ތިމަރަފުށީ މައްސަލައިގެ ދެފުށް

އަހުމަދު މުހުސިން ޖޫން 28 2009، 16:14 0 ޚިޔާލު

ޤާނޫން އަސާސީން ލިބިދޭ ޙައްޤުގެ ދަށުން ”މިނިވަން“ ވޯޓެއް ނޫނީ ނުލާން އުޅުނު ސާޅީހަކަށްވުރެ ގިނަ މީހުން ގެނެސް ކުޑަގޮޅީގައި ހައްޔަރުކޮށް އަހުވަ ދެއްކުމަކީ ބިރުހުރި ކަމެކެވެ. ދަރިންނާއި މުސްކުޅިން ބިރުން ފިތްކެނޑި އަނބިން ބިކަވި ކަމެކެވެ.

އެބީދައިން ކުޑަކުދިންތަކެއް ގޮވައިގެން ރަށަކަށް އަރަންގޮސް ނޭރި މާސިންގާ ކަނޑުގެ އޮޔާ ވައިގާ ރޯލުކޮށްލަކޮށްލާ, ރޭގަނޑުގެ މެންދަމާއެކު 18 ގަޑިއިރު ވަންދެން ތިބެން ޖެހުމަކީވެސް ނިކަމެތިކަމެކެވެ.

ތ. އަތޮޅު ތިމަރަފުށިން ބަޔަކު މީހުން ގެނެސް ހައްޔަރުކުރިއިރު އޮތް ސަރުކާރު ހިންގަވަން ހުންނެވި މައުމޫނު ޢަބްދުލް ޤައްޔޫމުގެ ދަރިކަލުން ޣައްސާން މައުމޫނު އެރަށުގެ ތާއީދަށް އެދި އަރަން އުޅެ ނޭރިގެން ކަނޑުމަތީގައި 18 ގަޑިއިރުވަންދެން ހޭދަކުރަން ޖެހުމުން ލައްކަ ވާހަކަ އެބަހުއްޓެވެ. ތަފާތު އަޑުތައް އެބަހުއްޓެވެ.

ޣައްސާނުގެ ޤާނޫނީ ވަކީލު އައްބާސް ޝަރީފު ވިދާޅުވީ ޣައްސާނުގެ ކެމްޕޭނަށް އެރަށަށް ދިޔަ ދެ ލޯންޗު ރަށަށް ނޭރި އެބުރި މާލެ އަންނަން ޖެހުނީ ފަޅަށް ނުވަދެވި ރަށު ބޭރުގައި 18 ގަޑިއިރުވަންދެން ތިބި އިރުވެސް ސަރުކާރުގެ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ރަނަގަޅަށް އެޅިފައިނުވާތީ އެވެ.

އައިޑިޕީގެ ކައުންސިލް މެމްބަރުންގެ ރުހުން ނުރަސްމީކޮށް ހޯއްދަވައިގެން އިއްޔެރޭ ޑިއާރުޕީން ބޭއްވި ނިއުސްކޮންފަރެންސެއްގައި އައިޑީޕީގެ ރައީސް އުމަރު ނަސީރު ވިދާޅުވީ ސަރުކާރުގެ އެއްބާރުލުމާއެކު އެރަށުގެ 30 މީހަކު ނުކުމެ ފަޅުގައި ވާދަމައި ޣައްސާނުގެ ކެމްޕޭން ޓީމު ރަށަށް ވަނަނުދީ ހިފަހައްޓާފައިވާ ކަމަށާއި, މިއީ ލާ އިންސާނީ އަމަލެއް ކަމަށެވެ.

ކެންޑިޑޭޓް ޣައްސާން މައުމޫން ވިދާޅުވީ 13 ގަޑިއިރު ވަންދެން އެތާތިބިއިރުވެސް ދިވެހިރާއްޖެގެ ފުލުހުން އެއްވެސް އަޅާލުމެއް ނެތި 13 ގަޑިއިރު ފަހުން ނެރު ބައްދާފައި ހުރި އެއްޗެހި ނަގައި ފުލުހުންގެ ދޯންޏެއް އައިސް ރަށަށް ފޭބުމަށް އެދުނު ކަމަށެވެ.

ތާއީދު ހޯދުމުގެ ދަތުރުގައި ދިޔަ ޓީމުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ދަތުރަށް ފެށުމުގެ ކުރިންވެސް ހޯމް މިނިސްޓަރަށާއި ކޮމިޝަނަރ އޮފް ޕޮލިސް އަށާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު އިބްރާހިމަށް ގުޅުއްވިން ކަމަށެވެ. ނަމަވެސް ޕޮލިސް ކޮމިޝަނާ ގުޅޭގޮތް ވެފައި ނުވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ނެރުބައްދައިގެން ތިމަރަފުށީގެ ބަޔަކު ތިބިތިބުމުގައި ލިޔުމުންނާއި އަޑުގަދަކުރާއިން މެސެޖްތަކެއް ދެމުން ގެންދިޔަ ކަމަށެވެ. އަދި ތިމަރަފުށީގެ އެންޖީއޯ ތަކެއް ކަމަށްބުނެ މެސެޖްތަކެއްވެސް ކުރިން ދީފައިވާ ކަމަށެވެ.

”ލިބިފައިވާ މެސެޖްތަކަކީ ޣައްސާނުގެ ކެންޕޭނުގައި އަންނަ މީހުންގެ ތެރޭގައި ވިޔާނުދާ ބަޔަކު އެބައާދެއޭ. ގޭންގް ސްޓާރުންތަކެއް އެބައާދެއޭ ހަތިޔާރު ހިފައިގެންނޭ އަންނަނީ. އެހެންވީމާ ތިމަރަފުށީ ރައްޔިތުންނެއް ނޭދޭނެޔޭ ކަލޭމެން އަރާކަށެއް.“ އެންޖީއޯތަކުން ލިބުނު މެސެޖްތައް ކަމަށް ބުނެ ޔާމީން ވިދާޅުވިއެވެ.

ކުޑަކުދިންނާ ބަލިމީހުންވެސް ތިބެން ޖެހުނީ އެހާލުގައި ކަނޑުމަތީގައި ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ ޤާނޫނު ޚިލާފަށް ކަންތައްތަކެއް ކުރާ ބަޔަކު އެތާ (ތިމަރަފުށީގައި) ތިބިކަން އިލެކްޝަންސް ކޮމިޝަނަށާއި ފުލުހުންނާއި ސިފައިންނަށް އެނގޭނެ ކަމަށެވެ. އެއީ ރަށަށް ނުވަދެވޭނެ ގޮތަށް ހަދައިގެން ތިބުން ކަމަށެވެ.

ޔާމީން ވިދާޅުވީ ތިމަރަފުށީގެ ރައްޔިތުންނަކީ ވަރަށް ސުލްހަވެރިބައެއް ކަމަށާއި އެކަމަކު އެކަންކުރުމުގައި އުޅުނު 50ހަކަށް ނުވަތަ 60ހަކަށް މީހުން އެކަން ކުރީ ފުލުހުންގެ ހާޒިރުގައި ކަމަށެވެ.

”ފުލުހުން ނިކުމެ އެކަންތައްތައް މަނާކުރަން އުޅޭތަނެއް ނުފެނޭ“ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރަށަށް ފޭބުމަށް ތިމަރަފުށީގައިތިބި ޑީއާރުޕީގެ ސަޕޯޓަރުން އެދުނު ކަމަށާއި މަސްލަހަތު ނަގާލާފައި ގަދަބާރުން އަރަން ބޭނުން ނުވީ ކަމަށެވެ.

ޔާމީން ވިދާޅުވީ ކެތްތެރިކަމައެކު 18 ގަޑިއިރު ތިބިއިރުވެސް ފުލުހުން އެއްވެސްކަމެއް ކުރެއްވިތަނެއް ނުފެނުނު ކަމަށެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު ވިދާޅުވީ ޑީއާރުޕީގެ ފަރާތުން ރަސްމީކޮށް އެފަދަ އެއްވެސް ވާހަކައެއް ހޯމް މިނިސްޓްރީއަށް އަންގަވާފައި ނުވާ ކަމަށާއި އެހެން ނަމަވެސް އެ ހަބަރު ލިބުމާ ގުޅިގެން ފުލުހުންނާއެކު އެރަށް ހަމައަކަށް އެޅުވުމަށް ހޯމް މިނިސްޓްރީންވެސް މަސައްކަތް ކުރައްވަމުންދިޔަ ކަމަށެވެ. އެގޮތުން ހޯމް މިނިސްޓްރީގެ ވަފުދެއްވެސް އެރަށަށް ގޮސްފައިވާ ކަމަށް ޝިހާބު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާ ވިދާޅުވީ އެއީ އޭނާ ކުރައްވާ ކަމެއް ނޫން ކަމަށާއި އެރަށުގައި އެފަދަ ހަމަނުޖެހުމެއް ހިގުމަށް އޭނާ ނޭދޭ ކަމަށެވެ.

އެރަށުގައި ހިމެނޭ ޖަމްއިއްޔާތައް އެކުވެގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ރަށަށް އެރުމަށް މަސައްކަތް ކުރަމުންދަނީ ރަށުގައި ހަމަނުޖެހުން އުފެއްދުމަށް ކަމަށާއި އެހެން ކަމުން އެޖަމްއިއްޔާ ތަކުން އެފަދަ ފުރުސަތެއް ހުޅުވާލަން ބޭނުން ނުވާ ކަމަށެވެ.

އެރަށު މީހަކު ޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ޑީއާރުޕީގެ ވަފުދުތައް އިއްޔެ އެރަށަށް ދިއުމަށް ފުރުމުގެ ކުރިން ފޯނުކޮށް ރަށުތެރޭގައި ބޭނުން ގޮތަކަށް އުޅޭނެ ކަމަށާއި އެރަށުގެ މީހުންނަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބުނެ ބިރުދެއްކުމުގެ އިންޒާރުތަކެއް ދީފައިވާ ކަމަށެވެ.

”އޭގެތެރޭގައި އެބައިންކަމަށްވޭ މިރަށު މީހެއްގެ ގަޔަށް ކުރިންވެސް ވަޅިހަރާފައި ހުރި މީހެއް“ އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ޖަޒީރާއަށް މައުލޫމާތެއް ލިބިފައިވާގޮތުގައި މީގެ ކުރިންވެސް މާލެއިން ލޯންޗެއްގައި ބަޔަކު ދިޔުމަށް މަސައްކަތްކޮށް ވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ހުއްޓާލާފައެވެ.

އެމްޑީޕީން ތިމަރަފުށީގައި ބޭއްވި ބައްދަލުވުމެއްގައި މުސްތަފާ ވިދާޅުވެފައިވަނީ ރަށުގެ އަގުވައްޓާލާ ރަށް ފަޟީހަތްކޮށް އެތައް ވާހަކައެއް މީޑިޔާތަކުގައި ޣައްސާނާއި އޭނާގެ ބައިވެރިން ދައްކާފައިވާ ކަމަށާއި އެކަމުގެ އަގު އަދާކުރާނީ ތިމަރަފުށީގެ ރައްޔިތުން ކަމަށެވެ.

ދިޓީވީ މެދުވެރިކޮށް ޑީއާރުޕީން ގެނައި ލައިވް ނިއުސްކޮންފަރެންސަށް ރައްދު ދެމުން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މާރާމާރީ ހިންގުމަށާއި ތިމަރަފުށީގެ އަމަން އަމާންކަން ގެއްލުވާލަން ތިމަރަފުއްޓަށް ބަޔަކު އަރަން އުޅުނުކަމަށް ތުހުމަތުކޮށް ތިމަރަފުށީ ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ނުކުމެ އިއްޔެގެ ވަގުތެއްގައި އެރަށުގެ ނެރު ބަންދުކުރުމުން ދިމާވި މައްސަލަ ދިމާވި ވަގުތުން ފެށިގެން މެދުނުކެނޑި އެންމެ ސުލްޙަވެރިކަމާއެކު އެކަން ޙައްލު ކުރުމަށް ފުލުހުން ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ.

”ފުލުހުންގެ ފަރާތުން އެކަން ޙައްލުކުރުމަށް އެއްވެސް ކަމެއް ނުކުރާކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ބޭއްވި ނިއުސްކޮންފަރެންސެއްގައި ވިދާޅުވިނަމަވެސް އެރަށުގެ ނެރު ބަންދުކުރުމުގެ ސަބަބުން އެރަށް ދިޔަ ލޯންޗްގައި ތިބި އަންހެނުންނާއި, ކުޑަކުދިންނާއި, ތިމަރަފުށީ މީހުން އެރަށް ލޯންޗްގައި ވަދެ ފޭބޭގޮތް ނުވުމުން, އެރަށަށް އެމީހުން ބޭލުމަށް ފުލުހުންވެސް ތިބެގެން ދޯންޏެއްގައި ގޮސް އެމީހުން ބޭލުމަށް މަސައްކަތް ކޮށްފައިވާނެއެވެ. ނަމަވެސް އެގޮތަށް އެރަށް އެފަރާތްތައް ބޭލުމަށް އެލޯންޗްގައި ތިބި މީހުން ދެކޮޅު ހަދާފައިވާކަން ފާހަގަކުރާ“ ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނީ ބާރުގެ ބޭނުން ނުކޮށް ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލު ކުރަން އުޅުމުގެ ސަބަބަކީ ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް އަދި އެފަރާތްތަކުގެ ތެރޭގައި އަންހެނުންވެސް ތިބުމާއެކު ބާރުގެ ބޭނުންކޮށްގެން އެރަށަށް ބަޔަކު ގަދަކަމުން އަރުވައިފިނަމަ ދެން އެރަށުގައި އުފެދިދާނެ ހަމަނުޖެހުން ތަކަކަށް ބެލުމަށްފަހުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންތަކެއް ހިމާޔަތާ ރައްކާތެރިކަމަށް ފުލުހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބުނު ކަމަށް ޑީއާރުޕީން ބުނާ ބުނުމަށް ރައްދު ދެމުން ފުލުހުން ބުނީ އެބޭފުޅުންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނެ ޚާއްޞަ އުސޫލުތަކެއް ކަނޑައެޅިފައި އޮތް އިރުވެސް, އެފަދަ ތަނަކަށް އެބޭފުޅުން ވަޑައިގަންނަވާކަން އަދި އެބޭފުޅުންނަށް ޙިމާޔަތާއި ރައްކާތެރިކަން ބޭނުންފުޅުވާކަން, އެކަމަށް އެދިވަޑައިގަންނަވަން އޮންނަ އުސޫލުން ކުރިން އެދިވަޑައިވެންފައިނުވާކަމަށެވެ.

އިއްޔެރޭ ބެއްވި ނިއުސްކޮންފަރެންސްގައި ތަކުރާރުކޮށް ޑީއާރުޕީން ބުނެފައިވަނީ އެރަށަށް އަރާނެ ކަމަށާއި ހަފުތާއެއް ވިޔަސް އަހަރެއް ވިޔަސް އެރަށަށް އަރާފައި ނޫނީ އެނބުރި ނާންނާނެ ކަމަށެވެ. ނަމަވެސް ކުޑަކުދިން ހުންއައިސް ބަލިވެ ހަސްނެތުނުއިރުވެސް ރަށަށް އަރަން މާސިންގާ ކަނޑުގައި 18 ގަޑިއިރުވަންދެން އޮތުމަށްފަހު އެނބުރި އައީ ނެރުގައި ހުރި ވާ ތަކާއި ދޯނިތައްވެސް ނެގިފަހުންނެވެ. އެހެންކަމުން ބައެއް މީހުން ކުރިމަތިކުރާ ސުވާލަކީ ކުރަން މިއުޅުނީ ކީއްބާއެވެ؟


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv