
ދިމާވާ ދަތިތަކަށް ކެތްތެރިވެ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުން (3)
-އައްޝައިޚް ނަސްރުﷲ މުސްތަފާ-
6- މިއީ މީގެ އެންމެ މަތިވެރި ފައިދާއެވެ. އެއީ ޖަޒާއަބަދުވެސް ލިބޭނީ ކުރާ ޢަމަލުގެ ބާވަތުންކަން އަޅާ ދެނެގަތުމެވެ. އޭނާގެ ނަފްސަކީ ފާފަކުރާ އަނިޔާވެރި ނަފްސެއްކަން ދެނެގަތުމެވެ. އަދި މީސްތަކުންނަށް މަޢާފްދީފިނަމަ ﷲ އޭނާ އަށް ޢަފޫކުރައްވާނެކަން ދެނެގަތުމެވެ. މީސްތަކުން ކުރާކަންތައްތަކަށް ބަދަލު ނުހިފާނަމަ ﷲ އޭނާކުރާ ކުށްފާފަތައް ފުއްސަވާނޭކަން ދެނެގަތުމެވެ. މިހެން ކަންހުރިއިރު މީސްތަކުންނަށް މަޢާފްކުރުމާއި އެބައިމީހުން ކުރާކަންތައްތަކުން ބަދަލު ނުހިފައި އިޙްސާންތެރިވާ ކަމުގައިވަނީނަމަ ﷲ އެފަދައިން އޭނާޔާއި ދޭތެރޭ ޢަމަލުކުރައްވާނެކަން ކަށަވަރެވެ. މިގޮތަށް ދެކިގެން ވާނަމަ ޢަފޫކޮށް މަޢާފްދިނުން ނުހަނު ފަސޭހަވެގެން ހިނގައިދާނެއެވެ. ބުއްދިވެރިޔާއަށް ކެތްތެރިވުމުން ހަމަ އެކަނިމިކަން ޙާޞިލުވާނެކަން އެނގޭނަމަވެސް އޭނާ ކެތްތެރިވުމަށް ފަހަށް ނުޖެހޭނެއެވެ.
7- މީސްތަކުން ކުރާކަންތައްތަކުގެ ބަދަލުހިފައި އެމީހުންނާއި ކުރިމަތިލާން ހަދައިފިނަމަ ތިމާގެ ވަގުތު ބޭކާރުވެގެން ދާނެކަން ދެނެގަތުމެވެ. ހިތް ނުތަނަވަސްވުމާއި ފަހުން ލިބިނުގަނެވޭފަދަ ފައިދާހުރި ކަންތައްތައްވެސް ބައެއްފަހަރަށް ގެއްލިގެންދާނެއެވެ. އަދި ފަހަރެއްގައި މީސްތަކުންގެ ފަރާތުން ލިބުނު މުޞީބާތްތަކަށް ވުރެވެސް މިކަން ބޮޑުވެދާނެއެވެ. ވީމާ މަޢާފްދީ މީސްތަކުންނަށް ހިތް ސާފުކޮށްފިނަމަ މުހިއްމު ކަންތައްކުރުމަށްޓަކައި ތިމާގެ ހިތާއި ހަށިގަނޑު ހުސްވާނެކަން ޔަޤީނެވެ.
8- އަމިއްލަ ނަފްސަށް ނަޞްރުދީ ބަދަލު ހިފާއިރު ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާ ދުވަހަކުވެސް އަމިއްލަފުޅަށް ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނަކީ މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ އެންމެ ދީލަތި އަދި ﷲގެ ޙަޟުރަތުގައި އެންމެ މާތްކަން ބޮޑު އިންސާނާއަށް ވާއިރުގައިވެސް މީހުން ކުރި ނުބައިކަންތައްތަކުގެ ބަދަލެއް ނުހިއްޕަވައެވެ. އެއީ އެކަލޭގެފާނަށް ދުއްތުރާކުރުމަކީ ﷲ އަށާއި މުޅިދީނަށް ކުރާ އަނިޔާއަކަށްވާއިރުގައިވެސްމެއެވެ. އެކަލޭގެފާނުގެ ނަފްސަކީ އެންމެ ޝަރަފްވެރި އެންމެ ޠާހިރު، އެންމެހައި ނުބައި އަޚްލާގަކުން ދުރުވެފައިވާ ނަފްސެކެވެ. އެއީ އެންމެހައި ރިވެތި އަޚްލާގަކާއި ރިވެތި ސިފަތަކުގެ ވެރިޔާވެސްމެއެވެ. ނަމަވެސް އަމިއްލަ ނަފްސަކަށް ބަދަލެއް ނުހިއްޕަވައެވެ. ވިސްނަވާށެވެ، ދެން މިއިންސާނާ ބަދަލުހިފާނީ ކޮންފަދައަކުންތޯއެވެ؟ ކޮންމެމީހަކަށްވެސް އަމިއްލަ ނަފްސުގެ އައިބާއި ނުބައިކަން އެނގޭނެއެވެ. އަދި ވިސްނޭ ކޮންމެމީހަކަށްމެ ތިމާގެ ނަފްސަކީ ﷲ ގެ ރަސޫލާޔާއި އަޅާބަލާއިރު ބަދަލުހިފުމަށްޓަކައި އެއްވެސް އެއްޗެއް ނޫންކަމާއި ނަޞްރުދިނުމަށް އެއްވެސް ޤަދަރެއް ހުރި އެއްޗެއް ނޫންކަން ވެސް އެނގޭނެއެވެ.
9- ﷲ އަށް ކުއްތަންވުމަށްޓަކައި ކަމެއްކޮށް ނުވަތަ އަމުރުކުރެއްވިކަމެއް ކޮށް ނަހީކުރެއްވިކަމަކުން ދުރުވުމަށް ގޮވައިގެން ލިބޭދުއްތުރާތަކަށް ކެތްތެރިވުން ވާޖިބުވާނެއެވެ. ބަދަލުހިފާކަށް ނުވާނެއެވެ. ﷲއަށް ކުރާކަން ތައްތަކުގެ އުޖޫރަ ދެއްވާނީ ﷲގެ ޙަޟުރަތުންނެވެ. މިކަމުގެ ސަބަބުން ﷲއަށްޓަކައި ހަނގުރާމަކުރާ މުޖާހިދުން އެބައިމީހުންގެ ހަށިތަކާއި މުދާ އަދި ލޭ އެކަލާނގެ އަށްޓަކައި ހޭދަކޮށްލުމުން އެތަކެތި ﷲ ބައްލަވައިގަނެ އެކަމުގެ އުޖޫރަދެއްވުން އެއީ އެކަލާނގެ ޒިއްމާވެވޮޑިގެންވާ ކަމެއްކަމުގައި ލެއްވެވިއެވެ. އަދި އެއީ އަޅުތަކުންގެ ކަމެއް ނޫންކަން އެންގެވިއެވެ. ވުމާއިއެކު މީސްތަކުންގެ ފަރާތުން އަޖްރު އެދިއްޖެމީހާއަށް ﷲގެ ޙަޟުރަތުންވާ އެކައްޗެއްވެސް ނެތެވެ. ﷲއަށްޓަކައި ދުއްވާލި ކޮންމެއެއްޗެއްގެ ބަދަލުދެއްވާނީ އެކަލާނގެއެވެ.
އެހެންނަމަވެސް ތިމާ ނުބައިކަމެއްކޮށްގެން ގެއްލުމާއި ދުއްތުރާ ލިބިއްޖެނަމަ އަމިއްލަ ނަފްސަށް މަލާމާތްކުރާށެވެ. މީސްތަކުންނަށް އެއްޗިހިގޮވައި ހެދުމުގެ ބަދަލުގައި އަމިއްލައަށް އެއްޗިހިގޮވައި އިސްލާޙްވޭތޯ މަސައްކަތްކުރާށެވެ.
އަދި ލިބެން އަންނަ ފައިދާއަކުން ދުރުކޮށްފިނަމަ އެއީ ވަރަށްބޮޑުކަމަކަށް ވާނެއެވެ. ވީމާ ތިމާއަށް ވީވަރަކުން ކެތްތެރިވެވޭތޯ ބަލަންވާނެއެވެ. އެހެނީ ލިބެންއަންނަ ފައިދާއަކުން ދުރުކުރުމީ ކެތްތެރިކަމަކަށް ވުރެވެސް ބޮޑުކަމަކަށް ވާތީއެވެ. ވަރަށް އަސަރުކުރުވަނިވި ކަމެކެވެ. އެހެންނަމަވެސް މެންދުރުގެ ރަތްދަކާ އަތްވަށާއި ވެހޭވާރޭއަށާއި، ގަނޑުފެނާއި ދަތުރުގެ ބުރަކަމާއި މަގުފޭރޭމީހުންނަށް ކެތްނުކުރެވޭނަމަ ވިޔަފާރިކުރުމުގެ ފައިދާއެއްނެތެވެ. މިއީ އެންމެންވެސް ދަންނަ ތެދު ޙަޤީޤަތެކެވެ. އެހެނީ ކޮންމެމީހަކުވެސް އެމީހަކު އެދޭ ކަމެއް ޙާޞިލްކުރުމަށް އެކަމަކަށް ދަހިވެތިވެފައިވާ މިންވަރަކަށް ހޭދަކުރާނެކަން ކަށަވަރެވެ.
(ނުނިމޭ)