ރޮނާލްޑޯ ދޫކޮށްލުމަށްފަހު ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ކުޅުންތެރިއަކު ގެނެސްފި

މުބާރިކް ރަފީއު ޖުލައި 1 2009، 14:38 0 ޚިޔާލު

އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑުން އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕޭނުގެ ރެއާލް މެޑްރިޑަށް ވިއްކާލުމަށްފަހު ފުރަތަމަ ފަހަރަށް އާކުޅުންތެރިއަކު ގެނެސްފިއެވެ.

ޔުނައިޓެޑުން އެޓީމަށް ގެނައީ ކުރިންވެސް އެޓީމުގެ ކޯޗު ފާގުސަން ބަލަމުން އައި ވިގަންގެ ވެލެންސިއާއެވެ. އިކުއެޑޯރ ގައުމީ ޓީމަށްވެސް ކުޅޭ އުމުރުން އެންމެ 23 އަހަރުގެ ވެލެންސިއާ ލައްވައި ޔުނައިޓެޑުން ސޮއިކުރުވީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައެވެ. ނަމަވެސް އޭނާގެ އަގެއް އެކްލަބުން ހާމަ ކޮށްފައެއް ނުވެއެވެ.

"ރޫނީއާއި ގިގްސް އާއި ފާޑިނަންޑް ފަދަ ކުޅުންތެރިންނާއި އެކު ހަތްދިހަ ހަހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ އާދަޔާ ހިލާފު ތަޖުރިބާއަކަށް ވާނެ، އެކަމަށް އަހަރެން މިހުރީ ކެތްތެރިކަން ކުޑަވެފައި" ވެލެންސިއާ ބުނިކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓުގައިވެއެވެ.

ބުނެވޭ ގޮތުގައި ޔުނައިޓެޑުން ވެލެންސިއާ ގަތީ 17 މިލިއަން ޕައުންޑުގެ އަގަކަށެވެ.

"ވެލެންސިއަ އަކީ ކުރިންވެސް އަހަރެން ވަރަށް ގަޔާވި ކުޅުންތެރިއެއް، އަހަރެން އުއްމީދު ކުރަން އޭނާގެ ފަރާތުން ޓީމަށް އެކަށީގެންވާ އެހީތެރިކަން ލިބޭނެ ކަމަށް" ކޯޗު ފާގުސަން ބުންޏެވެ.—ރޮއިޓާސް


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv