

21 ދުވަހުގެ ތެރޭ ހަ ތިޖޫރިއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފި
21 ދުވަހުގެތެރޭ ހަ ތިޖޫރިއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޖެނެރަލް އިންވެސްޓިގޭޝަން ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ މިހާތަނަށް ވަގަށް ނަގާފައިވާ ތިޖޫރިތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ތިޖޫރީތަކެއް ވަގަށް ނެގުމަށް އެމީހުން ރާވާފައިވާ ކަމަށެވެ.
”އަޅުގަނޑުމެންގެ އިލްތިމާސަކީ މިފަދަ ކަންކަމާއި މެދު އާއްމުން ވަރަށް ބޮޑަށް ރައްކާތެރިވެ, ސަމާލުވެ ތިބުން“ އަހުމަދު ވިދާޅުވި އެވެ.
ހުސްވި ޖޫންމަހުގެ 11ވަނަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ހަ ތިޖޫރިއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަނީ ވަގުން ގެންގޮސްފަ އެވެ. ޖޫން 11ވަނަ ދުވަހުގެ ރޭ އެމްޓީސީސީ ސޯމިލް އޮފީހުގެ ތިޖޫރީ ފަޅާލައި 42,000ރ އާއި އެތާނގައި އިދާރީ މަސައްކަތްތަކަށް ބޭނުންކުރާ ދެ ކޮމްޕިއުޓަރު ވަނީ ވަގަށް ގެންގޮސްފަ އެވެ. އަދި 20ވަނަ ދުވަހުގެ ރޭ މ. ތައިބާގައި ހުންނަ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ވެލްފެއާ އާ ބެހޭ ބައިގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާވަގަށް ނަގައި, ޖެހިގެން އައި ރޭ ފިނޭންސް މިނިސްޓްރީގެ ތިޖޫރީ ފަޅާލައި 21,000ރ ވަގަށް ނަގާފައިވެ އެވެ.
ހ.ގާދޫ ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެމެރިކަން ރެޑްކްރޮސް އޮފީހުގެ ތިޖޫރީ ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފައިވަނީ ހުސްވި މަހުގެ 26ވަނަ ދުވަހުގެ ރޭ ގަ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ސ. ހިތަދޫ އަންނާރުމާގޭ އަހުމަދު ނަސީރު (24އ), ގެ މައްޗަށް ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރިކަމަށް އިންސްޕެކްޓަރ އަޙުމަދު މުޙައްމަދު ވިދާޅުވި އެވެ.
ޖޫން މަހުގެ 30ވަނަ ދުވަހު ޕްލޭން ހޮޓެލްސް އެންޑް ރިސޯޓްސްގެ މާލޭ އޮފީހުގެ ތިޖޫރީ ފަޅާލަން ބަޔަކު މީހުން މަސައްކަތްކޮށް އެކަން ނާކާމިޔާބު ވުމުން ތިޖޫރީ ސައިކަލަށް ލައިގެން ގެންދަނިކޮށް, މަގުމަތި ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ފެނިގެން އެމީހުން ހުއްޓުވުމުން ސައިކަލް ފަހަތުގައި އިން މީހާ ވަނީ ފިލައިގެން ގޮސްފަ އެވެ. ނަމަވެސް ސައިކަލް ދުއްވަން އިން މީހާ އެވަގުތު ހައްޔަރު ކޮށް މިކަމުގައި ޢަމަލީގޮތުން ބައިވެރިވި ތިން މީހުންވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް އަޙުމަދު މުޙައްމަދު ވިދާޅުވިއެވެ. އަދި މި ތިޖޫރީން އެއްވެސް އެއްޗެއް ގެއްލިފައިނުވާކަށާއި މިކަމާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ކުށުގެ ރެކޯޑް އޮތް ތިން މީހުން ކަމުގައިވާ ނ. ވެލިދޫ މާދުނި, އާދަމް ޒިޔާދު (20އ), އާއި މުހައްމަދު ޝަރީފު (19އ), އަދި 17 އަހަރުގެ ކުއްޖެކެވެ.
ހަވަނަ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ގެންގޮސްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ކުރިމަތީގައި ހުރި ރޫޓް ފިހާރައިގެ ތިޖޫރި ހަލާކުކޮށްލައިގެން ހަތަރުލައްކަ ރުފިޔާއާއި ގިނަ އަދަދެއްގެ ސާމާނުތަކެއް ވަނީ ގެންގޮސްފަ އެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިންސްޕެކްޓަރ އަޙްމަދު މުޙައްމަދު ވިދާޅުވީ މިހުރިހާ ވައްކަމެއްވެސް ކޮށްފައިވަނީ ދާދި އެއްގޮތަކަށްކަމުގައިވިޔަސް މިވައްކަންތައް އެއްވައްކަން އަނެއް ވައްކަމާއި ގުޅުމެއް ހުރިކަން އަދި މިހާތަނަށް ހޯދި ހޯދުމުން އެނގިފައިނުވާކަމަށެވެ.
މާލޭގައި ބޮޑެތި ވައްކަންތައް އިތުރުވެގެން ގޮސްފައިވާއިރު, ޖަލަށް ހުކުމްކޮށްފައިވާ ގިނަ އަދަދެއްގެ ކުށްވެރިން މާލެ ތެރޭގައި އުޅެމުންގެންދާ ކަމަށް ފުލުހުން ބުނެ އެވެ.