
މައާފު (2)
ދެކުދިން ރައްޓެހިވީ ސްކޫލު ދައުރުގައެވެ. ގްރޭޑް 10ގައި އުޅެމުން ނެވެ. ދެކުދިންގެ ގުޅުން އަރީޝާގެ އާއިލާއަށް އެނގުނީ ރައްޓެހިވިތާ މަހެއްވީ ފަހުން ނެވެ. އެދުވަހުއްސުރެ ފެށިގެން ހުޝާމް އަރީޝާމެންގެއަށް ވަނުން އޮންނަނީ މަނާކޮށްފައެވެ. އަރީޝާއާއި ހުޝާމްގެ ގުޅުމަށް ހުރަސްއެޅީ އަރީޝާގެ ބައްޕައެވެ. އެބައްޕަގެ ނަޒަރުގައި އަރީޝާމެންކަހަލަ ތަނަވަސް ކުއްޖަކު ގުޅެންވާނީ ތަނަވަސް ކުއްޖަކާއެވެ. ނިކަމެތި ކުއްޖަކާ ގުޅުމަކީ އެއާއިލާއަށް ލިބޭ ހުތުރެކެވެ. ނަމަވެސް ބައްޕަގެ ވާހަކަތަކަށް އަރީޝާ އަޅައެއް ނުލައެވެ. އޭނާއަށް ހުޝާމްވަރުގެ ކުއްޖަކު ނެތެވެ. އޭނާ އެންމެ ލޯބިވީ ހުޝާމް ދެކެއެވެ. އެނޫން ގޮތެއް ނެތްކަމަށް އަރީޝާގެ ދުލުން އޭނާގެ ބައްޕަ ގާތުބުނުމުން އެންމެ ފަހުން ބައްޕަމެންނަށް ޖެހުނީ ގޮތްދޫކުރާށެވެ. އަރީޝާބޭނުން ގޮތަކަށް އޭނާގެ ހަޔާތް އާރާސްތު ކުރުމުގެ ފުރުސަތުދޭށެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ހުޝާމް އެކްސިޑެންޓްވެ، ދުލަށްލިބުނު ގެއްލުމުގެ ސަބަބުން ވާހަކަ ދެއްކުމުން މަހުރޫމްވީ އެވެ. އެދުވަހުވެސް އަރީޝާ ހުރީ ހުޝާމްގެ މީހެއްގެ ގޮތުގައެވެ. އެނޫން ގޮތެއް އޭނާގެ ހިތަށް ނުފެނުމުންނެވެ. އެވަރުގެ މީހެއް އަރީޝާއަށް ނުލިބޭނެކަން އޭނާއަށް އެނގުމުން ނެވެ. ނަމަވެސް އަރީޝާއަށް ވިސްނައި ދިނުމަށް އެނާގެ މަންމައާއި ބައްޕަ ވަރަށް މަސައްކަތް ކުރިއެވެ. ނުކުޅެދޭ މީހަކާއެކު އުޅެން އުނދަގޫވާނެކަން އޭނާގެ މަންމަ ބުނަމުންދިޔައިރު، ބައްޕަ ބުނަމުން ދިޔައީ ކުރަންޖެހޭ ހުރިހާ ޚަރަދެއް އެބައްޕައަށް ނުކުރެވޭނެ ކަމަށެވެ. ބައްޕަގެ ވާހަކަތަކަށް އަރީޝާ ދެމުންދިޔައީ ބީރު ކަންފަތެކެވެ، އޭނާ ބުނަމުންދިޔައީ އަމިއްލަ ދަރިއަށް ޚަރަދު ކުރަން ބޭނުންނަމަ ހުޝާމަށް ޚަރަދު ކުރަންޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ އެގޭގައިވެސް ނުހުންނާނެ ކަމަށެވެ. އެމަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ އަރީޝާކަމުން އެމަންމަ އާއި ބައްޕައަށް މަޖްބޫރުވީ ހުޝާމަށް ޚަރަދު ކުރާށެވެ.
އޭގެ ފަހުން އަހަރެއްވީ އެވެ. އަރީޝާގެ ފަރާތުން ލޯތްބާއި އަޅާލުން ލިބުނެވެ. ހަމްދަރުދީއާއި އޯގާތެރިކަމުގެ ބަސްތައް އޮހެމުން ދިޔައެވެ. އުފާވެރި ދުވަސްތަކެއް ލޯތްބާއެކީ ހޭދަކުރެވުނެވެ.
ކުއްލިއަކަށް ފޯނަށް އައީ މެސެޖެކެވެ. ގެންލިފައިވާ މާޒީގެ ޚިޔާލުތަކުން ނުކުމެ, ހުޝާމް ތެޅިގަތެވެ. އަވަސް އަވަހަށް މެސެޖް ކިޔަން ފެށިއެވެ.
”އަހަރެން ބުނެފީމެއްނު ތީ އަހަރެންގެ މީހެއް ނޫނޭ. އަހަރެންނަށް މެސެޖް ނުކުރާށޭ. އަމިއްލަ ހާލާމެދު ވިސްނާލަބަލަ؟ ކީއްވެތަ އެހެން މީހުން އުފަލުގައި އުޅުނަ ނުދޭން ތި މަސައްކަތްކުރަނީ؟ ހުޝާމު އެންމެ ލޯބިވަނީ އަހަރެންދެކެއެއް ނޫންތަ؟ އެހެންކަމަށް ވާނަމަ ހުޝާމް ބޭނުމެއްނުވޭތަ އަހަރެން އުފަލުގައި އުޅޭތަންދެކޭކަށް؟ ހުޝާމާއެކު އުފަލުގައު އުޅެވިދާނެކަމަކަށް އަހަރެންނެއް ގަބޫލެއް ނުކުރަން. ދެން އަހަރެންނަށް މެސެޖްނުކުރާތި. އަހަރެން ބޭނުމެއްނޫން ހުޝާމާއެކީ އުޅޭކަން.“ ހުޝާމް ހިތުގައި ޖެހުނެވެ. މެސެޖްގައި ހުރި ލަފްޒުތައް ފޯނުން ނުކުމެ ހުޝާމްގެ ހިތުގައި ވިކަން ފެށިއެވެ. އޭނާއަށް ރޮއިގަނެވުނެވެ. ނަމަވެސް އެއަޑު އަހާނެ މީހަކު އެތާކުނެތެވެ. އޭނާއަށް އަޅާލާނެ އެހީތެރިއަކު ނެތެވެ. މިއަދު ހުޝާމް އެއޮތީ އެކަންޏެވެ. އާއިލާއާއި ރައްޓެހިންނާ ދުރުގައެވެ. އަމިއްލަ ރަށާވެސް މާދުރުގައެވެ.
ހުޝާމްގެ ބަލި ރަނގަޅު ވަމުންދާކަމުގެ އިހްސާސް އޭނާއަށް ކުރެވުނު ނަމަވެސް އެނާގެ ހިތްވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ. އެހިތަށްވަނީ ފަރުވާ ކުރަންޖެހިއެވެ. ޑޮކްޓަރުންނާއި ނަރުހުންނަށް އެހިތްދެއްކިޔަސް ކޮށްދެވޭނެކަމެއް ނޯންނާނެވެ. އެމީހުން ކިތަންމެ މޮޅަސް އެހިތަށް ޝިފާ އެއް ނުހޯދޭނެއެވެ.
ހިތްދަތިކަމުގެ ކަނޑުގައި ހުޝާމަށް ފީނަން ޖެހުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. މެންދަމު ތިނެއް ޖެހިއިރުވެސް އޭނާ އޮތީ ނުނިދިފައެވެ. އޭނާ ދުއާ ކުރަމުން ގެންދިޔައީ އޭނާގެ ބައްޔަށް އަވަސް ޝިފާއެއް ލިބޭތޯއެވެ؟
”ހުޝާމް. ހުޝާމް.“ ހުޝާމަށް ގޮވަމުން ދިޔައީ ނަރުސް ކުއްޖެކެވެ.
”ކޮބާތަ ޚަބަރަކީ؟ ނަތީޖާ ލިބުނީތަ؟ އަހަރެންނަށް މިހުރީ އޫރު ރޯގާތަ ޖެހިފައި؟“ ހާސްވެފައިވާ ހާލު ހުޝާމަށް ސުވާލު ފައްޗެއް ކޮށްލެވުނެވެ.
”ނަރުސް ކުއްޖާގެ އަނގައިން އެކައްޗެކޭވެސް ނުބުނެއެވެ.
”ބުނެބަލަ؟ އަހަރެންނަށް މިހުރީ އޫރު ރޯގާތަ ޖެހިފައި. ކީއްވެތަ ވާހަކަ ނުދައްކަނީ. ކީއްވެތަ ނުބުނަން ތިއުޅެނީ؟“ ހުޝާމް ހަޅޭއްލަވައިގަތެވެ.
”ދެރަނުވޭ ހުޝާމް. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ތިއީވެސް ފަރުވާ ކުރެވޭ ބައްޔެކޭ. ކިތަންމެ ބަޔަކުވެސް ރަނގަޅުވެފައި އެބަހުރި.“ ނަރުސް ކުއްޖާ ބޭނުންވީ ހުޝާމް ހިތްހަމަ ޖައްސައިދޭށެވެ.
”ޔަގީންތަ މިއީ އޫރު ރޯގާކަން. ކިހިނެއް ޔަގީންވީ. ލަންކާއަށް ގެންގޮސްގެންތަ ޓެސްޓްކުރީ.“ ހުޝާމް އަނެއްކާވެސް ސުވާލު ކުރިއެވެ.
”ކީއްވެތަ މިހެންވާންވީ. އަހަރެންނަކަށް ނުޖެހޭނެ. ތިއީ ޝައްކެއް. އެހެންވިއްޔާ ރަށުގެ އެތައް ބަޔަކަށް ޖެހޭނެ. އެމީހުންވެސް މިތަނަށް ގެނޭ. އެމީހުންނަށްވެސް ފަރުވާދީ. ގަބޫލެއް ނުކުރާނަން. އަހަރެން ދޫކޮށްލާ.އަހަރެން ދޫކޮށްލާ. އަހަރެން ބޭނުމީދާން.“ ހުޝާމް ހަޅޭއްލަވަން ފެއްޓިއެވެ. ނަރުސް ކުއްޖާ ކަންބޮޑުވިއެވެ.
”ހުޝާމް. ހުޝާމަކަށް ނޭނގޭތަ މުޅި ރަށަށް އެވަނީ އެބަލި ފެތުރިފައޭ. މުޅި ރަށް އެވަނީ ބިރުވެރިކަމެއްގެ ތެރޭގައި. ހުޝާމްވެސް ރަށަށް ގެންދާގޮތަށް މިހާރުވަނީ ނިމިފައި.“ ނަރުސްކުއްޖާ ދެއްކި ވާހަކައިން ހުޝާމް ތެދުވެވުނެވެ.
ތެދެކެވެ. ރަށުގެ ގިނަބަޔަކަށް އެބަލިޖެހިފައިވެއެވެ. ނަރުހުންނާއި ޑޮކްޓަރުން ރަށުގައި ހަރަކާތްތެރިވަމުން ގެންދެއެވެ. ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ދުވަސްވި މީހުންނާއި ތުއްތު ކުދިންނަށެވެ. ކުދިންގެ މައިން ބަފައިން ރޮއި ހެރޭއިރު ދުވަސްވީ ގިނަބަޔަކު ތިބީ އަޅާނުލެވިއެވެ. ރަށުގެ ހާލަތު ގޯސްވުމާއެކު އެއްވެސް މީހަކު ރަށުން ފޭބުން ވަނީ މަނާކޮށްފައެވެ. އަދި ސަރުކާރުގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުންވެސް ވަނީ މަނާކޮށްފައެވެ.
މުޅި ރަށުން އިވެނީ ކެއްސާ އަޑެވެ. ބަލިމީހުންނާހެދި ސިއްހީ މަރުކަޒުވަނީ ފުރިފައެވެ. ޚިދުމަތް ނުދެވިގެން ސްކޫލު ތެރޭގައިވެސް ބަޔަކު ބައިތިއްބާފައި ތިއްބެވެ. 18 ޑޮކްޓަރުން ރަށުގައި ހަރަކާތްތެރިވާއިރު އެމީހުންވެސް ތިބީ ބިރުންނެވެ. ބިރުނުގަންނަންވީ ކީއްވެހެއްޔެވެ؟ ޚިދުމަތް ދެމުން ގެންދިޔަ ދެ ނަރުހަކަށްވެސް މިހާރު ވަނީ އެބަލި ޖެހިފައެވެ. އޭނާ އެންމެ ލޯބިވާ އަރީޝާއަށްވެސް އެވަނީ އެބަލިޖެހިފައެވެ. ނަމަވެސް އެންމެ ހާލުބޮޑީ ހުޝާމެވެ. ހުޝާމްގެ ހާލުފެނިފައި އަރީޝާއަކަށް ކެތެއް ނުކުރެވުނެވެ. އަރީޝާގެ މަންމައާއި ބައްޕަ ހުޝާމަށް އަޅާނުލާތީ އަރީޝާފެށީ ރޯށެވެ.
”ކީއްވެތަ ފަރުވާއެއް ހޯދުމަށް މަސައްކަތް ނުކުރަންވީ؟ ރުފިޔާތައް އެއްކުރީމާވީތަ؟
(ނުނިމޭ)