އިކޮނޮމިކް މިނިސްޓްރީ: ބަދަލުތަކަކާއެކު އަވަސް ޚިދުމަތްތަކެއް ދިނުމުގައި

މުހައްމަދު އަފްރާޙް ޖޫން 27 2009، 16:16 0 ޚިޔާލު

ކުރިން ޓްރޭޑް މިނިސްޓްރީގެ ގޮތުގައި ހިންގަމުން ދިޔައިރު ވިޔަފާރީގެ ހުއްދައެއް ހޯދުމަކީ ކިހާވަރެއްގެ ”ތަކުލީފެއް“ ކަން އެންމެ ބޮޑަށް އެނގޭނީ ވިޔަފާރިވެރިންނަށެވެ.

”އަހަރެން ފިހާރަ ހުޅުވަން ހުރިހާ ކަމެއް ނިންމާފަ ހުއްދަ ހޯދަން ގޮސްގެން ހުއްދަ ލިބުނީ ބަރާބަރު އެއް ހަފްތާ ފަހުން. ކުރިން ޓްރޭޑް މިނިސްޓްރީއަށް ހިދުމަތެއް ހޯދުމަށް ނުވަންނާނެ 'ރަތަށް' އަރައިގެން ނޫނީ އެތަނުން ނިކުމެގެން ނުދާމީހެއް.“ އަހުމަދު ހަމީދު ފިހާރައިގެ ހުއްދަ ހޯދުމަށް ކުރި މަސައްކަތް ކިޔައި ދެމުން ބުންޏެވެ.

އަހުމަދުގެ ތަޖުރިބާ މިއަދު މިދަނީ ދިމާ އިނދިކޮޅަށް ފެންނަމުން ނެވެ. މިއަދުގެ އިކޮނޮމިކް މިނިސްޓްރީގެ ހިންގުމަށް ގެނެސްފައިވާ ބަދަލާއި އެތަނުގެ މުއްވައްޒަފުންގެ މަސައްކަތަށް ސާބަސް ދިނުން ހައްގެވެ. އިލެކްޓޯނިކް ކިއު ސިސްޓަމަކުން ނަމްބަރު ދޫކޮށްގެން ޒަމާނީ ފެންވަރަކަށް ހިދުމަތް ދޭންފަށާފައިވާ އިކޮނޮމިކް މިނިސްޓްރީން ދަނީ ހިދުމަތް ހޯދުމަށް ދާ މީހުން ހިތްހަމަ ޖެހޭފަދަ ހިދުމަތެއް ދިނުމަށް މަސައްކަތް ކުރަމުން ނެވެ. ޓްރޭޑް މިނިސްޓްރީގެ ލޭބަލް ފޮހެލެތޯ ބަލަމުން ނެއެވެ.

”ކުރިންވެސް ހިދުމަތް ދޭންތިބި މީހުން މިހާރުވެސް ހިދުމަތް ދޭން އެތިބީ. އެތަނަކާ ހަވާލުވާ ވެރިއެއްގެ ގާބިލްކަން ހުރި ވަރަކުން ތާ އެތަނެއްގެ ހިދުމަތް ރަނގަޅުވާނީ. މިހާރުގެ ޓްރޭޑް މިނިސްޓަރަކީ ވަރަށް ގާބިލް ބޭފުޅެއް.“ ނޫހުގައި ނަންނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތުގެ ދުވެލި މެކުހަށް ޖަހާފައިވާއިރު ހިދުމަތް ހޯދުމަށް ދާ މީހުންގެ ޒިންމާތަކެއް ވެސް ވެއެވެ. އެގޮތުން ކެތްތެރިކަން އިސްކުރުމުގެ ރީތި ސިފަ ގެންގުޅުން މިއީ މުހިންމު ކަމެކެވެ. ކޮންމެ މީހެއްގައިވެސް ހުންނަންޖެހޭ ސިފައެކެވެ.

”ބައެއް މީހުން އެބައާދޭ ބޭނުންވާ ލިޔެކިއުންތައް ނުލާވެސް. އައިސް ނަމްބަރުނަގައިގެން އިނދެފަ ހިނގާދާނެ ރުޅިގަނދަވެގެން. އަޅުގަނޑުމެން އިލްތިމާސްކޮށްފަ އޮންނާނެ ހުއްދައެއް ހޯދުމަށް އަންނަ ކޮންމެ ބޭފުޅަކުކުވެސް ބޭނުންވާ ލިޔެކިއުންތަށް ހިފައިގެން އައުމަށް.“ އިކޮނޮމިކް މިނިސްޓްރީގެ ވެރިއަކު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތަށް އަވަހަށް, އަދި ފުރިހަމަކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާއިރު މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

”މިވަގުތަށް ދިމާވާ ދައްޗަކީ މުވައްޒަފުން މަދުވީމަ ދިމާވާ ދައްޗެއް. އެނޫން އެހެން ދައްޗެއް މަސައްކަތުގައި އެއް ނެތް.މިހާރު އެންމެ ބޮޑު ދައްޗަކީ މުވައްޒަފުން މަދުވުން. އަޅުގަނޑުމެން ވަރަށް މަދު މުވައްޒަފުންކޮޅެއް ތިބެގެން މަސައްކަތް މިކުރަނީ. މިހާރު ޖުމްލަ 18 ވައްތަރެއްގެ ހުއްދަ ވަގުތުން ދޫކުރާއިރު އޮފީސް ތެރޭގަ ކުރަންޖެހޭ މަސައްކަތް ކުރުމަށް މުވައްޒަފުން މަދުވޭ. ކައުންޓަރުގަ އެ ތިބެނީ ތިބި މުއްވަޒަފުން. މިހެން ވުމުން އެތެރޭގައި މަސައްކަތް ކުރާނެ މީހަކު ވަރަށް ނުހުންނާނެ. އެކަކު ސަލާން ބުންޏަސް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ.“ އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރ ސުލްތާނާ މޫސާ ވިދާޅުވިއެވެ.

~މާލެއެކޭ އެއްގޮތަށް ޕްރޮވިންސް ތަކުގައިވެސް ވަގުތުން ހުއްދަ ދޫކުރޭ

ސުލްތާނާ ވިދާޅުވީ 18 ވައްތަރެއްގެ ވިޔަފާރީގެ ހުއްދައެއް ވަގުތުން ވަގުތައް ދޫކުރަމުން ގެންދާ ކަމަށާއި މާލެއެކޭ އެއްގޮތައް ޕްރޮވިންސްތަކުގައިވެސް ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

”ކުރިން ގާތް ގަނޑަކަށް ހަތަރު ފަސް ދުވަހުން ދޫކުރާ ހުއްދަ ވަގުތުން ދެވޭ ގޮތަށް ހަދާފައި މިވަނީ. މިހާރު ހިދުމަތް ހޯދުމަށް އަންނައިރު ގެންނަން ޖެހޭ ހުރިހާ ލިއުމެއް ހިފައިގެން އައިސްފިނަމަ ވަގުތުން އެ ހުއްދައެއް ހިފައިގެން ދާންވީ.“ ސުލްތާނާ ވިދާޅުވިއެވެ.

”ޕްރޮވިސްތަކުގައިވެސް ހިދުމަތް ވަގުތުން ދެމުން މިގެންދަނީ. މާލެއަށް ގުޅައިގެން ކުރަންޖެހޭ މަސައްކަތްތައް ވެސް މިކަމުގައި ހުންނާނެ. އެގޮތުން ފިހާރައިގެން ނަންފާސް ކުރުންފަދަ ކަންތަންތަށްވެސް ގުޅައިގެން ކުރަމުން މި ގެންދަނީ.“

~ ސަރުކާރުގެ އެހެން މިނިސްޓްރީތަކާ ތަފާތެއް؟

ސަރުކާރުގެ އެހެން މިނިސްޓްރީތަކާ އިކޮނޮމިކް މިނިސްޓްރީއާއި ތަފާތެއް ވެއެވެ. އެއީ އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުންނަކީ ހާއްސަ ހުއްދައެއްގެ ދަށުން ހުއްދަތަކުގައި ސޮއިކޮށް ވަގުތުން ވަގުތަށް ދޫކުރުމުގެ އިހްތިޔާރު ލިބިގެންވާ ބައެއް ކަމަށް ވުމެއެވެ.

”އަޅުގަނޑުމެން ހުއްދަ ހޯދައިގެން ކައުންޓަރުގައި ތިބޭ މުވައްޒަފުންނަށް ވެސް ހުއްދަތައް ދޫކުރުމުގައި ސޮއިކުރުން ފަދަ ކަންކަންވެސް ކުރެވޭނެ. ހުއްދަ ދޫކުރެވޭނެ ސެކެޓްރީން ފެށިގެން މަތީގެ ކޮންމެ މުވައްޒަފަކަށްވެސް.“ ސުލްތާނާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ހިންގުމަށް ގެނެސްފައިވާ ބަދަލާއިއެކު ހިދުމަތުގެ ދުވެލި މިއަދުމިވަނީ އަވަސްވެ މެކުހަށް ޖަހާފައެވެ. އެއީ ހިދުމަތް ހޯދަމުން ގެންދާ އެންމެންވެސް މިއަދު ގަބޫލްކުރާ ހަގީގަތެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv