ދިމާވާ ދަތިތަކަށް ކެތްތެރިވެ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުން (6)

ސެޕްޓެމްބަރ 19 2009، 19:22 0 ޚިޔާލު

-އައްޝައިޚް ނަސްރުﷲ މުސްތަފާ-

~ މުޞީބާތްތަކަށް ކެތްތެރިވުމުގައި މީސްތަކުން ބެހިފައިވާ ބައިތައް

މީސްތަކުން ކުރާ ދުއްތުރާތަކާއި ކުރިމަތިލާމީހުން ބެހިފައިވަނީ ތިންބަޔަކަށެވެ. ފުރަތަމައީ އަނިޔާވެރިޔާއެވެ. އޭނާ އޭނާޔަށް ޙައްޤުވެގެންވާ މިންވަރަށް ވުރެ ބޮޑަށް އަނެކާޔަށް ގެއްލުން ދެއެވެ. ދެންވަނީ މެދުމިނުގެ މީހާއެވެ. އޭނާ ހަމަހަމަޔަށް ޙައްޤުލިބިގަނެއެވެ. ދެންވަނީ އަޙްސާން ތެރިޔާއެވެ. އޭނާ އޭނާގެ ޙައްޤުދޫކޮށް މަޢާފްކުރެއެވެ. އެކަމަށް އިޝާރާތްކުރައްވާ ﷲ ވަޙީކުރައްވަނީ : {ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ذَلِكَ هُوَ الْفَضْلُ الْكَبِيرُ }فاطر:32 މާނައަކީ: "ދެން އެއަށްފަހު ތިމަން ﷲގެ އަޅުންގެތެރެއިން ތިމަން ﷲ ހޮއްވަވައި ޚިޔާރުކުރެއްވި ބަޔަކަށް ފޮތް ވާރުތަކޮށްދެއްވީމެވެ. ނަމަވެސް އޭގެތެރެއިން ބައެއްމީހުންނީ އެމީހުންގެ އަމިއްލަނަފްސުތަކަށް އަނިޔާވެރިވީމީހުންނެވެ އަނެއްބައިމީހުންނީ މެދުމިނުގެ މީހުންނެވެ (ނުބައިކަންތައްތަކުން ދުރުވެ ވާޖިބުކަންތައްތައްކުރާމީހުން). އަދި އެކަލާނގެ އަމުރުފުޅާއިއެކު ހެޔޮކަމަށް ކުރިއަރައިގެން ދާމީހުންވެސް އެބައިމީހުންގެ ތެރެއިންވެއެވެ. ބޮޑުވެގެންވާ ދަރުމަވަންތަވެރިކަމަކީ އެއީއެވެ(ފޮތް ވާރުތަކުރުން)."މިއާޔަތުގައި ﷲ މިވަނީ މިތިންބައި މީހުންވެސް ބަޔާންކުރައްވާފައިއެވެ. ފުރަތަމަ ބަޔަކީ މެދުމިނުގެ މީހުންނެވެ، ދެންއެވަނީ ހެޔޮކަމުގައި ކުރިއަރައި ދާމީހުންނެވެ. އަދި އެންމެ ފަހުން އެވަނީ އަނިޔާވެރިންނެވެ.

މާތްވެގެންވާ އަޚުންނާއި އުޚުތުންނޭވެ، ޤިޔާމަތްދުވަހުން ގޮވައިލެވޭނެކަން ހަނދާން ކުރާށެވެ: " ﷲ އަށް އެބައިމީހުންގެ އުޖޫރަވާމީހުން ތެދުވާށެވެ،އެހިނދު ތެދުވެވޭނީ ހަމައެކަނި މަޢާފްކޮށް ޞުލްޙަވާމީހުންނަށެވެ."

ބަދަލު ހިފައި ޙައްޤު ލިބިގަތުމުގެ ބައި ދޫކޮށްފިނަމަ ކެތްތެރިވެ މަޢާފްދިނުން ފަސޭހަވެގެންދާނެއެވެ.

~ ޝުކުރުކުރުން

ދެވަނަ އަޞްލަކީ ޝުކުރުވެރިވުމެވެ. އެއީ ﷲ އަންގަވާފައިވާ ކަންތައްތައް އެކަލާނގެ އާއި ކުއްތަންވުމުގެ ގޮތުން ކުރުމެވެ.

ﷲ ވަޙީކުރެއްވިއެވެ: { لَئِن شَكَرْتُمْ لأَزِيدَنَّكُمْ }إبراهيم:7

މާނައަކީ: "ތިޔަބައިމީހުން ތިމަން ﷲއަށް ޝުކުރުވެރި ވެއްޖެނަމަ ހަމަ ކަށަވަރުން ތިމަން ﷲ ތިޔަބައިމީހުންނަށް އިތުރުކޮށް ދެއްވާހުށީމެވެ." މިއާޔަތުން ޝުކުރުކުރުމުގެ މުހިއްމުކަން ހާމަވާނެކަން ކަށަވަރެވެ.

~ ޝުކުރުވެރިވުމުގެ ތެރޭގައި ހިމެނޭބައެއްކަންތައްތައް:

ތިރީގައި މިދަންނަވާ ކަންތައްތައް ޝުކުރުވެރިވުމުގެ ތެރޭގައި ހިމެނޭނެއެވެ:

1- ޝުކުރުކުރުމުގެ ތެރޭގައި މީސްތަކުން ތިމާއަށްވާ އިޙްސާންތެރިކަމަށްވެސް ޝުކުރުވެރިވާންވާނެއެވެ. މިކަމަށް އިޝާރަތްކުރައްވައި ﷲގެ ރަސޫލާ ޙަދީޡްފުޅުކުރައްވާފައިވަނީ: "من لا يشكر الناس لا يشكر الله " މާނައީ "މީސްތަކުންނަށް ޝުކުރުނުކުރާމީހާ ﷲއަށް ޝުކުރުނުކުރާނެއެވެ". ވީމާ މީސްތަކުންގެ ފަރާތުން ލިބޭ ޚިދުމަތައްވެސް ޝުކުރުކުރަންވާނެއެވެ. އަދި އިޙްސާންތެރިކަމުގެ ބަދަލުގައި އިޙްސާންތެރިވެސް ވާންޖެހޭނެއެވެ. މިކަމުގެ އަހައްމިއްޔަތުކަން އެއްމެބޮޑަށް ދޭހަވަނީ އަންހެންތަކުން ގިނައިން ނަރަކައަށްވަނުމުގެ ސަބަބެއްކަމުގައި ފިރިމީހާގެ ހެޔޮކަންތައްތަކަށް ކުފުރުވުން ހިމެނިފައިވާތީއެވެ. ޝުކުރުވެރިނުވުމުގެ ސަބަބުންނެވެ.

2- ﷲ ދެއްވާފައިވާ ނިޢުމަތްތަކާއި ބެހޭގޮތުން ވާހަކަދެއްކުން.

މިކަމާއިބެހޭ ގޮތުން ﷲ ވަޙީކުރައްވާފައިވަނީ:

{وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ }الضحى:11

މާނައީ: "އަދި ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ނިޢުމަތުގެ ވާހަކައިން ވާހަކަ ފުޅުދައްކަވައި އުޅުއްވާށެވެ".

މިއީ އެއްގޮތަކަށްވެސް ބޮޑާކަމާއި ކިބުރުވެރިކަމާއިއެކު ވާހަކަދެއްކުމެއް ނޫނެވެ. އެހެނަސް ﷲގެ އޯގާވަންތަކަން ތިމާގެ ހިތަށް ގެނައުމަށްޓަކައި މީސްތަކުން ނިކަމެތިކުރުމަކާއި ނުލައި ވާހަކަދެއްކުމެވެ. މިކަމާއި ބެހޭގޮތުން މާތް ރަސޫލާ ޙަދީޘްފުޅުކުރައްވާފައިވަނީ:

"التحدث بنعمة الله شكر و تركها كفر"صحيح الجامع الصغير ގެ 3014ވަނަ ޙަދީޘް. މާނައަކީ: ﷲ ދެއްވާފައިވާ ނިޢުމަތްތަކާއިބެހޭގޮތުން ވާހަކަދެއްކުމަކީ ޝުކުރުވެރިވުމެކެވެ، އެކަން ދޫކޮށްލުމަކީ ކުފުރުވުމެކެވެ."

3- މަދުމިންވަރަށް ޝުކުރުވެރިވުން.

ޝައްކެއްނެތެވެ، މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. ވީމާ ތިމާއަށް ﷲ ކަނޑައަޅުއްވާފައިވާ ކަންތައްތަކަށް ފުރިހަމަޔަށް ރުހެންވާނެއެވެ. އެހެންމީހުންގެ ނިޢުމަތްތަކަށް ޙަސަދަވެރި ނުވާންވީއެވެ. އީމާންކަން ފުރިހަމަވާނީ އެއިރުންނެވެ. އަދި މަދުމިންވަރަށް ޝުކުރުވެރިނުވާ މީހާ ގިނަފަހަރަށް ގިނަމިންވަރަށް ވެސް ޝުކުރުވެރިނުވާނެއެވެ. މިކަން ބަޔާންކުރައްވައި ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ ޙަދީޘްފުޅުކުރައްވާފައިވަނީ:

"و من لا يشكر القليل لا يشكر الكثير و من لا يشكر الناس لا يشكر الله و الجماعة بركة و الفرقة عذاب

" صحيح الجامع الصغير ގެ 3014ވަނަ ޙަދީޘް މާނައީ: "ކުޑަމިންވަރަށް ޝުކުރުވެރިނުވާ މީހާ ގިނަމިންވަރަށްވެސް ޝުކުރުވެރިނުވާނެއެވެ އަދި މީސްތަކުންނަށް ޝުކުރުނުކުރާމީހާ ﷲ އަށް ޝުކުރުނުކުރާނެއެވެ، އެއްޖަމާޢަތެއްގައި އެކުވެރިކަންމަތީ އުޅުމަކީ ބަރަކާތެކެވެ، އަދި ބައިބައިވެ ޕާޓީހެދުމަކީ ޢަޒާބެކެވެ". މަދުމިންވަރަށް ޝުކުރުވެރިވުމަކީ މީސްތަކުންގެ ފަރާތުން ކަނަކަމަށް އެދުމުން ތިމާ ދުރުކޮށްދޭކަމެއްކަން ކަށަވަރެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv