
މައާފު (3)
”ކީއްވެތަ ފަރުވާއެއް ހޯދުމަށް މަސައްކަތް ނުކުރަންވީ؟ ރުފިޔާތައް އެއްކުރީމާވީތަ؟ މީހުންތައް މަރުވިޔަސް ހެޔޮދޯ؟ ކިހާވަރުގަދަ ކަމެއް؟ މުއްސަނދިކަން ހޯދީ ދަރިންނަށްޓަކައެއް ނޫންތަ؟“ އަރީޝާ ރުޅިގަދަވާން ފެށުމުން ހުޝާމް އޭނާގެ އަތުގައި ހިފިއެވެ. އަދި އަތުގެ އިޝާރާތުން އެއީ މަންމައާއި ބައްޕަކަމާއި، އެމަންމައާއި ބައްޕައަށް އެއްޗެތި ނުކިޔުމަށް ބުންޏެވެ.
”މަންމައާއި ބައްޕަ ނަމަ ކަންތައް ކުރާނީ އެގޮތަށްތަ؟ ތިހާލުގައި އަހަރެން އެންމެ ލޯބިވާ މީހާ އޮންނަން ދޫކޮށްލާނެތަ؟“ އަރީޝާ ލަވަމުންދިޔަ ހަޅޭކުގެ ސަބަބުން އޭނާގެ ބައްޕައަކަށް ނުހުރެވުނެވެ. އެރުޅީގައި އެތާއޮތް ބޮޑު ގާގަނޑެއް ނެގުމަށްފަހު އަރީޝާއާ ދިމާއަށް އެބައްޕަ އެއްލިއެވެ. އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ. ގާގަނޑު ގޮސް ޖެހުނީ އަރީޝާގެ ބޮލުގައެވެ. ކުއްލި ސިހުމާއެކު ހުޝާމަށް ހަޅޭއްލަވައިގަނެވުނެވެ.
ހުޝާމަށް ހޭވެރިކަންވީ އެހުސާބުން ނެވެ. ހާސްވެފައިވާ ހުޝާމަށް ދެލޯ ހުޅުވާލެވުނެވެ. އަދި ބޮލުގައި އަތް ކާއްތާލެވުނެވެ. ފެނުނީ ހުވަފެނެއްކަން އެނގުނެވެ. އޭރު ކައިރީގައި ނަރުސްކުއްޖަކުވެސް ހުއްޓެވެ.
”ކިހިނެއްވީ؟ ހުވަފެނެއް ފެނުނީދޯ؟“ ނަރުސްކުއްޖާ ސުވާލު ކުރިއެވެ. ހުޝާމް އެއްވެސް ޖަވާބެއް ނުދެއެވެ.
”މިއައީ ނަތީޖާ ހިފައިގެން.“ ހުޝާމަށް ތެޅިގަނެވުނެވެ. ފެނުނު ހުވަފެން ސީދާވެދާނެތީވެ ކަންބޮޑުވިއެވެ.
”ހުޝާމަށް އޫރުރޯގާ ޖެހިފައެއްނުވޭ. މިހާރު މިއުޅެނީ ދޫކޮށްލަން.“ ނަރުސްކުއްޖާ ބުނި ދެޖުމްލަ ނުނިމެނީސް ހުޝާމްގެ މޫނު، މައްޗަށް އުފުލާލިއެވެ. އަދި ކަލާނގެއަށް ޝުކުރު ކުރެވުނެވެ.
ހުޝާމް އަވަސް އަވަހަށް ފޯނު ނެގިއެވެ. އަދި އަރީޝާއަށް ފޮނުވުމަށްޓަކާ މެސެޖެއް ލިޔަންފެށިއެވެ. ހުޝާމުގެ ހިތް، އޭނާއަށް މަލާމާތްކުރަން ފެށީ އެހިސާބުން ނެވެ. މިއަދު އޭނާއަށް ގުޅަންވީ ކީއްކުރަންހެއްޔެވެ؟ ހުޝާމަށް އޫރު ރޯގާ ނުޖެހޭ ވާހަކަ ބުނިނަމަވެސް އަރީޝާ ވާނީ ކޮންއުފަލެއް ހެއްޔެވެ؟ އެވާހަކަ ބުނެގެން ހުޝާމަށް ލިބޭނެ ހިތްހަމަޖެހުމެއް އެބައޮތް ހެއްޔެވެ؟ ހުޝާމް ކެތްތެރިވިއެވެ. އޭނާ ލިޔަންފެށި މެސެޖް މެދުކަނޑާލި އެވެ.
ރޭޑިއޯތަކުންނާއި ޓީވީތަކުން ގޮވަނީ ހުޝާމްގެ ވާހަކައެވެ. އޭނާއަށް އޫރުރޯގާ ނުޖެހޭ ވާހަކައެވެ. އޭނާ ކަރަންޓީނު ސެންޓަރުން ދޫކޮށްލި ވާހަކައެވެ.
ދެޖިގެން އައިދުވަހު ރަށަށް ފުރި އޮޑިއަށް ހުޝާމް އެރިއެވެ. ފޫހިކަމާއި މާޔޫސްކަމުގައި އެނާ ބޭނުންވި އަމިއްލަ ގެދޮރަށްދާށެވެ. އެތަނުން ކިތަންމެ ބޮޑު ހިތްދަތި ކަމެއް ދިމާވިނަމަވެސް، އެކަމަށްވެސް ކެތްކުރާށެވެ. ހުޝާމަށް ރަށަށް ދެވުނީ ދަންވަރުގެ ވަގުތެވެ.
ހުޝާމްގޮސް އޭނާގެ ކުޑަ ކޮޓަރިއަށް ވަނެވެ. ސްވިޗް ޖައްސާލުމަށްފަހު ކޮޓަރިތެރެއަށް ކަޅި ހިންގާލިއެވެ. ފުރަތަމަވެސް އަޅައިގަތީ މޭޒުމަތީ ބަހައްޓާފައިހުރި އަރިޝާގެ ފޮޓޯލޯގަނޑެވެ. އެއީ މާކުރީގެ ފޮޓޯއެކެވެ. ހުޝާމްގެ އުފަންދުވަހަކު އަރީޝާދިން ހަނދާނެކެވެ. ދުވަހަކުވެސް އޭނާ މަތިން ހަނދާން ނައްތާނުލާށޭ ބުނެ ދިން ހަދިޔާއެކެވެ. މިރޭ އެފޮޓޯއިން ހުޝާމްގެ ހިތަށް އެއްވެސް އުފަލެއް ނުލިބެއެވެ. އޭނާގެ ލޮލުން ފައިބަމުން އެދަނީ ހިތާމައިގެ ކަރުނައެވެ.
އެތައް އޮތްނަމަވެސް ހުޝާމަކަށް ނުނިދުނެވެ. އޭނާގެ ހިތް ބޭނުންވީ ހިތަށް ލިބެމުންދާ ހިތްދަތިކަން އަރީޝާއަށް ކިޔާދޭށެވެ. ދުލުން އެކަން ނުކުރެވުނަސް ގަލަމުން އެކަން ކުރެވޭތޯ ހުޝާމްގެ މަސައްކަތް ފެށިއެވެ.
”އަރީޝާއަށް.
އަބަދުވެސް ހެޔޮ ހާލުގައި ލަހައްޓަވާތޯ ﷲގެ ހަޟްރަތަށް ދުޢާކުރާ ހާލު، ލިޔަމެވެ.
މިސިޓީ އަހަރެން މިލިޔަނީ އަހަރެންގެ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯއެވެ. މިއަދު އަރީޝާ އުޅޭނީ އުފަލުގައިކަން އަހަރެންނަށް އެނގެއެވެ. އަރީޝާ ފޮނުވި މެސެޖުން އަރީޝާ ބޭނުންވާ ގޮތްވެސް އެނގެއެވެ.
އަރީޝާއެވެ. އަރީޝާއަށް އުފާވެރި ދިރިއުޅުމެއް ފެނުމަށް އަހަރެންވެސް ބޭނުންވެއެވެ. އަހަރެން އަރީޝާއާ ރައްޓެހިވީ އެނިޔަތުގައެވެ. އަހަރެން އަރީޝާ ދެކެލޯބިވާތީ އެވެ. އަދި އަރީޝާވެސް އެވާހަކަ ބުނީމައެވެ. ނަމަވެސް މިއަދު އަރީޝާ، އަހަރެންނާ ދުރަށް ތިދިޔައީ އަހަރެންގެ ނުކުޅެދުންތެރިކަން ފެނި، އަހަރެންނާ އެކީ ނޫޅެވޭނެކަމަށް ބުނެފައެވެ. އެކަން އަހަރެން ގަބޫލުކޮށްފާނަމެވެ. ނަމަވެސް އަހަރެންނަށް މިކަން މިންވަރުވީ އަރީޝާދެކެ އިންތިހާއަށް ލޯބިވެވުނީމާކަމަށް އަހަރެން ގަބޫލު ކުރަމެވެ.
އެކްސިޑެންޓްވީ ދުވަހު، އަހަރެން އަރީޝާ ކޮށްޕާލީ އަރީޝާއަށް އެގެއްލުން ލިބެން ނޭދޭތީ އެވެ. އެކަން ނުކުރިނަމަ މިހާލު ޖެހޭނީ އަރީޝާއަށެވެ. އެކަން އަރީޝާ ގަބޫލު ކުރީމުއެވެ. އެވާހަކަ އަރީޝާގެ ދުލުން ބުނީމުއެވެ. ނަމަވެސް މިއަދު އެކަން ހަދާން ނެތުނީއެވެ. އެންމެ ރަނގަޅެވެ. އެއީ އަހަރެންގެ ކުށެވެ. އަރީޝާދެކެ އިންތިހާއަށް ލޯބިވުމަކީ އަހަރެންގެ ބަދުނަސީބެވެ. އަރީޝާގެ ނަސީބެވެ.
އަރީޝާއެވެ. އަހަރެންނާ ދުރަށްދާން މިނޫން ވަގުތެއް އަރީޝާއަކަށް ނުފެނުނު ހެއްޔެވެ؟ ކުރިން އަހަރެންގެ ހަޔާތުން ދުރަށްދާން މަސައްކެތް ނުކުރީ ކީއްވެހެއްޔެވެ؟ އޭރުން މިހިތާމައެއް މިވަރަކަށް ނުލިބުނީހެވެ. މިއަސަރުގައި އަހަރެން ހަފުސްވާކަށް ނުޖެހުނީހެވެ. އަނދިރިކަމުގައި އުޅެމުންދިޔަ މިހަޔާތަށް އަލިކަމެއް ލިބޭނެކަމުގެ އުންމީދެއް ކުރާކަށް ނުޖެހުނީހެވެ.
އަޅެ! ބުނެނަލާށެވެ. ތެލެސީމިޔާ ޓެސްޓް ހަދަން ހޮސްޕިޓަލަށް ދިޔަ ދުވަހު، އެބިދޭސީ މީހާއަށް އެހީވާން ދާށޭ ބުނީ ކާކުހެއްޔެވެ؟ އަހަރެން ނުދާން އުޅުމުންވެސް އަހަރެން އެތަނަށް ފޮނުވީ އަރީޝާއެއް ނޫންހެއްޔެވެ؟ އެމީހުންނަށްވެސް އެހީވާން ވާނޭ ބުނީ އަރީޝާއެއް ނޫންހެއްވެ؟ އަހަރެންނަށް ޖެހުނު ބައްޔެއްވިއްޔާ ޖެހުނީ އެދުވަހުއެވެ. އެކަން އަރީޝާވެސް ގަބޫލު ނުކުރެވުނީ ހެއްޔެވެ؟ އެހެންވިއްޔާ އެހާލުޖެހުނު ދުވަހު އަހަރެން ނިކަމެތި ކޮށްލީ ކީއްވެހެއްޔެވެ؟ އަހަރެން މިދުނިޔޭގައި އުޅޭތީވެ އަރީޝާއަށް އުނދަގޫވަނީ ހެއްޔެވެ؟
އަރީޝާގެ މަންމައާއި ބައްޕަ އަހަރެންނާ ނުގަބޫލުކަން އެނގުނީ މިއަދު ހެއްޔެވެ؟ ކުރިންވެސް އެކަން އެނގެއެވެ. އެކަމަކު އޭރު އަރިޝާ އަހަރެންނާ ގަބޫލުވީމުއެވެ. ބައްޕަމެން ނުގަބޫލަސް އަހަރެންގެ ލޯތްބަށް އާނބަސް ބުނީމުއެވެ. ދެން މިއަދު ތިބަދަލު އައީ ކީއްވެހެއްޔެވެ؟ މިހާ ދުވަސްކޮށްފައި ތިގޮތަށް ނިންމީ ކޮންސަބަބަކާ ހުރެހެއްޔެވެ؟
އަރީޝާއެވެ. އަހަރެންގެ ފަރާތުން އަރީޝާއަށް ދެރަގޮތެއް ވާކަށް ނޭދެމެވެ. އެފަދަ ދެރައެއް ދެވިފައިވާނަމަ އަހަރެންނަށް މައާފު ކުރާށެވެ. އަރީޝާގެ އުފަލަށް ހުރަސް އަޅާމީހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެފަދަ ހުރަހެއް އެޅިފައިވާނަމަ އަހަރެންނަށް މައާފުކޮށްދޭށެވެ.
(ނުނިމޭ)