
ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ކަކާ ދައްކާލައިފި
ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ ބްރެޒިލްގެ ކަކާ އެކްލަބުގެ ޖޯޒީގައި ފުރަތަމަ ފަހަރަށް މީޑިއާ އަށް ދައްކާލައިފިއެވެ.
ރެއާލްގެ ދަނޑު ބާނަބޭގައި އޮތް މިރަސްމިއްޔާތު ބޮޑަށް ވައްތަރުވެގެން ދިޔައީ ހޮލީވުޑްގެ ޝޯ އަކާއިއެވެ. މި ޝޯ ބަލަން ރެއާލްގެ ބައިލައްކައެއްހައި ސަޕޯޓަރުން ހާޒިރުވިއެވެ. ކަކާ އަކީ ރެއާލްގައި ދުނިޔޭގެ ތަރިންގެ ޓީމެއް އުފެއްދުމުގެ ގޮތުން އެކްލަބަށް ފުރަތަމަ ގެނައި ކުޅުންތެރިޔާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކަކާ ބުނީ ރެއާލަށް ބަދަލުވުމުން ބޮޑޫ ހިތްހަމަ ޖެހުމެއް ލިބިފައިވާ ކަމަށެވެ.
"މީ އަހަރެންގެ ހަޔާތުގައި އައި ވަރަށް ހާއްސަ ދުވަހެއް" ބާނަބޭ ދަނޑުގެ ހުރިހާ ދޮރެއްވެސް އާންމުކޮށް ހުޅުވާލައިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކަކާ ބުންޏެވެ. "އަހަރެން އުއްމީދު ކުރަން އެތަށް ކާމިޔާބަކާއި އެކު އަހަރެންގެ ނަންވެސް ރެއާލްގެ ތާރީހު ފޮތްތަކަށް އަރާނެ ކަމަށް"
ރެއާލްގެ 8 ނަމްބަރ ޖޯޒީ ލައިގެން ކަކާ ސަޕޯޓަރުންނާއި ސަލާމް ކުރީ ބޮޑީ ގާޑުންގެ އެހީތެރިކަމާއި އެކުއެވެ. އެހެން ނަމަވެސް މޮޔަވެފައި ތިބި ސަޕޯޓަރުން ވަނީ ހުރަސްތަކުގެ މަތިން އަރައި ކަކާ އާއި ސަލާމް ކުރަން މަސައްކަތްކޮށްފައެވެ.
ކަކާގެ އިތުރުން ރެއާލަށް ބަދަލުވެފައިވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވަރަށް އަވަހަށް ރެއާލްގެ ޖޯޒީގައި ދައްކާލާނެއެވެ. ކަކާ ބުނީ ރޮނާލްޑޯ އާއި އެކު އެއްޓީމަކަށް ކުޅުމަކީ ފަހުރެއް ކަމަށާއި ދެކުޅުންތެރިންނަކީވެސް ޕްރޮފެޝަނަލަށް ކުޅުންތެރިން ކަމަށާއި އެހެންވެ އެއްވެސް ކަހަލަ ހަސަދަ އެއް އަދި ދެކޮޅުވެރިކަމެއް ނޯންނާނެ ކަމަށެވެ.
ކަކާ ބުނީ ހަމައެކަނި ހުނަރު ހުރި ކުޅުންތެރިން ގެނައުމަކީ ކާމިޔާބަށް އޮތް ދޮރެއް ނޫން ކަމަށާއި މޮޅެތި އެތަށް ކުޅުންތެރިންނެއް އެއްވެސް ކާމިޔާބަކާއި ނުލައި ކެރިއަރު ނިންމާލާފައިވާ ކަމަށެވެ.—ރޮއިޓާސް