

11 ޝޯވ ދެއްކުމަށްފަހު ޕިންކް ފެއަރީ އޮލިމްޕަހުން ނަގައިފި
ޑޭޝް ސްޓޫޑިއޯގެ ފަރާތުން އުފެއްދި ކުޑަކުދިންގެ ފިލްމު ޕިންކް ފެއަރީގެ 11 ޝޯވ ދެއްކުމަށްފަހު ހޮނިހިރު ދުވަހުގެރޭ އޮލިމްޕަހުން ނަގައިފި އެވެ.
ޑޭޝް ސްޓޫޑިއޯގެ ފަރާތުން ފިލްމުގެ ކަންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަބްދުލް ފައްތާހު ބުނީ 11 ޝޯވގެ ތެރެއިން 6 ޝޯވ ދެއްކީ ހައުސްފުލްކޮށް ކަމަށާއި އެހެން ޝޯވތަކަށް ލިބުނު ތަރުހީބުވެސް ރަނގަޅު ކަމަށެވެ. ”މިއީ ކުޑަކުދިންގެ ފިލްމުތަކަށް އައި އިންގިލާބެއް. 5 އަހަރުވެގެން މިދިޔައީ ކުޑަކުދިންގެ ފިލްމެއް ސްކްރީން ނުކުރެވޭތާ. އަޅުގަނޑުމެން މި ސާބިތުކޮށްދިނީ މިކަމަށް އަދިވެސް ޑިމާންޑް އެބައޮތްކަން. އެހެންވެ ފިލްމު އުފައްދާ ފަރާތްތަކުން ކުރަން ރަނގަޅު ކަމެއް މި ކަމަކީ.“ ފައްތާހު ބުނީ ކުރިއަށް އޮތްތަނުގައި ޑޭޝްއިންވެސް ކުޑަކުދިންގެ ފިލްމުތަކާ ދިމާއަށްދާނެ ކަމަށެވެ.
ކުޑަކުއްޖެއް ކަމަށްވާ މާނީ ލީޑްރޯލު ކުޅެފައިވާ ފިލްމުގައި ދެން ހަރަކާތްތެރިވަނީ ސޮލާހާއި އަފީފާ އަދި ސިތޫ އެވެ.
ފައްތާހު ބުނީ ބެލެނިވެރިންގެ ތަރުހީބު ފިލްމަށް ވަރަށް ރަނގަޅަށް ލިބުނު ކަމަށާއި އެމީހުން ތިބީ މިފަދަ ފިލްމެއްގެ އިންތިޒާރުގައި ކަމަށެވެ.
ފައްތާހު ބުނީ މި ފިލްމު ގިނަ އަތޮޅުތަކެއްގައި ދައްކާފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް ގއ, ލ, ޅ, އަދި ހއ ގެ ރަށްތަކުގައި ދައްކާނެ ކަމަށެވެ.