
ވެސްޓް ބްރޮމްވިޗުގެ ކޯޗަކަށް ޑިމަޓޭއޯ ހަމަޖައްސައިފި
ކުރީގެ އިޓަލީގެ ގައުމީ ޓީމުގެ މެދުތެރެއަށް ކުޅުނު ރޮބާޓޯ ޑީމަޓޭއޯ އިންގެރޭސި ކްލަބު ވެސްޓް ބްރޮމްވިޗާއި ހަވާލުވެއްޖެއެވެ.
އިޓަލީ ގައުމީ ޓީމަށް 34 މެޗު ކުޅެދީފައިވާ އުމުރުން 39 އަހަރުގެ ޑިމަޓޭއޯ 2002ވަނަ އަހަރު ކުޅުމުން ރިޓަޔަރ ކުރަން ޖެހުނީ އަނިޔާގެ ސަބަބުންނެވެ. އޭނާ ވެސްޓް ބްރޮމްވިޗަށް ކޯޗު ކޮށްދިނުމަށް ސޮއިކުރީ އެންމެ އަހަރަކަށެވެ. މިހާތަނަށް އޭނާ ހުރީ ލީގް އެކެއްގެ އެމްކޭ ޑޮންސްގެ ކޯޗު ކަމުގެ މަގާމުގައެވެ. އެކްލަބުގައި އޭނާ ވަނީ ވަރަށް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.
ވެސްޓް ބްރޮމްވިޗަކީ ވޭތުވެދިޔަ ސީޒަންގައި ޕްރިމިއަރ ލީގުގައި ކުޅުނު ކްލަބެއް ނަމަވެސް އެޓީމު މިއަހަރު ފެންނާނީ ދެވަނަ ޑިވިޝަނުންނެވެ.
އިނގެރޭސި ވިލާތުގައި ޑިމަޓޭއޯ ވިދާލީ ޗެލްސީ އަށް ކުޅުނު ދުވަސްވަރުއެވެ. ޗެލްސީ މާ ބޮޑަށް މަޝްހޫރު ނުވާ އިރު އޭނާ ވަނީ އެޓީމަށް އެފްއޭ ކަޕާއި މިހާރު އުވާލާފައިވާ ޔޫރަޕިއަން ކަޕް ވިނާސްކަޕްވެސް ކާމިޔާބުކޮށްދީފައެވެ.--އޭއެފްޕީ