ހަމަ ރައްޔިތުންނަށް ޓަކައެވެ.

މުހައްމަދު ޝަނޫން ސެޕްޓެމްބަރ 19 2009، 19:18 2 ޚިޔާލު

ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރާ ވާހަކަ ރައީސް ނަޝީދު އިއުލާން ކުރެއްވިއެވެ. އެއާއެކު އިދިކޮޅު ފަރާތްތަކުން އެކަން ކުށްވެރިކޮށް ތަފާތު ފޯރަމްތަކުގައި ވާހަކަ ދައްކަން ފެއްޓިއެވެ. ނޫސްބަޔާންތައް ނެރެން ފެށިއެވެ. އެންމެފަހުން މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ޑީއާރުޕީ އާއި ޕީއޭ މެމްބަރުން އުމަރު ނަސީރާއެކު ސިވިލް ސާވިސް ކޮމިޝަނަށް ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން އެގޮތަށް އެކަން ނުކުރެއްވުމަށް އާދޭހާއެކު ދެންނެވީއެވެ. ރައްޔިތުންގެ ހައްގުގައެވެ. ރައްޔިތުންނަށްޓަކައެވެ.

މަހެއްހާ ދުވަސްކުރިން ވެރިކަންކޮށްފައިވާ ބޭފުޅަކަށް ދޭނެ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ބިލް މަޖިލީހުގައި ހޫނުވެ ޖަލްސާ ހުއްޓާލަން ޖެހުނީ އެވެ. ޑީއާރުޕީ ބޭނުންވާ ގޮތަށް ދުވަހުން ދުވަހަށް ބިލް ފާސްކުރަން ބޭނުންވީ އެމްޑީޕީ މެމްބަރުން ހުށަހަޅާފައިވާ އިސްލާހުތަކާ ނުލައެވެ. ކުރީގެ ރައީސް ވެރިކަމުގައި ހުރެގެން ކޮށްފައިވާ ކަމަކާ ނުކޮށް ދޫކޮށްލާފައިވާ ކަމަކާމެދު ކޯޓެއްގައި ސުވާލު ނުކުރެވޭ ގޮތަށެވެ. އެކަން އެގޮތަށް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކުންނެވެ. މަޖިލީހުގެ މެޖޯރިޓީ އޮތީ ޑީއާރުޕީ އާއި ޕީއޭގެ ކޯލިޝަނަށެވެ. އެހެންކަމުން މައުމޫން ވެރިކަމުގައި ކޮށްފައިވާ ހުރިހާ ކަމަކަށް ”މައާފް“ ދޭން ބޭނުންވީ އެވެ. ހަމަ ރައްޔިތުންގެ ހައްގުގައެވެ. ރައްޔިތުންނަށްޓަކައެވެ.

އެމްޑީޕީގެ ސަރުކާރުން އެންމެ ކުރިއްސުރެ ދައްކަމުން އައި ވާހަކައަކީ ޕްރޮވިންސްތަކަށް ބަހާލާނެ ވާހަކައެވެ. އެގޮތުން އެކަން ކުރުމަށްޓަކާ މަސައްކަތްތަކެއްވެސް ވަނީ ކުރެވިފައެވެ. މިކަމަށް ޑީއާރުޕީން ދަނީ ދެކޮޅު ހަދަމުންނެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނަމުންނެވެ. އެމް ޑީ ޕީގެ ޕޮލިސީ ނުވަތަ މެނިފެސްޓޯ އާއި އެއްގޮތަށް ހިންގުމަށް ހުރަސް އަޅަމުންނެވެ. ހަމަ ރައްޔިތުންނަށްޓަކައެވެ. ރައްޔިތުންގެ ހައްގުގައެވެ.

މިނިވަން މުސްތަގިއްލު ކޮމިޝަންތަކަށް ސަރުކާރުން ހުށަހެޅޭ ގާބިލް ބައެއް ނަންތަކަށް ފާޅުގައި ޑީއާރުޕީން ދަނީ ދެކޮޅު ހަދަމުންނެވެ. ކުރިން ގާބިލްވެ އިސްމަޤާމުތައް ފުރާފައިވާ ފަރާތްތަކުގެ ގާބިލުކަން މިހާރު ގެއްލިފައިވެސް އެބަހުއްޓެވެ. އެހެންކަމުން ރައްޔިތުންގެ ތެރޭގައި ކިލަނބުކަމެއް ނެތް ގާބިލު ކަމަށް އެންމެންވެސް ޤަބޫލުކުރަ ފަރާތްތައް ސައްޕު ޖަހާފައި މަޖިލީހުން ބޭރުކޮށްލާފައިވަނީވެސް ހަމަ ރައްޔިތުންނަށްޓަކައެވެ. ރައްޔިތުންނަށް ހެޔޮ އެދޭތީ އެވެ.

މިނިވަން މުސްތަގިއްލު އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓްތަކުގައި ހުންނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެބޭފުޅާއަށް މަލާމާތްކޮށް ހަޖޫ ޖަހަނީވެސް ހަމަ ރައްޔިތުންނަށްޓަކައެވެ. ރައްޔިތުންނަށް ހެޔޮ އެދޭތީ އެވެ. ދައުލަތުގެ ފައިސާ ނުރަނގަޅު ގޮތުގައި އަމިއްލަ ބޭނުންތަކަށް ބޭނުން ކުރެވުނަސް ލިބޭނެ އެއްވެސް ގެއްލުމެއް ރައްޔިތުންނަށް ނޯންނާނެތީ އެވެ.

މިއީ ފަހަކަށް އައިސް ފެންނަމުން ދިޔަ މަންޒަރުތަކުން ބައެއް މަންޒަރެވެ. ރައްޔިތުންނަށް ހެޔޮ އެދިގެން ރައްޔިތުންނަށްޓަކާ ކުރެވެމުންދާ މަސައްކަތުގެ ބައިކުޅަ ބައެވެ. ރައްޔިތުންގެ ވިންދާ އިހްސާސް އެނގޭ ރައްޔިތުންނަށްޓަކާ ބޮޑު ގުރުބާނީއެއްވަމުންދާ ކަމަށް ބުނާ ބައެއްގެ މަސައްކަތްތައް ރޭވިފައިވާ ގޮތެވެ.

މަޖިލީހުގެ ތަޅުމުގައި މިހާރު އޮތީ ދެ ޕާޓީގެ ކޯޅުމެވެ. ފުރަތަމަ ދައުރު ނިމިގެން ދިޔައިރު އެއްވެސް ބިލެއް ފާސްނުކުރެވި މަޖިލީހުގެ މަސައްކަތް ސުމެކޭ ބުނަން ޖެހެނީ އެހެންވެގެންނެވެ. އެމް ޑީ ޕީން ސަރުކާރު ހިންގުމަށްޓަކާ ކުރަން ޖެހޭ ކަންތައްތަކަށް ޑީއާރުޕީގެ އެއްބާރުލުމެއް ނުލިބެއެވެ. މިއީ ގަބޫލު ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މަޖިލީހުގައި ތަކުރާރުކޮށް ޑީއާރުޕީގެ މެމްބަރުން ވިދާޅުވަމުން ގެންދަވާ ވާހަކައެއް އޮވެއެވެ. ”އަޅުގަނޑުމެން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭނަމެވެ. ނަމަވެސް އެކަން ވާން ޖެހޭނީ ރައްޔިތުންނަށް ފައިދާހުރި ކަމަކަށެވެ.“

ޑީއާރުޕީން ޤަބޫލު ކުރާ ގޮތުގައި އެމް ޑީ ޕީން ކަންތައް ކުރަނީ ރައްޔިތުންނަށްޓަކައެއް ނޫނެވެ. އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައެވެ. އެހެންވެއްޖެނަމަ މި ދައުރު ވެގެންދާނީ ރައްޔިތުން ފިތި ބާރުވެފައި ނޭވާވެސް ނުލެވިފައި ތިބެން ޖެހޭނެ 5 އަހަރަށެވެ. ފުރަތަމަ ތިންމަސްދުވަހު ފެނިގެން މިދިޔައީ އެކަމުގެ ކޮޅުމައްޗެވެ.

ޤަބޫލު ކުރަން ޖެހޭ ހަގީގަތަކީ މަޖިލީހަކީ ސަރުކާރަށް ދަތި ކުރަން އޮންނަ ތަނެއް ނޫންކަމެވެ. މަޖިލީހަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަންތައް ކުރަން އޮންނަ ތަނެވެ. އެކަމަކު ފެންނަމުން މިދަނީ މުޅިން ތަފާތު މަންޒަރެކެވެ. ނަޝީދަކީވެސް ރައްޔިތުން ހޮވާފައިވާ ބޭފުޅެކެވެ. މަޖިލިސް މެމްބަރުންނަކީވެސް ހަމަ އެ ރައްޔިތުން ހޮވި ބައެކެވެ. އެހެންކަމުން ޖެއްސުން ކުރާނަމަ އެ ކުރެވެނީ ނަޝީދަކަށް ނޫނެވެ. ރައްޔިތުންނަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ރަގަޅު ވާހަކަ ތަކެއް

    އާދިތްތަ، ސެޕްޓެމްބަރ 20 2009، 08:52
  2. ޑީއާރުޕީ ރަށްޔެތުންނަށް ވަރަށްއިޚްލާސްތެރިބައެކޭ ކިޔައިގެން ކިތަންމެވަރަށް ވާހަކަދެއްކިއަސް ކުރީގަވެސް އަދިމިހާރުވެސް ޑީއާރްޕީއަކީ ރަށްޔެތުންގެ ހަށްގުގައި ކުޑަކޮންވެސް ވާހަކަދައްކާފައިވާބައެއްނޫން މިކަން މަޖްލިސްގެ ޔައުމިއްޔާ ބައްލަވާލައްވަނިކޮން ވަރަށްރަނގަޅަށް އެނގިވަޑައިގަންނަވާނެ.

    އާދިތްތަ، ސެޕްޓެމްބަރ 20 2009، 10:01
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv