

ނަހުލާގެ ދައުވާ - އިތުރު ދޮރުތަކެއް ހުޅުވޭނެ ކަމެއް
ދިވެހި ފިލްމު ޔޫސުފް ނައިފަރުގެ ޒުވާނަކު ލީކުކޮށްލި ޚަބަރަކީ މިދިޔައަހަރު މުޅި ފިލްމު އިންޑަސްޓްރީ ގުޑުވާލި ޚަބަރެކެވެ. ނަހުލާގެ އުއްމީދީ ފިލްމުގެ ކާމިޔަބަށްވުރެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ހައްސާން ނަމަކަށް ކިޔާ ޒުވާނާ ފިލްމު ލީކުކޮށް ވިޔަފާރި ކުރި ޚަބަރާއި ނަހުލާ އެ މައްސަލަ ޕޮލިހަށް ހުށަހެޅި ވާހަކައެވެ. ޕޮލިހުން ތަހުގީގު ނިންމާ މިހާރުވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް މައްސަލަ ކޯޓުގައި ދަނީ ހިނގަމުންނެވެ. މިދިޔަ ހަފްތާގައި ބޭއްވި މައްސަލައިގެ އަޑުއެހުމަށް އެކަން ހައްސާން ކުރި ކަމަށް ބުނެ ހެކިން ވަނީ ހުށަހަޅާފައެވެ. މައްސަލައިގެ އަޑުއެހުމަށް ފިލްމީ ދާއިރާގެ ގިނަ ބަޔަކު ދިޔުމުން މިކަމަށް ފިލްމީ ދާއިރާ ސަމާލުކަންދޭ މިންވަރު ވަނީ ހާމަވެގެން ގޮސްފައެވެ.
ދިވެހި ފިލްމްތަކުގެ ވަގުކޮޕީގެ މައްސަލައަކީ އާ ވާހަކައެއް ނޫނެވެ. މިހާތަނަށް ނުކުތް ފިލްމުތަކުގެ ތެރެއިން ވަގު ކޮޕީ ނުނުކުންނަ ފިލްމެއް މަދެވެ. އެންމެ މަސްހޫރުވެގެން ދިޔަ ދެރިޔާ އާއި ފަތިސްހަނދުވަރު ފަދަ ފިލްމުތަކުގެ ވަގު ކޮޕީވެސް ހަދައިގެން މުޅި ރާއްޖޭގައި ގެންގުޅުނެވެ. ނަމަވެސް އެކަން ކޯޓުކޭޝް އަކާ ހަމައަކަށް ނުދެއެވެ. ހައްސާން ގޮވައިގެން ނަހުލާ ކޯޓަށް ދިޔައީ ސަބަބުތަކެއް ހުރެގެންނެވެ. ހައްސާނަކީ ނަހުލާ ނައިފަރުގައި ފިލްމު ދައްކަން ހަމަޖެއްސި މީހާ އެވެ. ނަހުލާ އޭނާއަށް ފިލްމު ދޫކުރީ ބޮޑު އެގްރިމަންޓެއްގެ ދަށުންނެވެ. ހިޔާނާތުގެ ކުށުގައި ނަހުލާއަށް ދައުވާ ކުރެވެނީ އެހެންވެގެންނެވެ.
މި މައްސަލައިގައި ދެފަރާތުންވެސް ތިބީ ޔަޤީންކަމުގައެވެ. ހައްސާން ބުނަނީ އެއީ ނަހުލާގެވެސް އަމިއްލަ އެއްޗެއް ނޫން ކަމަށާއި އެހެންކަމުން އޭނާގެ ކޮޅަށް މައްސަލަ ނިމޭނެ ކަމަށެވެ. ނަހުލާ ބުނަނީ ހުރިހާ ހެއްކަކާއި ގަރީނާއެއްވެސް ހުރީ ހައްސާނާ ދެކޮޅަށް ކަމަށާއި އެހެންކަމުން މައްސަލަ އޭނާގެ ކޮޅަށް ނިމޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.
ކުރިއަށް އޮތް މަދު ދުވަސްތަކެއްގައި މައްސަލައިގެ އަޑުއެހުން ނިމި ހުކުމް އިއްވާނެ ކަމަށް ބެލެވޭއިރު މި މައްސަލައިގެ ހުކުމް އަންނަ ގޮތަކުން އެހެން ކަންތައްތަކަށް ދޮރު ހުޅުވެގެންދާނެ އެވެ. މައްސަލައިގެ ހުކުމް ނަހުލާ އާއި ދެކޮޅަށް ހައްސާނާ އެއްކޮޅަށް އަތުވެއްޖެނަމަ ފާޅުގައި ވަގުކޮޕީ ހަދައިގެން ވިއްކުން ފާޑަކަށް ހުއްދަވީއެވެ. އޭރުން އެކަންތައް ކުރާނެ ގިނަ ބަޔަކު ތިބޭނެ އެވެ. އަދި އަތޮޅުތަކުގައި ފިލްމު ދެއްކުން ހުއްޓާލަން ގިނަ ޕްރޮޑިއުސަރުންނަށް ފާޑަކަށް މަޖުބޫރުވާނެ އެވެ. މިހާރުވެސް އެފަދަ ފަރާތްތައް ތިބީ ސީދާ ވެރިފަރާތް ނުގޮސް އެކަން ކުރަން ޖެހިލުންވެފައެވެ.
ނަހުލާ އާއި އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ މިފަދަ ކިތަންމެ މައްސަލައެއް ކޯޓަށް ހުށަހަޅަން ފިލްމީ ދާއިރާގެ މީހުން ތިބީ ތައްޔާރުވެގެންނެވެ. ސަބަބަކީ މިފަދަ ގިނަ ކަންތައްތަކެއް ހެއްކާއެކު އެމީހުންގެ އަތުގައި ހުރުމުންނެވެ. އެހެންކަމުން ކޮންމެ ގޮތަކަށް މި މައްސަލައިގެ ހުކުމް އަޔަސް އިތުރު ކަންތައްތަކަކަށް ދޮރު ހުޅުވިގެންދާނެ އެވެ. އަހްލާގީ މިންގަނޑަށް ބަލާއިރު އެއްދޮރަކީ ވަރަށް ނުބައި އަދި ދިވެހި ފިލްމީ ދާއިރާ ބަނަވެގެން ދާފަދަ ދޮރެކެވެ. އަނެއް ދޮރަކީ ވަރުގަދަވެގެން ދިޔުމަށް މަގުފަހިވާނެ ކަމެކެވެ.
ނަހުލާ އާއި އެއްކޮޅަށް މައްސަލަ ނިންމުމަށް އޮތް އެންމެ ބޮޑު ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ އެއީ ނަހުލާގެ އަމިއްލަ ފިކުރީ މުދަލެއްކަން ސާބިތުކޮށްދޭން ދަތިވުމެވެ. އެފިލްމުގައި ބޭނުންކޮށްފައިވާ ރާގު ތަކަކީ ކޮޕީ ރާގުތަކެއް ކަމަށްވުމުން އެއީ މައްސަލައަކަށް ވެދާނެ އެވެ. އަނެއް ކަމަކީ ކޮޕީ ރައިޓްސް އާއި ބެހޭ ގާނޫނެއް ނެތުމެވެ. އެކަމަކީ ކޯޓުން ހުކުމް އިއްވާއިރު މިހާތަނަށް ބަލާފައިވާ ކަންތައްތަކެވެ. މީގެ ދުވަސްކޮޅެއް ކުރިން ވަގު ޑޮލަރު ގެންގުޅުމާއި ކަނޑި ގެންގުޅުމާ މިދެކަންތަކުގައިވެސް އެކަންތައް ކުރި މީހުންގެ މައްޗަށް ހުކުމެއް ނައިސް ސަލާމަތްވީ އެކަމާ ބެހޭ ގާނޫނެއް ނެތްކަމަށް ބުނެއެވެ. މިގޮތުގެ މަތިން މި މައްސަލައިގެ ހުކުމް އައިސްފިނަމަ ނަހުލާއަށް ނާކާމިޔާބު ވެދާނެ އެވެ.
ނަމަވެސް ނަހުލާ ހުށަހަޅާފައިވާ މައްސަލައަކީ ހުރިހާ ގޮތަކުންވެސް ސީރިއަސް މައްސަލައެކެވެ. ބަލާ އެކަމުގައި ކުށްވެރިވާ ފަރާތްތަކަށް އަދަބު ލިބެން ޖެހޭ މައްސަލައެކެވެ. އެއީ ހަމައެކަނި ނަހުލާ އާއިވެސް ގުޅިފައިވާ މައްސަލައެއް ނޫނެވެ. މުޅި ފިލްމް އިންޑަސްޓްރީ އާއި މިއުޒިކް އިންޑަސްޓްރީ އެކަން ނިމޭނެ ގޮތަކަށް ބަލަބަލާ ތިބި މައްސަލައެކެވެ.