
ބިޕާޝާ ޓައިޓޭނިކް ތަރިއާއެކު ހަރަކާތްތެރިވަނީ
އިންޑިޔާގެ މަޝްހޫރު އެކްޓްރެސް ބިޕާޝާ މިހާރު ތައްޔާވަމުންދަނީ ހޮލީވުޑްގައި މިހާތަނަށް އެންމެ ގިނާ ކާމިޔާބުތައް ހޯދާފައިވާ ފިލްމް ޓައިޓޭނިކްގައި ހަރަކާތްތެރިވެފައިވާ ތަރި ބިލް ޒޭން އާއެކު އޭނާ ހަރަކާތްތެރިވާ ފިލްމަށެވެ. ޑެނިއެލް ސިލްވަރމަން އަދި ތާޕަން ސާހާ ޑައިރެކްޓްކުރާ މި ފިލްމަށްދީފައިވާ ނަމަކީ ޗިމޭރާއެވެ.
ޑައިރެކްޓަރ ސާހާ ހާމަކުރިގޮތުގައި މިފިލްމަކީ ތްރިލާއެކެވެ. މި ފިލްމައި ޒޭން އަދާކުރަނީ އިންޑިޔާގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ އެމެރިކާގެ ޑޮކްޓަރެއްގެ ބަޔެވެ. މި ހޮސްޕިޓަލުގައި ޒޭން ފަރުވާދޭ މީހުންގެ ތެރޭގައި ބިޕާޝާވެސް ހިމެނެއެވެ. މި ފިލްމުގައި ބިޕާޝާގެ މަންމަގެބައި އަދާކުރަނީ ޝަބާނާ އަޒްމީއެވެ. ސާހާ ބުނި ގޮތުގައި ޒޭންގެ އިންޑިޔާ ރަހްމަތްތެރިޔާގެ ބައި ކުޅުމަށް އޭނާ އަނިލް ކަޕޫރަށް ހުށަހަޅާނެއެވެ.
މި ފިލްމާ ބެހޭ ގޮތުން ބިޕާޝާ އަދި ވަކިއެއްޗެއްނުބުނެއެވެ. ބިޕާޝާގެ ރިޕްރެސެންޓޭޓިވް ހާމަކުރިގޮތުގައި މި ފިލްމާބެހޭގޮތުން ވާހަކަ ދައްކަން އަދި މާ އަވަހެވެ. ޒޭންއާ ބިޕާޝާގެ ޖޯޑު ބެލުންތެރިންނަށް ކިހާވަރަކަށް ކަމުދާނެބާއެވެ.