ރައީސްގެ 4 ވަނަ ރޭޑިޔޯ ޚިތާބު: ކުޑަކުދިންނަށް އަނިޔާކޮށް ބަދުއަޚްލާޤީ ޢަމަލު ހިންގުމާ މަސްތުވާތަކެތީގެ ވިޔަފާރީކުރުމާ ދައުލަތުގެ މުދަލަށާއި ފައިސާއަށް ޚިޔާނާތްތެރިވާ މައްސަލަތައް އަވަހަށް ނިންމެވުކީ ހެޔޮވެރިކަމަށް ކޮންމެހެން ބޭނުންތެރިކަމެއް

ޖުލައި 3 2009، 10:18 6 ޚިޔާލު

ކުޑަކުދިންނަށް އަނިޔާކުރުމާއި، ކުދިންނާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގާ މައްސަލަތަކުގަޔާއި، މަސްތުވާތަކެތީގެ ވިޔަފާރީކުރާ މީހުންގެ މައްސަލަތަކާއި، ދައުލަތުގެ މުދަލަށާއި ފައިސާއަށް ޚިޔާނާތްތެރިވާ މީހުންގެ މައްސަލަތަކުގައި، އެމައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، އެމައްސަލަތަކަކީ އަވަސް މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ގެންދަވައި ނިންމެވުމަކީ، އަޅުގަނޑުމެން މި އުންމީދުކުރާ ހެޔޮވެރިކަމަށް ކޮންމެހެން ބޭނުންތެރިކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވީ ރޭޑިޔޯ މެދުވެރިކުރައްވާ މިއަދު ހެނދުނު ދެއްވި 4 ވަނަ ޚިތާބުގައެވެ. ކުރީ ހަފްތާއެކޭ އެއްފަދައިން މި ހަފްތާގެ ޚިތާބުގައިވެސް ޝަރުއީ ދާއިރާގެ މަސައްކަތްތައް ހަލުވި ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސް ބައްލަވާލެއްވިއެވެ.

ޝަރްޢީ ނިޒާމު އެކަށީގެންވާ ހަލުވިމިނެއްގައި ހިނގަމުންދިޔުމަކީ، ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވަންޖެހޭ ކަމެއް ކަމަށާއި، ޢަދުލު އިންޞާފު ޤާއިމުކުރުން ލަސްވެގެން ދިޔުމަކީ، ޢަދުލު އިންޞާފު ނުލިބުން ކަމުގައި ބެލެވޭ ބެލުމަކީ ޢާންމު ގޮތެއްގައި ގަބޫލުކުރެވޭ ހަމައެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޮނގުން ރައީސް ވާހަކަ ދައްކަވަމުން، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް، ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށާ މިއިތުރުވަމުންދާއިރުގައި، ކޯޓުތަކުގެ ވަސީލަތްތައް އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހަރުދަނާ ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޯޓުތަކަށް ދޭންޖެހޭ އެއްބާރުލުންދީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަން ކުރުމުގައި ގެންގުޅުއްވާ މިންގަނޑުތައް އަލުން މުރާޖަޢާ ކުރުން އެއީ، ކޮންމެހެން މިވަގުތު ބޭނުންވެފައިވާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ބޭރުގެ އެހީ ލިބޭނެ ފުރްޞަތުތައް ދިރާސާ ކުރެވި، އެފަދަ އެހީތައް ހޯއްދެވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި ފާހަގަވި އެއްކަމަކީ، ރާއްޖެއަށް ބޭރުގެ އެހީ ވަރަށްގިނަ ޢަދަދަކަށް ޙަޤީޤަތުގައި ލިބެމުން އެބަދާކަންކަމާ އަދި އެހީ ރަނގަޅު ގޮތުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވެންވެސް އެބައޮތްކަމެވެ. އެހެންވީމާ، މިކަންކަން ފުރިހަމައަށް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، ތަންކޮޅެއް ބޮޑަށް އެކުލަވާލުމަށްޓަކައި އަދި ގުޅުވާލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރެއްވެސް އޭގައި ހިމެނުމަށް ފެނިވަޑައިގްނަވާތީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މިހާރު މިވަނީ ނައިބުރައީސް ބަލަހައްޓަވާ މަސައްކަތެއްގެ ގޮތުގައި، އެމަސައްކަތް ކަނޑައަޅާފައި ކަމުގައި ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ސަރުކާރުން މިހާރު އެހީވެދެވެނީ ސަރުކާރުގެ އިޢްލާނުތައް މެދުވެރިކޮށް، ޗާޕުވެގެން ނުކުންނަ ބައެއް ނޫސްތަކަށް އެކަނި ކަމަށްވާތީ އަދި އެއީ އެންމެ އިންޞާފުވެރި ގޮތުގައި ކަމުގައި ފެނިވަޑައިނުގަންނަވާތީ 1 ސެޕްޓެމްބަރުން ފެށިގެން ސަރުކާރުގެ އިއުލާނުތައް ހަމައެކަނި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރުމަށް ވަޒީރުންގެ މަޖިލީހުން މިހާރު ނިންމާފައިވާކަން މި ޚިތާބުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދޭ އިނާމުތައް ރައްޔިތުންނަށް ދިނުމާ ގުޅޭގޮތުންވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަޒީރުންގެ މަޖިލީހުން ބައެއް ކަންކަން ނިންމަވާފައިވާކަންވެސް ރައީސްގެ މިއަދުގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ. މިހާރު ފެހިފަތް، ދޭތެރެ ދުރުކުރުމުގެ އިނާމު ފަދަ އެތައް ބާވަތެއްގެ އިނާމު ހުރުމާއެކު އެއްހަމައަކަށް ހުރިހާ އިނާމެއް ގެނައުމަށް ވަރަށްބޮޑު ވިސްނެވިކަން ރައީސް ފާހަގަކުރެއްވިއެވެ. މި އިނާމުތައް އެއްހަމައަކަށް ގެނެސް، ނުވަތަ ސަރުކާރުގެ ފަރާތުން ހެޔޮގޮތުގައި ކަންތައްތައް ކުރާ މީހުން ފާހަގަކުރާނެ މިންގަނޑަކީ ކޮބައިތޯބަލާ އެ މިންގަނޑާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން މިހާރު މިވަނީ އާ ގޮތްތަކެއް ނިންމާފައިކަމަށާއި އިރާދަކުރެއްވިއްޔާ، މިއަންނަ ނޮވެމްބަރު 11 އިންފެށިގެން ދެން ޢަމަލު ކުރެވެމުންދާނީ، މިދެންނެވި އާ ގޮތްތަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޚިތާބު ނިންމާލެއްވުމުގެ ކުރިން މާދަމާ ތިން ދުވަހުގެ ދަތުރެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައި ގަންނަވާކަން ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިދަތުރަކީ، އިނގިރޭސިވިލާތުގެ ޕާލަމެންޓްގައި ތަޤްރީރު ކުރުމަށް ލިބުނު ފުރްޞަތެއްގެ ބޭނުން ހިފުމަށްޓަކައި ކުރައްވާ ދަތުރެއްކަމަށެވެ. އަދި މިދަތުރުގައި އޮކްސްފޯޑް ޔުނިވަރސިޓީގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެމެރިކާގެ ކުރީގެ ސިޔާސީ ވަރަށް މަޝްހޫރު ބޭފުޅެއްކަމަށްވާ އަލްގޯ ހިންގަވާ ޕްރޮގްރާމެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނެކަމުގައެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ކޮންމެ ދިވެއްސަކު ގަބޫލު ކުރާނެފަދައިން މި ގައުމަށް މިހާރު ދިމާވެފައިވަ އެންމެ ބޮޑު މައްސަލައަކީ މަސްތުވަތަކެތީގެ މައްސަލަ. މިކަމަށް ހަމ ކޮންމެ ރައްޔިތަކވެސް އެދޭނެ އެންމެ އަވަސް ޙައްލު.ކިހާ އަވަހަކަށް މިކަމަށް ހައްލު އަންނަނެ ބާ ހިތަށް އަރަނީ. ރައީސް ނަޝީދު ކުރައްވާ މަސްކަތަށް ތަރުޙީބު ދަންނަވާ ވާހަކަވެސް ބުނެލަން

    ހުކުރު، ޖުލައި 3 2009، 10:31
  2. ރައީސް އަށް ތަހުނިޔާ ދަންނަވަން. މަސްއަލަ ހުރި ދާއިރާތަށް ތިގޮތަށް ފާޅު ކަން ބޮޑުކޮށް ހާމަ ކުރައްވާ އަންގަވަމުންގެންދަވާ. އެފަރާތްތަކުގެ ޕާފޯމަންސް ރަނގަޅުކުރަން މަޖުބޫރުވާނެ. ވެރިކަން ވައްޓާލަފާނެތީ ގަންނަބިރަށް ކުރިން ތިގޮތަށް ބުނެލާކަށް ނުކެރޭ. ހައްތާވެސް ރުއްސޭތޯ ބަލަނީ އޭރު. އެއްވެސް ދާއިރާ އެއްގަ މަސްއަލައެއްނެތޭ ބުނަނީ ރައްޔިތުންނަށް ފާޅުގަ ފެންނަން ހުންނަ ކަންތައްވެސް. ރައްޔިތުން ތިޔަ މަސައްކަތްޕުޅު ތައް ބަލައިގަންނާނެ. ރައީސް ގެ މަގުބޫލް ކަން އިތުރުވެއްޖެކަން މިހާރު ވެސް އެނގޭ.

    ހުކުރު، ޖުލައި 3 2009، 11:10
  3. ރައީސް އެ ވިދާޅުވިފަދައިން ކޯޓު ތަކަށް ފަނޑިޔާރުން އިސްކުރުމުގައި މިންގަނޑެއް ގެންގުޅެން އެބަޖެހޭ ...ޚާއްސަކޮށް ހައި ކޯޓު..... ހައިކޯޓަށް ފަނޑިޔާރުން އިސްކުރެވިފައިވަނީ އެއްވެސް ހަމައެއް ލަމަ އެއް ނެތި... އުއްތަމަ ފަނޑިޔާރު ބޭނުންފުޅު މީހަކު އައްޔަނު ކުރާ ގޮތަށް ... ދަށު ކޯޓުތަކުގައި 3 ތިން ހަތަރު މަހު ހޭކިލާފައިވާ މީހުންވެސް ހިތްޕުޅާ ވެގެން ހައިކޯޓުގެ ފަނޑިޔާރުކަން ދީފައި އެބަހުރި...މި ގޮތަށް އެއްވެސް މިންގަނޑެއްނެތި ' ހެޔޮ ފުޅުކަމުން "' މަޤާމުތައް ދިނުމުން އެ މަޤާމު ހޯދައިގެން އެ ގޮނޑީގައި އިށީންނަ މީހަކީ ކޮރަޕްޓް މީހަކަށް ނޫނީ ނުވާނެ.....ވީމާ ، ޖުޑީޝަލް ކައުންސިލުން މިހާރުން މިހާރަށް ހައިކޯޓުގެ ފަނޑިޔާރުން އިސްކުރުމުގައި މިންގަނޑެއް ކަނޑައަޅުއްވާ އެ މިންގަނޑަށް ނުފެތޭ ފަނޑިޔާރުން ހައިކޯޓުން ވަކި ކުރުމަށް އިލްތިމސް ކުރަން. ޒީލް

    ހުކުރު، ޖުލައި 3 2009، 11:16
  4. ރައީސް ނަޝީދު އަށް މަރުހަބާ. ދިވެހި ފުލުހުން ތި ކުރަމުންދާ އަގުނުކުތރވޭ ހިދުމަތައްވެސް މަރުހަބާ. ރެޔަކީ އުފާވެރި ރެޔެއް. ރައީސް ނަޝީދު އިއުލާންކުރި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮދު 6 މީހުންގެ ތެރެއިން އިތުރު މީހަކު ފުލުހުން މިވަނީ އަތުލައިގެންފަ. ހިޔާނާތް ތެރިންނަށާ ވަގުންނަށާ ޖަރީމާތަށް ހިންގާ ފަރާތްތަކަށް ދެވަނަ ފުރުސަތެއް މިސަރުކާރަކުން ނުދޭނަކަން މިވަނީ ސާބިތުކޮށްދީފަ. =ނައިންޓެ=

    ހުކުރު، ޖުލައި 3 2009، 11:49
  5. މިވާހަކަތައް ރައީސްނަސީދެއްކަމަކު ދައްކަންވީ އެކަންޏެއްނޫން، އަމަލީގޮތުން އަވަހަށް މަސައްކަތް ކުރަންވީ، ވަކިމީހެއްގެ މޫނެއް ކަދުރާއަކަށް މިކަހަލަ ކަންތައްތަކުގައި ބަލާނެކަމެއްނޫން،= މާއިރާ =

    ހުކުރު، ޖުލައި 3 2009، 12:08
  6. މި ލިޔުމުގެ އެންމެފުރަތަމަ ޕެރަގްރާފްގައި ވިދާޅުވެފައި އެވާ ކަންތައްތަކަކީ ކޮންމެހެންވެސް މިހާރުން މިހާރަށް ވަރައް އަވަސްކަރަން ވެއްޖެ ކަމެއްކަމަށް އަޅުގަނޑުވެސް ދެކެމެވެ. އަވަސްކޮށްދެއްވާށެވެ. އަދި ސަރުކާރުގެ އިޢްލާންތައް ސަރުކާރުގެ ގެޒެޓް ގައި ޝާއިޢްކުރަން ތި ނިންމި ނިންމުމައްވެސް މަރުޙަބާ ކިޔަމެވެ. އެއީ ނޫސްގަންނަ މީހުން ނޫސްގަންނަނީ އެ ނޫހެއްގައި ޝާއިޢްކުރާ ޚަބަރާއި ލިޔުން ކިޔުމަށް ކުރާކަމަކައްވާން އެބަޖެހެއެވެ. ނޫސް ގަންނަނީ ކޮންމެހެން އެނޫހެއްގައި ހުންނަ އިޢްލާންތަކުގެ ބޭނުމުގައި ކުރާކަމެއްކަމުގައިވާނަމަ ނޫހުގެ މަޤްބޫލްކަން ވަޒަންކުރާކަށް ނޭގޭނެ އެވެ.

    ހުކުރު، ޖުލައި 3 2009، 13:47
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv