްތައް ކޮންޓްރޯލްކުރުމުގެ އެއްވެސް ބާރެއް ބޮޑުވެފައިވާ ކުއްޖާގެ ނަފްސަކަށް ލިބިގެންނުވެއެވެ. އަދި އެކުއްޖާ އަބަދުވެސް މަސައްކަތްކުރާނީ ދުނިޔެ އެކީ ބަނޑު އެޅޭތޯއެވެ. އެންމެން ނައްތާލާފަދަ ވަރުގަދަ ހަތިޔާރެއް އުފެއްދޭތޯއެވެ؟ އިންސާނީ މަސްލަޙަތަށް މަސައްކަތެއް ނުކުރާނެއެވެ.

އެގޮތުން އަލްއިމާމް ބައިޟާވީ އޭނާގެ ތަފްސީރުގައި أنوارالتتريل وأسرارالتأويل ގައި ލިޔުއްވާފައިވެއެވެ. الرَّبُّ މިކަލިމައިގެ އަސްލު މާނައަކީ اَلتَّرُِبيَّة އެވެ. އަދި އެއީ އެއްޗެއް މަޑުމަޑުން ފޯރުކޮށްދެމުންގޮސް ފުރިހަމަކުރުމެވެ. ތަރުބިއްޔާގައިވެސް މިމާނަ އައިސްފައިވެއެވެ. އެހެންވެ ތަރުބިއްޔަތު ދިނުމަކީވެސް މަޑުމަޑުން ކުއްޖާ ބޮޑުކުރަމުން ފުރިހަމަ ކުރަމުންގޮސް ހަރުދަނާ ކުރުމެވެ.

އައްރާޣިބުލް އަޞްފަހާނީ އޭނާގެ ފޮތް “މުފްރަދާތު” ގައި ލިޔުއްވާފައިވެއެވެ. الرَّبُّ އަކީ އަސްލުގައި اَلتَّرُِبيَّة އެވެ. އަދި އެއީ އެއްޗެއް މަޑުމަޑުން ތަރައްޤީކުރަމުން ކުރިއަރުވަމުންގޮސް މުޅީން ފުރިހަމަކުރުމެވެ. މިމާނައިގައިވެސް ކުރީގެ މާނައާއި މާ ބޮޑު ތަފާތެއްނެތެވެ.

އައްތަރުބިއްޔާގެ ލުޣަވީ އުޞޫލުތަކާއި އަދި އަލްބައިޟާވީ އާއި އަލްއަސްފަހާނީ ބަޔާންކުރައްވާފައިވާ ތަޢުރީފުގެ މައްޗަށް ބިނާކުރައްވާ އަލްއުސްތާޛު ޢަބްދުއްރަޙްމާނު އަލްބާނީ ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން ތަރުބިޔާ އެކުލެވިގެންވަނީ ގިނަ އުޞޫލުތަކެއްގެ މައްޗަށެވެ.

އޭގެތެރެއިން މުހިއްމު ބައެއް ކަންތައްތަކަކީ:

ހ. ދަރިވަރުންގެ ފިޠުރީ ހެދި ބޮޑުވުން ރައްކާތެރިކޮށް އެކަމަށް ރިޢާޔަތްކުރުން.

ށ. ދަރިވަރުންގެ ކިބައިގައިވާ މައުހިބާ ތަރައްޤީކޮށް ކުރިއެރުވުން.

ނ. ކޮންމެ މުރައްބީއެއްވެސް އޭނާއަށް ﷲ ދެއްވާފައިވާ ޤާބިލުކަން އޭގެ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުން.

ރ. ތަރުބިއްޔަތު ކުރުމުގެ މަސައްކަތް މަޑުމަޑުން މަރުޙަލާއަކަށްފަހު މަރުޙަލާއެއް ތަރައްޤީކުރަމުން ކުރިއަށް ގެންދިއުން. އަލްބައިޟާވީއާއި އަލްއަސްފަހާނީ ވިދާޅުވެފައިވާ ފަދައިންނެވެ.

ބ. އިންސާނީ ފިޠުރަތާ އެއްގޮތަށް ދަރިވަރުންނަށް މަގުދައްކާ ދަރިވަރުންގެ ކިބައިގައިވާ ޠަބީޢީ ހުނަރުތައް އެގޮތަށް ބައްޓަންކޮށް ބިންމަތީގައި ޚަލީފާކަމުގެ ވާޖިބު ހެޔޮގޮތުގައި އަދާކުރުމަށް އިރުޝާދުދިނުން.

މަތީގައި ދެންނެވި އުޞޫލުތަކަށް ރިޢާޔަތްކޮށް އެންމެ ފުރިހަމަ ތަޢުރީފެއްކަމަށް ބަލެވިފައިވާ ތަޢުރީފަކީ އންނަނިވި ތަޢުރީފެވެ. އެއީ: އިސްލާމީ ތަރުބިއްޔަތުގެ މާނައަކީ އިންސާނާގެ ސިކުނޑިއާއި ނަފްސާއި ފުރާނަ އަދި ޞިއްޙަތު ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ތަރުބިއްޔަތު ކުރުމެވެ.

އިންސާނާގެ ދިރިއުޅުމުގެ ޙާލަތު ވަކި އުޞޫލެއްގެމަތިން އިންތިޒާމުކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވާތީ ދެވޭ ތަރުބިއްޔަތަކީ ފުރިހަމަ އެއްޗަކަށްވާން ޖެހޭނެއެވެ. ހަށިގަނޑާއި ރޫޙު އަދި ބުއްދިއާއި ވިސްނުން އެދޭ ކަންތައްތައް ވަކިމިންގަނޑެއްގައި ހިފެހެއްޓުމަށް އިސްލާމްދީން އަމުރުކުރެއެވެ. މިގޮތުން އިންސާނާގެ ބުއްދިއަށް ވަރަށް މަތިވެރި ޤަދަރަކާއި އިޙްތިރާމެއް އިސްލާމްދީނުގައި ދެއްވާފައިވެއެވެ. އަދި ބުއްދިއާއި ވިސްނުން ތަރައްޤީކޮށް ކުރިއެރުވުމަށް ދީނުގައިވަނީ އަމުރުކުރައްވާފައެވެ. އަދި ބުއްދިއަށް ގެއްލުންލިބޭ އެންމެހާކަންތައްތައް ވަނީ ޙަރާމްކުރައްވާފައެވެ. އަދި ހަމައެފަދައިން އިންސާނާގެ ފިޠުރަތަށް އިސްލާމްދީނުގައި ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވެއެވެ. ރޫޙާނީ ތަރުބިއްޔަތަށްވެސް އިސްކަން ދެއްވާފައިވެއެވެ. ހަމައެކަނި ފުޓްބޯޅަ ދަނޑުތަކެއް ހެދުމަށްފަހު ރޫޙާނީ ތަރުބިއްޔަތު އިހްމާލް ކޮށްފައިވާ ތަޢުލީމީ މުއައްސަސާތަކަކީ ބޭކާރުތަންތަން ކަމުގައި ވާނެކަން ކޮންމެ ބޭފުޅަކަށްވެސް އެނގި ވަޑައިގަންނަވާނެއެވެ.

(ނުނިމޭ)


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv