މައާފު

އަންވަރު އިބްރާހިމް ސެޕްޓެމްބަރ 22 2009، 14:35 0 ޚިޔާލު

ހުޝާމް އޮތީ ފުނަދޫގައި ހުންނަ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައެވެ. އެފަދަތަނަކަށް އަންނަންޖެހުނު ކަމުގެ ހިތާމަ އޭނާ ދަނީ ކުރަމުންނެވެ. އެފަދަ މީހަކަށް އޭނާ ވެދާނެތީވެ, އެހިތްދަތި އިހްސާސްތަކުން ހުޝާމްގެ ހިތް ދިޔައީ ނުތަނަވަސް ވަމުންނެވެ.

ރަށަށް ގެނެވުނު ބިދޭސީ މީހާ ހޮސްޕިޓަލުތެރެއަށް ވެއްދުމަށް ހުޝާމް އެހީތެރިވެދިނީ އެވަގުތު އެހީތެރިވާނެ އެހެން މީހަކު ނެތުމުންނެވެ. އެ ބިދޭސީ މީހާއަށް އޫރު ރޯގާ ޖެހިފައިވާކަން އެނގޭނަމަ ހުޝާމުވެސް އެކަމުގައި ބައިވެރިއެއް ނުވީހެވެ. މައްސަލައަކީ އެކަން ހުޝާމަށް ނޭނގުނު ކަމެވެ. އެބަލި ޖެހުނު މީހަކު ރިސޯޓްގައި މަސައްކަތް ކުރެވުނު ކަމެވެ. އެމީހާއާއެކު އިތުރު ބަޔަކު ރިސޯޓުން ނާންނަކަމެވެ. ހުޝާމްގެ ހިތް ދިޔައީ ޝަކުވާ ކުރަމުންނެވެ. އޫރު ރޯގާ އޭނާއަށް ޖެހެންވީ ކީއްވެހެއްޔެވެ؟ އެކަމުގައި ބައިވެރިވި އަނެއް ދެމީހުންނަށް އެރޯގާއެއް ނުޖެހެއެވެ. އެމީހުންގެ ކިބައިން އެހެކިތަކެއް ނުފެނެއެވެ. ގުދުރަތުން އެ ބަދުނަސީބުގެ އެކަހެރި މާހައުލަށް އަންނަން ޖެހުނީ އޭނާއަށެވެ.

ހުޝާމްގެ ހަށިގަނޑުގެ ހުން ކިތަންމެ ގަދަވިނަމަވެސް އޭނާގެ ފިކުރުކުރަމުންދަނީ އޭނާގެ ލޯބިވެރިޔާއާ ބައްދަލުވާނެ ވަގުތަކަށެވެ. ނަމަވެސް އެއީ ވާނެ ކަމެއްނޫންކަން ހުޝާމަށް އެނގެއެވެ. ހުޝާމް ދެރަވަނީ އެންމެ ކަމަކަށެވެ. އެއީ ދެމީހުންގެ ގުޅުމަށް ހީނަރުކަމެއް ވެރިވެފައި ވަނިކޮށް, ބަލި އެނދަށް އޭނާ ވެއްޓެން ޖެހުމެވެ. އެގުޅުން އިތުރަށް ހީނަރުވުމަށް ފުރުސަތު ލިބިގެންދިއުމެވެ.

މައްސަލައަކީ އަރީޝާއެވެ. އޭނާގެ ވިސްނުން ބަދަލުވަމުން ދިއުމެވެ. އޭނާ ބޭނުންވާ ހުރިހާ ކަމެއް ބޭނުންވާ ގޮތަށް ނުކުރެވުމެވެ. އެތަނަވަސްކަމާއި ތިޔާގިކަން ހުޝާމަށް ލިބިފައިނެތުމެވެ. އެއަށްވުރެވެސް ބޮޑަށް އަރީޝާ, ޝަކުވާ ކުރަމުން ގެންދިޔައީ ހުޝާމްގެ ނުކުޅެދުންތެރިކަމާއެވެ. އެވިސްނުން އަރީޝާއަށް ގެނެސްދެވޭތޯ މަސައްކަތް ކުރަމުންދިޔައީ އޭނާގެ މައިންބަފައިންނެވެ. އެއީ ހުޝާމް ކުރާނެ ކަމެއްނޫނެވެ. އެއީ ތަގުދީރެވެ. ހުޝާމް އެކްސިޑެންޓްވެ,އޭނާގެ ދުލަށް ލިބުނު ގެއްލުމުގެ ސަބަބުން ވާހަކަ ނުދެއްކެނީއެވެ. އެނަސީބުން މަހުރޫމްވީއެވެ. އެދުވަހު އަރީޝާ އުފާކުރިއެވެ. އޭނާ ސަލާމަތްވީތީ އެވެ. ހުޝާމަށް އެއަށްވުރެ ބޮޑުވަރު ނުވެ, ދުނިޔޭގައި ހުރެވުނީތީ އެވެ. ނަމަވެސް ދުވަސްތަކެއް ނުވަނީސް އެކަން ދިޔައީ ބަދަލުވަމުންނެވެ. މިއަދު އަރީޝާއާ ދުރުގައި ހުޝާމް އޮތްއިރު އޭނާގެ ޚަބަރެއް ހުޝާމަކަށް ނުލިބެއެވެ. އެކުވެރި އެތައް ބަޔަކު ހަމްދަރުދީގެ މެސެޖްތައް ހުޝާމަށް ފޮނުވިނަމަވެސް އަރީޝާގެ މެސެޖެއް ހުޝާމަކަށް ނުލިބެއެވެ. އޭނާ އޮތީ އަރީޝާގެ މެސަޖަކަށް އިންތިޒާރު ކޮށްކޮށެވެ.

24 ގަޑިއިރު ފާއިތުވެއްޖެ އެވެ. އަރީޝާގެ ޚަބަރެއް ނުވުމުން އެންމެ ފަހުން ހުޝާމަށް ކެތްނުވެގެން އަރީޝާއަށް މެސެޖްކުރިއެވެ. އޭގައި އޭނާއަށް ލިބެމުންދާ ހިތްދަތިކަން ބަޔާން ކުރިއެވެ. އަދި އަރީޝާގެ މެސެޖަކަށް އިންތިޒާރު ކުރާކަމަށް ލިޔުނެވެ. މާގިނައިރުތަކެއް ނުވަނީސް އަރީޝާގެ މެސެޖެއް ހުޝާމަށް ލިބުނެވެ. ހުޝާމް އަވަސްއަވަހަށް އެމެސެޖް ކިޔަންފެށިއެވެ.

”އަހަރެންނަށް އެނގޭ ހުޝާމަށް އޫރު ރޯގާ ޖެހިފައިވާކަން. އެކަމަކު އަހަރެންނަކަށް ތިރަށަކަށް ނުދެވޭނެ. ކަމެއް ވެގެންތާ އެހެންމީހުންނާ އެކަހެރި ކުރަނީ. މެސެޖް ނުކުރެވުނީ ބިޒީވުމުން.“ އަރީޝާގެ މެސެޖް ވަރަށް ކުރެވެ. އެމެސެޖް ކިތަންމެ ކުރުނަމަވެސް ހުޝާމުގެ ހިތަށް އިތުރު ހިތްދަތިކަމެއް ގެނެސްދިނެވެ. އޭނާ އެންމެ ލޯބިވާ ފަރާތުން ފޮނުވި މެސެޖުން ހުޝާމް މާޔޫސްވިއެވެ. ހިތްވަރު އެލުނެވެ. އިތުރު މެސެޖެއް ނުކުރަން ހިތަށް އެރިއެވެ. ނަމަވެސް ނޯވެވުނެވެ. ހިތް އެކަމަށް އެދިގޮވާތީ އަނެއްކާވެސް މެސެޖެއް ކުރިއެވެ.

” އަރީޝާގެ ހާލު ރަނގަޅުތަ؟ އަދި ނޭނގެ އަހަރެންނަށް އޫރު ރޯގާޖެހުނު ކަމެއް. ހަފްތާއެއްފަހުން އެނގޭނީ. ޓެސްޓްތައް ހަދަމުންދަނީ. އަރީޝާ އަޔަސް މިތަނަކު ނުހުރެވޭނެ. މިތާނގައި މިއުޅެނީ ހަމައެކަނި 2 ނަރުހުން.“

ހުޝާމް ފޮނުވި މެސެޖަށް އަރީޝާ އިތުރު މެސެޖެއް ފޮނުވިއެވެ. ” ތިތަނަށް މީހުންނަށް ނުދެވުނަސް އަދި ދެވުނަސް އަހަރެންނަކަށް ނުދެވޭނެ. ހުޝާމަށް އެނގޭނެ އަހަރެން ތަންތަނަށް ދާން ބޭނުން ނުވާނެކަން. އަހަރެންނަށް ރަނގަޅީ ހުޝާމް ދެން މެސެޖް ނުކުރިއްޔާ!“ އަރީޝާގެ މެސެޖް ނިންމާލަމުން ލިޔެފައިވާ ޖުމްލަ ހުޝާމަށް ގަބޫލެއް ނުކުރެވުނެވެ. އޭނާއަށް ވިސްނުނީ އަރީޝާއަށް ބިޒީ ވަގުތެއްގައި މެސެޖް ކުރެވެމުން ހިތްހަމަ ނުޖެހުނީ ކަމަށެވެ.

ހުޝާމްގެ ހުން ދިޔައީ ގަދަވަމުންނެވެ. ބައެއް ފަހަރު މެއަށް ބާރުކުރެއެވެ. ހޮޑުވެސް ލެވެއެވެ. އެބަލީގައި ހުޝާމްގެ ހަޔާތުން ދެދުވަސް ފާއިތުވެއްޖެ އެވެ. އޭނާއަށް އިތުރު ލުއިތަކެއް ލިބޭހެން ހީވިނަމަވެސް އަރިދަފުހުގެ ސަބަބުން ބޮލަށް އުނދަގޫވަމުން ދެއެވެ. ތިންވަނައަށް ވީދުވަހު ފަތިސް ވަގުތެވެ. ހަށިގަނޑު ތަންކޮޅެއް ރަނގަޅުހެން ހީވެއެވެ. އޭނާ ތެދުވެ ފަތިސްނާމާދު ކޮށްލިއެވެ. އަދި އެނދުގައި ޖައްސާލުމަށްފަހު ފޯނު އަތަށް ނެގިއެވެ. އޭރު ފޯނަށް މެސެޖެއް އައިސްފައި އޮތެވެ. ހުޝާމް ބަލާލިއެވެ. އެއީ އަރީޝާގެ މެސެޖެކެވެ. އަވަސް އަވަހަށް ހުޝާމް އެމެސެޖް ކިޔަންފެށިއެވެ.

” އަހަރެންނަށް ދެން ހުޝާމާއެކުއެއް ނޫޅެވޭނެ. މަންމައާއި ބައްޕަވެސް އަހަރެމެންގެ ކައިވެންޏަށް ނުގަބޫލު. އެކަން ހުޝާމަށްވެސް އެނގޭނެ. އެހެންވެ މީގެފަހުން އަހަރެންނަށް މެސެޖް ނުކުރާތި. އަހަރެންމީ ހުޝާމްގެ މީހެއްނޫން.“ ހުޝާމަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއަށްވުރެ ބޮޑަށްވީ ދެރައެވެ. އޭނާ އެންމެ ލޯބިވާ އަރީޝާ އެހެން އެބުނީ ކީއްވެހެއްޔެވެ؟ އޭނާއަށްޓަކާ ހުޝާމް ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ އޭނާގެ ހައްގުގައި ހުޝާމް ނުވަނީ ކޮން ގުރުބާނީއެއް ހެއްޔެވެ؟ ލޯބީގެ އަގަކީ މީހެއްޔެވެ؟ އިންސާނުންނަށް ހިތާމަވެރި އިމްތިހާނުތައް ދިމާވުމުން އެކަމާ ކުރިމަތިލާން ގިނަ މީހުން ބޭނުން ނުވަނީ ކޮން ސަބަބަކާހުރެހެއްޔެއެވެ؟ ހުޝާމްގެ ދުލުން އޭނާގެ ހިތަށް ޝަކުވާ ހުށަހަޅަމުން ދިޔައެވެ.

(ނުނިމޭ)


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv