

ޓްރާންސްފަރގައި ޓީމުގައި އިތުރު ކުޅުންތެރިން ހިމެނުމަށް ވިސްނަމުން ދާކަމުގައި ނިއުރޭޑިއަންޓުން ބުނެފި
ކުރިއަށް އަތް ޓްރާންސްފަރ ޕީރިއަޑްގައި ޓީމުގައި އިތުރު ކުޅުންތެރިން ހިމެނުމަށް ވިސްނަމުންދާކަމަށް ނިއުރޭޑިއަންޓުން ހާމަކޮށްފިއެވެ. ޓީމް އިތުރަށް ވަރުގަދަ ކުރުމަށް އިތުރުކުޅުންތެރިން ބޭނުންވާ ކަމަށް ކޯޗް މެނޭޖްމަންޓަށް ހުށަހަޅާފައިވާތީ އެކަމާ މެނޭޖްމަންޓުން މަޝްވަރާ ކުރަމުންދާކަމަށް އެކުލަބުން ހާމަކުރެއެވެ.
ނިއުގެ މެނޭޖަރ އަލީ ވަހީދު (ބަލަކް) ހާމަކުރާ ގޮތުގައި އަދި މަޝްވަރާކުރަމުންދަނީ ކުޅުންތެރިން އިތުރުކުރުމާމެދު ކަމަށާއި ނަމަވެސް ގެންނާނެ ވަކި ކުޅުންތެރިއަކު ނުނިންމާކަމަށެވެ. ނިއުގެ ކޯޗް މޯހަން ބުނެފައިވާ ގޮތުގައި ޓީމަށް އިތުރު ފޯވާޑަކާއި ޑިފެންޑަރެއް ބޭނުންވެއެވެ.
ނިއުރޭޑިއަންޓު މިހާރު އޮތީ ލީގުގެ ހަތަރުވަނަ މަޤާމްގައެވެ. އަދި މިބުރުގައި ބާކީ ދެމެޗް ކުޅެން އެބައޮތެވެ.
ބައެއް ކްލަބް ތަކުން ޓްރާންސްފަރ ޕީރިއަޑްގައި އިތުރު ކުޅުންތެރިން ހޯދަން މަސައްކަތްކުރަމުންދާއިރު ބައެއް ކްލަބް ތަކުން ވަނީ ފައިސާގެ ތާށިކަމާހެދި ސީޒަން ފެށުނު އިރު ގެނެސްފައިވާ ބިދޭސީ ކުޅުންތެރިން ފޮނުވާލާފައެވެ. ބިދޭސީ ކުޅުންތެރިން ފޮނުވާލި ޓީމް ތަކުގެ ތެރޭގައި ނިއުރޭޑިއަންޓް، ވެލެންސިއާ، އޭވައިއެލް އަދި ވީބީ ހިމެނެއެވެ. މީގެ ތެރެއިން ބައެއް ކްލަބް ތަކުން ޓްރާންސްފަރގައި އިތުރު ކުޅުންތެރިން ހޯދާނެ ކަމުގެ ސިގްނަލް ވަނީ ދީފައެވެ.