މައިކަލް ޖެކްސަންގެ ދަރަނިވެރި ނިމުން

ޖޫން 27 2009، 17:58 1 ޚިޔާލު

-މުޙައްމަދު ނަސީމު-

ޕޮޕްމިއުޒިކްގެ ރަސްގެނާން މައިކަލް ޖެކްސަންއަކީ މިއުޒިކަށް ލޯބިކުރާފަރާތްތަކަށް އައު މީހެއްނޫނެވެ. ނަމަވެސް އޭނާގެ މައްސަލަބޮޑު ދިރިއުޅުމަކީ ގިނަބަޔަކަށް ހަގީގަތް ނޭނގޭ ދިރިއުޅުމެކެވެ. އަދި ހަމައެފަދައިން އޭނާ ދުނިޔެއިން ވަކިވީ ވެސް އޮޅުންބޮޅުން ބޮޑު ގޮތަކަށެވެ.

~ 1958-1975 ޅައުމުރު އަދި ޖެކްސަން5 ބޭންޑް :

އެމެރިކާގެ ޗިކާގޯގެ ސިނާއީ ސަރަހައްދެއްކަމަށްވާ ގޭރީ އިންޑިޔާނާގެ އާދައިގެ އާއިލާއެއްގެ މެމްބަރެއްގެ ގޮތުގައި މައިކަލްޖެކްސަން އުފަންވީ 1958ވަނަ އަހަރުގެ އޮގަސްޓްމަހުގެ 29ވަނަ ދުވަހުއެވެ. އޭނާއަކީ ޖޯސެފް ވޯލްޓަރޖޯ ޖެކްސަންއާއި ކެތަރިން އީސްޓަރގެ ނުވަ ދަރިންގެ ތެރެއިން 7ވަނަ ކުއްޖާއެވެ.

މައިކަލްޖެކްސަންގެ ބައްޕަ ޖޯސެފް ޖެކްސަންއަކީ ދަނގަޑު އުފައްދާ ފެކްޓްރީއެއްގެ އާދައިގެ މުވައްފެއްގެ އިތުރުން އޭނާގެ ބޭބެމެންނާއެކު އުފައްދާފައިވާ ކުޑަ މިއުޒިކްބޭންޑެއްގައި ލަވަކިޔާމީހެކެވެ. އޭނާގެ ބޭބެ ލޫދަރއާއެކު ޖޯސެފް ޖެކްސަން ހަރަކާތްތެރިވި ބޭންޑަށް ކިޔަނީ ދި ފެލްކަންސްއެވެ.

ޖެކްސަން ވަރަށް ކުޑައިރުއްސުރެ ޖިސްމާނީއަދި ނަފްސާނީ އަނިޔާތައް އޭނާގެ ބައްޕަގެ ފަރާތުން ލިބެމުން ދިޔަކަމަށް އޭނާ ޓީވީއަކަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. އަދި ޖެކްސަންގެ ބޭބެ މެރެލިން ޖެކްސަން ކިޔައިދީފައިވާ ގޮތުގައި އޭނާގެ ބައްޕަ އެއްދުވަހަކު މައިކަލްގެ އެއްފައިގާ ހިފައި އެކޮޅުކޮޅުން ބާއްވާއިގެން އޭނާގެ ގައިގާ ތެޅިއެވެ.

ޖެކްސަންގެ ލަވަކިއުމުގެ ހުނަރު އެންމެ ފުރަތަމަ ފެނިގެން ދިޔައީ އޭނާގެ އުމުރުން އެންމެ ފަސްއަހަރުގެ އޭނާއާ އެކު ކިޔަވާކުދިންގެ ކުރިމަތީގައި ކްރިސްމަސް ހަފްލާއެއްގައެވެ.

1964ވަނަ އަހަރު މައިކަލްޖެކްސަންއާއި މާލަން ކެސްސަން އެމީހުންގެ ބޭބެމެން އުފައްދާފައިވާ ޖެކްސަންބްރަދަރސްނަމަކަށްކިޔާ ބޭންޑަކާ ގުޅުނެވެ. އެބޭންޑްގެ މެމްބަރުންނަކީ ޖެކީ, ޓީޓޯ, މައިކަލް އަދި ޖެރަމިން ޖެކްސަންއެވެ. އަދި އެބޭންޑްގެ އެންމެ އިސްލަވަކިއުންތެރިންގެ މަގާމް ޖެރަމިންއާއި މައިކަލް ހޯދިއިރު މައިކަލްގެ އުމުރަކީ އެންމެ އަށްއަހަރެވެ. އޭގެ ފަހުން ޖެކްސަން ބްރަދަރސްގެ ނަން ޖެކްސަން5އަށް ބަދަލުކުރިއެވެ. އަދި މިބޭންޑުން އެމެރިކާގެ މެދު ހުޅަނގުގެ ސަރަހައްދުތަކުގައި 1966ވަނަ އަހަރުން ފެށިގެން 1968ވަނަ އަހަރާ ހަމައަށް ޝޯތައް ދިނެވެ.

ޖެކްސަން 5ގެ ލަވަތައްކަމަށްވާ އައި ވޯންޓް ޔޫ ބެކްއާއި އޭ.ބީ.ސީ ފަދަ ލަވަތައް އެމެރިކާގެ ޗާޓްތަކުގައި ވިދާލިއެވެ. އަދި އައިލް ބި ދެއަރ ބިލްބޯޑްޗާޓްގެ ގަދަ 100ގެ ތެރެއިން އެއްވަނައަށް ދިޔައެވެ.

~ 1975-1981 އެޕިކް އަދި އޯފްދަވޯލް :

ސީ.ބީ.އެސް ރެކޯޑްސްއާއެކު ޖެކްސަން5 1975ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އަދި އެއަށް ފަހު އެބޭންޑްގެ ނަން ދިޖެކްސަންސްއަށް ބަދަލުކުރިއެވެ.އަދި އެއަށް ފަހު އެބޭންޑުން ބައިނަލްއަގުވާމީ ޝޯތަކެއް ދިނެވެ. އަދި 1976ވަނަ އަހަރުން ފެށިގެން 1984ވަނަ އަހަރާހަމައަށް އެބޭންޑުން 6 އަލްބަން ނެރުނެވެ.

~ މައިކަލް ޖެކްސަންގެ ބައެއް މިއުޒިކީ ކާމިޔާބީތައް :

* ޖެކްސަން5 ބޭންޑާއެކު 1983ވަނަ އަހަރު މައިކަލް ދިން ޝޯއެއްގައި އޭނާ ފުރަތަމަ ފަހަރަށް އޭނާގެ މަޝްހޫރު މޫންވޯކް ޑާންސް ކުރުމާ ގުޅިގެން މޯޓައުން 25 47 މިލިޔަން މީހުން ބެލި

* 1982ވަނަ އަހަރު ޖެކްސަންގެ ސަމްވަން އިންދަ ޑާރކް އަށް ބެސްޓް އަލްބަމް ފޯރ ޗިލްޑްރަން ގްރެމީ އެވޯޑް ލިބުނުން.

* ހަމަ އެއަހަރު ނެރުނު އޭނާގެ ތްރިއްލަރ އަލްބަމް ބިލްބޯޑްޗާޓްގެ ގަދަ 200ގެ ގަދަ 10ގައި 80 ހަފްތާވަންދެން އޮތް.

* ތްރިއްލަރ އަލްބަމްގެ 109 މިލިޔަން ކޮޕީ ވިކުމާ ގުޅިގެން އެއަލްބަމް ވެފައިވަނީ އަދިއަދަށް ވެސް އެންމެ ގިނަކޮޕީ ވިކުނު އަލްބަމްކަމަށް.

* 14 މޭ 1984 ދުވަހު އެމެރިކާގެ އޭރުގެ ރައީސް ރޮނަލްޑް ރޭގަން ދެއްވި އެވޯޑެއް ލިބިގަތުމަށްޓަކައި މައިކަލް ޖެކްސަން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްއަށް ޒިޔާރަތްކުރި.

* ހާފްޓައިމް ޝޯ ސްޕަރބޯއުލްގައި ޖެކްސަން ލަވަކިޔައި ޑާންސްކުރުމާ ގުޅިގެން އެމެރިކާގައި އެކަނިވެސް 130 މިލިޔަން މީހުން އެޝޯބެލި.

* 35ވަނަ އަހަރުގެ ގްރެމީ އެވޯޑްދިނުމުގެ ހަފްލާގައި ލިވިންގ ލެޖެންޑް އެވޯޑް 1993ވަނަ އަހަރު ޖެކްސަންއަށް ލިބުނު.

~ ޖެކްސަންގެ މަޝްހޫރުކަން ދަށަށްދިއުން :

2003ވަނަ އަހަރު އެމެރިކާގެ ގްރަނާޑާޓީވީން މައިކަލްޖެކްސަންގެ ދިރިއުޅުމާ ބެހޭ ގޮތުން ހަދާފައިވާ ޑޮކިއުމެންޓްރީ ”ލިވިންގ ވިތު ޖެކްސަން“ ދެއްކިއެވެ. އެޑޮކިއުމެންޓްރީގައި ގެވިން އަރްވީޒޯ ނަމަކަށްކިޔާ ކުޑަކުއްޖަކަށް ނިދުމުގެ ކަންތައް ހަމަޖައްސައިދިނުމަށްޓަކައި ޖެކްސަން ވާހަކަދައްކާ މަންޒަރު ފެނެއެވެ. ޖެކްސަންގެ އެހީގައި ކެންސަރަށް ބޭސްފަރުވާކޮށްފައިވާ މިކުއްޖާއާއި އޭނާގެ އާއިލާއިން ޖެކްސަންގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލިއެވެ. ނަމަވެސް ޖެކްސަންގެ މައްޗަށް އެކަން ސާބިތުވެފައެއްނުވެއެވެ. މިމައްސަލައިގެ ޝަރީއަތް ހިނގަމުން ދިޔައިރު މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ ބާވަތެއްކަމަށްވާ މޯފިންއާއި ޑެމެރޯލްއަށް އޭނާ ދެވިހިފިއެވެ.

ކުޑަކުދިންނަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު މައިކަލްޖެކްސަންގެ މައްޗަށް އެތައް ފަހަރަކު ކޮށްފައިވީނަމަވެސް އޭނާގެ މައްޗަށް އެއްފަހަރު ވެސް އެފަދަކަމެއް ސާބިތުވެފައެއް ނުވެއެވެ.

ޖެކްސަންގެ ސިއްހީ މައްސަލަތައް :

މައިކަލް ޖެކްސަންއަކީ އޭނާގެ ޒުވާން ދުވަސްވަރު އާދައިގެ ވަރަކަށް ކަޅުކޮށް ހުރި މީހެއް ނަމަވެސް 1980ގެ އަހަރުތަކުން ފެށިގެން އޭނާގެ ކުލަ ދޮންވާން ފެށިއެވެ. އަދި އެކަމާ ގުޅިގެން ޖެކްސަން އޭނާގެ ހަންގަނޑު ބްލީޗްކުރަނީ ކަމަށް އެމެރިކާގެ ނޫސްތަކުގައި ލިޔަން ފެށިއެވެ. ފަހުން އެނގުނު ގޮތުގައި އޭނާއަށް ހުދުބަލި ޖެހިފައިވާކަން އެނގުނެވެ. އަދި ހަމަ އެދުވަސް ވަރު އޭނާއަށް އެނޮރެގްޒިއާ ނާވޯސާ ނަމަކަށްކިޔާ ބައްޔެއް ޖެހުނެވެ. މީގެ އިތުރުންވެސް އޭނާއަށް އެތައް ސިއްހީ މައްސަލަތަކެއް ކުރިމަތިވިއެވެ.

~ ދަރަނިވެރިވުން :

ޖެކްސަންއަށް މާލީ މައްސަލަތަކެއް ކުރިމަތިވިކަން އެންމެ ފުރަތަމަ ނޫސްތަކަށް އެނގުނީ 2006ވަނަ އަހަރު އޭނާގެ ނެވަރލޭންޑްގައި ހުންނަ އެއްގެ ޚަރަދުކުރުމުގެ ގޮތުން ބަންދުކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން އޭނާގެ ބޮޑެތި ލޯންތަކެއް ނުދެއްކިގެން އުޅޭކަމުގެ ވާހަކަތައްވެސް މީޑިއާގައި ފެތުރުނެވެ.

2003ވަނަ އަހަރު އޮތް ޖެކްސަންގެ ޝަރީއަތުގެ ފަހުން އޭނާ އާއްމުތަނަކުން ފެނިފައިވަނީ 2006ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އެއީ ލަންޑަންގައި ހުންނަ ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްގެ އޮފީހަށް އޭނާ ކުރި ޒިޔާރަތުގައެވެ. އެޒިޔާރަތުގައި އޭނާއަށް އަށް ރެކޯޑެއް އޭނާއަށް ލިބުނެވެ. އޭގެ ތެރޭގައި އެއްއަހަރުގެ ތެރޭގައި 100 މިލިޔަނަށް ވުރެ ގިނަ ފައިސާ އެންމެ ފުރަތަމަ ހޯދި މުނިފޫހިވިލުވައިދޭމީހާގެ ރެކޯޑްހިމެނެއެވެ.

~ ހަޔާތުގެ އެންމެ ފަހު ދުވަސްތައް :

މައިކަލް ޖެކްސަން ލަވަކިއުމުގެ ދާއިރާއަށް އެނބުރި އައުމަށްޓަކައި އަދި އޭނާގެ ދަރަނިތައް އަދާކުރުމަށް ފައިސާ ހޯދުމަށްޓަކައި ލަންޑަންގައި ޝޯތަކެއް ބޭއްވުމަށް އޭނާ އޮތީ ރާވާފައެވެ. ނަމަވެސް އެޝޯތަކުގެ ޓިކެޓް ވެސް ވިއްކާފައި ވަނިކޮށް އޭނާޖެކްސަންއަށް ހަމުގެ ކެންސަރު ޖެހިފައިވާކަން އޭނާގެ ޑޮކްޓަރުން ކަށަވަރުކޮށްދިނެވެ. އަދި އެކަމާ ގުޅިގެން އޭނާއަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެގެން އުޅޭކަމަށް ޓެބްލޮއިޑްތަކުން ހާމަކުރަމުން ދިޔައެވެ.

ޓެބްލޮއިޑްތަކުގައި ކޮންމެ ދުވަހަކުހެން މައިކަލް ޖެކްސަން އަށް ފުރައްސާރަކުރުމުގެ ސުރުޚީތައް ޖަހަމުން ދަނިކޮށް އޭނާ މަރުވީ އިއްޔެއެވެ. އޭނާ މަރުވި ސަބަބު އަދި ޔަގީންކުރެވިފައެއް ނުވެއެވެ.

މައިކަލް ޖެކްސަން މަރުވި އިރު އޭނާ ބާއްވަން އުޅުނު ކޮންސަރޓް އިންތިޒާމްކުރި ފަރާތްތަކުން ވަނީ އެކޮންސަރޓްތަކަށް 51 މިލިޔަން ޑޮލަރު ހޭދަކޮށްފައެވެ. އެފައިސާގެ ތެރޭގައި އޭނާއަށް ދީފައިވާ އެޑްވާންސް ފައިސާވެސް ހިމެނެއެވެ.

މައިކަލް ޖެކްސަން އިސްލާމްވެއްޖެ ކަމަށް މިދިޔަ އަހަރު އަޑުތައް ފެތުރުނުކަމުގައި ވިޔަސް އެއީ ކަށަވަރުކުރެވިފައިވާ ޚަބަރުތަކެއްނޫނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އިބްރަތް ޙާސިލްކުރުން ހުއްޓެވެ. ކޮންމެމީހަކުވެސް މިހަޤީގަތާކުރިމަތިލާންޖެހޭނެ ކަންހަނދާން ކުރާށެވެ! މިއަދު އޭނާގެ ފައިސާޔަކުން އޭނާޔަށް ވީކިއްހެއްޔެވެ. އޭނާގެ މުދަލުން އޭނާޔަށް ވީކީއްހެއްޔެވެ! ހިތާމަހުއްޓެވެ. އަޅުގަނޑުމެން އެކަލާނގެ ހަޟްރަތާއި ބައްދަލުކުރާނީ ޕޮޕް ލަވަކިޔުން ތެރިޔެއްގެ ގޮތުގައިތޯ ؟ ޞާލިޙް އަޅެއްގެ ގޮތުގައިތޯއެވެ؟ އޭނާވެސް އަހަރެމެންގެ ފައިގެ ދަށަށް ވަދެގެން ދިޔައީއެވެ. އެފަދަމީހުންނަ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

    އާދިތްތަ، ޖޫން 28 2009، 09:56
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv