މައާފު (4)

އަންވަރު އިބްރާހިމް ސެޕްޓެމްބަރ 26 2009، 14:27 0 ޚިޔާލު

އަރީޝާގެ މަންމައާއި ބައްޕަ އަހަރެންނާ ނުގަބޫލުކަން އެނގުނީ މިއަދު ހެއްޔެވެ؟ ކުރިންވެސް އެކަން އެނގެއެވެ. އެކަމަކު އޭރު އަރިޝާ އަހަރެންނާ ގަބޫލުވީމުއެވެ. ބައްޕަމެން ނުގަބޫލަސް އަހަރެންގެ ލޯތްބަށް އާނބަސް ބުނީމުއެވެ. ދެން މިއަދު ތިބަދަލު އައީ ކީއްވެހެއްޔެވެ؟ މިހާ ދުވަސްކޮށްފައި ތިގޮތަށް ނިންމީ ކޮންސަބަބަކާ ހުރެހެއްޔެވެ؟

އަރީޝާއެވެ. އަހަރެންގެ ފަރާތުން އަރީޝާއަށް ދެރަގޮތެއް ވާކަށް ނޭދެމެވެ. އެފަދަ ދެރައެއް ދެވިފައިވާނަމަ އަހަރެންނަށް މައާފު ކުރާށެވެ. އަރީޝާގެ އުފަލަށް ހުރަސް އަޅާމީހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެފަދަ ހުރަހެއް އެޅިފައިވާނަމަ އަހަރެންނަށް މައާފުކޮށްދޭށެވެ. ދުވަހަކުވެސް ދެން އަރީޝާގެ ގާތަކަށް ނުދާނަމެވެ. އަރީޝާ އުފާކުރާށެވެ. މި ނުކުޅެދޭ އިންސާގެ އުނދަގުލެއް އަރީޝާއަކަށް ދެނެއް ނުފޯރާނެއެވެ.

އިހްތިރާމް

ހުޝާމްގެ ނަން ޖެހުމަށްފަހު، އޭނާގެ ސޮއި ކޮށްލިއެވެ. ގަލަން ބޭއްވުމަށްފަހު، އެދަންވަރު ވަގުތު މަގުމައްޗަށް ނުކުތެވެ. އެއަމާން މަގުގައި ހުޝާމް މިސްރާބު ޖަހާފައި އެވަނީ އަރީޝާމެން ގެއަށެވެ. ހުޝާމްގެ ހިތް ކިތަންމެ ތެޅުނަސް، އޭނާ އެވަނީ ވަކިގޮތެއް ނިންމާފައެވެ.

އަރިޝާމެންގެއާ އަރާހަމަވެ، އޭނާ އުޅޭ ފާޚާނާގެ ފެންލައިޓް ތެރެއިން އެސިޓީ ވައްޓާލިއެވެ. ހުޝާމްގެ އަތުން ސިޓީ ދޫވެ، ތަޅުންގަނޑުގައި ނުޖެހެނީސް އިވުނީ މީހަކު ހަޅޭއްލަވައިގެން އަޑެވެ. ގައިގައި ހުރި ބާރެއް ފަޔަށް ލާފައި، ހުޝާމަށް ދުއްވައި ގަނެވުނުވެ.

ކަންދިމާކުރި ގޮތުން ހުޝާމް ސިޓީ ވައްޓާލި ވަގުތު އަރީޝާ ފާޚާނާތެރެއަށް ވަންނަނީ އެވެ. އޭނާއަށް އެމަންޒަރު ފެނުނެވެ. ހަޅޭއްލަވައި ގަނެވުނީ އެހެންވެއެވެ. ނަމަވެސް އެއީ ގަނޑެއްކަން އެނގުމުން އޭނާވެސް ބޭނުންވީ އެއީ ކޮންއެއްޗެއްތޯ ބަލާށެވެ.

އަރިޝާ އެސިޓީ ކިޔަންފެށިއެވެ. އެނާގެ މޫނުން ދާހިތްކަންފެށިއެވެ. އެއީ ކޮންވާހަކަތަކެއް ހެއްޔެވެ؟ ހުޝާމް ބުނެފައިއެވަނީ ކީކޭއްހެއްޔެވެ؟ އޭނާ އައީ ހެއްޔެވެ؟ އަރީޝާއަށް ގަބޫލު ނުކުރެވިގެން އަނެއްކާވެސް، ސިޓީ ފެއްޓިއެވެ. މިހެންވާންވީ ކީއްވެހެއްޔެވެ؟ އަހަރެން ހުޝާމަކަށް މެސެޖެއް ނުކުރަމެވެ. ދެން މެސެޖްކުރިއޭ ކިޔާފައި މިވަނީ ކީއްވެހެއްޔެވެ؟ އަރީޝާއަކަށް ނުހުރެވުނެވެ. އޭނާ ދޮރުގައި ތަޅަންފެށިއެވެ. ހަޅޭއްލަވަން ފެށިއެވެ. ދޮރުހުޅުވުމަށް އެދި އާދޭސްކުރަން ފެށިއެވެ.

އިރުކޮޅަކުން ދޮރު ހުޅުވިއެވެ. ކުރިމަތީ ހުރީ އޭނާގެ ބައްޕަ އެވެ. ކައިރީގައި މަންމަވެސް ހުއްޓެވެ.

”ކީއްވީތަ މިދަންގަޑީގައި.“ ރުޅިވެރި ރާގުގައި ސުވާލުކުރީ ބައްޕައެވެ.

”ކޮބާތަ؟ އަހަރެންގެ ފޯނު؟“ ރޮމުން ކަހަލަ ގޮތަކަށް އަރީޝާވެސް ކުރީ ސުވާލެކެވެ.

”މިގަޑީގައި ކޮންފޯނެއް؟“ ޖަވާބުދިނީ ބައްޕަ އެވެ.

”އަހަރެންގެ ފޯނު ކޮބާހޭ؟“ އަނެއްކާވެސް އަރީޝާ ސުވާލުކުރި އެވެ.

” ނޭނގެ މަށަކަށް. އަރިޝާއެއްނު ބުނީ އެގެއްލިއްޖޭ. ކިހިނެއްތަ ވެގެންތިއުޅެނީ. ކާކު ކީކޭ ބުނީތަ؟“ ބައްޕަ ބޭނުންވީ އޮޅުންފިލުވާށެވެ.

އަރީޝާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ދުއްވައިގަތެވެ. ގޭތެއިން މަގުމައްޗަށް ނުކުތީ އެއްވެސް ބިރެއްނެތިއެވެ. އޭނާއަށް ލިބެމުންދިޔަ ހިތްދަތިކަމަށް ފަރުވާލެއް ނުބަހައްޓައެވެ.

އަރީޝާގެ ދުވެލި ކުޑަކޮށްވެސް މަޑުކުރީ ހުޝާމް އުޅޭ ކޮޓަރިފެނުމުން ނެވެ. އޭނާގޮސް އެކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. އަދި ހުޝާމަށް ގޮވަންފެށިއެވެ. އިރުކޮލަކުން ދޮރު ހުޅުވާލި އެވެ. އަރީޝާއަށް ރޮއިގަނެވުނެވެ. ހުޝާމްގައި ބައްދައިގަނެވުނެވެ. އެތައް ދުވަހަކު ނުފެނި ހުރި މީހަކު ފެނުނު ފަދައެވެ.

” ކީއްވީތަ؟ އަހަރެންނާ ވަކިވާން ތިއުޅުނީ؟ ބުނެބަލަ؟ އަހަރެން ކީކޭބުނީތަ؟ އަހަރެންގެ ކުށަކީކޮބާތަ؟ ކާކު ތިވާހަކަތައް ދެއްކީ؟“ ހާސްވެފައިވާ ހާލު އަރިޝާ ދައްކާ ވާހަކަތަކުން ހުޝާމަށްވެސް ލިބެމުންދިޔައީ ނުތަނަވަސްކަމެވެ. އޭނާއަށްވެސް ހުރެވުނީއެވެ. ކަންތައްވީގޮތް ނޭނގުމުންނެވެ.

”އަހަރެންގެ ފޯނު ވަނީ ގެއްލިފައި. ހުޝާމް ފުރިދުވަހުން ފެށިގެން އަހަރެން އުޅުނު ހާލު އެކަކަށްވެސް ނޭނގޭނެ. އަހަރެން ރުއިވަރު އެނގޭނީ ކަލާނގެއަށް. ހުޝާމަށް އަވަސް ޝިފާއަކަށް އެދި އަހަރެންކުރި ދުވާ އެނގޭނީ އެކަލާންގެއަށް. ހުޝާމް. ކީކޭތަ ލިޔެފައިއެވަނީ؟“ އަރީޝާ ބާރު ބާރަށް ރޮއިގަތެވެ. ގިސްލަމުން ވާހަކަ ދައްކަން ފެށިއެވެ.

”އަހަރެން ކޮޓަރިން ސަލާމަތްވީ މިރޭ. ދޮރުގައި ތަޅައިގަތުމުން އެދޮރުހުޅުވުމުން. ހުޝާމް. އަހަރެން ސަލާމަތްކޮށްދީ! ބައްޕައާއި މަންމަ އަހަރެން މިގެންގުޅުނީ ކޮޓަރިއަށްލާ ތަޅުލައިގެން. ބައްޕަ ބުނަނީ ހުޝާމް އާ ރުޅިވުމަށް. ހުޝާމްފަދަ ނުކުޅެދޭ މީހަކާއެކު ނޫޅުމަށް. އެކަމަކު ތީ އަހަރެންގެ ހިތް. އަހަރެން ކިހިނެއް ހިތާ ނުލާ އުޅޭނީ. ހުޝާމް އަހަރެން ސަލާމަތް ކޮށްދީ! އަހަރެން ފޮރުވައިދީ!“ އަރިޝާގެ ހާލަތު އޭނާ ކިޔައިދެމުން ދިޔައެވެ. ހުޝާމްދިޔައީ އަޑުއަހަމުންނެވެ. އޭނާގެ ދެލޮލުން ފައިބާ ކަރުނަތައް، އެމޫނާ ވަކިވަމުން އެދަނީ، އެކަމުގައި ކޮންމެވެސް ގޯހެއް އުޅޭކަމަށް ބުނަމުންނެވެ.

ދެމީހުން ކޮޓަރީގައި ތިއްބާ ހުޝާމްގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިނެވެ. އެއަޑަށް އަރީޝާ ގޮސް ވަނީ ފާޚާނާއަށެވެ. ހުޝާމް ދޮރު ހުޅުވާލި އެވެ.

”ހުޝާމް އަހަރެންނަށް މައާފުކުރޭ. އަހަރެންނަކީ ކުއްވެރިއެއް. ހުރިހާ ކަމެއް ކުރެވުނީ އަހަރެންނަށް. ހުޝާމަށް މެސެޖް ފޮނުވީ އަހަރެން. މިހެން މިކަން ދިމާވާނެކަމަކަށް އަހަރެން ހިއެއްނުކުރަން. ހުޝާމް އަހަރެންނަށް މައާފުކުރޭ. މިކަން އަރީޝާއަށް ނާންގާތި. މިހާރުވެސް އޭނާ ވީތަނެއް ނޭނގޭ.“ ހުޝާމްގެ ކުރިމަތީ މައާފަށް އެދެމުން އެދަނީ އަރީޝާގެ ބައްޕައެވެ. މީގެ ކުރިން ދުވަހަކުވެސް ހުޝާމާ ވާހަކަދައްކަން ބޭނުން ނުވާނެކަމަށް ބުނި ބައްޕައެވެ. ނަމަވެސް މިއަދު އެހުރީ ހުޝާމްގެ ކުރިމަތީ މައާފަށް އެދޭށެވެ. އެއީ ތަގުދީރުގައި އެކަން ލިޔެވިފައިވާތީ އެވެ. އެމުއްސަނދި ބައްޕަ އެނިކަމެތި ހުޝާމްގެ ކުޑަ ކޮޓަރި ގަނޑުގެ ދޮރުމަތި އެހުރީ ދެން ހުރި ހުރިހާ ގޮތް ހުސްވުމުންކަން ޔަގީނެވެ.

އެބައްޕަގެ ވާހަކަތައް އަރީޝާއަހަމުންދިޔައީ ރޮމުން ގިސްލަމުންނެވެ. ހުޝާމަށްވެސް ގަބޫލެއް ނުކުރެވުނެވެ. އެކަމަކު އެބައްޕަގެ ދުލުން އެވާހަކަތައް ކިޔާދިނުމުން ހުޝާމަށްވެސް ޖެހުނީ އިސްދަށަށް ޖަހާލާށެވެ. ހުޝާމަށް ވާހަކަ ނުދެއްކޭތީ އެކަމުގެ ދަރަ މިރޭ އެބައްޕަ ކުރާނެއެވެ. އެބައްޕަ ބޭނުންވާނީ ހުޝާމްގެ މައާފެކެވެ. އެކަމަކު ގުދުރަތުން ހުޝާމްގެ އެ ދޫ ހަރަކާތެއް ނުކުރިއެވެ. ހުޝާމް ބޯޖަހާލުމާއެކު އެބައްޕަ ހިނގައިގަތެވެ. އަދި އަމިއްލަ ނަފުސާ މުޚާތަބުކުރި އެވެ. މުއްސަނދިކަމަކީ ދަހިވެތިވުމަށް އަޅާދެވޭ ފާލަމެއް ނޫނެވެ. އެފާލަމުން ހިނގަން ވެއްޖެނަމަ ތަގްދީރެއް ނެތެވެ. އެހެންނޫން ނަމަ މިއަދު ހުޝާމްގެ ގެއަކަށް އަންނާކަށް ނުޖެހުނީހެވެ. އެނާގެ ކުރިމަތީ މައާފަށް އެދޭކަށް ނުޖެހުނީހެވެ.

(ނިމުނީ)


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv