ރާއްޖޭގެ ވަޒީފާއަދާކުރަމުންދާ ބިދޭސީންގެ އަދަދު ދަށަށްދާން ފަށައިފި

މުހައްމަދު އަފްރާޙް ޖޫން 30 2009، 16:13 0 ޚިޔާލު

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު ދަށަށް ދާން ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހިސާބުތަކުގައި ވާގޮތުން މިއަހަރު ފެށުނުއިރު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި 80،839 ބިދޭސީން މަސައްކަތް ކުރަމުން ގޮސްފައިވާއިރު މިއަހަރުގެ ވޭތުވެދިޔަ ފަސް މަސްދުވަސް ނިމުނުއިރު މިއަދަދުވަނީ 79،431އަށް ދަށްވެފައެވެ. އެއީ 1،400 މީހުންގެ މަދުވުމެކެވެ.

ހިއުމަން ރިސޯސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި އެޕްރީލްމަހު ރާއްޖޭގައި 79،386 ބިދޭސީން މަސައްކަތް ކުރަމުން ގޮސްފައި ވެއެވެ. އަދި އެންމެ ގިނަ ބިދޭސީން މަސައްކަތްކުރާ އިމާރާތްކުރުމުގެ ސިނާއަތުގައި 33،416 މީހުން މަސައްކަތް ކުރަމުން ގޮސްފައިވާއިރު މިދިޔަ މަހު މަސައްކަތް ކުރަމުން ގޮސްފައިވަނީ 32،974 ބިދޭސީން ނެވެ. އަދި ބިދޭސީ މަސައްކަތު އާބާދީގެ 50 އިންސައްތަ ހިއްސާވާ ބަގްލަދޭޝްގެ 21،773 މީހުންވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރަމުން ގޮސްފައެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް މަސައްކަތް ކުރަމުން ގޮސްފައިވަނީ 21،711 މީހުން ނެވެ.

ރާއްޖޭގެ ޓޫރިޒަމް އަދި ހޮޓާ ރެސްޓޯރެންގެ ދާއިރާގައި އެޕްރީލްމަހުގެ ނިޔަލަށް 15،018 މީހުންވަނީ މަސައްކަތް ކުރަމުން ގެން ގޮސްފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި 1،707 ބިދޭސީންވަނީ މަސައްކަތް ކުރަމުން ދެއެވެ.

ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މާޗްމަހު އެވެ. އެގޮތުން އެމަހު ރާއްޖޭގެ ވަޒީފާގެ ބަޒާރަށް އަލަށް 1،947 ބިދޭސީންވަނީ އިތުރުވެފައެވެ.

ހިއުމަން ރިސޯސް މިނިސްޓްރީ މިހާރުވަނީ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އެގޮތުން މިވަގުތު ރާއްޖެއަށް އެންމެ އާދައިގެ މަސައްކަތްތައް ކުރުމަށް ބިދޭސީން ގެނައުންވަނީ ދެ މަސްދުވަހަށް މަޑުޖައްސާލާފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv