ދިމާވާ ދަތިތަކަށް ކެތްތެރިވެ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުން (5)

ސެޕްޓެމްބަރ 16 2009، 16:49 0 ޚިޔާލު

-އައްޝައިޚް ނަސްރުﷲ މުސްތަފާ-

18- ހަމަކަށަވަރުން މަޢާފުދިނުމާއި ކެތްތެރިވުމަކީ ތިމާގެ ޢަދާވާތްތެރިޔާގެ މައްޗަށް ވާ އެންމެ ބާރުގަދަ ހަތިޔާރެވެ. އެހެނީ މަޢާފްދިނުމާއި ކެތްތެރިވުން ހިމެނިގެންދާނީ ޢަދުއްވާދެރަކޮށް ބިރުގަންނަވާ ކަމެއްކަމުގައެވެ. އަދި މީސްތަކުންގެ ފަރާތުންވެސް އެ ޢަދާވާތްތެރިޔާ ޖެހިލުންވާނޭ ކަމެއް ކަމުގައެވެ. އެހެނީ މީހަކަށް އަނިޔާއެއްކޮށް ގޯނާކޮށްފިނަމަ ތިމާ އެއްޗެއް ނުބުނެ ހުއްޓަސް މީސްތަކުން އެފަދައިން ނުތިބޭނެތީއެވެ. ނަމަވެސް ތިމާ ބަދަލުހިފައިފިނަމަ މީސްތަކުން އެކަމަކާ މަބޮޑަށް ނުބެހޭނެއެވެ. މީހަކު މީހަކަށް އެއްޗިހިކިޔައި އަނިޔާކޮށްފިނަމަ އަނިޔާލިބުނު މީހާގެ ޙައްޤު ހޯދައިދިނުމަށް މީސްތަކުން ލޯބިކޮށް އެވާހަކަ ދައްކާނެއެވެ. އަދި ބަދަލު ހިފުމާއިއެކު އެކަން ހުއްޓިދާނެއެވެ. މީސްތަކުންގެ ހިތްތަކުގައިވާ ބުރަކަން ނެތިގެންދާނެއެވެ.

19- މަޢާފްދީފިނަމަ ޖައްސާލާއިގެން އުޅޭމީހާގެ ހިތަށް ތިމާ އޭނާއަށް ވުރެ މަތިވެރިކަމަށް އިޙްސާސް ކުރެވޭނެއެވެ. އަދި ތިމާ ކާމިޔާބު ހޯދައިފިކަމަށް އޭނާ ދެކޭނެއެވެ. އަދި އަބަދާއި އަބަދު އޭނާ ތިމާއަށްވުރެ ދަށްކަމަށް ދެކޭނެއެވެ. ވީމާ މަޢާފްދިނުމަށްޓަކައި މިޝަރަފާއި ޢިއްޒަތް ފުދިގެންވެއެވެ.

20- މަޢާފްދީ ހިތްހެޔޮ ކުރުމަކީ ލިބިގަނެވޭ ހެޔޮކަމެކެވެ. އަދި އޭގެ ސަބަބުން އިތުރު ހެޔޮކަމަކަށް މަގުފަހިވެގެންދާނެއެވެ. މިގޮތަށް ހެޔޮކަމަކަށްފަހު ހެޔޮކަމެއް ލިބިލިބި ހުންނާނެއެވެ. އެހެނީ ހެޔޮކަމުގެ ނަތީޖާއަކީ އަނެއް ހެޔޮކަމެވެ. ވީމާ މަޢާފް ދިނުމީ ތިމާއަށް އަބަދުގެ އަބަދަށް ބާއްޖަވެރިކަން ލިބޭނެ ސަބަބަކަށް ފަހަރެއްގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނަސް ބަދަލުހިފައި އަމިއްލަނަފްސަށް ނަޞްރު ހޯދައިގަތުމުން އެފުރުޞަތު ނެތިގެންދާނެއެވެ.

~ މުޞީބާތްތަކަށް ކެތްތެރިވުމުގައި މީސްތަކުން ބެހިފައިވާ ބައިތައް

މީސްތަކުން ކުރާ ދުއްތުރާތަކާއި ކުރިމަތިލާމީހުން ބެހިފައިވަނީ ތިންބަޔަކަށެވެ. ފުރަތަމައީ އަނިޔާވެރިޔާއެވެ. އޭނާ އޭނާޔަށް ޙައްޤުވެގެންވާ މިންވަރަށް ވުރެ ބޮޑަށް އަނެކާޔަށް ގެއްލުން ދެއެވެ. ދެންވަނީ މެދުމިނުގެ މީހާއެވެ. އޭނާ ހަމަހަމަޔަށް ޙައްޤުލިބިގަނެއެވެ. ދެންވަނީ އަޙްސާން ތެރިޔާއެވެ. އޭނާ އޭނާގެ ޙައްޤުދޫކޮށް މަޢާފްކުރެއެވެ. އެކަމަށް އިޝާރާތްކުރައްވާ ﷲ ވަޙީކުރައްވަނީ : {ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ذَلِكَ هُوَ الْفَضْلُ الْكَبِيرُ }فاطر:32 މާނައަކީ: "ދެން އެއަށްފަހު ތިމަން ﷲގެ އަޅުންގެތެރެއިން ތިމަން ﷲ ހޮއްވަވައި ޚިޔާރުކުރެއްވި ބަޔަކަށް ފޮތް ވާރުތަކޮށްދެއްވީމެވެ. ނަމަވެސް އޭގެތެރެއިން ބައެއްމީހުންނީ އެމީހުންގެ އަމިއްލަނަފްސުތަކަށް އަނިޔާވެރިވީމީހުންނެވެ އަނެއްބައިމީހުންނީ މެދުމިނުގެ މީހުންނެވެ (ނުބައިކަންތައްތަކުން ދުރުވެ ވާޖިބުކަންތައްތައްކުރާމީހުން). އަދި އެކަލާނގެ އަމުރުފުޅާއިއެކު ހެޔޮކަމަށް ކުރިއަރައިގެން ދާމީހުންވެސް އެބައިމީހުންގެ ތެރެއިންވެއެވެ. ބޮޑުވެގެންވާ ދަރުމަވަންތަވެރިކަމަކީ އެއީއެވެ(ފޮތް ވާރުތަކުރުން)." މިއާޔަތުގައި ﷲ މިވަނީ މިތިންބައި މީހުންވެސް ބަޔާންކުރައްވާފައިއެވެ. ފުރަތަމަ ބަޔަކީ މެދުމިނުގެ މީހުންނެވެ، ދެންއެވަނީ ހެޔޮކަމުގައި ކުރިއަރައި ދާމީހުންނެވެ. އަދި އެންމެ ފަހުން އެވަނީ އަނިޔާވެރިންނެވެ.

މާތްވެގެންވާ އަޚުންނާއި އުޚުތުންނޭވެ، ޤިޔާމަތްދުވަހުން ގޮވައިލެވޭނެކަން ހަނދާން ކުރާށެވެ: " ﷲ އަށް އެބައިމީހުންގެ އުޖޫރަވާމީހުން ތެދުވާށެވެ،އެހިނދު ތެދުވެވޭނީ ހަމައެކަނި މަޢާފްކޮށް ޞުލްޙަވާމީހުންނަށެވެ."

ބަދަލު ހިފައި ޙައްޤު ލިބިގަތުމުގެ ބައި ދޫކޮށްފިނަމަ ކެތްތެރިވެ މަޢާފްދިނުން ފަސޭހަވެގެންދާނެއެވެ.

~ ޝުކުރުކުރުން:

ދެވަނަ އަޞްލަކީ ޝުކުރުވެރިވުމެވެ. އެއީ ﷲ އަންގަވާފައިވާ ކަންތައްތައް އެކަލާނގެ އާއި ކުއްތަންވުމުގެ ގޮތުން ކުރުމެވެ.

ﷲ ވަޙީކުރެއްވިއެވެ: { لَئِن شَكَرْتُمْ لأَزِيدَنَّكُمْ }إبراهيم:7

މާނައަކީ: "ތިޔަބައިމީހުން ތިމަން ﷲއަށް ޝުކުރުވެރި ވެއްޖެނަމަ ހަމަ ކަށަވަރުން ތިމަން ﷲ ތިޔަބައިމީހުންނަށް އިތުރުކޮށް ދެއްވާހުށީމެވެ." މިއާޔަތުން ޝުކުރުކުރުމުގެ މުހިއްމުކަން ހާމަވާނެކަން ކަށަވަރެވެ.

~ ޝުކުރުވެރިވުމުގެ ތެރޭގައި ހިމެނޭބައެއްކަންތައްތައް:

ތިރީގައި މިދަންނަވާ ކަންތައްތައް ޝުކުރުވެރިވުމުގެ ތެރޭގައި ހިމެނޭނެއެވެ:

1- ޝުކުރުކުރުމުގެ ތެރޭގައި މީސްތަކުން ތިމާއަށްވާ އިޙްސާންތެރިކަމަށްވެސް ޝުކުރުވެރިވާންވާނެއެވެ. މިކަމަށް އިޝާރަތްކުރައްވައި ﷲގެ ރަސޫލާ ޙަދީޡްފުޅުކުރައްވާފައިވަނީ: "من لا يشكر الناس لا يشكر الله " މާނައީ "މީސްތަކުންނަށް ޝުކުރުނުކުރާމީހާ ﷲއަށް ޝުކުރުނުކުރާނެއެވެ". ވީމާ މީސްތަކުންގެ ފަރާތުން ލިބޭ ޚިދުމަތައްވެސް ޝުކުރުކުރަންވާނެއެވެ. އަދި އިޙްސާންތެރިކަމުގެ ބަދަލުގައި އިޙްސާންތެރިވެސް ވާންޖެހޭނެއެވެ. މިކަމުގެ އަހައްމިއްޔަތުކަން އެއްމެބޮޑަށް ދޭހަވަނީ އަންހެންތަކުން ގިނައިން ނަރަކައަށްވަނުމުގެ ސަބަބެއްކަމުގައި ފިރިމީހާގެ ހެޔޮކަންތައްތަކަށް ކުފުރުވުން ހިމެނިފައިވާތީއެވެ. ޝުކުރުވެރިނުވުމުގެ ސަބަބުންނެވެ.

(ނުނިމޭ)


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv