ދިމާވާ ދަތިތަކަށް ކެތްތެރިވެ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުން (4)

ސެޕްޓެމްބަރ 13 2009، 17:30 0 ޚިޔާލު

-އައްޝައިޚް ނަސްރުﷲ މުސްތަފާ-

10- ކެތްތެރިވެއްޖެނަމަ ﷲ އެމީހަކާއިއެކު ވޮޑިގެންވާކަން ދެނެ، އެކަލާނގެ ރުއްސެވުމާއި ލޯބި ލިބޭނެކަން ދެނެގަތުމެވެ. ﷲ އެމީހަކާއިއެކު ވެއްޖެމީހާ ދަންނާށެވެ. ފަހެ އެއްވެސް މީހަކަށް ކުޅަދާނަވެގެން ނުވާ އެތައް ދުއް ތުރާތަކުން ﷲ އޭނާ ސަލާމަތް ކުރައްވާ ހުއްޓެވެ. ﷲ ވަޙީކުރައްވާފައިވެއެވެ:

(واصبروا إن الله مع الصابرين) سورة الأنفال: 46

މާނައީ: “އަދި ކެތްތެރިވާށެވެ، ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއި އެކުގައެވެ.”

11- ކެތްތެރިވުމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައިކަން ދެނެގަތުމެވެ. ވީމާ އަމިއްލަ ނަފްސަށް ނަސްރު ހޯދުމަށްޓަކައި އެބައި ދުއްވާނުލާށެވެ. ކެތްތެރިވެއްޖެނަމަ އެބައި އުނިވުމުން ސަލާމަތް ކުރެވިދާނެއެވެ. އަދި ހަމައެގޮތަށް ﷲ އެކަލާނގެއަށް އީމާންވާ މީސްތަކުން ދިފާޢުވެސް ކުރައްވާނެއެވެ.

12- ކެތްތެރިވުމަކީ އަމިއްލަ ނަފްސު މަތަކޮށް ނިކަމެތިކޮށް ގަދަކަން ލިބުމެއްކަން ދެނެގަތުމެވެ. އެހެންވެއްޖެނަމަ އެމީހަކު އަޅުވެތިކޮށް ކަސްތޮޅުއަޅުވައި ހަލާކުގެ ތެރެއަށް އެއްލައިލާކަށް އެނަފްސަކަށް މަސައްކަތެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ހަވާނަފްސަށް ކިޔަމަންތެރި ވެއްޖެނަމަ އަދި ނަފްސުގެ ކުރިމަތީގައި ނިކަމެތިވެއްޖެނަމަ ﷲ ތިމާ ސަލާމަތް ނުކޮށްފިނަމަ، ސުންނާފަތިކޮށްފައި ނޫނީ އެނަފްސު ތިމާ ދޫކޮށެއްނުލާނެއެވެ.

ކެތްތެރިވުމުގައި ހަމައެކަނި ތިމާގެ ހަވާނަފްސު ނިކަމެތިކޮށް، ޝައިޠާނާ ދެރަކުރުން ވާކަމުގައިވަނީ ނަމަވެސް އޭގެއިން ހިތުގެ ގަދަކަން ސާބިތުވެ އެހިތުގެ ކުޅަދާނަކަން ހާމަވާނެއެވެ. އެއިރުން ހިތްހަމަޖެހުން ލިބި އިތުރަށް ގަދަވެ އެނަފްސުގެ ޢަދުއްވާކަމުގައިވާ ޝައިޠާނާ ފަހާލެވޭނެއެވެ.

13- އެއްވެސް ވަސްވާހެއްނެތި ކެތްތެރިވާމީހާއަށް ﷲ ނަޞްރު ދެއްވާ ނެކަން ދެނެގަތުމެވެ. އެހެނީ އަނިޔާވެރިޔާގެ އަނިޔާއަށް ކެތްތެރިވެ ﷲ އާއި ވަކީލުކޮށްފި މީހާގެ ކަންތައްތަކާއި ﷲ ޙަވާލުވެވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް އަމިއްލަނަފްސަށް ނަޞްރުދީފިނަމަ ﷲ އެކަމަކުން ދުރުވެ އޭނާގެ އަމިއްލަނަފްސާއި އެކަމެއް ޙަވާލުކުރައްވާނެއެވެ. ވީމާ އެމީހެއްގެ ވާގިވެރިޔާކަމުގައި ﷲ ވޮޑިގެންވާ މީހާގެ ކައިރީގައި ނިކަމެތި އެއްވެސް ޙާލެއްނެތި އަމިއްލަނަފްސުގެ އަޅުވެތިވެފައިވާ މީހާ އެއްވެސް ތާކުނުޖެހޭނެކަން ކަށަވަރެވެ.

14- ކެތްތެރިވެ މީހުންކުރާކަންތައްތަކަށް ބަދަލުނުހިފާނަމަ އޭގެ ސަބަބުން އެނުބައިކަންތައް ކުރިމީހާ އެނުބައިކަމަކުން ރުޖޫޢަވެ އެކަމާއި ދެރަވާޙާލު މަޢާފަށް އެދޭނެއެވެ. ނޫންނަމަ މީސްތަކުންގެ ބަހުން އެމީހާ ސަލާމަތް ނުވާނެއެވެ. ނަތީޖާއަކަށްވާނީ އެމީހާ ލަދުވެތިކަމާއި އެކު އެނބުރި އައިސް އެކުރެވުނު ކަމާއި ދެރަވެ ހެޔޮ މިތުރަކަށް ވުމެވެ.

ﷲ ވަޙީ ކުރައްވާފައިވެއެވެ:

(ادفع بالتي هي أحسن فإذا الذي بينك وبينه عداوة كأنه ولي حميم . وما يلقاها إلا الذين صبروا وما يلقاها إلا ذو حظ عظيم) سورة فصلت :34-35

މާނައީ: "އޭގެއިން ތިބާ ހެޔޮ ގޮތުގައި ދިފާޢުވާށެވެ، އެހިނދު އެމީހެއްގެ ހިތުގައި ޢަދާވާތްތެރިކަމާއި ދެކޮޅުވެރިކަން ވާމީހާ އޯގާވެރި މިތުރެއް ކަމަށް ވެގެންދާނެއެވެ." މިކަމެއް ލިބިނުގަނެވޭނެއެވެ- މަޢާފްކޮށް ހެޔޮކޮށް ހިތުން ފަދަ ހެޔޮޢަމަލްތައް ލިބިނުގަނެވޭނެއެވެ- ކެތްތެރީންނަށް މެނުވީ، އަދި އެކަން ލިބިގަނެވޭ މީހާއީ ވަރަށް މަތިވެރި ނަޞީބުވެރިއެކެވެ."

15- ބައެއްފަހަރު ބަދަލުހިފުމުގެ ސަބަބުންނާއި އެ އުނދަގުލާއި ދުއްތުރާކުރި މީހާޔާ ކުރިމަތިލުން ހިމެނިގެންދާނީ އިތުރަށް އޭނާ ނުބައިވެ ޒާތްޒާތުގެ ގެއްލުންތައް ދޭން މެދުވެރިވާ ސަބަބެއްކަމުގައިއެވެ. މިކަން އަޅުގަނޑުމެންނަށް ދުނިޔަވީ ޙަޔާތުގައި ފެނިގެން އެބަދެއެވެ. ނަމަވެސް ކެތްތެރިވެއްޖެނަމަ އަދި މަޢާފްކޮށްފިނަމަ މި ދުއްތުރާތަކުން ސަލާމަތްވާ ނެއެވެ. ބުއްދިވެރިޔާއަކީ ބޮޑެތިގެއްލުންތައް ލިބެން އެދޭނެ މީހެއްނޫނެވެ. ބަދަލު ހިފާމީހާޔަށް ކުޅަދާނަނުވާ އެތައްކަމެއް ބަދަލުހިފުމުގެ ސަބަބުން ދިމާވެފައިވޭތޯއެވެ؟ ކިތަކެއް ނަފްސެއް ކިތައްވެރިކަމެއް މިކަމުގެ ސަބަބުން ނެތިގެން ގޮސްފައިވޭތޯއެވެ؟ ކިތައް މުދަލަކާއި ރަސްކަމެއް ބަދަލުހިފުމުގެ ސަބަބުން ނެތިގެން ފޮހެވިގެން ހިގައްޖެތޯއެވެ؟ ބަދަލު ނުހިފިނަމަ މިހެންވާކަށް ނުޖެހުނީސްކަން ކަށަވަރެވެ.

16- ކެތްތެރިނުވެ ބަދަލުހިފުމަށް އާދަކޮށްފި މީހާ އަނިޔާވެރި ކަމުގެ ތެރެއަށް ވެއްޓޭނެއެވެ. އެހެނީ ބަދަލުހިފުމަށް ވާޖިބު މިންވަރަށް އެކަނި މިންކޮށް އެވަރަށް ހިފަހައްޓާ ނުލެވޭނެތީއެވެ. އެނގުނަސް ނޭގުނަސް ހައްދުން ބޭރުވެގެންދާނެއެވެ. އެހެނީ ރުޅިއަކީ ތިމާ ހައްދުން ބޭރުކޮށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް މީހާ ގެންދާ އެއްޗެކެވެ. ތިމާ ޢިއްޒަތް ތެރިކަމުގައި ﷲގެ ނަޞްރަށް އެދިގެން ވަނިކޮށް އެކަލާނގެ ކޯފާޔާއި ޢުޤޫބާތަށް އިންތިޒާރު ކުރާމިހާކަށް ހަދައިދޭ އެއްޗެކެވެ.

17- ހަމަކަށަވަރުން މިލިބުނު އަނިޔާއާއި ދުއްތުރާ އަކީ ތިމާގެ ކުށް ފާފަތައް ފޮހެވި ދަރަޖަ މަތިވެރިކުރުވާ ސަބަބެކެވެ. ނަމަވެސް ކެތްތެރިނުވެ ބަދަލުހިފައިފިނަމަ ފާފަފުއްސަވައިދޭ ކަމަކަށްވެސް އަދި ދަރަޖަމަތިކޮށްދޭ ކަމަކަށްވެސް އެކަންތައް ވެގެން ނުދާނެއެވެ.

(ނުނިމޭ)


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv