
ފީފާ ރޭންކިންގައި ރާއްޖެ ހަތް ދަރަޖަ ފަހަތަށް
ފީފާ އިން އިޢުލާންކުރި ޖުލައި މަހުގެ ރޭންކިންގައި ރާއްޖެ ހަތް ދަރަޖަ ފަހަތަށް ހިނގައްޖެއެވެ. ސަރަހައްދީ ޗެމްޕިއަނުން މިދިޔަމަހު އޮތީ އިންޑިއާ އަށްވުރެ ދެދަރަޖަ ފަހަތުގައެވެ، ނަމަވެސް މިމަހުގެ ރޭންކިން އިޢުލާންކުރެވިގެން ދިޔައިރު ރާއްޖެއަށް ވަނީ 25 ޕޮއިންޓް ގެއްލި 156ވަނަ އަށްވެއްޓިފައެވެ.
ސަރަހައްދުގެ އެއްވަނާގައި އަދިވެސް ރަސްކަން ކުރަމުންދަނީ އަވަށްޓެރި އިންޑިއާއެވެ. އިންޑިއާއަށް މިމަހުގެ ރޭންކިންގައި 7 ޕޮއިންޓް ގެއްލިފައިވީނަމަވެސް އިންޑިއާ އޮތީ މިދިޔަމަހުވެސް އޮތް 147ވަނާގައެވެ.
ރާއްޖެއާއި އެންމެ ވާދަވެރި ސްރީލަންކާ ވަނީ 162ވަނާގައެވެ. އެއީ މިދިޔަ މަހުގެ ރޭންކިންގް އަށްވުރެ އެއްދަރަޖަ ދަށްކޮށެވެ. ޕާކިސްތާންގެ ވަނައަށްވެސް މިމަހު ބަދަލެއް އައިސްފައެއް ނުވެއެވެ. ޕާކިސްތާން އޮތީ ސަރަހައްދުގެ ހަތަރުވަނާގައި ރޭންކިންގެ 167ވަނާގައެވެ.
މިމަހުގެ ރޭންކިންގައި ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ބަންގްލަދޭޝްއެވެ. މިދިޔަ މަހަށް ވުރެ ދެދަރަޖަ މައްޗަށް ޖެހިލައި ބަންގްލަދޭޝް މިހާރު އޮތީ 169ވަނާގައެވެ.
ނޭޕާލް ވަނީ މިދިޔަ މަހަށްވުރެ ތިން ދަރަޖަ ފަހަތަށް ގޮއްސައެވެ. މިމަހުގެ ރޭންކިންގައި ނޭޕާލް އޮތީ 173ވަނާގައެވެ. އެންމެ ފަހަތުގައި އުޅޭ ދެޓީމްގެ ތެރެއިން އަފްޤާނިސްތާން ވެސް ވަނީ 3 ދަރަޖަ ފަހަތަށް ގޮއްސައެވެ. މިމަހު އަފްޤާނިސްތާން އޮތީ 187ވަނާގައެވެ. އަދި އެންމެ ފުލުގައި އުޅޭ ބޫޓާން އަށް 4 ދަރަޖައިގެ ވެއްޓުމަކާއި އެއްކޮށް ލޮބިފައިވަނީ 196ވަނައެވެ.
މިމަހުގެ ރޭންކިންގައި އެންމެ ބޮޑު ވެއްޓުމެއް އައީ ދިވެހިރާއްޖެއަށެވެ. އަދި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ބަންގްލަދޭޝްއެވެ.