އަހްމަދުބެ ފަގީރުވެ ދަރިންކޮޅު ހާލުގައި ޖެހުން

މުހައްމަދު ޝަނޫން ޖޫން 20 2009، 18:11 0 ޚިޔާލު

އަހްމަދުބެއަކީ އުފާވެރި ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. އޭނާ އެންމެ ބޭނުންވާ ވަރަށް ފައިސާ ނުލިބުނަސް ހަމަޖެހިލައިގެން ރަނގަޅަށް އުޅެވޭ ވަރަށް ފައިސާ ލިބެއެވެ. އަހްމަދުބޭގެ އާއިލާ މުޅި ރާއްޖެއަށް ފުޅާވެގެން ގޮސްފައިވިއަސް އަހްމަދުބޭގެ ދަރިންގެ ގޮތުގައި ވަރަށް ފަހަކާ ޖެހެންދެންވެސް ތިބީ 12 ކުދިންނެވެ. އެހެން ނަމަވެސް އޭގެ ތެރެއިން އެއްކުއްޖަކު މިދިޔައަހަރު ”މަރުވުމުން“ މިހާރު އަހްމަދުބޭގެ ތިބީ 11 ކުދިންނެވެ.

އަހްމަދުބޭގެ ތިބެނީ 11 ކުދިން ކަމަށްވިއަސް އަހްމަދުބޭ ޚަރަދު ކުރަން ޖެހޭ މީހުން އެއަށްވުރެ ގިނައެވެ. ތަފާތު ނަންނަން ކިޔާ ކުދިން އަހްމަދުބޭގެ ކައިރިއަށް އަބަދުވެސް ފައިސާ ހޯދަންދެއެވެ. ވީވަރަކުން އަހްމަދުބޭ އަންނަނީ އެމީހުންގެ މުޚުތާދު ފުއްދާވެސް ދެމުންނެވެ.

އަހްމަދުބޭގެ ގިނަ ކުދިންނަކީ 82ވަނަ އަހަރު އުފަންވި ކުދިންނެވެ. ނަމަވެސް އަހްމަދުބޭ ރަސްމީކޮށް ދުނިޔެއަށް އައި ކަމަށް ބުނެވެނީ 93ވަނަ އަހަރު އެވެ. މިދިޔައަހަރަކީ އަހްމަދުބޭއަށް ވަރަށް ހިތްދަތި އަހަރެކެވެ. އަހްމަދުބޭގެ ނަމުގައި ރަޖިސްޓްރީއޮތް ކުދިންތައް އަހްމަދުބޭގެ ނަމުން ވަކިކޮށް އެހެން މީހެއްގެ ބެލުމުގެ ދަށަށް ގެންދިޔައީ އެވެ. މިކަމަކީ އަހްމަދުބޭވެސް ކުރަން ބޭނުންވެގެން ކުރި ކަމެކެވެ. ސަބަބަކީ އަހްމަދުބޭގެ ނަމުގައި އެ ކުދިން ދިރިއުޅެން ގާނޫންތަކާއި ޤަވާއިދުތައް ޖާގަ ނުދޭތީ އެވެ. ރަޖިސްޓްރީ ބަދަލުކުރިއަސް އަހްމަދުބޭ ބުނަމުން އަންނަނީ ދަރިންނަށް ވަމުން ދިޔަ އެހީތައް ހުއްޓާނުލާނެ ކަމަށާއި ކުރިންވެސް ދިންގޮތަށް އެހީދެމުންދާނެ ކަމަށެވެ. އަދި ހުރިހާ ދަރިންވެސް އަމިއްލަ ފައިމައްޗަށް ކޮޅަށް ނެގުމަށްވެސް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

އަހްމަދުބޭގެ ގިނަ ދަރިންގެ އުމުރު 30އާއި ކައިރިވެފައިވާއިރު އެއްވެސް ދަރިއަކަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވިފައެއް ނުވެއެވެ. އަހްމަދުބޭގެ ދަރިންގެ ތެރެއިން ދެތިންކުއްޖަކު އެކި ގޮތްގޮތުން ފައިސާ ހޯދައިގެން ބައެއް ޚަރަދުތައް ހަމަޖައްސައެވެ. އަދި އެމީހުންގެ ބައެއް ދަރިންނަށް ފައިސާދެއެވެ. ނަމަވެސް މިހެނޭ ކިޔާފައި އަހްމަދުބެ ދެމުން އައި ފައިސާއަށް ހަމަ އެއްވެސް ލުއެއް ނުލިބެއެވެ.

އަހްމަދުބެއަކީވެސް ކޮންމެވެސް ބަޔަކު ފައިސާ ދިނީމާ ލިބޭ މީހެކެވެ. މިދިޔައަހަރު ނޮވެމްބަރ 11ވަނަ ދުވަހަކީ އަހްމަދުބެއަށް ފައިސާދޭ ފަރާތް ބަދަލުވި ދުވަހެވެ. އެއާއެކު އަހްމަދުބެއަށްވެސް ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ. މިއީ އަހްމަދުބެއަށް އެކަނި ދިމާވި މައްސަލައެއް ނޫނެވެ. އެފަރާތުން ފައިސާ ދެމުން ދިޔަ ހުރިހާ ފަރާތަކަށްވެސް ދިމާވި މައްސަލައެކެވެ. އަހްމަދުބެއަށް އަހަރުގެ ކުރީކޮޅު ލިބުނީ ފުރަތަމަ ތިންމަސްދުވަހުގެ ފައިސާއެވެ. އެއިން އަހްމަދުބެގެ ދަރިންނަށް ކޮންމެވެސް ވަރެއްގެ އެއްޗެއް ދިނެވެ. އެވަގުތަށް ބަލާއިރު ދަރިންކޮޅުވެސް ތިބީ އެވަރާ މެދު ހިތްހަމަ ޖެހިފައެވެ. ނަމަވެސް ތިންމަސް ނިމި 6ވަނަ މަހަށްދާއިރު އިތުރު ފައިސާއެއް ނުލިބޭތީ ދަރިންކޮޅު ވަނީ ހާލުގައި ޖެހިފައެވެ. އެކަމާ އަހްމަދުބެވެސް ހުންނަނީ ވަރަށް ދެރަވެފައެވެ. އަހްމަދުބެ ބުނާ ގޮތުން 34 މިލިއަން ރުފިޔާ ހޯދަން މަސައްކަތްކޮށްގެން ލިބުނީ އެންމެ 15 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 11ވަރަކަށް މިލިއަން ރުފިޔާ ވަނީ ފުރަތަމަ ތިންމަސްދުވަހު ދަރިންގެ ޚަރަދުތަކަށްދީ ނިންމާފައެވެ. އެހެންކަމުން ބާކީއޮތް 3 މިލިއަން ރުފިޔާ ބަހާނެ ގޮތަކާ މެދު އަހްމަދުބެގެ ފިކުރު ވަނީ ބޮޑުވެފައެވެ. ސަބަބަކީ އެއްކަލަ 11 ދަރިންގެ އިތުރުންވެސް އަހްމަދުބެ ސީދާ ގޮތުން ޚަރަދު ކުރަން ޖެހޭ އެތައް ބަޔަކު ތިބުމެވެ.

ނޮވެމްބަރ 11ގެ ފަހުން އަހްމަދުބެ ބުނަމުންދާ ވާހަކައަކީ ދަރިންނަށް އަހްމަދުބެ ޚަރަދު ކުރާނެ ކަމަށް ބަލައިގެން ތިބެގެން ނުވާނެ ކަމަށާއި މިހާރު ކުދިންނަކީ އަހްމަދުބެގެ ބެލުމުގެ ދަށުގައި ތިބި ބައެއްވެސް ނޫން ކަމަށެވެ. އެކަމާ ބައެއް ކުދިންވެސް އެއްބަސްވެއެވެ. ނަމަވެސް އެ ކުދިން ބުނާ ވާހަކައަކީ މިއޮތް ހުރިހާ ދުވަސްވީއިރުވެސް އަމިއްލައަށް ކަމެއްކޮށްގެން އުޅޭކަށް އަހްމަދުބެ ދަސްކޮށްދީފައި ނެތުމުން ނުވަތަ އަމިއްލަ މަސައްކަތެއް ފެށޭނެ ގޮތެއް ނެތުމުން އެއީ ކުރަން ފަސޭހަކަމެއް ނޫން ކަމަށެވެ.

އަހްމަދުބެ ފަގީރުވެ ދަރިންކޮޅު މިހާރުވަނީ މާޔޫސްވެފައެވެ. ދަރިންތައް މިއަހަރަށް ކުރަން ރާވާފައިވާ ގިނަ ކަންތައްތައްވެސް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތެވެ. އަހްމަދުބެ ބުނަނީ މިވަގުތަށް ވިސްނަންވީ ކަންތައްތައް ކުރިއަށް ނުގެންގޮސް ތިންއިރު ކެވޭނެ ގޮތަކާ މެދު ކަމަށެވެ.

މިއީ އަހްމަދުގެ ހަޔާތުގައި އޭނާއަށް ކުރަން ޖެހިފައިވާ ހިތްދަތި ތަޖުރިބާ އެވެ. މި ހާދިސާގައި އަހްމަދުބެއަށް ދިމާވި ކަންތައްތަކާއި ކުޅިވަރު އެސޯސިއޭޝަންތަކަށް މިހާރު ދިމާވެގެން އުޅޭ ގޮތާ މާބޮޑު ތަފާތެއް ނެތެއް ނޫންތޯ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv