އިތުބާރު (5)

އަންވަރު އިބްރާހިމް ސެޕްޓެމްބަރ 19 2009، 14:09 1 ޚިޔާލު

”ނަތާޝާ މިގެއަށް ތިއައި ސަބަބު އަހަރެންނަށް އެނގޭ. އެއީ ތި ދަރިފުޅުގެ ހަގީގީ ބައްޕަ. އެބައްޕަ ތިދަރިފުޅަށް އިންތިޒާރު ކުރޭ. އަބަދުވެސް ނަތާޝާގެ ވާހަކަ ދައްކާ. ބައްޕަގެ ބޮލުގައި އެޅުވި ދޮގު އިލްޒާމުގެ ސަބަބުން ބައްޕަގެ ހިތަށް ކެތްނުވެގެން ބައްޕަ މާލެއަށް ބަދަލުވީ. ނަތާޝާގެ މަންމަ ދޫކޮށް މާލެއަންނަން ޖެހުނީ. ބައްޕައަކީ އެފަދަ މީހެއްނޫން. އެފަދަ ގޯސް ކަމެއް ކުރާނެ މީހެއްނޫން. އެކަން ނަތާޝާގެ މަންމައަށް ގަބޫލު ނުކުރެވުނު ނަމަވެސް ނަތާޝާގެ ބައްޕައަކީ އެފަދަ މީހެއްނޫންކަން އެބައްޕަ ދަންނަ އެންމެންވެސް ގަބޫލުކުރާނެ.“ އިނާޝާގެ މަންމަ ދެއްކި ވާހަކަތަކުން ނަތާޝާއަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް މަންމަގެ ސިޓީގައި އެވާ ވާހަކަތަކުން ހިތަށް އަސަރުކުރިއެވެ.

”ކޮބާ؟“ ނަތާޝާގެ ދޫ ބަންދުވި އެވެ. ބައްޕައޭ ބުނާކަށް ނުކުރުނެވެ. އިނާޝާގެ މަންމަގެ އަތުން ކޮޓަރިއާ ދިމާއަށް އިޝާރާތް ކޮށްލުމުން ނަތާޝާ ހިނގައިގަތެވެ.

ނަތާޝާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. އެކޮޓަރި ތެރޭ އެބައްޕައާއެކު އިނާޝާވެސް އިނެވެ. އެބައްޕަގެ ނަޒަރު ހުއްޓުނީ ނަަތާޝާގެ ލޮލަށެވެ. ފެންކަޅިވެފައިވާ ބައްޕަގެ މޫނު, ފެނުމުން ނަތާޝާއަށް އަސަރު ކުރިއެވެ. އޭގެ ޖަވާބު ނަތާޝާވެސް ދިނީ ކަރުނައިންނެވެ. ކެތްނުވެގެން ނަތާޝާ ދުއްވައިގަތެވެ. ބައްޕާއޭ ކިޔާ ގޮވާލެވުނެވެ. ބައްޕައަށް ގިސްލަގިސްލާފައި ރޮވެގަނެވުނެވެ. ބޮޑު ކުށަކުން ސަލާމަތްވި މީހެއް ފަދައިން ބައްޕަ އޭނާގެ ދަރިފުޅުގައި އޮޅުލައިގަތެވެ. އެބައްޕައަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ކަންވީގޮތް ކިޔާދޭން ދަތިވިއެވެ. ނަމަވެސް ހިތްވަރު ކުރުމަށްފަހު އެބައްޕަ ވާހަކަ ފެށިއެވެ. އޭރު އިނާޝާވެސް ފެންކަޅިވެފައި ހުއްޓެވެ.

”ދަރިފުޅާ! ދަރިފުޅަށް މިހިސާބަށް ތިއާދެވުނީ ބައްޕަކުރި އެތައް ދުއާތަކަކަށްފަހު. ދަރިފުޅަށްޓަކާ ބައްޕަ ވަރަށް އިންތިޒާރު ކުރިން. ބައްޕައަށް ގަބޫލު ކުރެވުނީ އަދި ހަގީގަތް ހާމަވާނެކަމަށް. ކޮންމެވެސް ދުވަހަކުން ދަރިފުޅު އަންނާނެކަމަށް.

ދަރިފުޅާ! ބައްޕަ ދަރިފުޅާ ވަކިވީ ރަށުތެރެއަށް ފެތުރުނު އަޑެއްގެ ސަބަބުން. ދަރިފުޅާ ބައްޕައާ އޮތް ގާތްގުޅުމުގެ ސަބަބުން ކޮންމެވެސް ބަޔަކު ޖެހި މަޅި, ބައްޕަގެ ކަރަށް މެހިގެންދިޔައީ. ބައްޕައަށް ކެތް ނުކުރެވުނީ ބަޔަކު ރާވައިގެން ދެއްކި ވާހަކަތައް ދަރިފުޅުގެ މަންމަ, ގަބޫލުކުރުމުން. އެހިސާބުން ބައްޕައަށް ގޮތްހުސްވީ. ބައްޕަ ނުކުރާ ކަމެއްގެ އިލްޒާމް ބައްޕަގެ ބޮލުގައި އެޅިގެން ދިއުމުން ބައްޕައަށް އެނޫން ގޮތެއް ނެތުނީ. މަންމަގެ ވިސްނުން އެގޮތަށް ބަދަލުވީ ކީއްވެކަމެއް ބައްޕައަކަށް ނޭނގޭ. ގައިމު މަންމައަށްވެސް ޔަގީންކަމާއެކު ބައްޕަ އެފަދަ ކަމެއް ކޮށްފާނެކަމަށް ބުނާކަށް ނުކުރޭނެ. ނަމަވެސް މަންމަގެ ހަޅޭކާއި ބަސްތަކުން ބައްޕައަށް މަޖުބޫރުވީ ދަރިފުޅާ ވަކިވާން. އެދުވަހު ބައްޕަ ބޭނުންވީ މަންމަގެ ފުރިހަމަ އިތުބާރާއެކު ދަރިފުޅު ބޮޑުވާން. މީހުން ދައްކާ ވާހަކަތަކުން ދަރިފުޅު ސަލާމާތްކުރާން. އެހެންވެ ބައްޕަ މާލެއަށް ބަދަލުވީ.“ ހުއްޓާލުމެއްނެތި ބައްޕަ ދައްކަމުން ދިޔަ ވާހަކަތަކުން ނަތާޝާގެ ހިތަށް ފިނިކަން ލިބެމުން ދިޔައެވެ.

”އެދުވަހުއްސުރެ ބައްޕަ ބޭނުންވީ ދަރިފުޅަށް ޚަރަދުކުރަން، އެކަން ނުކުރެވުނީ މަންމަ އެކަމަށް އެއްބަސްނުވެގެން. މިއަދު ބައްޕަ ގާތަށް އައިކަން އެނގުމުންވެސް މަންމަ ވަރަށް ރުޅިއަންނާނެ. ދަރިފުޅާ ބައްޕައަށް މައާފުކުރޭ! ދަރިފުޅުގެ ދުލުން އެލަފުޒު ބުނާ އަޑުއަހަން ބައްޕަ ބޭނުން. އެވަރުން ބައްޕައަށް ފުދޭނެ. ބައްޕައަށް ހިތްހަމަ ޖެހުން ލިބިގެންދާނެ.“ ބައްޕަ ގިސްލަމުން އެދައްކާ ވާހަކަތައް އިނާޝާއަށް ގަބޫލު ކުރެވުނެވެ. އެނާއަށް ޔަގީން ކުރެވުނީ އޭނާގެ ބައްޕަ އެފަދަ ކަމެއް ނުކުރާނެ ކަމެވެ. ފެންކަޅިވެފައިވާ ނަތާޝާ އޭނާގެ ނިންމުން ބައްޕަގެ ކުރުމަތީ ހާމަކުރަން ބޭނުންވިއެވެ.

”ބައްޕާ! އަޅުގަނޑު، ބައްޕައަށް މައާފުކޮށްފިން. ނަމަވެސް މިއަދު އަޅުގަނޑުގެ ބައްޕައަކީ ތިބައްޕައެއް ނޫން. ބައްޕާ! އަޅުގަނޑަށް މައާފުކުރޭ! އަޅުގަނޑުގެ ހިތްވަނީ މަންމައާއެކު. އަޅުގަނޑުގެ ރޫހުވަނީ މަންމައާއެކު. އަޅުގަނޑު އެންމެ ލޯބިވަނީ މަންމަދެކެ. ބައްޕަ ދެއްކެވި ވާހަކަތައް އަޅުގަނޑު ގަބޫލުކުރަން. ނަމަވެސް އަޅުގަނޑުގެ ހުރިހާވެސް މީހަކީ މަންމަ. މަންމަގެ ވާހަކަތައް ކަފުންކޮށް އަޅުގަނޑުގެ ހިތުގައި މިވަޅުލަނީ ތިބައްޕައަށް މައާފުކުރަމުން. ނަމަވެސް ބައްޕާ! ދެން ދުވަހަކުވެސް ބައްޕައާ ބައްދަލުކުރަން އަޅުގަނޑު ނާންނާނަން.

ބައްޕާ! އަޅުގަނޑަށް މައާފުކުރޭ! އަޅުގަނޑުވެސް ބައްޕަ ދެކެލޯބިވޭ. ނަމަވެސް މިއީ މިއަދު އަޅުގަނޑުގެ ނިންމުން. މިނޫންގޮތެއް އަޅުގަނޑަކަށް ނެތް. ބައްޕަވެސް އަޅުގަނޑަށް މައާފުކުރާނެ ކަމަށް ހީކުރަން.“ ނަތާޝާއަށް ގިސްލާފައި ރޮއިގަނެވުނެވެ. އޭނާއަށް ވާހަކަދައްކަން އުދަނގޫވިއެވެ. ނަތާޝާގެ ލޮލުން ފައިބާ ކަރުނަތައް އޭނާގެ ބައްޕަ ފުހެލާދިނެވެ. އަދި ގަޔާލައްކޮށްލިއެވެ. ”އެންމެ ރަނގަޅު ދަރިފުޅާ! ބައްޕައަށް މައާފުކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. މިއޮތީ ދަރިފުޅަށް ދޭންޖެހޭ ކާޑެއް. ދަރިފުޅަށް ކުރަންޖެހޭ ޚަރަދު މަންމަ ނުހިފިނަމަވެސް ބައްޕަ މިދަނީ ދަރިފުޅަށް ދޭންޖެހޭ ފައިސާ ކޮންމެ މަހަކު ބޭންކަން ޖަމާކުރަމުން. މިކާޑުން އެފައިސާ ދަރިފުޅަށް ނެގޭނެ.“ ޕިން ނަމްބަރު ޖަހާފައި އޮތް ގަނޑުކޮޅަކާއެކު އެބައްޕަ ނަތާޝާއަތަށް ދިއްކޮށްލި ކާޑުގައި ނަތާޝާ ހިފިއެވެ. ނަތާޝާ އަވަސް އަވަހަށް އެކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

”ދައްތާ! ދައްތާ!“ އިނާޝާ ގޮވާލިއެވެ. އެއީ އޭނާގެ ދުލުން ދައްތާއޭ ކިޔާ ގޮވާލި ފުރަތަމަ ފަހަރެވެ. އިނާޝާގޮސް އޭނާގެ ދައްތަގައި ބައްދައިގަތެވެ.

”ކޮއްކޯ! ދައްތައަށް މައާފުކުރޭ! ދައްތައަށް މަޑުކުރެވޭކަށް ނެތް! ދައްތަ ދިޔަދީ! ދައްތަ ނުހިފަހައްޓާ! ދައްތައަށް މައާފުކުރޭ!“ ދުވަމުން ކަހަލަ ގޮތަކަށް ނަތާޝާ އެގެއިން ނުކުތެވެ.

އެއީ ނަތާޝާ އެގެއަށް ދިޔަ ފުރަތަމަ ދުވަހެވެ. އެނބުރި އެދަނީ ދެން ދުވަހަކުވެސް އެބައްޕަ ގާތަށް ނާންނާނެ ކަމަށް ބުނެފައެވެ. ނަތާޝާގެ ހަނދާނުގައި އޭނާގެ ބައްޕައާ ބައްދަލުވި މީ ފުރަތަމަ ދުވަސްވެސް މެއެވެ. ނަމަވެސް ނުކުމެގެން އެދަނީ ދެން ދުވަހަކުވެސް އެބައްޕައާ ބައްދަލުކުރަން ބޭނުން ނުވާނެކަމަށް ބުނެފައެވެ. އެބައްޕަގެ ހިތަށް އެބަސްތަކުން ކިތަންމެ އަސަރެއް ކުރިނަމަވެސް މިއަދު އެބައްޕައަށް ޖެހޭނީ ކެތްކުރާށެވެ. ނަތާޝާއަށްވެސް އެހެން ބުނާކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް އެނޫންގޮތެއް ނެތެވެ. އެއްކޮޅުން ލޯބިވާ މަންމައެވެ. ނަތާޝާގެ ހުރިހާކަމެއް ބަލައިދީ ހޭހަންކުރި މަންމައެވެ. ހުރިހާ އިތުބާރަކާއި ޔަގީންކަމެއް އެފަރާތާ ގުޅިފައިވާ މައިމީހާއެވެ. އަނެއްކޮޅުން ބައްޕައެވެ. އެއްވެސް ކުށެއްނެތި ނަތާޝާއާ ދުރަށްދާންޖެހުނު ބައްޕައެވެ.

ނަތާޝާ ނުކުމެގެން އެދަނީ އެބައްޕައަށް މައާފުކޮށްފައެވެ. އެފަދަކަމެއް އޭނާގެ ބައްޕަ ނުކުރާނެކަމުގެ ޔަގީންކަން ލިބިގަތުމަށްފަހުއެވެ. ނަތާޝާ ވިސްނާލިއެވެ. މަންމަގެ ސިޓީއާއި ބައްޕަގެ ވާހަކަތައް ހިތްމައްޗަށް ގެނައެވެ. އަދި އަމިއްލަ ނަފުސަށް ބުނެވުމެވެ. އަހަރެން އިތުބާރު ކުރާނަމެވެ. މަންމައަށްވެސް ބައްޕައަށްވެސް އިތުބާރު ކުރާނަމެވެ. އަހަރެން ދެކެ އެންމެ ލޯބިވާނީ މަންމައާއި ބައްޕައެވެ. އަހަރެންވެސް އެންމެ ލޯބިވަނީ މަންމައާއި ބައްޕަ ދެކެއެވެ.

(ނިމުނީ)


    ކިޔުންތެރިންގެ ޚިޔާލު

  1. މިވާހަކައިގެ އަނެތްބަޔައް އިންތިޒާރު ކުރަން... ދިގުއިންތިޒާރު ތަކެއްނެތި ވާހަކައިގެ އަނެއްބައި ލިބޭނެ ކަމައް ހީކުރަމެވެ...

    ހޯމަ، ސެޕްޓެމްބަރ 21 2009، 01:02
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv