އޮލިމްޕަސް ނުލިބިގެން ބާރައިގެފަސް އެޅުވުން އަންނަމަހަށް ފަސްކޮށްފި

މުހައްމަދު ޝަނޫން ޖޫން 18 2009، 15:08 0 ޚިޔާލު

މިމަހުގެ ތެރޭގައި އަޅުވަން ހަމަޖެއްސި އިލަވަން އިލަވަން ސްޓޫޑިއޯގެ ބާރައިގެ ފަސް އޮލިމްޕަސް ނުލިބުމުގެ ސަބަބުން އަންނަ މަހަށް ފަސްކޮށްފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރ އަމްޖަދު އިބްރާހީމް ބުނެފި އެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު ލިޔެފައިވާ ލޯބީގެ ބިރުވެރި ވާހަކައަކަށް އުފައްދާފައިވާ ފިލްމު ކުރިން އަޅުވަން އޮތީ މިމަހުގެ 26ވަނަ ދުވަހުގެރެއެވެ. ނަމަވެސް މިހާރު ވަނީ އަންނަމަހުގެ 9ށް ފިލްމު އެޅުވުން ފަސްކޮށްފައެވެ. ”އެހެންވެ ޓިކެޓް ވިއްކުންވެސް ފަސްކޮށްލީ. މިހާރު ހަމަޖެހިފައި މިއޮތީ މާދަމާރޭ ޓިކެޓް ކައުންޓަރ ހުޅުވުމަށާއި ފިލްމުގެ މޭކިން ސީޑީ ނެރުމަށް އޮލިމްޕަސް ކައިރީގައި ކުޑަ ރަސްމިއްޔާތެއް ބާއްވަން ހަމަޖައްސާފައި. މިކަން އޮންނާނީ 8:30ގައި“ އަމްޖަދު ބުންޏެވެ.

އަމްޖަދު ބުނީ ޓިކެޓްގެ ނަން ނޯޓްކުރުން ހުޅުވާލުމުން މިހާތަނަށް 2 ޝޯވ ފުލްވެފައިވާ ކަމަށާއި ޓިކެޓް ވިއްކަން ފަށަން އުޅޭތީ ނޯޓުކުރުން މެދުކަނޑާލާފައިވާ ކަމަށެވެ. ”ވަރަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް މިހާރުވެސް ބެލެވެނީ. މި ދުވަސްވަރުވެސް ރަނގަޅުކަމަށް ފެންނަނީ“ އަމްޖަދު ބުންޏެވެ.

އަމްޖަދު ބުނީ އެ ފިލްމު ދައްކަން އޮލިމްޕަސް ލިބިފައިވަނީ 14 ދުވަހަށް ކަމަށާއި އެހެންކަމުން ފިލްމުގައި ދައްކާނީ 14 ޝޯވ ކަމަށެވެ. ”މި ފިލްމު 9ވަނަ ދުވަހުގެރޭ އަޅުވާއިރު އިތުރު 25 ރަށެއްގައި ފިލްމު ހަމަ އެރޭ ދައްކާނެ.“ އަމްޖަދު ބުންޏެވެ.

ފިލްމުގެ މުހިއްމު ތަރިންގެ ގޮތުގައި ހަރަކާތްތެރިވާނީ ޕްރުޑިއުސަރ ހުސައިން ސޮބާހާއި މަރިޔަމް ނިޝާގެ އިތުރުން އަލީ ޝަމީލެވެ. އަމްޖަދު ބުނީ މި ފިލްމުން ގިނަ ތަރިންތަކެއް ފެނިގެންދާނެ ކަމަށެވެ. ”ފިލްމުގައި ވަރަށް ގިނަ މީހުން މަރުވާތީ ހަރަކާތްތެރިވާ ފަންނާނުންވެސް ގިނަވާނެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަޅުގަނޑު ކަމަށްވިއަސް މިއީ ޓެކްނިކަލް ޓީމެއްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ހަދާ ފިލްމެއް. އެގޮތުން އިމާދު އިސްމާއީލް, ސެމީ އަދި ގޮޅާ އައްޔަ ފާހަގަކޮށްލެވޭ.“ އަމްޖަދު ބުންޏެވެ.

ށ. ފޯކައިދޫގައި މަންޒަރުތައް ނަގާފައިވާ ފިލްމަކީ މިހާތަނަށް ރާއްޖޭގައި ނެރެފައިނުވާވަރުގެ އަނިޔާވެރި ފިލްމެއް ކަމަށް ފިލްމު ސެންސަރުކުރި ބިއުރޯ އޮފް ކްލެސިފިކޭޝަނުން ލިޔުން ދީފައިވާ ކަމަށްވެސް އަމްޖަދު ބުންޏެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv