

ސަގާފީ ފަތުރުވެރިންގެ މަންޒިލަކަށް ޔަމަންވުމުގެ ހުވަފެނުގައި
ޔަމަނަކީ ފަތުރުވެރިންގެ މާ ބޮޑު ސަމާލުކަމެއް ލިބެމުން ދާ ގައުމެއް ނޫނެވެ. އޭގެ ސަބަބުތަކެއް ވެސް ވެއެވެ. އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެގައުމަށް ޒިޔާރަތްކުރާ މެހުމާނުންނަށް ސަލާމަތީ ގޮތުން ”ޔަގީންކަން“ ނެތުމެވެ. އަނެއް ސަބަބަކީ ދުބާއީ ފަދަ ގައުމުތަކާ ވާދަކުރަން ޖެހުމެވެ.
އިޓަލީވިލާތަށް އުފަން މާކޯ ލެވަދިތީ އަކީ ޔަމަންގައި ދިރިއުޅެމުން ގެންދާތާ 45 އަހަރުވެފައިވާ މީހެކެވެ. މާކޯ ދެކޭގޮތުގައި އެގައުމުގައި ރަނގަޅު ފަތުރުވެރިކަމުގެ ”ސަގާފަތެއް“ ގާއިމް ކުރެވިދާނެ އެވެ. މާކޯގެ މި ވިސްނުމުގައި އުފައްދާފައިވާ ކުންފުނި ޔުނިވާސަލް ޓުއަރިން ކޮންޕެނީ(ޔޫޓީސީ)ން މިހާރު މަސައްކަތް ކުރަމުން ދަނީ އެގައުމުގައި ފަތުރުވެރިކަމުގެ އާ މަޝްރޫއުތަކެއް ފެށުމަށެވެ.
” ޔަމަނަކީ މެދުއިރުމަތީގައި އޮތް އެންމެ ރަނގަޅު އެއް މަންޒިލް. އަހަރެން މިތަނުގައި 45 އަހަރު ދިރިއުޅެފިން. ކޮންމެ ތަނެއްގައިވެސް މައްސަލަތަކެއް ހުންނަ ގޮތަށް މިތަނުގައިވެސް މައްސަލަތަކެއް ހުންނާނެ. ނަމަވެސް މަސައްކަތްކޮށްފިނަމަ މިގައުމަކީ ސަގާފީ ޓޫރިޒަމްގެ މަންޒިލަކަށްވެސް ހެދިދާނެ.“ ޔޫޓީސީ ކުންފުނީގެ ބާނީ މާކޯ ވިދާޅުވިއެވެ.
ޔަމަންގައި މިހާރުވެސް ފަތުރުވެރިން ސައުގުވެރިކަން ލިބެމުންދާ އެތައް ތަނެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ތަނަކީ އެގައުމުގެ ވެރިރަށް ސަނާއެވެ. މީހުން ދިރުއުޅޭތާ 2,500 އަހަރުވެފައިވާ ސަނާއަކީ ހަތް ވަނަ ގައުރުނުގައި މުސްލިމުންގެ އެންމެ ބާރުގަދަ އެއް ސަހަރެއެވެ. އަދި މިރަށުގައި 11ވަނަ ގަރުނުގެ ކުރީ ކޮޅު އިމާރާތްކޮށްފައިވާ 6,000 އަށްވުރެ ގިނަ ގެ އާއި 104 މިސްކިތް ހުރުމުން މިރަށް ވެގެން ގޮސްފައިވަނީ ގައުމެއްގެ ސަގާފީ ތަރިކަތައް އެންމެ ބޮޑަށް ފެނިގެން ދާ ސަހަރަށެވެ.
ޔުނެސްކޯގެ ސަގާފި ތަރިކައިގެ ލިސްޓުގައިވެސް ހިމަނާފައިވާ މި ސަހަރުގެ އިތުރުން ޔުނިވާސަލް ޓުއަރިން ކޮންޕެނީން ސަގާފީ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން ގެންދާ އަލް ހުދޭދާ ޕްރޮވިސްގައި 13 އަދި 15ވަނަ ގަރުނުގައި އިމާރާތްކޮށްފައިވާ ގިނަ އިމާރާތަކެއް ހުރުންވެސް މިއީ ފަތުރުވެރިންގެ ލޯތައް އެދިމާލަށް އަނބުރާ ލެވިދާނެ ތަންތަނެވެ.
ޔަމަން ޓުއަރިޒަމް ޕްރޮމޯޝަން ބޯޑް (ވައިޓީޕީބީ)އާއި ޔޫޓީސީ ގުޅިގެން މިހާރުވަނީ ހުދޭދާ ސަރަހައްދަކީ ކަލްޗަރަލް ޓޫރިޒަމް ނުވަނަ ސަގާފީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައެވެ. ޔޫޓީސީއިން ބުނީ މި ސަރައްދުގައި ފަސް ތަރީގެ ހަތަރު ހޮޓާ ވެސް މި މަޝްރޫއުގެ ދަށުން އެޅުމަށް ވިސްނާފައިވާ ކަމަށެވެ.