ޚިޔާނާތްތެރިންނަށް އަދަބު ދިނުން - މާދަމާއަށްޓަކައި ކުރަންޖެހޭ ކަމެއް

ޖުލައި 2 2009، 11:53 4 ޚިޔާލު

-މައުމޫން ފަހުމީ-

އެއީ މާތްވެގެންވާ އިސްލާމް ދީން އައުމުގެ ކުރިއެވެ. ޖާހިލިއްޔަ ޒަމާނެވެ. ކަންތައްތައް ހިނގަމުންދިޔައީ ބާރު ހުރި ވަންހަ ތަކާއި ދަރިކޮޅުތަކުން ބޭނުންވާ ގޮތަށެވެ. ބާރު ހުރި މީހަކު ކޮންމެ ކަމެއް ކުރިނަމަވެސް އެކަމާއި ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ. އެފަދަ މީހަކާއި ދެކޮޅަށް ކަމެއް ކޮށްފިނަމަވެސް އޭނާގެ ޤަބީލާގެ މީހުން ނިކުމެ ހަމަނުޖެހުން ހިންގައި އެތައްބައެއްގެ ލޭއޮހޮރުވާނެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ޢަދުލު އިންސާފަކީ އޭރު އިންސާނުން މުޅިން ހަނދުމަ ނެތިފައިވާ އެއްޗެކެވެ.

ޖާހިލިއްޔަ ޒަމާނުގެ ވާހަކަ އިހަށް ހުއްޓާލުމަށްފަހު މިޒަމާނުގައި ދިވެހި ރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ ތެރެއިން ބައެއް ކަންކަމަށް ބަލާލަމާ ހިނގާށެވެ. ސެޕްޓެމްބަރު މަހު ފިލިޕީންސްގައި އޮންނަ އޭޝިއަން ސީނިއަރ މެންސް ޗެމްޕިއަންޝިޕުގައި ދިވެހި ރާއްޖެ ތަމްސީލު ކުރެވޭނެ ކަމުގެ ޔަޤީންކަމެއް ނެތްކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. ބަޖެޓުގެ ދަތިކަމާއިހުރެއެވެ. އިލެކްޝެންސް ކޮމިޝަންގެ ފަރާތުން ފިލިޕީންސަށް ކުރަން އުޅުނު ތަމްރީނު ދަތުރެއް ވަނީ ބަޖެޓު ނެތުމުގެ ސަބަބުން ކެންސަލް ކޮށްފައެވެ. ބަޖެޓް ނެތުމުގެ ސަބަބުން ސަރުކާރުގެ ޚިދުމަތްދޭ ބައެއް މުއައްސަސާތަކަށް މުވައްޒަފުން ވެއްދުމުގައިވެސް ދަތިތަކެއް އުޅޭކަމުގެ އަޑުތަކެއް ދަނީ އިވެމުންނެވެ. މީގެ އިތުރުންވެސް ބަޖެޓުގެ ދަތިކަމާއިހުރެ އެތައް އެތައް ދަތިތަކެއް މިދަނީ ދިމާވަމުންނެވެ. 2008 ނޮވެމްބަރު 11ގެ ކުރިން މިއީ އިވުނު އަޑުތަކެއް ނޫނެވެ. ބަޖެޓުގެ ދަތިކަން އުޅޭކަމާއި ކަންކަމަށް ބަޖެޓު ލިބުން ދަތިވާންފެށީ އައު ސަރުކާރު ވެރިކަމާއި ޙަވާލުވި ހިސާބުންނެވެ. ޙަޤީޤަތަކީ ޤައުމުގެ ޚަޒާނާގައި ފައިސާ ނެތްކަމެވެ.

މީގެ އަހަރުތަކެއް ކުރިން ދިވެހި ރާއްޖެ އަކީ މި ސަރަޙައްދުގައިވެސް އޮތް އެންމެ މުއްސަނދި ޤައުމެވެ. ނަމަވެސް ޤައުމުގެ ބޮލަކަށް ޖެހޭ އާމްދަނި މައްޗަށް ނުޖެހި އޮންނަތާ އެތައް އަހަރެއް ވީއެވެ. ފަތުރުވެރިކަމުންނާއި މަސްވެރިކަމުންނާއި އެހެނިހެން ހިލޭ އެހީގެ ގޮތުގައިވެސް ރާއްޖެއަށް ފުދޭވަރެއްގެ އެއްޗެއް ލިބޭއިރު އަދި ރާއްޖޭގެ އާބާދީ އަކީ އެންމެ 3 ލައްކަ އަށްވާއިރު ބޮލަކަށް ޖެހޭ އާމްދަނީ މިހާރު ޙަޤީޤަތުގައި އޮންނަންޖެހޭނީ ކުރިން އޮތްވަރަށްވުރެ އެތައް ގުނައެއް މަތީގައެވެ. ޤައުމު ދަރާ ވިކިފައިއޮތުމުގެ ބަދަލުގައި ޤައުމުގެ ޚަޒާނާ ހުންނަންޖެހޭނީ ފުރިގެން ބަންޑުން ވެފައެވެ. ކޮންމެވެސް ބަޔަކު މިކަންކަމަށް ޒިންމާނަގަން ނުޖެހޭތޯއެވެ؟ ޤައުމު މި ޙާލަތަށް ވެއްޓުނީ ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައިތޯއެވެ؟

މިނިވަން އޮޑިޓަރ ޖެނެރަލެއްގެ އޯޑިޓް ރިޕޯޓްތައް ނިކުންނަން ފެށުމުން ޤައުމުގެ ޚަޒާނާގައި ފައިސާ ނެތް ސަބަބާއި އިޤްތިޞާދީ ގޮތުން ޤައުމު މިފަދަ ޙާލަތަކަށް ވެއްޓުން ސަބަބު ކޮންމެވެސް ވަރަކަށް އެނގިގެން ދާންފަށައިފިއެވެ. އަދި ރައްޔިތުންނަށް މި ޙާލު ޖެހުމުގައި ޒިންމާ ވާންޖެހެނީ ކޮންބައެއްކަންވެސް އެނގެން ފަށައިފިއެވެ. ދަޢުލަތުގެ ފައިސާ އަށް އެއްބަޔަކު ޚިޔާނާތްތެރިވެފައިވަނީ އެތައް މިލިޔަން ރުފިޔާ އަކުންނެވެ.

ދެން ފެނިގެން ދިޔައީ ޚިޔާނާތުގެ މައްސަލަތައް ބެލުމަށްޓަކައި ޤާނޫނު އަސާސީން ބާރު ލިބިގެން ރިޔާސީ ކޮމިޝަނެއް ރައީސް ނަޝިދު އުފެއްދެވިތަނެވެ. މި ކޮމިޝަން އުފެއްދެވީ ބަޔަކަށް އަދަބު ދޭކަށް ނޫނެވެ. އަދި ޝަރީޢަތް ކުރާކަށްވެސް ނޫނެވެ. މިކަންކަމެއް މިފަދަ ކޮމިޝަނެއްގައި ނުވެސް ކުރެވޭނެތާއެވެ! މިފަދަ ކޮމިޝަނެއް އުފެއްދެވުމާއި އެކު އެއްބައެއްގެ ލޮލަށް ނިދިނައިސް ބިރުން އެއުޅުނު ގޮތުންވެސް ރައްޔިތުންނަށް ކަންތައްތަކެއް ނުވިސްނޭބާއެވެ؟

މިހާރު މިއީ 21ވަނަ ޤަރުނެވެ. ހަމައެކަނި ދުނިޔަވީ ގޮތުން ބެލިން ނަމަވެސް ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަކަމަށް ދަޢުވާ ކުރާ ޒަމާނެވެ. އަދި ދީނީ ގޮތުން ބަލާނަމަ ޢަދުލު އިންސާފުގެ މުހިއްމުކަން ވަކިން ބޮޑެވެ. ”ނޯބޮޑީ އިޒް އެބޯވް ދަ ލޯ“ އޭ ޚުދު ކުރީގައި މި ޤައުމުގެ ހުންގާނުގައި ހުންނެވި މާތް ޒަޢީމް މަނިކުފާނުވެސް ވިދާޅުވިއެވެ. ނަމަވެސް ހިތާމައަކީ މަޢުޟޫއަށް ފަށައިގަތުމުގާ އިޝާރާތްކުރި ޖާހިލިއްޔަ ޒަމާނުގެ ބައެއް ޢަމަލުތައް އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދާކަމެވެ. އެމީހުންގެ އެންމެ ފަހު މީހާ އާއި ޖެހެންދެންވެސް އެމީހުންގެ ޒަޢީމް ހައްޔަރު ކުރިޔަ ދީގެން ނުވާނެކަމަށާއި އެމީހުންގެ ޒަޢީމް ހައްޔަރު ކޮށްފިނަމަ މުޅި ޤައުމުގައި ހަމަނުޖެހުމާއި ލޭއޮހޮރުވުންވެސް ހިނގާފާނެކަމަށް ވާހަކަދެއްކުމެވެ.

ކޮންމެ މީހަކީވެސް ޝަރުޢީ ކޯޓެއްގައި ކުށް ސާބިތުވުމުގެ ކުރިން ކުށްވެރިއެއްނޫނެވެ. އެހެންކަމުން ޚިޔާނާތްތެރިންގެ މައްސަލަތައް ތަޙުޤީޤު ކުރަން ފަށައި އަދި މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހައްޔަރު ކުރުމަކީވެސް އެމީހަކަށް ތާޢީދު ކުރާ މީހުން ހަމަނުޖެހުމާއި ލޭއޮހޮރުވުން ހިންގަންޖެހޭކަމެއް ނޫނެވެ. އަދި އެއީ ހަމަނުޖެހުން ހިނގާފާނެ ކަމެއް ކަމަށް ބުނެގެންވެސް ނުވާނެއެވެ.

ދަޢުލަތުގެ މުދަލަށް ބަޔަކު ޚިޔާނާތްތެރިވެފައިވާނަމަ އެބަޔަކަށް ޙައްޤު އަދަބު ލިބެން އެބަޖެހެއެވެ! އެންމެހާ ރައްޔިތުންނާއި ލޮބުވެތި ދިވެހި ޤައުމުގެ ޙައްޤުގައެވެ. ރައީސް ނަޝިދު ވިދާޅުވިފަދައިން މާދަމާއަށްޓަކާއެވެ. އަދުގެ ސަރުކާރުގެ ވެރިންނަކީ ޚިޔާނާތްތެރިންތަކަކަށް ނުހެދުމަށްޓަކައެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ކުރީގެ ސަރުކާރުގަ ޖަރީމާ ހިންގި ކަމައްބުނާ ބީދައިން މިސައިޓަށް ފުނުވާ ކޮމަންޓްތަށް ސަލާމަތީ ސަބަކަށްޓަކާ ޝާއިޢު ނުކުރާތީ ހިތާމަކުރަން.

    ބުރާސްފަތި، ޖުލައި 2 2009، 11:59
  2. ވަރަށް ޢިބްރަތްތެރި ލިޔުމެކެވެ. މި ލިޔުން ޑރ. ހަސަން ސަޢީދާއި، އަލް އުސްތާޒު މުޙައްމަދު ނަޝީދުގެ އިތުރުން ޑީ.އާރ.ޕީ ގެ މެމްބަރުންވެސް ވިދާޅުވާނެކަމަށް އުއްމީދުކުރަމެވެ. އަދި ޢިބްރަތެއް ޙާސިލް ކުރާނެކަމަށް އުއްމީދުކުރަމެވެ. އަޅުގަނޑުމެން އެނބުރި ޖާހިލިއްޔަ ޒާނައް ނުދަމާތޯއެވެ. އަޅުގަނޑުމެން އެންމެންގެ ވިސްނުން ހެޔޮވިސްނުމަކަށް ބަދަލުކޮއްގެން ނޫނީ މި ޤައުމުގެ އަންނަން އޮތް ޖީލްތައް ސަލާމަތް ކުރެވޭނެ ކަމަކަށް ނުދެކެމެވެ. -އަނީން-

    ބުރާސްފަތި، ޖުލައި 2 2009، 13:18
  3. 8 މަސްދުވހުގެ ތެރޭގައި އެފަދަ ކަމެއް ކޮށްފައިވާ ބަޔާކާއި މެދު ނުވަތަ އެންމެ މީހަކާއި މެދު ވެސް ޝަރީއަތް ނުފެށިވާތީ ސުވާލު އުފެދެއެވެ. މުސްތަޤިއްލު މުއައްސަސާތަކާއި ތަހުޤީޤްކުރާ ފަރާތްތަކުގައި އެފަދަ ޤާބިލުކަމެއްނެތީތޯއެވެ.؟ ތެޔޮހަން ކެނޑި މީހާގެ މައްޗަށް 26 ދުވަހުގެތެރޭގައި ހުކުމް ކޮށް ޖަލަށްލުމުގެ ޤާބިލުކަން އުވި ދިޔަ ސަރުކާރުގައި ހުރިއިރު، މިސަރުކާރުގައި އެފަދަ ޤާބިލުކަމެއް ނެތީމާ އެކަމާއި ރައްޔިތުން ކަންބޮޑުވެއެވެ. އެތަހުޤީޤުކުރީވެސް މިހާރުވެސް ތިބި މީހުންނެވެ. މި ކޮމިޝަންތަކުގެ ކުރިމަތީގައެވެ. އެ މުސްތަޤިއްލުކަން މިހާރު ކުރިއަށްވުރެ ބޮޑުވާނެ ކަމަށް ޤަބޫލުކުރެވެ. ވީއިރު މިކަން އެމަގުން ގޮސް ނިންމާނުލެވިގެން އުޅޭ ސަބަބު ރައްޔިތުން އެނގެން ބޭނުންވާނެއެވެ. މަދުވަނީ ކޮންކޮން ކަމެއްތޯ ބަލަން ބޭނުންވެއެވެ. މުސްތަޤިއްލު މުއައްސަސާތަކުގައި އެ ޤާބިލުކަންނެތިއްޔާ މަޖިލީހަށް ޙާޟިރުކުރުވައި ޒިންމާ ނުނަގާ މަސައްކަތް ނުކުރާ މެންބަރުންނާއި މެދު ފިޔަވަޅޫވެސް އަޅުއްވާށެވެ. ކޮންމެ ކަމެއް ކެންޕެއިންކުރަން ބޭނުންކުރާ ހަތިތޔާރަކަށް ނުހައްދަވާށެވެ. މީގެ ކުރިން ކަމެއްކުރާކަމެއް ނޭނގެއެވެ. ނަމަވެސް މިހާރު ކަންކަން ކުރާކަން އެނގެއެވެ. ނަމވެސް ކުރަނީ ކޮންކަމެއް ކަމެއް އަދި ތުހުމަތު ކުރެވެނީ ކާކުގެ މައްޗަށްކަމެއް ރަސްމީ ސިފައެއްގައި ހާމައެއް ނުކުރެއެވެ. ތިމާވެއްޓަކީ ޑިމޮކްރަސީގެ މަސްދަރެއްކަމަށް ވަންޏާ ދެފުށް ފެންނަ ސިޔާސަތަކީ ހެޔޮވެރިަކމެއްގެ އަސްލެވެ. އިބޫ

    ބުރާސްފަތި، ޖުލައި 2 2009، 15:51
  4. މި ލިޔުމަކީ ކިތަންމެ ރަގަޅު ލިޔުމެއް ކަމުގައިވިޔަސް އެކަން ގަބޫލުކުރާނީ ހެޔޮވިސްނޭބަޔަކު. ފިރުއައުނާއި ހާމާނަކީވެސް ރަގަޅު މީހުންކަމުގައި ދެކުނުމީހުންވެސް ދުނިޔޭގައި އުޅުނު.

    ބުރާސްފަތި، ޖުލައި 2 2009، 18:20
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv