

އޮލިމްޕިކް ކޮމެޓީގެ ރައީސްކަމަށް ކަލީމާއި އިބްރާހިމް އިސްމާއިލް ވާދަކުރަނީ
ރާއްޖޭގައި އޮލިމްޕިކް ކޮމިޓީ އެއް އުފެދުނުތާ 31 އަހަރު ފަހުން ބާއްވާ ފުރަތަމަ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 36 ފަރާތަކުން 13 މަޤާމަކަށް ކުރިމަތިލައިފިއެވެ.
މިމަހުގެ 11ގައި އޮންނަ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލާފައިވަނީ ކުރީގެ ޤައުމީ ފުޓުބޯޅަ ޓީމްގެ ކެޕްޓަން މުހައްމަދު ކަލީމާއި އެފް.އޭ.އެމްގެ ޖެނެރަލް ސެކްރެޓަރީކަން ކުރައްވާފައިވާ އިބްރާހިމް އިސްމާއިލެވެ.
ރައީސް ކަމުގެ މަޤާމަށް ދެބޭފުޅުން ކުރިމަތިލެއްވި ނަމަވެސް ނައިބު ރައީސްގެ މަޤާމަށް 4 ފަރާތަކުން ކުރިމަތިލާފައިވެއެވެ. ނައިބު ރައީސްކަމަށް ކުރިމަތިލީ ފަރާތްތަކަކީ ވޮލީ އެސޯސިއޭޝަނުން މުހައްމަދު ރިޔާޒް، ބާސްކެޓް އެސޯސިއޭޝަނުން އަހްމަދު ހާފިޒް، އެތްލެޓިކްސް އެސޯސިއޭޝަނުން މައިޒާން އަލި މަނިކު އަދި ޝޫޓިން އެސޯސިއޭޝަނުން ޑރ.ހުސައިން ހަލީމް(ކުޑަ ހުސެން)އެވެ.
ޖެނެރަލް ސެކްރެޓަރީ ކަމުގެ މަޤާމަށް ކުރިމަތިލީ ބޮޑީ ބިލްޑިންގް ފެޑެރޭޝަންގެ ފަރާތުން އަހްމަދު މަރުޒޫޤް(މަރޭ)އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން މުހައްމަދު މާހިދު ޝަރީފް އަދި ޖިމްނާސްޓިކް އެސޯސިއޭޝަންގެ ފަރާތުން މުހައްމަދު ހާނިމްއެވެ. ޓްރެޜަރަރ ކަމަށް ކުރިމަތިލާފައިވަނީ ޕެރިސް އަހްމަދު ނަސީމާއި އަލީ ނާސިހެވެ.
މިމަޤާމް ތަކުގެ އިތުރުން ދެން އޮލިމްޕިކް ކޮމިޓީ އިންތިހާބުގައި އިންތިހާބުކުރާ ފަރާތްތަކަކީ ނަން އޮލިމްޕިކް ސްޕޯރޓްސް 2 މެމެމްބަރުންނާއި އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯރޓްސް 3 މެމްބަރުންނާއި އޮލިމްޕިކް ޓީމް ސްޕޯރޓްސް 2 މެމްބަރުން އަދި އަންހެން 2 މެމްބަރުންނެވެ.