އަމިއްލަ މަސްލަހަތު ދިޔާނާ އިސްކުރެއްވި ކަމަށް ބުނެވިދާނެތަ؟

މުހައްމަދު ރަފީއު މޭއި 20 2009، 13:58 2 ޚިޔާލު

އިގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު, ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން ނޫސްވެރިއަކު ރައީސުލްޖުމުހޫރިއްޔާ މުޙަންމަދު ނަޝީދާ ސުވާލެއް ކުރެއްވި އެވެ. އޭނާ ސުވާލުކުރެއްވީ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ކުރިއަށްގެންދާތީ އެކަން ހުއްޓުވުމަށް އެފަރާތްތަކަށް އެންގެވުމަށް އެޓާރނީޖެނެރަލް ގާނޫނީ ލަފައެއް ދެއްވާފައި ވާތީ އެކަމާ ގުޅިގެންނެވެ.

ނޫސްވެރިޔާގެ މިސުވާލަށް ނަޝީދު ވިދާޅުވީ އެޓަރނީޖެނެރަލްގެ އެލަފާފުޅުގައި އަމިއްލަ މަސްލަހަތެއް އޮތް ކަމަށެވެ. އެލަފާ ދެއްވާފައި ވަނީ އެކަމަނާގެ އަމިއްލަ މަސްލަހަތެއް އޭގައި ހިމެނޭތީ ކަމަށް ދެކިވަޑައިަގަންނަވާ ކަމަށް ވެސް އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައި ވެ އެވެ.

ހުސްވި މަހުގެ ހަތްވަނަ ދުވަހު އެޓަރނީޖެނެރަލް ދިޔާނާ ސައީދު ރައީސް ނަޝީދަށް ދެއްވާފައިވާ ގާނޫނީ ލަފާގައި ބުނެފައި ވަނީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ވަކި ފަރާތްތަކަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދިއުމާއި އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ދަތިކުރެއްވުމާއި އިންތިޚާބަށް ނުފޫޒު ފޯރުއްވުމުގެ ގޮތުން ސަރުކާރުގެ މަގާމް ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިލާފައިވާ އެހެން ކެންޑިޑޭޓުންގެ ހައްގުތަކަށް ހުރަސްއެޅޭތީ މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލާޒިމްކުރާ ނުރަނގަޅު ނުފޫޒުތަކުން އެއްކިބާވެގެންވާ އިންސާފުވެރި އިންތިޚާބުތަކަށް ހުރަސްއެޅޭފަދަ ކަމަކަށް ވާތީއާއި އަދި ދިމިގްރާތީ ޕްރޮސެސްއަށް އެޅޭ ހުރަހަކަށް ވާތީ މިކަންކަން މަނިކުފާނުގެ ސަމާލުކަމަށް ގެނައުމާއެކު, މިނިވަން އަދި އިންސާފުވެރި ހުރަސްއެޅިދާ ފަދަ އެންމެހާ އަމަލުތަކުން އެއްކިބާވެ ތިއްބެވުމަށް ސަމާލުކަން ދެއްވުމަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އެންމެހައި ފަރާތްތަކަށް އަންގަވައި ދެއްވުމަށެވެ.

އުޞޫލެއްގެ ގޮތުން ބަލާއިރު, ދިޔާނާ ދެއްވާފައިވާ ގާނޫނީ ލަފާގައި މައްސަލައެއް އޮތް ކަމަކަށް ނުފެނެ އެވެ. އެހެން ނަމަވެސް އޭގައި ހިމަނާފައިވާ ކަންތައްތަކަށް ބަލާއިރު, ދިޔާނާގެ ފިރިކަލުން އަބްދުﷲ ޖާބިރު އަމިއްލަ ހައިސިއްޔަތުން ވިލިނގިލީ ދާއިރާގެ ގޮނޑިއަށް ކެމްޕޭން ކުރައްވަމުން ގެންދިޔުމާއި ޖާބިރަށް އެގޮނޑި ހޯދަން ކުރަން ޖެހުނު މަސައްކަތުގައި ހުރަސްތަކެއް ކުރިމަތިވި ކަމަށް ވުމަކީ އެހެން ވިސްނުމަކުން ވިސްނާއިރު ގަބޫލުކުރަންޖެހޭ ހަގީގަތެވެ. ސަބަބަކީ އެމްޑީޕީން ފާޅުގައި ނޫން ނަމަވެސް ތާއީދު ކުރި ކެންޑިޑޭޓާއި އެމްޑީޕީން ނެރުނު ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ކައުންސެލަރުންނާއި އަތޮޅު ކައުންސެލަރުވެސް މަސައްކަތް ކުރަމުން ގޮސްފައި ވުމެވެ.

ދިޔާނާ ދެއްވާފައިވާ ލަފައާ ގުޅިގެން އޭގައި އަމިއްލަ މަސްލަހަތެއް އޮތުމުގެ އިތުރުން އެހެން ނުފޫޒެއް އޮވެގެން ދެއްވާފައިވާ ގާނޫނީ ލަފައެއް އޮތް ކަމަށް ވެސް ދުށުމުގެ ފުރުޞަތު އެބައޮތެވެ. އެއީ ދިޔާނާ ދެއްވާފައިވާ އެ ގާނޫނީ ލަފާ ރައީސުލްޖުމުހޫރިއްޔާއަށް ދެއްވި ދުވަހު އެ ލަފާ މީޑިއާއަށް ވެސް ހާމަކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު އިގިރޭސިވިލާތަށް ކުރެއްވި ދަތުރު ފެއްޓެވީ އެޕްރީލް މަހުގެ ފަސްވަނަ ދުވަހު އެވެ. ދިޔާނާގެ ލަފާ އެޓަރނީޖެނެރަލްގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވަނީ އެ ލަފާދެއްވާފައިވާ އޮތް ތާރީޚު ގައެވެ. އެއީ އެޕްރީލް މަހުގެ ހަތްވަނަ ދުވަހު އެވެ. ހަތްވަނަ ދުވަހު ނަޝީދު ހުންނެވީ އިގިރޭސިވިލާތުގައި ކަމަށް ވުމުން މި ލަފާ ނަޝީދަށް ލިވިވަޑައިގެންނެވުމުގެ ކުރިން މީޑިއާއަށް އާންމު ކުރެއްވުމުގެ މަގްޞަދުގައި ނަމަވެސް ވެބްސައިޓްގައި ޝާއިއުކުރެއްވުމަކީ ދިޔާނާ ދެއްވި މިލަފައާ މެދު ސުވާލު އުފެދޭ ކަމެކެވެ. ވަކި މަގްޞަދެއް ހާޞިލް ކުރަން މަސައްކަތް ކުރެއްވި ކަމަށް ދުށުމުގެ ފުރުޞަތު އޮތް ކަމަކަށް މިކަންވާކަމަށް ޤަބޫލު ކުރެވެއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ދިޔާގެ އަމިއްލަފުޅު މަސްލަހަތެއް ވާކަމަށް ޤަބޫލު ކުރުމުގެ ހުރިހާ ފުރުޞަތެއް އެބައޮތެވެ. ބަންޑާރަ ނައިބް ވިއަސް، އަދި އެނޫން މިނިވަން މުއައްސަސާ އެއްގެ ވެރިއެއް ވިއަސް، ރައްޔިތުންގެ މަޖްލީހުގެ ރައީސް ވިއަސް އަދި އުއްތަމަ ފަނޑިޔާރު ވިއަސް ޤަބޫލު ކުރައްވަންޖެހޭނެ ހަޤީޤަތަކީ ދިވެހިން ވެރިކަން ހިންގަން އޮވާފަ ވަނީ ރައީސުލް ޖުމްހޫރިއްޔާ ކަމެވެ. ސަރުކާރު ޖަވާބު ދާރީ ކުރުވުމުގެ ނަމުގައި ނުވަތަ ސަރުކާރަށް ޤާނޫނީ ލަފާ ދިނުމުގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ އަށް ޖެއްސުން ކުރާގޮތައް ކަންތައް ކުރަނީނަމަ އަމިއްލަ މަސްލަހަތެއް ވާކަމަށް ބެލެވޭނެއެވެ. ދިޔާނާ ކިތަންމެ ކުޅަދާނަޔަސް ކަންތައްތައް ކުރެއްވި ގޮތްކަމަށް ނޫސްތަކުން ފެނިފައިވާ ލިޔުންތަކަށް ބަލާއިރު ކަންތައްތައް ކުރައްވާފަ ހުރީ ސަރުކާރުގެ އާއި ދައުލަތުގެ މަސްލަޙަތައް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

    ބުދަ، މޭއި 20 2009، 15:55
  2. ހުރިހާ ކަމެއްގައިވެސް ޝައްކާއި ވަހަމަށް ޖާގަ އޮންނާނެ، ޤަބޫލްކުރަންވީ ކޮންދޭ ޚިދުމަތްތައް. ދެފުންފެންނަ ސަރުކާރެއްގައި، ހުރިހާ ކަމެއްވެސް އޮންނާނީ ފެންނަށް، ހާމަ ނުކުރެވޭ އަދީ ޢާއްމު ނުކުވޭނެ އެއްވެސް ސަރުކާރުގެ މުޙިއްމު ލިޔެކިޔުމެއް އެއަކު ނެތް. ބަންޑާރަ ނައިބެއްގެ ހައިޗިއްޔަތުން ދިން ލަފާފުޅުގައި އަމިއްލަ މަސްލަހަތު ހިމެނިފައިވާނަމަވެސް އެކަމުގައި ޖުމްލަކޮށް އެންމެންގެ މަސްލަހާތާއި ޖަމާޢައް ހިއްސާވަނަ ދެ ދިމާލަކަށް ވިސްނުން ގެންދަންވީ ސަބަބެއްނެތް

    ބުދަ، މޭއި 20 2009، 16:15
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv