ވާދަވެރި މެޗްތަކަކަށް ވެލެންސިއާ އާއި އޭވައިއެލް އަދި މާޒިޔާ އާއި ނިއުރޭޑިއަންޓް ކުރިމަތިލަނީ

ޖުލައި 2 2009، 17:11 0 ޚިޔާލު

ވަތަނިއްޔާ ދިވެހިލީގުގައި ހުކުރުދުވަހު ހަވީރު ބައްދަލުކުރާ އޭވައިއެލް ވެލެންސިއާ މެޗަކީ ދެޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ. ދެވަނަ ބުރު ނިމުމުގެ ކުރިން ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ޓީމްތަކުން ކުރަމުންދާ ހަނގުރާމައިގައި ތާވަލްގެ ހަވަނާގައި ވާވެލެންސިއާ އުޅެނީ ފަސްވަނާގައިވާ އޭ.ވައި.އެލް އަށް ވުރެ ފަސް ޕޮއިންޓް ފަހަތުގައެވެ.

މިހާތަނަށް 10 މެޗް ކުޅެގެން އޭވައިއެލް އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. އެހެން ނަމަވެސް 10 މެޗް ކުޅެގެން ވެލެންސިއާ އަށް ލިބިފައިވަނީ 6ޕޮއިންޓެވެ. މިދެޓީމް ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗް ވެލެންސިއާ އިން ކާމިޔާބުކޮށްފައިވަނީ 1-3އިންނެވެ.

އޭ.ވައި.އެލް މިހާތަނަށް ލީގުގައި ކުޅުނު 10މެޗްގެ ތެރެއިން 2 މެޗް ކާމިޔާބުކޮށް 5 މެޗް އެއްވަރުކޮށް 3މެޗުން ވަނީ ބަލިވެފައެވެ. ވެލެންސިއާ ވަނީ ކުޅުނު 10 މެޗްގެ ތެރެއިން 1 މެޗް ކާމިޔާބުކޮށް 3 މެޗް އެއްވަރުކޮށް އަދި 6 މެޗުން ބަލިވެފައެވެ.

ހޮނިހިރު ދުވަހު ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިއާ އާއި ނިއުރޭޑިއަންޓެވެ. ތާވަލްގެ ތިންވަނާގައި ވާ މާޒިޔާ އާއި ހަތަރު ވަނާގައިވަ ނިއުރޭޑިއަންޓާއި ދެމެދު ވަނީ ތިން ޕޮއިންޓްގެ ފަރަޤެކެވެ. ލީގް ހޯދުމަށް ކުރާ ހަނގުރާމައިގައި މިމެޗަކީ ދެޓީމަށް ވެސް މުހިއްމު މެޗެކެވެ. އެހެން ނަމަވެސް ދާދި ފަހުން މާޒިއާގެ ކޯޗް އިސްމާއިލް މަހެފޫޒް (އިއްމަ) ބުނެފައިވަނީ ލީގު ހޯދުން އެއީ މާޒިއާގެ ޓާގެޓް ނޫން ކަމަށެވެ.

މާޒިއާއަށް 10 މެޗް ކުޅެގެން ލިބިފައިވަނީ 17 ޕޮއިންޓެވެ. އަދި ނިއުއަށް 10 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. މިދެޓީމް ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗް ނިމިފައިވަނީ 3-3އިން އެއްވަރުވެގެންނެވެ.

މާޒިއާ މިހާތަނަށް ލީގުގައި 10 މެޗް ކުޅުނު އިރު 5 މެޗުން މޮޅުވެ 3މެޗުން ބަލިވެ 2 މެޗް ވަނީ އެއްވަރުކޮށްފައެވެ. ނިއުރޭޑިއަންޓް 10 މެޗް ކުޅުނުއިރު 3 މެޗުން މޮޅުވެ

2 މެޗުން ބަލިވެ 5 މެޗް ވަނީ އެއްވަރުކޮށްފައެވެ.

ވަތަނިއްޔާ ދިވެހިލީގުގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ތާވަލްގެ ފުލުގައިވާ ކަޅައިދޫ އާއި އެއްވަނާގައިވާ ވީބީ ސްޕޯރޓްސް އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv