ހުޅުމާލެއިން ގޯތި

އޭޕްރީލް 27 2009، 18:42 5 ޚިޔާލު

-ހަސަނު-

” ރާއްޖެތެރޭ“ މީހުންނަށް ހުޅުމާލެއިން ގޯތި ނުވަތަ ފްލެޓް ދޭންވީ ކޮން ސަބަބަކާ ހުރެތޯއެވެ؟ އެ މީހުންގެ އަމިއްލަ އަތޮޅުތަކުގައި ދިރިއުޅުމަށް އެތަންތަނުން ގޯތި ހޯދަންވީ ނޫންތޯއެވެ؟ ކުލިދެއްކުމެއް ނެތިއެވެ. ގުލާނު ކުރުމާއި ގަނަތެޅެމުން ހޯދާ ހުރިހާ ފައިސާއެއް ”މާލޭ“ މީހުންގެ ޖީބުތަކަށް ނުދީއެވެ. ރާއްޖެތެރޭގެ ހިތްގައިމު މާހައުލާއި ފިނި ވައިރޯޅި ތަކަށްޓަކައެވެ. ހިތްހަމަޖެހޭ ދިރިއުޅުމަކަށްޓަކައި ވެސް މެއެވެ. މިއީ އެއް ވިސްނުމެވެ.

އެހެން ނަޒަރިއްޔާތެކެވެ. ”ހުޅުމާލެ“ އަކީ ކޮންތަނެއްތޯއެވެ؟ ދިވެހިރާއްޖޭގައިވާ ފަޅެއް ހިއްކައިގެން ”އުފެއްދި“ މީގެ ކުރިން ”ނެތް“ ރަށެކެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ”އުފެއްދި“ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ދަރަންޏެކެވެ. އެއީ ހދ. ކުޅުދުއްފުށީގެ ބައެއް ނޫނެވެ. ސ. ހިތަދޫގެ ބައެއްވެސް ނޫނެވެ. އަދި ކިއެއްތަ, ”މާލޭ“ ގެ ބައެއްވެސް ނުމެނޫންމެ އެވެ.

ހުޅުމާލޭގެ ނަމުގައި މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި ރަށެއް ހަދައި, އެރަށުން އެކިވަރުގެ އަގުތަކަށް ގޯތި ދޫކުރަމުންދާއިރު އެއީ ހަމައެކަނި މާލޭ މީހުންނަށް, ފޮތިކުރަންޖެހޭ ‘ ކޭކެއް’ ހެއްޔެވެ؟ މާލެއަށް ތަފާތު މައްސަލަތައް ދިމާވެފައިވީނަމަވެސް, އެކަށޭނަ ތަޢުލީމުގެ ފުރުޞަތު އެބައޮތެވެ. ސިއްޙީ ޚިދުމަތް އެކަށީގެންވެއެވެ. ބޯފެނެއް ހުހެއް ނުވެއެވެ. ވަޒީފާ ލިބެއެވެ. މޭވާއާ ތަރުކާރީ ތިޔާގިއެވެ. ހަމައެކަނި މައްސަލައަކީ ގޯތި ދޮރުގެ މައްސަލަ އެވެ. އެނޫން މައްސަލަތަކަށް ހައްލެއް އެބަހޯދެއެވެ. ނަމަވެސް އަތޮޅުތެރޭގައި އެއްވެސް ގޮތެއްނެތިގެން އުޅެންޖެހެނީ ކިތައްމީހުން ހެއްޔެވެ؟ ބޯހިޔާވަހިކަން ނެތިގެން އުޅެންޖެހިފައިވަނީ ކިތައްރަށުގެ ރައްޔިތުން ހެއްޔެވެ؟ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިވަނީ ކިތައް މީހުންބާއެވެ؟

”މާލޭ“ މީހުން ”ރާއްޖެތެރެއަށް“ ދަނީ އީދު ބަންދުގައި ހިތްހަމަޖައްސާލާށެވެ. ‘ރާއްޖެ ތެރޭ މީހުން’ މާލެ އަންނަނީ ”އަދުގެ ދުނިޔޭގައި ދިރިއުޅުމުގެ މަޖްބޫރު ކަމުގައެވެ. ތަރުކާރީކޮޅު ކާށެވެ. ސުނާމީން ރައްކާތެރި ވުމަށްޓަކައެވެ. ރަށުން ބޯފެން ހުސްވެދާނެ ކަމުގެ ބިރަށްޓަކައެވެ. ތެލެސީމިއާ މޭޖަރ ދަރިއަށް ލޭ އެޅުމަށްޓަކައެވެ. ދަރިފުޅުގެ ތަޢުލީމަށްޓަކައެވެ. ބޭރު ގައުމަކަށް ގޮސް ބޮޑު ޚަރަދުކޮށް މަތީތަޢުލީމް ރައްދުވާ ވަޒީފާ އަދާކުރުމަށްޓަކައެވެ. ދިރިއުޅުމަށްޓަކައެވެ. މިކަންކަމަށް ރާއްޖެތެރޭ މީހުންވާ ޤުރުބާނީގެ އަގުވަޒަން ކުރަނީ ކާކުތޯއެވެ؟

މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑެވެ. ރާއްޖޭގެ ބިމެއްގައި އަޅާ ތަރައްޤީކުރާ ސިޓީއަކުން ޙައްޤު ލިބުމުގައި ”މާލޭ“ ރައްޔިތުން އިސްވަނީ ކޮން ދުސްތޫރަ އަކުންތޯއެވެ؟ ކޮން ޤާނޫން އަސާސީ އަކުންތޯއެވެ؟ ވިސްނަވާށެވެ. މިއީ ދިވެހި ރާއްޖެއެވެ. ދިވެހިރާއްޖޭގައި އޮންނާނީ ދިވެހިރާއްޖޭގެ ރައްޔިތުން ހޮވާ ރާއްޖޭގެ ރައްޔިތުންގެ ސަރުކާރެވެ. ވޭތުވެދިޔަ 30, 40, 100 އަހަރުގައި އަދި އޭގެ ކުރިއްސުރެ އިންދި ތަފާތު ކުރުމެވެ. އޮށުގެ ހިތި މޭވާ ދުލުގައި މިހިރަ ލަނީއެވެ. ”ރާއްޖެތެރޭ“ މީހުންނާއި މާލޭ މީހުންގެ ތަފާތެވެ. އެތަފާތު އިންތިހާއަށް ގޮސްފައިވާކަން އެނގެނީ ހުޅުމާލެއިން ގޯތިދޭ އުސޫލެވެ. އެއީ ހަމައެކަނި މާލޭ ރައްޔިތުންނަށް އޮތް ތަނެއްކަމަށް ‘ ގަބޫލުކުރެވޭ’ ކުރުމެވެ. ރައްޔިތުންގެ ބަޖެޓުން ބޮޑު ޚަރަދެއްކޮށްފައި އެއީ މާލޭ މީހުންނަށް ހިބަކޮށްދޭންޖެހޭ ތަނެއްކަމަށް ގަބޫލު ކުރެވިދާނެ ހެއްޔެވެ؟


    ކިޔުންތެރިންގެ ޚިޔާލު

  1. މާލޭގެ ބޭފުޅުންނާ އަތޮޅު ތަކުގެ މީހުންނާ ތަފާތު ގަބޫލު ކުރަން ދަތިވެދާނެއެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ވެރިކަން ކުރާ ރަށަކީ ތިޔަ ދައުވާ ކުރާ ކަންތައް ތިގޮތަށް ހުރި ތަންތަނެވެ. މިރާއްޖޭގައި މާލެ އެތަނަކަށް ވުން އެއީ އިއްތިފާގެއް ކަމަށް ގަބޫލު ކޮށް ޝަކުވާ ހުއްޓާ ލާށެވެ.

    ހޯމަ، އޭޕްރީލް 27 2009، 21:47
  2. އެކަމަކު މާލޭ މީހުން ވަންވާނެ ތަނެއް މިއަދަކު ނެތް. އަހަރެމެން ފަދަ މާލޭ ގެދޮރު ނެތް މީހުން ވަންނާނީ ކޮންތަނަކަށްބާ؟ ހުޅުމާލެ އަކީ މުއްސަނދިންގެ ރަށެއް. އަހަރެމެން މާލެ އިންވެސް އަދި ރާއްޖޭގެ އެއްވެސް ރަށެއްގައި ވަންނާނެ ގެދޮރެއް ނެތް. އަހަރެމެންނަކީ މި ތަނަށް އަރައި ތިބި ރެފިއުޖީންނަކީ މެއް ނޫން. އަހަރެމެން ވަންނާނީ ކޮންތަނަކަށް.

    އަންގާރަ، އޭޕްރީލް 28 2009، 09:09
  3. ވަރަށް ރަގަޅު ވާހަކައެއް. ތިޔަ ރިޕޯޓް ލިޔުއްވި ފަރާތަށް ޝުކުރު ދަންނަވަން. މާލޭ މީހުން ހީކުރަނީ ހުރިހާ ދުޅަހެޔޮކަމެއްގެ އަހުލުވެރިންނަކި އެމީހުންކަން އަދި ރާއްޖެތެރޭ މީހުންނަކީ ނާ ތަހުޒީބީ ބައެްއްކަން.

    އަންގާރަ، އޭޕްރީލް 28 2009، 22:01
  4. މާލޭގައި ދަތީ ގޠތި ގެދޮރުގެ ކަންތައް އެކަންޏޭ

    ބުދަ، އޭޕްރީލް 29 2009، 15:25
  5. މާލޭގައި ދަތީ ބޯހިޔާވަހި ކަމުގެ ކަންތަކެވެ. ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މި މައްސަލަ ނެތޭ ބުނެވިދާނެއެވެ. އެކަމަކު އެކަށޭނަ ތަޢުލީމުގެ ފުރުޞަތު ނެތެވެ. ސިއްޙީ ޚިދުމަތާއި ސާފު ބޯފެނާއި ވަޒީފާގެ ފުރުސަތުން ވަނީ މަހްރޫމް ވެފައެވެ. ހައްލަކީ ކޮބައި ބާއޭ ހިތައް އަރައެވެ.

    ބުދަ، އޭޕްރީލް 29 2009، 15:34
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv