
ޔޫރަޕް ސިފައިން ޖޯޖިޔާގައި ހިންގި ހަރަކާތް 17 އަހަރަށް ފަހު ހުއްޓާލައިފި
އޯގަނައިޒޭޝަން ފޯރ ސެކިއުރިޓީ އެންޑް ކޯޕަރޭޝަންއިން ޖޯޖިޔާގައި ކުރިއަށް ގެންދިޔަ އަސްކަރީ ހަރަކާތް 17 އަހަރަށް ފަހު އިއްޔެ ހުއްޓާލައިފިއެވެ. ޔޫރަޕްގެ އޮބްޒަރވަރުން ޖޯޖިޔާއިން ފޭބުމުން އެގައުމުގެ ސަލާމަތަށް ނުރައްކާވުމުގެ ބިރު ޖޯޖިޔާ ސަރުކާރަށް ވަނީ ހީވެފައެވެ.
ޖޯޖިޔާގެ ދެކުނު އޮސޭޓިއާ ހިފުމަށް ރަޝިޔާއިން މިދިޔަ އަހަރު ކުރި ހަނގުރާމަ ފެށުމުގެ ކުރިން , ހަމަނުޖެހުންބޮޑު އެސަރަހައްދު ބަލަހައްޓަމުން ގެންދިޔައީ އޯ.އެސް.ސީ.އީގެ ސިފައިންނެވެ. އަދި ރަޝިޔާއާއި ޖޯޖިޔާއާ ދެމެދު ހިނގި ހަނގުރާމަ ހުއްޓާލުމުގައި އެޖަމާއަތުން ވަރަށް އިސްދައުރެއް އަދާކޮށްފައިވެއެވެ.
ޖޯޖިޔާގެ ޚާރިޖީވަޒީރުގެ ނާއިބު އެލެގްޒެންޑަރ ނަލްބަންދޯވް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި އޯ.އެސް.ސީ.އީ އިން ޖޯޖިޔާގައި ހިންގި ހަރަކާތް ހުއްޓާލުމަކީ ވަރަށް ބަދުނަސީބުކަމެކެވެ. އަދި އެކަމުގެ ސަބަބުން ޖޯޖިޔާގެ ސަލާމަތީ ކަންތައްތައް ވަރަށް ގޯސްވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިކަމަށް އަލްޖަޒީރާ ބުނެއެވެ.
ފާއިތުވިހަފްތާގައި ރަޝިޔާއިން ޖޯޖިޔާގެ ސަރަހައްދީރޮނގުގެ ކައިރީގައި ފުޅާދާއިރާއެއްގައި ޢަސްކަރީ ތަމްރީންތައް ހިންގުމާ ގުޅިގެން އެސަރަހައްދުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.
ޖޯޖިޔާގައި ތިބި އދގެ ސިފައިންނާއި ފުލުހުންވެސް މިމަހުގެ 15ވަނަ ދުވަހުގެ ކުރިން ޖޯޖިޔާއިން ފޭބުމަށް ދަނީ ތައްޔާރުވަމުންނެވެ. ރަޝިޔާއިން ގެންދަނީ ޖޯޖިޔާގެ އިތުރުން ސަރަހައްދުގެ ގިނަ ޖުމްހޫރިއްޔާތަކަށް ނުފޫޒުފޯރުވަމުންނެވެ.