ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަޖިލިސް ފުރަތަމަ ފަހަރަށް އިންތިހާބުކޮށްފި

ޖުލައި 1 2009، 16:25 0 ޚިޔާލު

ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަޖިލިސްގެ ފުރަތަމަ އިންތިހާބް ރޭ ބާއްވައިފިއެވެ. ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި އިންތިހާބީ ޖަލްސާއަށް ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރާބެހޭ މިނިސްޓްރީގެ އިތުރުން އޮބްޒާވަރުންވެސް ހާޒިރުވިއެވެ.

13 މެމްބަރުންގެ މައްޗަށް އެކުލެވޭ ކުޅިވަރުގެ ޤައުމީ މަޖިލިސްގައި ހިމެނެނީ އިންޑިވިޖުއަލް ކުޅިވަރުތަކުގެ ތެރެއިން ފަސް މެމްބަރުންނާއި ޓީމް އިވެންޓް ކުޅިވަރުތަކުގެ ތެރެއިން ތިން މެމްބަރުންގެ އިތުރުން ސަރުކާރުން އައްޔަންކުރާ ފަސް މެމްބަރުންނެވެ.

ޤައުމީ ކުޅިވަރު މަޖިލީހުގެ ޓީމް އިވެންޓް ކުޅިވަރު ތަކުގެ ތިން މެމްބަރުންނަށް ހޮވިފައިވަނީ ފުޓްބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެ އެސޯސިއޭޝަންގެ ނައިބު ރައީސް ހިޔަލީ މުހައްމަދު ރަޝީދު އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިން އިލްޔާސް އަހްމަދާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އަހްމަދު ހަސަންދީދިއެވެ.

މީގެ ތެރެއިން ހިޔަލީ މުހައްމަދު ރަޝީދަށް ލިބިފައިވަނީ 5 ވޯޓެވެ. އަދި އަނެއްދެ މެމްބަރުންނަށް އިންތިހާބްވި އިލްޔާސް އަހްމަދާއި އަހްމަދު ހަސަން ދީދިއަށް ލިބުނީ 4 ވޯޓެވެ. މީގެ އިތުރުން މިމަޤާމަށް ކުރިމަތިލި ބާސްކެޓް އެސޯސިއޭޝަންގެ އަހްމަދު އިސްމާއިލް އަށް ލިބުނީ 2 ވޯޓެވެ. އަދި ނެޓްބޯލް އެސޯސިއޭޝަންގެ ފަރާތުން ކުރިމަތިލި މުހައްމަދު ނިޒާމަށް ލިބުނީ އެއްވޯޓެވެ. ޓީމް އިވެންޓުގައި ވޯޓް ލުމުގެ ހައްޤު ލިބިފައިވާ 6 އެސޯސިއޭޝަނުން ރޭގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުދީފައިވެއެވެ.

އިންޑިވިޖުއަލް ސްޕޯރޓްސް އިން ޤައުމީ މަޖިލިހަށް ހޮވުނު 5 މެމްބަރުންނަކީ ބެޑްމިންޓަން އެސޯސިއޭޝަނުން ކުރިމަތިލި އަލީ އާމިރުއާއި ޕޫލް ބިލިޔާރޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިމަތިލި އަލީ ނާސިހް އާއި މޯލްޑިވްސް ޗެސް ފެޑެރޭޝަން އިން ނޫހު އަލީ އާއި ބޮޑީ ބިލްޑިންގް ފެޑެރޭޝަނުން މުހައްމަދު ވިޝާމް އަދި އެތްލެޓިކްސް އެސޯސިއޭޝަނުން މުހައްމަދު ތޮލާލްއެވެ.

މީގެތެރެއިން އަލީ އާމިރަށް ލިބުނީ 11 ވޯޓެވެ. އަލީ ނާސިހަށް 10 ވޯޓް އަދި ނޫހް އަލީ އަށް 8 ވޯޓް އަދި މުހައްމަދު ވިޝާމް އަށް 8 ވޯޓް އަދި މުހައްމަދު ތޮލާލް އަށް 7 ވޯޓެވެ.

މީގެ އިތުރުން ސްވިމިންގް އެސޯސިއޭޝަންގެ އިސްމާއިލް އަލީ އަށް 5 ވޯޓް، ކެރަމް އެސޯސިއޭޝަންގެ އިބްރާހިމް ޝަހީމަށް 5 ވޯޓް އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އަލީ އާދަމް މަނިކަށް 6 ވޯޓް ލިބުނެވެ.

ވޯޓުން މެމްބަރުން ހޮވަނިމުމަށްފަހު ސަރުކާރުން ކުޅިވަރުގެ ޤައުމީ މަޖިލީހަށް އައްޔަންކުރާ މެމްބަރުންގެ ނަންތައް އިޢުލާންކުރެވުނެވެ.

އެގޮތުން ތަޢުލީމީ ދާއިރާއިން އައްޔަން ކުރެއްވީ ޖަމީލާ އަލީ ޚާލިދެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މުހައްމަދު އަދުލީ، ކުޅިވަރު މާކެޓިން އެންޑް ޕްރޮމޯޝަންގެ ދާއިރާއިން ހަސަން އިސްމައިލް އަދި ކުޅިވަރު މިނިސްޓްރީ އިން އަބދުއް ރައްޒާގު އިބްރާހިމްގެ އިތުރުން ދެން ހިމެނެނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރެކެވެ. އެހެން ނަމަވެސް އޮލިމްޕިކް ކޮމިޓީ ތަމްސީލްކުރާ މެމްބަރު އައްޔަންކުރާނީ އެކޮމިޓީގެ އިންތިހާބަށް ފަހު ކަމަށް ކުޅިވަރާބެހޭ މިނިސްޓްރީން ހާމަކުރެއެވެ.

"މިއީ ވަރަށް ވަރަށް ބޮޑެތި ބަދަލުތަކާއި އެކު އެކުލަވާލެވިފައިވާ މަޖިލީހެއް. ކުރިން ސަރުކާރުން ކުޅިވަރުގެ ޤައުމީ މަޖިލީހަށް އޮންނަ ބާރުތައް މިހާރު މިވަނީ ދޫކޮށްލާފަ. ކުރިން މިނިސްޓަރަށް އޮންނަ ބާރުތައް ވެސް މި މަޖިލީހަކު ނޯންނާނެ. މިނޫން ގޮތަކަށް ޑިމޮކްރެޓިކް ސަރުކާރުން ކަންތައްތައް ކުރެވޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން" ތާރިހީ އިންތިހާބަށްފަހު ވާހަކަ ދައްކަމުން ކުޅިވަރާބެހޭ ވަޒީރު ބުންޏެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv